ޙަޤީޤީ ޙާދިސާ: ގުއިދަރިއަކަށް ހެދޭނީ މިވަރަށް! އެންމެފަހުން މަންމަ ބަލަންޖެހުނީވެސް ގުއިދަރިއަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 9ސ
ޙަޤީޤީ ޙާދިސާ: ގުއިދަރިއަކަށް ހެދޭނީ މިވަރަށް! އެންމެފަހުން މަންމަ ބަލަންޖެހުނީވެސް ގުއިދަރިއަށް!

އަޅުގަނޑުމެން ކައިވެނިކުރިތާ ހައަކަމަސްވެސް ނުވަނީސް ސައިކަލް އެކްސިޑެންޓެއްގައި ފިރިމީހާ ސްޓްރޯކެއް ޖެހުނެވެ. ހޭއެރީ މަހެއްހައި ދުވަސްފަހުންނެވެ. ހޭއެރުމުންވެސް ޙާލު ސީރިއަސްކަމުން 4 މަސް ދުވަހު ހޮސްޕިޓަލުގައި ބާއްވަން ޖެހުނެވެ. 

ދަންނަވާލަން ބޭނުންވަނީ ޖުމުލަ 5 މަސް ދުވަހު އައިޖީއެމްއެޗްގައި ޙާލު ބޮޑު ބަލި މީހަކު ބާއްވައިގެން އެކަނިމާއެކަނި ބެލުމުގެ ހުންނާނެ ބުރަކަން ހިތަށް ގެންނާށެވެ. އެއިރުން އަޅުގަނޑަށް އުޅެން ޖެހުނު ޙާލު އެނގޭނެއެވެ.

ފިރިމީހާ ކޯމާގައި އޮތް ދުވަސްވަރު ފިރިމީހާގެ ބޭބެ ބައެއް ދުވަސްދުވަހު ޒިޔާރަތްކުރެއެވެ. ބައެއް ދުވަސްދުވަހު އަޅުގަނޑާއި ވާހަކަދައްކަން އިރުކޮޅަކު މަޑުވެސްކޮށްލައެވެ. ބޭބެއަކީ ޢާއިލާގެ އެންމެން ނަފްރަތުކުރާ މީހެއްކަން އެނގިފައި ނެތުމުންނާއި އެއިރު ހުރި ހިތްދަތި ޙާލަތުގެ ސަބަބުން ބޭބެ އާއި ވާހަކަ ދެއްކުނީއެވެ. 

ކޯމާގައި އޮތް މަސްދުވަސްތެރޭ ފިރިމީހާގެ މަންމަ ހޮސްޕިޓަލަށް ޒިޔާރަތް ކުރީ 2 ދުވަހުއެވެ. އިއްތިފާގުން އެ ދެ ދުވަހުވެސް އިނދެވުނީ ބޭބެއާއި ވާހަކަދައްކާށެވެ. އަޅުގަނޑު ހީކޮށްގެން ހުރީ ބޭބެ އައިސް ޙާލު ބެލުމުން މަންމަ އުފާވާނެ ކަމަށެވެ. 

ކޮންމެއަކަސް ފިރިމީހާ އެކުގައި ރަނގަޅުވެ މަސައްކަތްކުރެވޭވަރުވީ އަހަރެއްހައި ދުވަސްފަހުންނެވެ. އެއްވެސް ފޫހިކަމެއް ނެތި ފިރިމިހާއަށް ޚިދުމަތްކުރީމެވެ. އަތްމަތި ދަތިކަމުގެ ޝަކުވާއެއް އެއްވެސް މީހަކު ގާތަކު ނުކުރަމެވެ. 

ފިރިމީހާ ގަދަވެ މަސައްކަތު ނުކުމެވި ހުރިހާ ކަމެއް ހަމަޖެހުމުން އަބަދު އަޅުގަނޑު ކުށްވެރިވާން ފަށައިފިއެވެ. ހަމަ އެއްވެސް ކަމެއް ރަނގަޅަށް ކުރެވޭ ކަމަކަށް ނުވިއެވެ. މިވީގޮތެއް އޮޅުން ފިލުވަން ކުރި މަސައްކަތުން އެނގުނީ ކުށަކީ ބޭބެ އާއި ހޮސްޕިޓަލުގައި ވާހަކަ ދެއްކުނުކަންކަމެވެ. އެތަން މަންމައަށް ފެނި އެކަމުގެ ޚަބަރު ފިރިމީހާއަށް ފޯރި ގޮތަކަށް ފޯރުން ކަމެވެ. 

އެހިސާބުން އަޅުގަނޑު ބޭނުންވީ ފިރިމީހާ އާއި ވަކިވާށެވެ! އަޅުގަނޑު ޚިދުމަތްކުރީ ފިރިމީހާއަށެވެ. އެކަމަށް މާތް ﷲ ރަހްމަތް ލައްވަވާނެތެވެ. މިވަރުގެ ހަސަދަވެރި ފިތުނަވެރި ޢާއިލާއެއްގެ ތެރޭގައި ދިރިއުޅުމަށްވުރެ އެނބުރި ރަށަށް ދިއުންވެސް މާރަނގަޅުވާނެ ކަމަށް ޤަބޫލުކުރެވުނެވެ. 

ވަރިވީ އަޅުގަނޑު އެދިގެންނެވެ. އެއަނިޔާގައި ކެތްކުރަން ބޭނުން ނުވީއެވެ. ވަރިވުމަށްފަހު މާލޭގައިވެސް ނުހުރެ ދިއައީ ރަށަށެވެ. ރަށަށް ދިއަތާ މަސްދުވަސްވެސް ނުވަނީސް ލިބުނީ ކުރީގެ ފިރިމީހާގެ ސިކުނޑިން ނާރެއް ފަޅައިގެން ގޮސް ސިކުނޑިއަށް ލޭއެޅި މަރުވެއްޖެ ކަމުގެ ޚަބަރެވެ. 

އަޅުގަނޑުގެ ހިތަށް އެރިއެވެ. "ކިހާދެރަހެއްޔެވެ؟ އޭނާ މަރުވީ ބޭބެއަށް ހިތްހެޔޮވެސް ނުކޮށް ކަމުގައިވެއްޖެނަމަ ސުވަރުގެ ވަންނާނީ ކިހިނަކުން ހެއްޔެވެ؟" ރަޙިމުގެ ގުޅުން ކަނޑާ މީހުންނަށް ﷲ ގެ ރުހިވޮޑިގަތުން ނުލިބޭނެކަމަށް އޮންނާތީއެވެ!

ފިރިމީހާ މަރުވި ޚަބަރު ލިބުމުން ބޭބެއަށް ގުޅައިލީމެވެ. އިތުރު ޚަބަރެއް ލިބޭތޯއެވެ. ކަންކަން ވީގޮތް ބޭބެ ކިޔައިދިނެވެ. އަދި ބޭބެ އާއިހުރެ އަހަރެމެންގެ ކައިވެނި ރޫޅުނީތީ ހިތާމަކުރާ ކަމަށްވެސް ބުންޏެވެ. 

އެއިގެ ދުވަސްކޮޅެއްފަހުން ބޭނެ ގުޅިއެވެ. ކިޔައިދިނެވެ. "ޢުމުރުން 18 އަހަރުވެސް ނުފުރެނީސް ވަޒީފާ އަދާކުރަން ފަށައިފީމެވެ. ވަޒީފާ އަދާކުރަން ހަމަފެށިތަނުން ގެއިން ނެރެލައިފިއެވެ. ހީވަނީ ގެއިން ނުނެރެ ލަސްކުރީ ވަޒީފާއެއް ލިބެންދެން ހެންނެވެ. ދިރިއުޅުނީ އަގުދިނުމުން މީހުްނ ބައިތިއްބާ ގެއަކަށް ފައިސާ ދީގެންނެވެ. ވަޒީފާގައި ކުރިއެރުން ލިބި ރަނގަޅު މުސާރައެއް ލިބެން ފަށަންދެން އުޅުނީ އެގޮތަށެވެ. މިހާރު މިއުޅެނީ 1 ކޮޓަރީގެ އެޕާޓްމަންޓެއް ކުއްޔަށް ހިފައިގެންނެވެ. ކޮއްކޮ މަރުވުމުންވެސް ގެއަކަށް ދާކަށް ނުބުންޏެވެ." 

އެއިގެ ފަހުން ދޭތެރެދޭތެރެއިން ބޭބެ ގުޅައެވެ. އަޅުގަނޑުގެ ޙާލުބަލައެވެ. އެހީތެރިވެސްވެއެވެ. އެގުޅޫމަށް އަހަރެއްހައި ދުވަސްވީފަހުން ބަލިވެގެން ޑޮކްޓަރަށް ދައްކަން މާލެ ދިއައީމެވެ. އެގޮސް ހުރިހުރުމުގައި އެއް ރޭ ބޭބެ އަޅުގަނޑާއި ބައްދަލުކުރިއެވެ. އަދި އަޅުގަނޑު ޤަބޫލުނަމަ ކައިވެނިކުރަން ބޭނުން ކަމަށް ބުންޏެވެ. 

ބޭބެ ކިޔަންޖެހޭތީ ކީނަމަވެސް ބޭބެ އަޅުގަނޑަށްވުރެ ދޮށީ އެންމެ 5 އަހަރެވެ. އަދި ލޯބިވުމުގެ އެއްވެސް ވާހަކައެއްވެސް ނުދައްކައި ފުރަތަމަވެސް ކައިވެނިކުރަން ބޭނުންކަމަށް ބުނުމުން އެކަން އަޅުގަނޑު ޤަބޫލުކުރީމެވެ. 

އުފާވެރިަމާއެކު ދިރިއުޅޭތާ 10 އަހަރުވީފަހުން ޚަބަރު ލިބުނީ ފިރިމީހާގެ މަންމަ ހޮސްޕިޓަލުގައި ބާއްވާފައި އޮތްކަމަށެވެ. އަދި ދަރިން އަޅާނުލާތީ ވަރަށް ދަތިޙާލުގައި އޮތް ކަމަށެވެ. އަޅުގަނޑު ބުނީމެވެ. "މަންމަކުރިކަމެއް މަންމައަށެވެ. އެއީ މަންމައެވެ. މަންމަ ގާތަށް އަވަހަށް ހިނގާށެވެ. މަންމްބަލަންވާނެއެވެ." 

މަންމަ ނިޔާވީ ހޮސްޕިޓަލުގައި ބާއްވައިގެން އަޅުގަނޑުމެން ދެމަފިރިން އެކަނި މަންމަ ބަލަހައްޓާތާ މަހަކަށްވުރެ ގިނަދުވަސްވީފަހުންނެވެ. މަންމަ މަރުވެގެން މުދައު ބެހިއިރު ފިރިމިހާއަށް ލިބުނު ބައި ބޭނުމެއް ނުކުރިއެވެ. ފިރިމީހާ ބުނީ ދުނިޔޭގައި ތިބެ ނެރެލި ގެއަކަށް މަރުވުމުން ގޮސް ނުވަންނާނެ ކަމަށެވެ. އެއިރު ފިރިމީހާ ވަނީ ހުޅުމާލެއިން ފްލެޓެއްވެސް ގަނެފައެވެ. ވީމާ އެތަނުގައި ދިރިއުޅޭނީ ކަމަށެވެ. 

މިއަދުނޫހުގެ ކިޔުންތެރިން ގާތު ބުނެލަން ބޭނުމީ އަޅުގަނޑުގެ ޙަޔާތުގައި މިދިމާވި ކަންކަމުން ޢިބްރަތް ޙާޞިލުކުރާށެވެ. ޚާއްޞަކޮށް މައިން ގާތު ބުނެލަން ބޭނުމީ އަމިއްލަ ބަނޑުން ވިހާ ދަރިންގެ މެދުގައި ތަފާތުނުކުރާށެވެ. އެންމެ ފަހުވަގުތު މަންމައަށް ނުވަތަ ބައްޕައަށް ނަމަވެސް އެހީތެރިވެ ބަލަހައްޓާނީ ގުއިކުރާ ދަރިފުޅު ނޫންކަމެއް ނުއެނގޭނެއެވެ. 

ދުޢާއަކީ މަންމައަށްވެސް އަދި އެންމެންނަށްވެސް ފާފަ ފުއްސަވައި ދެއްވެވުމެވެ. 

--ޝާމިލާ ޔަޙްޔާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން