ޙަޤީޤީ ޙާދިސާ: ތަޤްވާވެރިވެ ދުޢާކުރުމުގަ ސާބިތުވި އަންހެނަކަށް އެތައް އަހަރެއްފަހުން ދަރިއަކު ލިބެން މެދުވެރިވި ގޮތުގެ ވާހަކަ-

ކިޔުމަށް ހޭދަވާނީ 2މ 28ސ
ޙަޤީޤީ ޙާދިސާ: ތަޤްވާވެރިވެ ދުޢާކުރުމުގަ ސާބިތުވި އަންހެނަކަށް އެތައް އަހަރެއްފަހުން ދަރިއަކު ލިބެން މެދުވެރިވި ގޮތުގެ ވާހަކަ-

އަޅުގަނޑުމެންގެ ކައިވެންޏަށް 10 އަހަރުފުރުނުއިރުވެސް ދަރިއަކު ނުލިބެއެވެ. ޑޮކްޓަރީ ގޮތުން ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއް ކުރެވުނެވެ. ބޭސްފަރުވާ ކުރެވުނެވެ. އެހިސާބުން ފިރިމީހާ ގާތު ދެވަނަ ކައިވެންޏެއް ކުރަންވެސް އެދުނީމެވެ. ނަމަވެސް އެކަމަށް އޭނާ އެއްބަހެއް ނުވިއެވެ. ބުނަމުން އައީ ދެވަނަ ކައިވެންޏެއް ނުކުރާނެ ކަމަށާއި ދެމަފިރިންނަށް ދަރިއަކު ލިބުމަށް ކުރާ އުންމީދު ދުވަހަކުވެސް ދޫކޮށްނުލާނެ ކަމަށެވެ. 

ދިރިއުޅުމުގެ ކަންކަމަކީ އަބަދުވެސް ބަދަލުވަމުން އަންނަ ކަންކަން ކަމުގައިވުމުން ކަންކަން ބަދަލުވިއެވެ. ފިރިމީހާ އަޅުގަނޑަށް ސިއްރުން ކައިވެންޏެއްކުރިއެވެ. އެކަން އެނގުނީ އޭނާ ބަލިވެއިން ވާހަކަ ބުނަން ފިރިމީހާއަށް ކުރި ފޯނުކޯލުގެ އަޑުއިވުމުންނެވެ. 

އަޅުގަނޑަށް ވަރަށް އަސަރުކުރިއެވެ. އެއީ ސިއްރުން އެފަދަ ކަމެއް ކުރުމުންނެވެ. އެކަންކުރަން އެދުމުން ނުކުރާނެކަމަށްބުނެފައި އޮޅުވާލައިގެން އެކަންކުރުމުންނެވެ. އެހެންވެ އެއްވެސް ރުޅިވެރިކަމެއް ނެތި ފިރިމީހާ ގާތުން ވަރިވީމެވެ. 

އަދި ޢުމުރުން 38 އަހަރުގައި ދެވަނަ ކައިވެންޏެއްވެސް ކުރީމެވެ. އެކަވެނީގައި އަހަރު ނުވަނީސް އަޅުގަނޑުމެންނަށް ދަރިއަކު ލިބުނެވެ. ދަރިފުޅަސް ވެކްސިން ދޭން ހޮސްޕިޓަލަސް ގޮސް އުޅުނު ދުވަހަކު ކުރީގެ ފިރިމީހާ އާއި ބައްދަލުވިއެވެ. އޭނާ އަހަރެމެންގެ ގާތަށް އައިސް ހައިރާންވެފައި ހުރެގެން ސުވާލުތައްކޮށް ކަންކަން އޮޅުނަފިލުވިއެވެ. 

އަޅުގަނޑުވެސް އޮޅުންފިލުވުމުގެ ގޮތުން އޭނާގެ ދަރިފުޅާއި އަނބިމީހާގެ ޙާލާއިމެދު ސުވާލުކޮށްލީމެވެ. ޖަވާބުގައި ބުނީ އަނބިމީހާ ވިހެއީ އޭނާގެ ދަރިއެއްކަން ނޫންކަން ޔަޤީންކުރެވުމުން ވަރިކުރީކަމަށެވެ. އަދި އޭނާއަކީ ދަރިއަކު ލިބޭނެ ފިރިހެނެއް ނޫންކަން މިހާރު ސާބިތުކުރެވިފައިވާކަމަށެވެ. 

އިތުރަށް ބުނާނެ އެއްޗެއް ނުއެނގި އަނގަހުޅުވައިގެން އެތައް އިރެއްވަންދެން ހުރެވުނެވެ. 

މިއަދުނޫހުގެ ކިޔުންތެރިންނޭވެ! އަޅުގަނޑުގެ ކުރީގެ ފިރިމީހާއަކީ ތަނަވަސް ފިރިހެނެކެވެ. އޭނާގެ މުދަލުގެ ދަހިވެތިކަމުގައި އެއަންހެން މީހާ އެކުރީ އިންސާނަކަށް ކުރެވޭނެ އެންމެ ބޮޑު އެއް ފާފައެވެ. އެމީހަކު ކުރިކަމެއް އެމީހަކަށެވެ. އެއްވެސް އެއްޗެއް އިތުރަށް ބުނާކަށް ނެތީމެވެ. 

ހަމައެކަނި ފާހަގަކޮށްލަން ބޭނުންވަނީ ވަރަށް ގިނައިން މިއަދުނޫހުގައި ލިޔާ މުފްތީ މެންކުގެ ބަސްފުޅެކެވެ. "އެމީހާގެ ކުށެއް ނެތި ވަރިވާންޖެހިއްޖެނަމަ ނުވަތަ ވަރިކޮށްފިނަމަ ތަޤްވާވެރި ކޮންމެ މީހަކަށްވެސް މާރަނގަޅު ބައިވެރިއަކު ދެއްވަވާނެ" ކަމުގެ ބަސްފުޅެވެ. 

އަޅުގަނޑަކީ އުމުރުން 23 އަހަރުން ފެށިގެން ވަރަށް މަދު ރެއަކު ނޫނީ ކޮންމެ ރެއަކު ދަމުނަމާދުކުރާ އަންހެނަކީމެވެ. ދުޢާކުރުމުގައި ސާބިތުވެ ހުރި އަންހެނަކީމެވެ. ކިޔުންތެރިންނޭވެ! ފިރިމީހާއަށް އެކަން އެގޮތަށް އެކުރެވުނީވެސް ކައިވެނި ރޫޅެންވެގެންނެވެ. ކައިވެނި އެރޫޅުނީ އަޅުގަނޑަށް ދަރިއަކު ލިބެން އޮތީ އެހެން ފިރިއެއްގެ ކިބައިން ކަމަށްވާތީއެވެ. ރަނގަޅަށް ވިސްނައިފިނަމަ މިހިރީ ކުޅަދުންވަންތަކަމާއި ދީލަތިވަންތަކަމާއި އެކަމެއްގެ ވަގުތު ޖެހުމުން ކޮންމެ ކަމެއްވެސް ވާނެ ކަމުގެ ހެކިތައް ނޫން ހެއްޔެވެ؟ 

އަޅުގަނޑުގެ މިހާރުގެ ފިރިމީހާއަކީ އެހައި ތަނަވަސް މީހެއް ނޫނެވެ. ނަމަވެސް އަޅުގަނޑަށް ދޭ ވަގުތު މާގިނައެވެ. އަދި ނުލިބިގެން ހިތާމަކުރަމުން އައި ނިޢްމަތްވެސް މިވަނީ ޙާޞިލުވެފައެވެ. ވީމާ ފުރަތަމަ ކައިވެނި ރޫޅުންވީ އަޅުގަނޑަށް ލިބުނު އެންމެ ބޮޑު އެއް ރަހްމަތަށެވެ. 

- ނިސްރީން / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން