ޙަޤީޤީ ޙާދިސާ: އަނބިމީހާ ރޮއިރޮއި ހުއްޓާ ކޮށްޕާ ގެއިން ނެރެލީމެވެ! އެއީ ކުރެވުނު ކުށެއްކަން ނުވަތަ ނޫންކަން ވާހަކަ ވިދާޅުވުމަށްފަހު ވިދާޅުވާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 56ސ
ޙަޤީޤީ ޙާދިސާ: އަނބިމީހާ ރޮއިރޮއި ހުއްޓާ ކޮށްޕާ ގެއިން ނެރެލީމެވެ! އެއީ ކުރެވުނު ކުށެއްކަން ނުވަތަ ނޫންކަން ވާހަކަ ވިދާޅުވުމަށްފަހު ވިދާޅުވާށެވެ!

އަޅުގަނޑުގެ އަނބިމީހާއަކީ އަބަދުވެސް އެންމެ މަތީ ފެންވަރުގައި ދިރިއުޅެން ބޭނުންވާ އަންހެނެކެވެ. އަޅުގަނޑަށް ލިބޭ މުސާރައިން އަބަދުވެސް އޮންނަނީ ނުފުދިފައެވެ. އޭނާ އާއިއެކު ދިރިއުޅެން މަސައްކަތްކޮށްގެން އެއްވެސް ފައިސާއެއް ދުވަހަކުވެސް ޖަމާ ނުކުރެވޭނެ ކަމާއި އަމިއްލަ ފައިމައްޗަށް ނުތެދުވެވެނެކަން އަޅުގަނޑަށް ވިސްނެއެވެ.

ނަމަވެސް އަޅުގަނޑުގެ މައިންބަފައިން އަބަދުވެސް ބުނަމުން ދިއައީ ކެތްތެރިވުމަށެވެ. ޚިޔާނާތްތެރި ނުވާހައި ދުވަހަކު ވަރިކޮށް ފޮނުވައި ނުލުމަށެވެ. ދެން ހުރި ކަންކަން އިޞްލާޙްކުރަން މަސައްކަތްކުރުމަށެވެ. އެހެންވެ މައިންބަފައިންގެ ނަޞޭޙަތް ޤަބޫލުކޮށްގެން ކެތްތެރިވީމެވެ. 

އަޅުގަނޑަށް ލިބުނު ފުރުޞަތެއްގައި ވަރަށް އާދައިގެ ގޮތަކަށް އަމިއްލަ މަސައްކަތެއް ފެށީމެވެ. އެއީ ޢިމާރާތް ކުރުމުގެ މަސައްކަތެވެ. ނަމަވެސް އެކަން އަނބިމީހާއަކަށް ނުއަންގަމެވެ. ލިބޭ އާމްދަނި އިތުރުވިވާހަކައެއްވެސް ނުބުނަމެވެ. ބޭނުންވީ މަސައްކަތުން ކުރި ހޯދައި މައިންބަފައިންނާއި ވަކިން ދިރިއުޅެވޭނެ ގޮތެއް ހޯދާށެވެ. އެއީ އަނބިމީހާވެސް އެންމެ ބޭނުންވިކަންތަކެވެ. އަދި އެކަން ކާމިޔާބުކޮށްފައި އަނބިމީހާ ޙައިރާންކޮށްލުވާށެވެ. 

ލިބުނު އާމްދަނީން ކުޑަ ބިންކޮޅެއް ގަތީމެވެ. އެބިންކޮޅުގައި 6 ބުރިއަށް ގެއެއް އަޅައި ނިންމީމެވެ. 5 ބުރި ކުއްޔަށް ދިނީމެވެ. މަތީބުރި ބެހެއްޓީ ދެމަފިރިން ދިރިއުޅޭށެވެ. ރޫފްޓޮޕަކީ އެކުގައި ވަގުތުހޭދަކުރާތަން ކަމުގައި ހަދާށެވެ. 

އެވާހަކަ ބުނެ އެތަނަށް ބަދަލުވާން އޮތް ދުވަހު އަނބިމީހާގެ ފޯނުން ފެނުނީ ހީވެސް ނުކުރާފަދަ މެސެޖުތަކެކެވެ. އޭނާ ބޭނުންވާ އަގުބޮޑުތަކެތި ހޯދަން ތަނަވަސް 2 ވިޔަފާރިވެރިއަކާއިއެކު ގުޅުން ހިންގާކަން މެސެޖުތަކުން އެނގުނެވެ. 

އެހިސާބުން އަޅުގަނޑުވެސް ދަންތުރައެއްގައި ޖެއްސުވީމެވެ. އަޅުގަނޑުގެ ރައްޓެހި ވިޔަފާރިވެރިއަކު ލައްވައި ފޯނުކުރުވީމެވެ. ހުރީ އަރާހިކިފައެވެ. އަޅުގަނޑު ގާތު އޭނާގެ މައިންބަފައިންގެ ޙާލު ބަލައިލަންކަމަށް ބުނެ ދިއައީ އެކުވެރިޔާ ބުނި ތަނަކަށެވެ. އަޅުގަނޑުމެން ދެމަފިރިން ދިރިއުޅެން އަޅާފައިހުރި އަޅުގަނޑުގެ ގެއަށެވެ. 

ދެމީހުން ބައްދަލުކުރަން ކޮޓަރީގައި ތިއްބާ ޑަބަލް ތަޅުދަނޑިން ހުޅުވައިގެން ވަނީމެވެ. ވަދެ ހުރިހާ ވާހަކައެއް ކިޔައިދިނީމެވެ. އެއީ އަޅުގަނޑުމެން ދެމަފިރިން ދިރިއުޅެން އެޅިގެކަމާއި މިހާރު މިތިބީ ދެމަފިރިން ދިރިއުޅެން ބެހެއްޓި ފްލެޓްގައިކަންވެސް ބުނީމެވެ. އަދި ސަރޕްރައިޒް ހަދިޔާއެއްގެ ގޮތުން އެހުރީ ވަރިކޮށްފައި ކަމަށާއި ގެއަށް ގޮސް ނިދާލާފައި އެއްޗެތި ހިފައިގެން ހެނދުނު ގެއިން ނުކުމެގެން ދިއުމަށްވެސް ބުނީމެވެ. އަދި ގޭގައި އޭނާ ހުއްޓައި ގެއަށް ނުވަންނާނެ ކަމަށްވެސް ބުނީމެވެ.

ރޮއި ކަރުނަ އަޅައި ވަރަށް ޑްރާމާ ޖެއްސިއެވެ. އޭނާ އެންމެ ބޮޑަށް ބޭނުންވި ކަންތައް ޙާޞިލުވި ދުވަހު އަމިއްލަ ގޭގައި ހުރެފައި ނުކުންނަން ޖެހުނީމާ ކުރާނެ އަސަރުވެސް ވިސްނުނެވެ. އަޅުގަނޑަށް ކަންތައް ކުރެވުނީ ރަނގަޅަށް ނޫންކަމަށްވެސް ވެދާނެއެވެ! ނަމަވެސް ހަމަ ކޮށްޕައި ގެއިން ނެރެ ފޮނުވައިލީއެވެ. އެރޭ ގެއަކަށްވެސް ނުދަމެވެ. ވަގުތުން އަމިއްލަ ގޭގައި ދިރިއުޅެން ފެށީއެވެ. 

އޭނާ އެގެއިން ނުކުތީ 2 މަސްދުވަސްފަހުންނެވެ. އަވަހަށް ނުކުންނަން ބުނަންވެސް ގުޅައެއް ނުލަމެވެ. އަޅުގަނޑު ހުރީ ޢިއްދަހަމަވުމުން ގަދަކަމުން ނެރެލާށެވެ. ގެއަށް ދިއައީ އޭނާ އަމިއްލައަށް ގެއިން ނުކުމެގެން ދިއުމުންނެވެ. 

މިއަދުނޫހުގައި ޝާއިޢުކުރާ ޙަޤީޤީ ހާދިސާތަކުން އަބަދުހެން ފެންނަނީ ފިރިހެނުންނަށް ކުރެވޭ ގޯސްކަންކަމުގެ ވާހަކައެވެ. އެހެންވެ މިއަދުނޫހުގެ ކިޔުންތެރިންނަށް މިކިޔައިދިނީ މީގެ 2 އަހަރުކުރިން އަޅުގަނޑުގެ އަލަތު ކައިވެންޏަށް 7 ވަނަ އަހަރު ކައިވެނި ނިމުނު ގޮތުގެ ވާހަކައެވެ. ޢިބްރަތެއް ވާނަމަ ޙާޞިލުކުރައްވާށެވެ! 

އަޅުގަނޑަށް އެނގުނު އެއްކަމަކީ ދަރިން ނުލިބި ލަސްވުމަކީވެސް ފައިދާހުރި ކަމެއް ކަމެވެ. ދަރިން ލިބުނުނަމަ ދަރިންނަށްޓަކައި ނަމަވެސް މިފަދަ އަނބިން ކަރުގައި އަޅައިގެން ގެންގުޅެންޖެހުންވާނީ ކޮންފަދަ ބޮޑު ވޭނަކަށްތޯއެވެ؟ 

- އިރްފާން / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން