ޙަޤީޤީ ޙާދިސާ: ޝީނާ ބުނަނީ މިދެ ކަމުގަ ސާބިތުވެއްޖެނަމަ ދިރިއުޅުމަށް ހީވެސް ނުކުރެވޭ ވަރުގެ ބޮޑު އުފާވެރިކަން ދެއްވަވާނެއެވެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 6ސ
ޙަޤީޤީ ޙާދިސާ: ޝީނާ ބުނަނީ މިދެ ކަމުގަ ސާބިތުވެއްޖެނަމަ ދިރިއުޅުމަށް ހީވެސް ނުކުރެވޭ ވަރުގެ ބޮޑު އުފާވެރިކަން ދެއްވަވާނެއެވެ! އިން ޝާ ﷲ

ކައިވެންޏަށް 8 އަހަރެވެ. 3 ދަރިން ލިބެންދެން ދެމަފިރިންގެ ދިރިއުޅުމަކީ ވަރަށް އުފާވެރި ދިރިއުޅުމެކެވެ. 3 ދަރިން ލިބި އެކުދިންގެ މަސައްކަތްތައް ކުރަންޖެހުނު ހިސާބުން މައްސަލަތައް ޖެހެން ފަށައިފިއެވެ. ފިރިމީހާއަށް ޚިދުމަތް ނުކުރެވޭތީ، ގޭތެރެ އިން ތިޒާމުނުކުރެވޭތީ ޝަކުވާތައް އަންނަން ފަށައިފިއެވެ. 

ނަމަވެސް އަޅައެއް ނުލަމެވެ. މަޑުންހުރީއެވެ. އަނގައިންވެސް ނުބުނަމެވެ. 

އެއްރޭ ކާން އިނދެފައި ބުންޏެވެ. "ހުރިހާ ކަމަކަށް ފަރުވާކުޑަކުރަމުން އައިސް މިއަދުގެމަތިންވެސް ހަނދާން ނައްތާލައިފީމުއެވެ. އޮފީހުން ހުރިހާ އެންމެންވެސް އަދި ހުރިހާ ރައްޓެހިންވެސް މިއަދު އަހަރެންނަށް ގުޅައި ވިޝްކުރިއެވެ. އޮފީހުގައި ކޭކުވެސް ފެޅިއެވެ. ނަމަވެސް މިއަދަކީ އަހަރެންގެ އުފަންދުވަސްކަން އަނބިމީހާ ހަނދާނެއް ނެތެވެ." 

އެއީ ތެދެކެވެ. އަހަރެންނަކަށް ވިޝްއެއް ނުކުރެވުނެވެ. ނުކުރީއަކީ ނޫނެވެ. ހުމާއި ހުރެ މަސައްކަތްކުރަމުން ވިޝްކުރަން ހަނދާން ނެތުނީއެވެ. ނަމަވެސް ހުން އައިސްގެން ހުރި ވާހަކައެއް ނުބުނަމެވެ. ބުނީ ހަމަ އެކަނި "ވެރީ ސޮރީ" އެވެ. 

އެހައި ބުރަކޮށް އުޅެމުންވެސް ކޮންމެ ރެއަކުވެސް ދަމުނަމާދުކުރަމެވެ. ފިރިމީހާއަށް ކަންކަން ވިސްނޭނެ ގޮތެއް މިންވަރުކުރައްވަވައި ދެއްވެވުން އެދި ދުޢާކުރަމެވެ. ފިރިމީހާ ފިޔަވައި އަހަރެންގެ އިތުރު އެއްވެސް މީހަކު ނެތެވެ. މައިންބަފައިންވެސް ވަނީ މަރުވެފައެވެ. ޢާއިލާގެ މީހުން ދިރިއުޅެނީ މާދުރުގައެވެ. އައްޑޫ ސިޓީގައެވެ. 

އެރޭ ނިދަން އޮވެފައި ހޭލެވުނީ ފިރިމީހާ އަހަރެންގެ ބޮލުގައި އައިސް އަޅަނިކޮށެވެ. ހުންގަދަވީވަރުން އަނގަ ގަދަވީއެވެ. ފިރިމީހާއަށް ހޭލެވުނީ އެޙާލުގައި އޮއްވައެވެ. އަހަރެންނަށް ހޭވެރިކަންވުމުން އަހަރެން ހޮސްޕިޓަލަށް ގެންދިއައެވެ. ޑޮކްޓަރު ބަލާފައި އެޑްމިޓްކުރީއެވެ. 

ހޮސްޕޓަލުގައި 3 ދުވަހު އޮންނަން ޖެހުނެވެ. އޮތީ އެކަންޏެވެ. ފިރިމީހާ ހުރީ ދަރިން ބަލަން ގޭގައެވެ. ވީމާ އެކަނި އޮންނަން ޖެހުމަކީ ކަންބޮޑުވި ކަމެއް ނޫނެވެ. އެކަން އެހެންވާނެކަން ކުރިންވެސް އޮތީ ވިސްނިފައެވެ. 

ގެއަށް އާދެވުމާއިއެކު ފެނުނީ މުޅިން ތަފާތު ފިރިއެކެވެ. ކައިވެނީގެ ކުރީކޮޅު، ދަރިން ލިބުމުގެ ކުރިން އެކުގައި އުޅެވުނު ފިރިމީހާއެވެ. ދުވެފައި އައިސް ބައްދައިގަތެވެ. އުފަލުން ހެވިދިލިފައެވެ. އެއީ އެކަންވުމަށް އެންމެ ބޮޑަށް އެދެވުނު ކަންތަކެވެ. ބަލިޙާލުގައި އޮވެގެންވެސް އެންމެ ގިނައިން ދުޢާކުރެވުނު ކަންތަކެވެ. 

"ޝީނާއެވެ! ވަރަށް ބޮޑަށް މާފުކުރާށެވެ! ތިބާ އަށް ނުބައި ބަސްތައް ބުނެވިފައިވީކަމަށްޓަކައެވެ. ތިބާ މި 3 ކުދިން ގޮވައިގެން އުޅުނު ޙާލު ވަރަށް ރަނގަޅަށް ވިސްނިއްޖެއެވެ. ފާއިތުވި 3 ދުވަހު، ކޮންމެ ދުވަހަކުވެސް އިރުއެރުމުން ދުޢާކުރެވުނީ އަވަހަށް އިރު އޮއްސުމަށެވެ. ކުދިން ނިދާގަޑި ޖެހުމަށެވެ. މިޙާލުގައި 5 އަހަރު ޝީނާ ތިއަ ހޭދަކުރިގޮތެއްވެސް ނުވިސްނުނެވެ. އެއްވެސް ޝަކުވާއެއް ނުކުރަމުއެވެ. ހަމައެކަނި ވީކަމަކީ އަހަރެންގެ ކަންކަމަށް ފަރުވާ ކުޑަކުރެވުމެވެ. އެހެން އެވީ ހަމަ ވަގުތު ނުވެގެންކަން މި 3 ދުވަހުން ވަރަށް ރަނގަޅަށް އެނގިއްޖެއެވެ." 

އެއިގެ ފަހުން ފިރިމީހާ ގެއަށް އައުންވެސް އަވަސްކުރިއެވެ. ގޭތެރޭގެ މަސައްކަތުގައިވެސް އެހީތެރިވެދޭން ފެށިއެވެ. ނުކުރެވި ހުންނަ ކަންކަން ފެނުމުން ޝަކުވާކުރުމުގެ ބަދަލުގައި އަމިއްލައަށް ކުރަން ފަށައިފިއެވެ. 

މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަން އޮތީ އަހަަރެންނަށް ލިބުނު ކާމިޔާބީގެ ސިއްރަކީ އަހަރެން ޤަބޫލުކުރާ ގޮތުގައި 2 ކަމެއް ކަމަށެވެ. ފުރަތަމަ ކަމަކީ ފިރިމީހާގެ ނުރުހުމަށް ކެތްތެރިވުމެވެ. ދެވަނަ ކަމަކީ އެހައި ބުރަކޮށް މަސައްކަތްކޮށްފައި ވަރުބަލިވެގެން އޮވެ ނިދާފައިވެސް ތެދުވެ ދަމުނަމާދުކޮށް ދުޢާކުރިކަމެވެ. އަހަރެން ބޭނުންވިހާ އަވަސްނުވީއެވެ. ނަމަވެސް އެންމެ ރަނގަޅު ވަގުތުގައި ދުޢާ ޢިޖާބަކުރެއްވެވީއެވެ. 

 

ފިރިމީހާ ފަހުން ކިޔައިދިން ގޮތުގައި އަހަރެން ބަލިވެ އެޑްމިޓްކުރީ އަހަރެންގެ ފަރުވާކުޑަކަން ބޮޑުވެގެން އަހަރެން ދޫކޮށްލަން ބޭނުންވެގެން އެކަމަށް މަސައްކަތްކުރަމުން ދަނިކޮށެވެ. 

 

ވީމާ އަހަރެންގެ ހުރިހާ އެކުވެރިންނަށްވެސް ބުނެލަން އޮތީ ކެތްތެރިވާށެވެ! ދަމުނަމާދަކީ ފަރުޟޫ ނަމާދެއް ނޫންނަމަވެސް ސަމާލުކަންދީގެން ކުރާށެވެ! ދުޢާކުރާށެވެ! ހިންމަވައި ދެއްވަވާނެއެވެ. އިން ޝާ ﷲ 

 

--ޝީނާ ޢަބްދުﷲ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން