އަލްކަހްފި ސޫރަތުގެ މާނައާ ތަފްސީރުން - ﷲ ތައާލާއަށް މޫނުފުޅެއް ލިބިވޮޑިގެންވާކަން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 16މ 7ސ
އަލްކަހްފި ސޫރަތުގެ މާނައާ ތަފްސީރުން - ﷲ ތައާލާއަށް މޫނުފުޅެއް ލިބިވޮޑިގެންވާކަން

(وَاتْلُ مَا أُوحِيَ إِلَيْكَ مِن كِتَابِ رَبِّكَ ۖ لَا مُبَدِّلَ لِكَلِمَاتِهِ وَلَن تَجِدَ مِن دُونِهِ مُلْتَحَدًا ﴿٢٧﴾   )

(اتْلُ) ކިޔަވާ ވިދާޅުވާށެވެ. މިތަނުގައި ލަފްޡީ ތިލާވަތާއި ޢަމަލީ ތިލާވަތް ހިމެނެއެވެ.

ލަފްޡީ ތިލާވަތަކީ ގުރްއާން ކިޔެވުމެވެ.

ޢަމަލީ ތިލާވަތަކީ ގުރްއާނަށް ޢަމަލު ކުރުމެވެ.

(اتْلُ) މިތަނުގައި މުޚާޠަބު ކުރައްވާފައި މިވަނީ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް އައިސްފައިވާ ޚިޠާބުތައް ތިންބަޔަކަށް ބެހިގެން ވެއެވެ. އެއީ:

1.    އެ ޚިޠާބަކީ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް ޚާއްޞަ ޚިޠާބެއް ކަން ދޭހަވާފަދަ ދަލީލެއް އޮތުން. އެހެންނަމަ، އެ ޚިޠާބެއް އޮންނާނީ ހަމައެކަނި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށެވެ. މީގެ މިޘާލަކީ ސޫރަތުއް ޝަރްޙުގެ 1 ވަނަ އާޔަތެވެ. (أَلَمْ نَشْرَحْ لَكَ صَدْرَكَ ﴿١﴾   ) މާނައަކީ: "ތިމަންރަސްކަލާނގެ، ކަލޭގެފާނުގެ ހިތްޕުޅު ކަލޭޭގެފާނަށްޓަކައި ތަނަވަސްކޮށް ނުދެއްވަންތޯއެވެ؟"

ސޫރަތުއް ޟުޙާގެ 6 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (أَلَمْ يَجِدْكَ يَتِيمًا فَآوَىٰ ﴿٦﴾  ) މާނައަކީ: "ކަލޭގެފާނު يتيم އަކު ކަމުގައިވަނިކޮށް އެކަލާނގެ ކަލޭގެފާނު ދެކެވޮޑިގެން ނުވޭހެއްޔެވެ؟ ދެން އެކަލާނގެ، ކަލޭގެފާނަށް ހިޔާވަހިކަން ދެއްވިއެވެ."

2.    އެ ޚިޠާބަކީ އެންމެންގެ މައްޗަށް ޝާމިލުވާ ފަދަ ޚިޠާބެއް ކަމުގައިވުން. އެހެންނަމަ، އެޚިޠާބެއް އޮންނާނީ އެގޮތަށެވެ. ސޫރަތުއް ޠަލާގްގެ 1 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. ( يَا أَيُّهَا النَّبِيُّ إِذَا طَلَّقْتُمُ النِّسَاءَ فَطَلِّقُوهُنَّ لِعِدَّتِهِنَّ وَأَحْصُوا الْعِدَّةَ ) މާނައަކީ: "އޭ ނަބިއްޔާއެވެ! ތިޔަބައިމީހުން އަނބިން ވަރިކުރާނަމަ، ފަހެ، އެކަނބަލުންގެ عدّة އަށް (ފެށޭގޮތުގައި ސުންނީ ވަރިޔަކުން) ތިޔަބައިމީހުން އެކަނބަލުން ވަރިކުރާށެވެ! އަދި ތިޔަބައިމީހުން عدّة ގުނާހަމަކުރާށެވެ!" މި އާޔަތުގައި މުޚާޠަބު ކުރެވިފައިވަނީ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް ނަމަވެސް، މި އާޔަތުގައި ހިމެނޭ ޙުކުމް އެންމެންގެ މައްޗަށް ޝާމިލުވެގެންވެއެވެ.

3.    ދެގޮތަށްވެސް އިޙްތިމާލު އޮންނަ ޚިޠާބު. މިފަދަ ޚިޠާބުތައް އެއީ އެންމެންނަށް ޢާއްމު ޚިޠާބެއް ކަމުގައި ވެސް ބުނެވެއެވެ. އަދި އެއީ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް ޚާއްޞަ އެހެންނަމަވެސް އޭގައިވާ ޙުކުމް އެންމެންގެ މައްޗަށް ޝާމިލުވާ ޚިޠާބެއް ކަމުގައިވެސް ބުނެވެއެވެ. މީގެ މިޘާލަކީ: ސޫރަތުލް ކަހްފްގެ 27 ވަނަ އާޔަތެވެ. (وَاتْلُ مَا أُوحِيَ إِلَيْكَ مِن كِتَابِ رَبِّكَ ) މާނައަކީ: "ކަލޭގެފާނުގެ ވެރިރަސްކަލާނގެ ފޮތުން، ކަލޭގެފާނަށް وحى ކުރެއްވި ތަކެތި ކިޔަވައިވިދާޅުވާށެވެ!"

4.    މިއާޔަތުގައި މިވާ ޚިޠާބު އައިސްފައިވަނީ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް ކަމަށްވީނަމަވެސް އޭގައިވާ ޙުކުމް އުއްމަތުގެ އެންމެންގެ މައްޗަށް ޝާމިލުވެއެވެ. މިތަނުގައި ޚިޠާބު އައިސްފައިވަނީ އުއްމަތުގެ ޒަޢީމުގެ މައްޗަށެވެ. އުއްމަތުގެ އެހެން މީހުން އޭގެ ދަށުން ވަންނާނެއެވެ. 

(مَا أُوحِيَ إِلَيْكَ) މިއީ ކީރިތި ގުރްއާނުގެ ވާހަކައެވެ.

( مِن كِتَابِ رَبِّكَ  ) މިތަނުގައި (رَبِّكَ ) "ކަލޭގެފާނުގެ ރައްބު" ގެ ފަރާތްޕުޅުން އިއްވެވޭ ވަޙީ އޭ އިނުމުގެ ޙިކްމަތަކީ: ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މައްޗަށް ބާވާލެއްވުނު ވަޙީ އަކީ މާތް ﷲ ގެ ފުރިހަމަ ޢިނާޔަތުގެ ދަށުން ބާވާލެއްވުނު ވަޙީ އެއްކަން ބަޔާން ކޮށްދެއްވުމެވެ.

( لا مبدل لكلماته ) އެޔަށް ބަދަލުގެނައުމުގެ ކުޅަދާނަކަން ނުވަތަ ހުއްދަ އެއް އެއްވެސް މީހަކަށް ލިބިގެން ނުވެއެވެ.

(ولن تجد من دونه ملتحدا ) "އެކަލާންގެ ފިޔަވާ އެހީއަށް އެދި، އެނބުރި ވަޑައިގަންނަވާނެ ފަރާތެއް ކަލޭގެފާނަކަށް ފެނިވަޑައެއް ނުގަންނަވާނެތެވެ."

ﷲ ތިބާ އަށް ދެރައެއް މިންވަރު ކުރައްވައިފިނަމަ އެކަން މަނާކުރެވޭނެ އެއްވެސް ފަރާތެއް ނުވެއެވެ. އަދި ﷲ ތިބާ އަށް ހެވެއް މިންވަރު ކުރައްވައިފިނަމަ އެކަމަށް ހުރަސް އެޅޭނެ އެއްވެސް ފަރާތެއްވެސް ނުވެ އެވެ. ސޫރަތުލް ޖިންނިގެ 21 އަދި 22 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (قُلْ إِنِّي لَا أَمْلِكُ لَكُمْ ضَرًّا وَلَا رَشَدًا ﴿٢١﴾ قُلْ إِنِّي لَن يُجِيرَنِي مِنَ اللَّـهِ أَحَدٌ وَلَنْ أَجِدَ مِن دُونِهِ مُلْتَحَدًا ﴿٢٢﴾   ) މާނައަކީ: "ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުންނަށް ގެއްލުމެއް ދިނުމެއްވެސް، އަދި ތެދުމަގެއް ދެއްކުމެއްވެސް، ތިމަންކަލޭގެފާނަކަށް މިލްކުވެގެނެއް ނުވެތެވެ.   ކަލޭގެފާނު ވިދާޅުވާށެވެ! (ތިމަންކަލޭގެފާނު އުރެދިއްޖެނަމަ) ހަމަކަށަވަރުން، اللَّه ގެ عذاب ން، ތިމަންކަލޭގެފާނު މިންޖުކުރާނޭ ހަމައެކަކުވެސް ނުވެތެވެ. އަދި އެކަލާނގެ ފިޔަވައި ސަލާމަތްވުމަށްދާނޭ އެހެންފަރާތެއް ތިމަންކަލޭގެފާނަކަށް ފެނިވަޑައެއް ނުގަންނަވާނެތެވެ.   " 

(واصبر نفسك مع الذين يدعون ربهم بالغداوة والعشي يريدون وجهه  )

( واصبر نفسك ) އެބައިމީހުންގެ ރައްބަށް ދުޢާކުރާ އަޅުތަކުންނާއި އެކު ކަލޭގެފާނު ކެތްތެރިވެ ވަޑައިގަންނަވާށެވެ. އަދި އެމީހުންނަށް ހިތްވަރު ދެއްވާށެވެ.

(بالغداوة) ދުވާލުގެ ކުރީކޮޅު

(والعشي) ދުވާލުގެ ފަހުކޮޅު
(
يريدون وجهه   ) ދުނިޔަވީ އެދުމެއްނެތި، ﷲ ގެ ވަޖްހުފުޅު އެދި، އިޚްލާޞްތެރިކަމާއި އެކު ދުޢާ ކުރާ،

މި އާޔަތުގައި މިވަނީ ﷲ ސުބްޙަނަހޫ ވަތަޢާލާ އަށް ވަޖްހުފުޅެއް ނުވަތަ މޫނު ފުޅެއް ވާކަން ޘާބިތުކޮށްދެއްވާފައެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ އަށް ވަޖްހުފުޅެއްވާ ކަމަށް ގުރްއާނާއި ސުންނަތުން ޘާބިތުވެއެވެ. އަދި އުއްމަތުގެ އިޖްމާޢިންވެސް އެކަން ޘާބިތުވެއެވެ. ސޫރަތުއް ރަޙްމާންގެ 27 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. ( وَيَبْقَىٰ وَجْهُ رَبِّكَ ذُو الْجَلَالِ وَالْإِكْرَامِ ﴿٢٧﴾  ) މާނައަކީ: "  އަދި ކަލޭގެފާނުގެ ވެރި، ކީރިތިވަންތަކަމާއި، މާތްވަންތަކަމުގެ ވެރިރަސްކަލާނގެ ذات ފުޅު ދެމިވޮޑިގެންވެއެވެ.  " 

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ކުރެއްވި ދުޢާގައި ވިދާޅުވެފައިވެއެވެ. ( أَعُوذُ بِوَجْهِكَ ) މާނައަކީ: "އިބަ ﷲ ގެ ވަޖްހުފުޅު މެދުވެރި ކުރައްވާ އެކަމުން އެއްކިބާ ކުރެއްވުމަށް ދަންނަވަމެވެ."

މިއުއްމަތުގެ ސަލަފުން ވަނީ ﷲ ސުބްޙާނަހޫ ވަތަޢާލާ އަށް ވަތަޢާލާ އަށް ވަޖްހުފުޅެއްވާ ކަމަށް ވަނީ އިޖްމާޢުވެފައެވެ.

ނަމަވެސް، ﷲ ސުބްޙާނަހޫ ވަތަޢާލާ އަށް ލިބިވޮޑިގެންވާ ވަޖްހުފުޅު ނުވަތަ މޫނުފުޅަކީ އެއްވެސް މަޚްލޫގެއްގެ މޫނާއި އެއްފަދަ މޫނެއް ނޫނެވެ. ސޫރަތުއް ޝޫރާގެ 11 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (لَيْسَ كَمِثْلِهِ شَيْءٌ ۖ وَهُوَ السَّمِيعُ الْبَصِيرُ ﴿١١﴾ ) މާނައަކީ: "އެކަލާނގެއާ އެއްފަދަ އެއްވެސް އެއްޗެއް ނުވެތެވެ. އަދި އެކަލާނގެއީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެއެވެ."

ސޫރަތު މަރްޔަމްގެ 65 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. (رَّبُّ السَّمَاوَاتِ وَالْأَرْضِ وَمَا بَيْنَهُمَا فَاعْبُدْهُ وَاصْطَبِرْ لِعِبَادَتِهِ ۚ هَلْ تَعْلَمُ لَهُ سَمِيًّا ﴿٦٥﴾ ) މާނައަކީ: "(އެއީ) އުޑުތަކާއި، ބިމާއި، އެދެމެދުގައިވާހާ ތަކެތީގެ ވެރިރަސްކަލާނގެއެވެ. ފަހެ، ކަލޭގެފާނު، އެކަލާނގެއަށް އަޅުކަންކުރައްވާށެވެ! އަދި އެކަލާނގެއަށް އަޅުކަން ކުރެއްވުމުގައި ދެމިހުންނަވައި، ކެތްތެރިވެވަޑައިގަންނަވާށެވެ! އެކަލާނގެއާ އެއްފަދަ އެކައްޗެއްވެސް ވާކަން ކަލޭގެފާނަށް އެނގިވަޑައިގެންވޭތޯއެވެ؟   "
(
يريدون وجهه) މިއިން އެނގެނީ އެބައިމީހުން އަޅުކަން ކުރަނީ އިޚްލާޞްތެރިކަމާއި އެކުގައި ކަމެވެ.

(وَلَا تَعْدُ عَيْنَاكَ عَنْهُمْ تُرِيدُ زِينَةَ الْحَيَاةِ الدُّنْيَا) "އަދި ދުނިޔޭގެ ދިރިއުޅުމުގެ ޒީނަތްތެރިކަން އެދިވަޑައިގެން، ކަލޭގެފާނުގެ ލޯފުޅު، އެއުރެން ފިޔަވައި ފަހަނަޅައި ދިޔަނުދެއްވާށެވެ!  އަދކިއެއްތަ، ކަލޭގެފާނުގެ ނަޡަރު އަބަދުވެސް އެބޭފުޅުންނާއި އެކު ބަހައްޓަވާށެވެ. އަދި އެބޭފުޅުންނާއި އެކު އުޅުއްވާށެވެ."

( تُرِيدُ زِينَةَ الْحَيَاةِ الدُّنْيَا ) " ދުނިޔޭގެ ދިރިއުޅުމުގެ ޒީނަތްތެރިކަން އެދިވަޑައިގެން" މިހެން އޮތުމުން ދޭހަވަނީ ދީނީ މަޞްލަޙަތަކަށް ޓަކައި އެކަލޭގެފާނުގެ ނަޡަރު އެހެން ދިމާލަކަށް ގެންދެވިނަމަވެސް މި ނަހީގެ ތެރެއަށް ނުވަންނާނެ ކަމެވެ.

( وَلَا تُطِعْ مَنْ أَغْفَلْنَا قَلْبَهُ عَن ذِكْرِنَا وَاتَّبَعَ هَوَاهُ  وَكَانَ أَمْرُهُ فُرُطًا  ) "އަދި ތިމަންރަސްކަލާނގެ ހަނދުމަކުރުމުން، އެމީހެއްގެ ހިތް غافل ކުރައްވައި، އަދި އެމީހެއްގެ އަމިއްލަ އެދުމަށް تبع ވެ، އަދި އެމީހެއްގެ ކަންތައް (ނުބައިކަމުގައި) ހައްދުފަހަނަޅައިފައިވާ މީހަކަށް، ކަލޭގެފާނު ކިޔަމަންވެ ވަޑައިނުގަންނަވާށެވެ!"

މި އާޔަތުން ދޭހަވަނީ ﷲ ޛިކްރުކުރާ ހިނދުގައި ހަމައެކަނި ދުލުކޮޅުން ޛިކްރު ތައް ކިޔާލުމުގެ ބަދަލުގައި އެކިޔޭ އެއްޗަކާއި މެދުގައި އެމީހަކު ވިސްނަންވާނެ ކަމެވެ. ނޫންނަމަ، އެކަމުން އެމީހަކަށް ލިބެންވާ ބަރަކާތާއި ޘަވާބު ނުލިބޭނެ ކަމެވެ.

(وَقُلِ الْحَقُّ مِن رَّبِّكُمْ )

(قُلِ ) މުޚާޠަބު ކުރައްވަނީ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށެވެ. މާނައަކީ ކަލޭގެފާނު ފާޅުގައި ވިދާޅުވާށެވެ.

(الْحَقُّ مِن رَّبِّكُمْ ) " (އެއީ) ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة ން އައިސްފައިވާ حق ތެދެވެ." ﷲ ގެ ޙަޟްރަތުން ފިޔަވާ އެހެން ފަރާތަކުން ޙައްގު ހޯދަން ނޫޅޭށެވެ. ސަބަބަކީ ޙައްގު ގޮތްވަނީ ﷲ ގެ އެންގެވުންތަކަށް ބޯލެނމުގައެވެ.

( فَمَن شَاءَ فَلْيُؤْمِن وَمَن شَاءَ فَلْيَكْفُرْ ۚ ) " ފަހެ، ބޭނުންމީހަކު إيمان ވާށެވެ! އަދި ބޭނުންމީހަކު كافر ވާށެވެ!"

މިއީ އިންޛާރުގެ ބަސްފުޅެކެވެ. ފަހަރެއްގައިވެސް އިޚްތިޔާރެއް ނޫނެވެ. އިންސާނުން ބުނެއުޅޭ ފަދައިންނެވެ. "ތިބާ ތިޔަ ހަދަނީ ތެދު ކަމުގައިވާނަމަ މިވެނި ކަމެއް ކޮށްބަލާށެވެ." މިއީ އިންޛާރެއްކަން ދޭހަވަނީ ފަހަތުގައި މިވާބައިންނެވެ.

(إِنَّا أَعْتَدْنَا لِلظَّالِمِينَ نَارًا أَحَاطَ بِهِمْ سُرَادِقُهَا  ) " ހަމަކަށަވަރުން، كافر ވެ، އަނިޔާވެރިވެގަތް މީހުންނަށް، ތިމަންރަސްކަލާނގެ ނަރަކަ ތައްޔާރުކުރެއްވީމެވެ.އެ ނަރަކައިގެ (އަލިފާނުގެ) ފާރުތައް އެއުރެން ވަށާލައިގެންވެއެވެ. "

ﷲ ގެ އާޔަތްތަކަށް ކާފިރު ވުމަކީ އަމިއްލަ ނަފްސަށް ވެވޭ އަނިޔާ އެކެވެ. ސޫރަތުލް ބަގަރާގެ 254 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَالْكَافِرُونَ هُمُ الظَّالِمُونَ  ) މާނައަކީ: " كافر ންނަކީ ހަމަ އަނިޔާވެރިންނެވެ."

(وَإِن يَسْتَغِيثُوا يُغَاثُوا بِمَاءٍ كَالْمُهْلِ يَشْوِي الْوُجُوهَ ۚ بِئْسَ الشَّرَابُ وَسَاءَتْ مُرْتَفَقًا   ) " އެއުރެން ފެނަށްއެދި ގޮވާލައިފިނަމަ، އެއުރެންނަށް ދެއްވާނީ، ތެޔޮކުނޑިފަދަ (ހޫނުކަންގަދަ) ފެނެކެވެ. (އެއިން) މޫނުތައް ފިއްސައިލާނެތެވެ. (އެއުރެންނަށްލިބޭ) ބުއިމުގެ ނުބައިކަމާއެވެ! އަދި ތިބޭތަނެއްގެ ގޮތުން އެ ނަރަކައިގެ ނުބައިކަމާއެވެ!"

ސޫރަތު މުޙައްމަދުގެ 15 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَسُقُوا مَاءً حَمِيمًا فَقَطَّعَ أَمْعَاءَهُمْ  ) މާނައަކީ: " އަދި ކެކިކެކިހުރި ހޫނުފެނުގެ ބުއިން އެއުރެންނަށް ބޯންދެއްވުމުން، އެއުރެންގެ ގޮހޮރުތައް ބުރިބުރިވެގެންދާ މީހުންނާ އެއްފަދަވެގެން ވޭހެއްޔެވެ؟"

ސޫރަތުއް ނިސާގެ 56 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. ( كُلَّمَا نَضِجَتْ جُلُودُهُم بَدَّلْنَاهُمْ جُلُودًا غَيْرَهَا لِيَذُوقُوا الْعَذَابَ ۗ ) މާނައަކީ: " އެއުރެންގެ ހަންތައް ރޯފިލައްޖެ ކޮންމެހިނދަކު، އެއުރެންގެ ހަންތައް އެނޫން ހަންތަކަކަށް ބަދަލުކުރައްވަމެވެ. އެއީ، އެއުރެން عذاب ގެ ރަހަ ލިބިގަތުމަށްޓަކައެވެ."

--ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ލިޔުއްވާފައިވާ ކަހްފި ސޫރަތުގެ ތަރުޖަމާ އާ ތަފްސީރުން

 

 

 

މިއަދު އޮންލައިން