ފެންނަ ފެނުމުގައި އެއީ 4، 5 އަހަރުގެ ކުޑަކުއްޖެކެވެ. އޭނާއަށް އަބަދު ފެންނަނީ މަންމަ އާއި ބައްޕަ ކޮންމެވެސް ކަމަކާއި ޒުވާބުކުރާތަނެވެ. ޗުއްޓީ ދުވަހަކު ނަމަވެސް އޭނާއާއިއެކު ކުޅެލާނެ، ގޮވައިގެން ބޭރަށް ގޮސްލާނެ ވަގުތުކޮޅެއް މައިންބަފައިންނަށް އޮންނަ ކަމަކަށް ނުވެއެވެ.
ކުއްޖާ އެއް ދުވަހަކު ސުވާލުކުރިއެވެ. "އަޅުގަނޑަށް ދޭނެ ވަގުތުކޮޅެއް ނެތިފައި އަދި އަޅުގަނޑުގެ ކުރިމަތީގައި އަބަދު ޒުވާބުކުރަން އަޅުގަނޑު މިގެއަށް ގެނައީ ކޮންތަނަކުންތޯ؟"
ބައްޕަގެ ޖަވާބަކަށްވީ "ފިހާރައަކުން ގަނެގެން" ކަމަށެވެ.
ބައްޕަގެ މިޖަވާބަށް ދަރިފުޅު އެހައި ބޮޑު ސަމާލުކަމެއް ދޭނެ ކަމަށް ހީވެސްކުރެވިފައި ނެތުމުންނެވެ. ނަމަވެސް ކަންތައްވީ އެހެންނަކުން ނޫނެވެ. ޖެހިގެން އައިދުވަހު ގެއިން ފިލައިގެން ކުއްޖާ ދިއައީ ކައިރީގައި ހުރި ސްޕަމާކެޓަކަށެވެ. ގޮސް އެދުނީ އެތަނުގެ ހަރުގަނޑެއްގައި ބައިންދައިގެން އޭނާ ވިއްކާލައިދިނުމަށެވެ. އަދި ގަންނަ މީހާ ދޭ ފައިސާ އޭނާގެ މައިންބަފައިންނަށް ދިނުމަށެވެ.
ފިހާރައިގެ މީހަކު "ވިކެން ބޭނުންވަނީ ކީއްވެގެންތޯ؟" ސުވާލުކުރުމުން ބުނީ މަންމަ އާއި ބައްޕަ އެކަކު އަނެކަކު ދެކެ އެއްވެސް ވަރަކަށް ލޯބިނުވާކަމަށާއި އަބަދު ޒުވާބުކުރަނީކަމަށެވެ. ވަރިނުވެވިގެން އުޅެނީ ފިހާރައަކުން އޭނާ ގަނެގެން ގެންގޮސްފައި ހުރުމުން ކަމަށްވާތީ ކަމަށެވެ.
މަންމަ އާއި ބައްޕަ ދަރިފުޅު ހޯދަމުން އައިސް ފިހާރައަށް ވަދެވުނީ މިވާހަކަތައް ކުއްޖާދައްކަނިކޮށެވެ. ފިލައިތިބެ ކުއްޖާ ދެއްކި ވާހަކަތައް އަޑުއަހައި ނިމުނު އިރު ދެމީހުންނަށް ވެސް ތިބެވުނީ އަނެކާގެ މޫނަށް ބަލާށެވެ.
ދެމީހުން އެކުގައި ގޮސް ދެމީހުންވެސް ދަރިފުޅުދެކެ ވަރަށް ލޯބިވާކަމަށާއި ދެމަފިރިން އަބަދުވެސް ދަރިފުޅުދެކެ ލޯބިވާނެކަމަށް ވައުދުވެފައި ގޮވައިގެންދިއައީއެވެ.
މިއީ އަޅުގަނޑު ސޯޝަލް މީޑިއާއިން ކިޔާފައިވާ ވާހަކައެއްގެ ތަންކޮޅެކެވެ. އަޅުގަނޑު ހިތަށްއަރަނީ މިއީ ވާހަކައެއް ނަމަވެސް މިވާހަކައިގައި ވަރަށް ބޮޑު ތެދު ޙަޤީޤަތެއް އެބައެކުލެވިގެންވާ ކަމަށެވެ. މިގޮތަށް ދަރިން ގަނެވި، ދަރިންގެ ކިބައިން ސަލާމަތްނުވެވިގެން ނަމަވެސް މިފަދަ ޙާލުގައި އުޅެންޖެހިފައި ތިބި ދަރިން އަޅުގަނޑުމެންގެ މުޖުތަމައުގައިވެސް ބައިވަރު ތިބީތީއެވެ.
އެހެންވި ދަރިފުޅު ގޮވައިގެން ދެމްފިރިން ހިނގައިގަތުމުން އެތަނުގައި ހުރި މުސްކުޅިއަކު ބުނި ބަހެއް ހާމަކޮށްލާނަމެވެ. "ފިހާރައަކުން އެއްޗެއް ގަތުމަށްފަހު އެއީ އެމީހާގެ އެއްޗެކެވެ. ގަންނަންވާނީ އެއްޗެއް ބޭނުންވާކަން ޔަޤީންވާނަމައެވެ. ނޫންނަމަ އެކުރެވެނީ އިސްރާފެކެވެ."
ހުރިހާވެސް މައްސަލައަކީ ހަމައެއީއެވެ. ލޯބިވާކަމަށްބުނެ ކައިވެނިކުރެވެނީއެވެ. ބޭނުންކަމަށް ހީކޮށް ދަރިންވެސް ހޯދެނީއެވެ. ހުރިހާއަނިޔާތަކެއް ލިބެނީ ދަރިންނަށެވެ.
ލިބޭ ތައުލީމުގެ ޢާންމު ފެންވަރަކީ 2 ނަމްބަރު ކާތިބުކަން ކަމަށް އޮތް ދުވަސްވަރު މާޒީވެ ގޮސް މިއަދު ރާއްޖޭގައި ތިބެގެން ޕީއެޗްޑީ ހަދަނީއެވެ. ޢާންމު ތައުލީމުގެ ފެންވަރަކީ ޑިގްރީކަމަށްވެއްޖެއެވެ. ސުވާލަކީ ދިރިއުޅުމަށް ގެނެވުނީ ކޮން ބަދަލެއް ހެއްޔެވެ؟ ކޮން ކުރިއެރުމެއް ހެއްޔެވެ؟ ކޮންމެ މިހާކުވެސް އަމިއްލަ ނަފްސަށް މިސުވާލުގެ ޖަވާބު ދިނުމުން ފުދޭނެއެވެ!
- ޢާއިޝަތު ނާޒިމާ / މިއަދުނޫހުގެ ކިޔުންތެރިއެއް