ޑޮކްޓަރުންގެ ބަހަށް ދަރިވައްޓަން ހެޔޮ ނުވާނެ!: ދުވަހަކުވެސް ނުހިނގޭނެކަމަށްބުނި ދަރިފުޅު ހިނގާފަ ޑޮކްޓަރު ގާތަށް ދިއުމުން ޖެހުނީ ކަޅިހުއްޓެން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 59ސ
ޑޮކްޓަރުންގެ ބަހަށް ދަރިވައްޓަން ހެޔޮ ނުވާނެ!: ދުވަހަކުވެސް ނުހިނގޭނެކަމަށްބުނި ދަރިފުޅު ހިނގާފަ ޑޮކްޓަރު ގާތަށް ދިއުމުން ޖެހުނީ ކަޅިހުއްޓެން!

ބަލިވެއިނުމުން ފިރިމީހާ ވެސް ބޭނުންވީ ދަރިފުޅު ވައްޓާލާށެވެ! ދަރިން ހޯދަން އަދި މާއަވަސްކަމަށް ބުނެއެވެ. ދަރިފުޅު ވައްޓާލަން އެއްބަސްނުވުމުން ވަރިވެސް ކުރީއެވެ. މައިންބަފައިންވެސް ބޭނުންވީ ހަމަ އެގޮތެވެ. އެހާ ޅަ ޢުމުރުގައި ދަރިއަކު ލިބުމުން ބަލަން އުނދަގޫވާނެކަމަށްބުނެއެވެ. 

ކޮންމެއަކަސް އަމިއްލަ ދަރިފުޅު މަރާލަން އަޅުގަނޑަކަށް އެއްބަހެއް ނުވެވުނެވެ. އެކަންކުރަން އަޅުގަނޑު ހިތެއް ނުރުހުނެވެ. ބޭނުންވީ ވިހާށެވެ! 

އަޅުގަނޑަށް އެހީތެރިވާނެ އެއްވެސް މީހަކު ނުވިއެވެ. ނަމަވެސް ދެރައެއްވެސް ނުވެއެވެ. ވަޒީފާ އަދާކުރުމުން މުސާރަ ލިބެއެވެ. އަޅުގަނޑުގެ ބޭނުންތައް ފުދިގެން ދިރިއުޅެވެއެވެ. އެހެންވެ ކެތްތެރިވީއެވެ. 

އެންމެ ބޮޑު ހިތްދަތިކަމެއް ލިބުނީ ބަނޑަށް 4 މަހުގައި ޑޮކްޓަރު ސްކޭންކުރުމަށްފަހު އަޅުގަނޑަށް ލިބޭނެ ދަރިފުޅަށް ދުވަހަކުވެސް ނުވެސް ހިނގޭނެ ކަމަށް ބުނުމުންނެވެ. ނަމަވެސް އެކަމަކަށްވެސް އެހައި ބޮޑަކަށް ދެރައެއް ނުވަމެވެ. އެއީ އަޅުގަނޑަށް ލިބޭނެ ދަރިފުޅުގެ އިތުރުން މިހާރުވެސް ދުނިޔޭގައި ނުހިނގޭ އެތައް މިލިއަން ކުޑަކުދިން ތިބުމުންނެވެ. 

ތެދެކެވެ. ބަލަހައްޓަން އުނދަގޫވާނެއެވެ. ގެންގުޅެންވެސް އުނދަގޫވާނެއެވެ. ނަމަވެސް އެއީ ﷲ އަޅުގަނޑަށް ކުރިމަތިކުރައްވަވާ ކަމަކަށްވުމުން ކަންބޮޑުވުން ފިލިއެވެ. ކޮންމެ މީހަކަށްވެސް ކުރިމަތިކުރައްވަވާނީ އެމީހަކަށް އުފުލޭނެވަރުގެ ތަކްލީފްތައްކަން ކީރިތި ޤުރްއާނުން އެގެން އޮތުމުންނެވެ. ﷲ އަށް އެންމެ ފުރިހަމަ ގޮތުގައި އިތުބާރުކުރާތީއެވެ. 

ކޮންމެއަކަސް ދުވަސް ފުރައި ވިހަން ހޮސްޕިޓަލަށް ދާންޖެހުނީވެސް އެކަންޏެވެ. ވިހައިގެން ދަރިފުޅު އަތަށް ލިބުނުއިރު ލޯބިލޯބި ފިރިހެން ކުއްޖެކެވެ. އުފަލުން މޫނުގައި ބޮސްދީފައި ފުރަތަމަވެސް ބަލައިލެވުނީ ފަޔަށެވެ. ފައި ހަމަ އޮތީ އެހެން ކުދިންގެވެސް އޮންނާނެ ގޮތަށެވެ. 

ދަރިފުޅަކީ ދުވަހަކުވެސް ނުހިނގޭނެ ކުއްޖެއްކަމަށް ޑޮކްޓަރު ބުނި ދުވަހުން ފެށިގެން އަޅުގަނޑު ދިއައީ ދުޢާކުރަމުންނެވެ! ކޮންމެ ރެއެއްގެ ދަމުނަމާދަށްފަހު ދުޢާކުރަމެވެ. އަދި ވިހައިގެން އޮތްއިރުވެސް، ވިހައި ގަދަވެ ޠޯހިރުވެވުމަށްފަހުގައިވެސް ދަމުނަމާދުކޮށް އައީ ދުޢާކުރަމުންނެވެ. 

ކުއްޖާއަށް ފިރުކެވުނެވެ. މަޑުމަޑުން ކޮޅަށް ހުންނަން ފެށިއެވެ. އަދި ހިނގޭވަރުވުމުން ހިނގަންވެސް ފެށިއެވެ. ހިނގަން ފެށުމުން ޑޮކްޓަރަށް ދައްކަން ދިއައީމެވެ. ކޮޓަރި ތެރެއަށް ދަރިފުޅު ދޫކޮށްލުމުން ހިނގާތަން ފެނުމުން ޑޮކްޓަރަށް އެކަން ޤަބޫލެއް ނުކުރެވުނެވެ. ބަލަން ހުރެހުރެފައި ބުނީ ތިއައީ "މިރެކްލް"އެއް ކަމަށެވެ. 

މިއީ އަޅުގަނޑު ސޯޝަލް މީޑިއާއިން ކިޔާފައިވާ ވާހަކައެކެވެ. މިވާހަކައިން ﷲ އަށް ދުޢާކުރިކަމުގެ ބައި އުނިކޮށްފައި ހުއްޓާވެސް ފެނުނެވެ. ނަމަވެސް މިއީ އަޅުގަނޑަށް ފުރަތަމަ ފެނިފައިވާ ގޮތެވެ. 

އަޅުގަނޑު މިވާހަކަކޮޅު މިއަދުނޫހުގެ ކިޔުންތެރިންނަށް ޙިއްޞާމިކުރަނީ އެންމެ ބޭނުމަކުއެވެ. އެއީ މިފަދަ ކަމެއް ހަމަ އަޅުގަނޑަށްވެސް ދިމާވެފައިވާތީއެވެ. އަޅުގަނޑަށް ލިބުނު 2 ވަނަ ދަރިފުޅުގެ އެތައް ބައިވަރު މައްސަލަތައް ހުންނާނެ ކަމަށާއި ޤަޟާ ޙާޖަތްކުރާނެ ލޯވަޅެއް ޖެހޭނީ އަޅަން ކަމަށްވެސް ޑޮކްޓަރު ބުންޏެވެ. 

ނަމަވެސް ﷲ ގެ ހެޔޮ ރަޙްމަތްފުޅުން އަޅުގަނޑަށް ދެއްވެވި ދަރިފުޅުގެ އެފަދަ އެއްވެސް ކަމެއް ނެތެވެ. އަޅުގަނޑު މިބުނަނީ ޑޮކްޓަރުން ބުނާ ބަސް އެއްގޮތަކަށްވެސް ޤަބޫލުނުކުރުމަކަށް ނޫނެވެ. ވަކިމިންވަރަކަށް ޤަބޫލުކުރުމަށެވެ. ސަބަބަކީ ޑޮކްޓަރުންނަށްވެސް ނޭނގޭނެ ކަންތައްތަކެއް ހުންނާނެތީއެވެ. އަދި ދުޢާކުރުމުން ކަންކަން ބަދަލުކޮށްދެއްވަވާނެ ގޮތްވެސް ނުއެނގޭނެތީއެވެ. 

ފަހަރެއްގައި ޑޮކްޓަރުން އެބުނަނީ އެމީހުންނަށް އެވަގުތު އެނގޭ ގޮތަށްކަމަށްވެދާނެއެވެ. އެމީހުންވެސް އެނގިތިބެ ދޮގެއް ނުހަދާނެއެވެ. ނަމަވެސް ދުޢާކުރުމުން ﷲ ޙާލަތު ބަދަލުކޮށްދެއްވަވާނެކަން އަބަދުވެސް ޔަޤީންކުރަންވާނެއެވެ. ވީމާ ދަރިން ވައްޓާލުން ފަދަ ކަންކަން ކުރަން ހެޔޮނުވާނެއެވެ! 

މިއީ އަޅުގަނޑުގެ ތަޖުރިބާ އާއި އަޅުގަނޑުގެ ވިސްނުމެވެ. ހަމަ ޤައިމުވެސް ކިތަންމެ ބައިވަރު ޑޮކްތަރުން ބުނި ނަމަވެސް އަޅުގަނޑު ދަރިއަކު ވައްޓައެއް ނުލާނަމެވެ! އިން ޝާ ﷲ 

- ސިތާރާ ޔޫސުފް / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން