އަޅުގަނޑުގެ ފުރަތަމަ ކައިވެނި ރޫޅުނުއިރު 2 އަހަރުގެ ދަރިއަކު އޮތެވެ. އެއީ އެންމެ ރަނގަޅު ގޮތް ކަމުގައި ނުވިނަމަވެސް އެކަން 2 ވަނަ ފިރިމީހާއަށް އަންގަން ބޭނުމެއް ނުވިއެވެ. އެއީ އޭނާދެކެ ލޯބިވެވުނުވަރު ބޮޑުކަމުންނެވެ. ފަހަރެއްގައިވެސް އޭނާ އެކަމަށް ނުރުހި އަޅުގަނޑާއި ކައިވެނިނުކޮށްފާނެތީއެވެ.
އެހެންވެ މަންމަ ގާތު ވަރަށް އާދޭސްކޮށްގެން ދަރިފުޅުބަލައިދޭން އެއްބަސްކުރުވީމެވެ. އަދި ކޮންމެ ދުވަހަކުވެސް ގެއަށް ގޮސް ދަރިފުޅާއިއެކު ވަގުތު ހޭދަކޮށް މަންމަގެ ދައުރު އަދާނެކަމުގެ ޔަޤީންކަންވެސް ދިނީމެވެ. އަދި މަންމައަށް އެހީތެރިވާން ނޯކަރަކުވެސް ހޯދައިދިނީމެވެ. އަޅުގަނޑަނީ މަންމަ ޢާއި ބައްޕަގެ ހުރި ހަމައެކަނި ދަރިފުޅުކަމަށްވުމުން އަޅުގަނޑު އެދޭ ކަންކަމުގައި އަބަދުވެސް އަޅުގަނޑަށް އެއްބާރުލުން ދޭފަދައިން އެކަމުގައިވެސް އެއްބާރުލުން ދިނެވެ.
ކައިވެންޏަށްފަހު ދުވަސްކޮޅެއްވީތަނާ މައްސަލަ ޖެހެން ފަށައިފިއެވެ. އެއީ އޮފީހުން ނިމިގެން ގެއަށް ދިއުން ލަސްވާތީއެވެ. ފިރިމީހާ ޝައްކުކުރީ އަޅުގަނޑު އެހެން ފިރިހެނަކާއެކު ގުޅުމެއް ބާއްވަނީ ކަމަށެވެ. އެކަމާ ކަންބޮޑެއް ނުވެއެވެ. އެއީ އެކަން ޢާންމުގޮތެއްގައި މެދުވެރިވާނެގޮތްކަމަށްވުމުންނެވެ.
އެއީ ދަރިފުޅުގެ 4 ވަނަ އުފަން ދުވަހެވެ. ދެވަނަ ދަރިފުޅަށް ބަލިވެ އިނދެ ބަނޑަށް 6 މަހެވެ. އޮފީސް ނިމިގެން ދިއައީ ދަރިފުޅުގާތަށެވެ. މަންމައާއި ބައްޕައާއި އަޅުގަނޑާއި ދަރިފުޅު ތިބެގެން ކޭކުފަޅަން އުޅުނުތަނާ ބެލްޖެހުމުން ދޮރުހުޅުވީ ބައްޕައެވެ. އެއިރު އަޅުގަނޑު އިނީ ދަރިފުޅު އުނގަށްލައިގެންނެވެ.
އަންގާވެސް ނުލައި ގެއަށް އައީ ފިރިމީހާއެވެ. ކޭކު ފެޅުމުގައި ބައިވެރިވުމަށް ދައުވަތުދިނުމުން އެއީ ކާކުގެ ދަރިއެއްތޯ ސުވާލުކުރިއެވެ. ފިރިމީހާ ހީކުރީ މަންމައާއި ބައްޕަގެ ކުއްޖެއް ކަމަށެވެ. އެހިސާބުން ޤަޞްދުކުރީ ﷲ އަށް ވަކީލްކުރުމަށްފަހު ކަމުގެ ޙަޤީޤަތް ކިޔައިދޭށެވެ. އަޅުގަނޑު ބުނީމެވެ.
"މިއީ އަހަރެންގެ ޙަޔާތުން ތިބާއަށް ސިއްރުކުރި ހަމައެކަނި ކަންތަކެވެ. މިކަން ސިއްރުކުރީ ތިބާދެކެވާލޯބިންނެވެ. އެނގިއްޖެނަމަ ކައިވެނިނުކޮށްފާނެ ކަމުގެ ބިރު އޮތުމުންނެވެ. މިވާހަކަ ބުނަން ފުރުޞަތު ހޯދަން މަސައްކަތްކުރުމުން ތިބާގެ ކިބައިން ސާފު ޖަވާބެއް ލިބިފައިނުވާތީ ސިއްރުކުރަން ޖެހުނީއެވެ.
މިއީ އަހަރެންގެ ފުރަތަމަ ފިރިމީހާއަށް ލިބިފައިވާ ދަރިފުޅު ސާރާއެވެ. މިއަދަކީ ސާރާގެ 4 ވަަނަ އުފަން ދުވަހެވެ. އޮފީހުން ނިމިގެން ގެއަށް ދިއުން ލަސްވަނީ ސާރާ ގާތަށް އާދެވޭތީއެވެ. މާފުކުރާނެ ކަމަށް އުންމީދުކުރަމެވެ."
ފިރިމީހާ ވަރަށް ރުޅިގަދަވާނެ ކަމަށް ހީކުރެވުނު ނަމަވެސް އެކަންވީ އެހެނެއް ނޫނެވެ. "އޯހ! މިއަދު މިއައީ ފާރަލަމުންނެވެ. ގެއަށް ވަނުމުން މަޑުކޮށްގެން ހުރީ ނުކުމެގެންދާތަނެއް ބަލާށެވެ! މާބޮޑަށް ލަސްވީމާ ކުރެވުނީ މާނުބައި ތުހުމަތެކެވެ. ގޭގައި އެހެން މީހަކާއި ބައްދަލުކުރަނީކަމުގެ ތުހުމަތެވެ. އެހެންވެ ބެލްޖެހީ ވަރަށް ރުޅި އައިސްގެން ހުރެއެވެ. ނަމަވެސް މަންޒަރު ފެނުމުން ލިބުނީ ބޮޑު ޙައިރާންކަމެކެވެ. މިހުރިހާ ދުވަހު ކުރެވުނު ނުބައި ތުހުމަތުތަކަށާއި މިއަދުކުރެވުނު ބޮޑު ނުބައި ތުހުމަތަށް ތިބާގެ ކިބައިން މާފަށް އެދުމުން މާމުހިންމެވެ."
އެހެން ބުނެފައި ސޯފާގައި ޖެހިގެން އިށީނދެ ދަރިފުޅު އަތުލައި އުނގަށްލާފައި ބުނީ ކޭކުފަޅަންވާނީ ބައްޕަ އާއި މަންމައާއިއެކު ވަޅީގައި ހިފަހައްޓައިގެން ކަމަށެވެ. ފިރިމީހާ ބޭނުންވީ ދަރިފުޅު ގޮވައިގެން ގެއަށްދާށެވެ. ނަމަވެސް މަންމަ ހުށަހެޅީ ވިހައި ގަދަވެގެން ހަމަޖެހިލައިގެން ގެންދިއުމަށެވެ. އެހެން ނޫންނަމަ އަޅުގަނޑަށް ބުރަވާނެތީއެވެ. އެހައިތަނަށް ބޭނުން ދުވަހަކު ދަރިފުޅު ގެންގޮސް ގޭގައި ގެންގުޅުމަށްފަހު އަނބުރާ ގެނެސް ދިނުމަށެވެ.
ފިރިމީހާ ބޭނުންވީ އެދުވަހުވެސް ގޮވައިގެންދާށެވެ. އެކުގައި ގެންގުޅެފައި ނިދަން އަނބުރާ ގެންނަ ގޮތަށެވެ. ގެއިން ނުކުންނަމުން ފިރިމީހާ ބުންޏެވެ. "މިހާރު މިއީ ދެދަރިންގެ ފަކުރުވެރި ބައްޕައެވެ. ފުރަތަމަ ދަރިފުޅު ނުލިބި ދެދަރިންގެ ބައްޕައަކަށް ވެވުމަކީ ހާދަ އުފާވެރިކަމެކެވެ."
މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަން އޮތް ފުރަތަމަ ކަމަކީ ޝައްކު ކުރެވިއްޖެނަމަ ފާރަލައިގެންވެސް ޙަޤީޤަތް ނުހޯދައި އިލްޒާމް އަޅުވަން ހެޔޮނުވާނެއެވެ. ކޮންމެ އަންތބަކީ އަދި ފިރިއަކީވެސް ލޯބީގައި މަކަރުވެރިއަކަށްނުވެދާނެއެވެ. އެންމެ ރަނގަޅު ގޮތަކީ ހުރިހާ ކަންކަން ހާމަކުރުން ނަމަވެސް އަޅުގަނޑަށް މެދުވެރިވިފަދަ ސަބަބުފަދަ ސަބަބެއްވެސް މެދުވެރިވުމުން ހުރިހާ ކަންކަން ކިޔައި ނުދެވި އޮވެދާނެއެވެ.
- ޝާމިލާ ސަޢީދު / މިއަދުނޫހުގެ ކިޔުންތެރިއެއް