ޙަޤީޤީ ޙާދިސާ: އެދޭއިރަށް ދަރިން ނުލިބިގެން ދެރަ ނުވާށެވެ! އެއީ ރަޙްމަތެއްކަން ތަޖުރިބާކޮށްފީމެވެ!: ޝާމިލާ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 23ސ
ޙަޤީޤީ ޙާދިސާ: އެދޭއިރަށް ދަރިން ނުލިބިގެން ދެރަ ނުވާށެވެ! އެއީ ރަޙްމަތެއްކަން ތަޖުރިބާކޮށްފީމެވެ!: ޝާމިލާ

އަޅުގަނޑު ފުރަތަމަ ކައިވެނިކުރީ އުމުރުން 20 އަހަރުގައެވެ. 3 އަހަރުވީއިރުވެސް ދަރިއަކު ނުލިބުމުން ދަރިއަކު ހޯދަން ވަރަށް ގިނަ މަސައްކަތްކުރެވުނެވެ. ނަމަވެސް އެކަން އޮތީ ކާމިޔާބު ނުކުރެވިފައެވެ. ﷲ ދަރިއަކު ނުދެއްވެވުމުންނެވެ. 

ފިރިމީހާ ޒުވާން އަންހެންކުއްޖަކާއި ލޯބީގެ ގޮތުން ގުޅުމަށްފަހު އަޅުގަނޑު ދޫކޮށްލީ ޢުމުރުން 30 އަހަރުގައެވެ. ކައިވެންޏަށް 10 އަހަރުގައެވެ. ދޫކޮށްލިއިރު ސަބަބެއްކަމަށް ބުނީ އަޅުގަނޑަށް ދަރިއަކު ނުލިބުމެވެ. ދަރިން ދެކެ ލޯބިވާތީ ދަރިން ހޯދަން ބޭނުންވާ ކަމެވެ. 

ކޮންމެއަކަސް 6 އަހަކަ މަސްދުވަސްފަހުން އަޅުގަނޑު ދެވަނަ ކައިވެނިކުރީމެވެ. ކައިވެންޏަށް 5 އަހަރުފުރުނުއިރު 3 ދަރިންވަނީ ލިބިފައެވެ. އަޅުގަނޑު ދޫކޮށްލިތާ 10 ވަރަކަށް ދުވަހުގެ ފުރަތަމަ ފިރިމީހާ ވެސް ކައިވެނިކުރިއެވެ. އެކައިވެންޏަށް 7 އަހަރުވީއިރު 4 ދަރިން ލިބުނެވެ. 

ދެން މިދަންނަވަނީ އެންމެ މުހިންމު ވާހަކައެވެ. އޭނާ ކައިވެނިކުރީ އަޅުގަނޑުގެ ތިމާގެވެސް ކުއްޖަކާއިއެވެ. އެންމެ ހަގު ދަރިފުޅަށް އަހަރުވެސް ނުވަނީސް ވަރިކޮށްލައި ގެއިން ބޭރުކޮށްލައިފިއެވެ. އަދި އޭނާއަކީ ކުދިންނަށް އެހީވީވެސް ވަރަށް ކުޑަ މިންވަރަކުންނެވެ. މައިމީހާއަސް ދަރިންކޮޅު ގޮވައިގެން އުޅެންޖެހުނީ ވަރަށް ނިކަމެތި ޙާލުގައެވެ. 

އޭނާ ފުރަތަމަ އަނބިމީހާ (އަޅުގަނޑު) ދޫކޮށްލީ ދަރިން ނުލިބޭތީއެވެ. ދެވަނަ އަނބީމީހާ ދޫކޮށްލައި ނިކަމެތިކޮށްލީ ދަރިން ލިބުނީތީއެވެ. އަޅުގަނޑަށް ލިބުނު ދެވަނަ ފިރިމީހާއަކީ އިންތިހާއަށް ދަރިން ދެކެ ލޯބިވާ ފިރިއެކެވެ. ދަރިންގެ މަންމަގެ އަގު ފުރިހަމައަށް ވަޒަންކުރެއެވެ. ދަރިން ބެލުމުގައި އެހީތެރިވެދެއެވެ. 

މިއީ އަޅުގަނޑުގެ ޙަޔާތުގައި ކަންކަން ތަޖުރިބާކުރެވުނު ގޮތެވެ. ވީމާ އަޅުގަނޑަށް ޤަބޫލުކުރެވެނީ އަޅުގަނޑުގެ ފުރަތަމަ ކައިވެނީގައި އަޅުގަނޑަށް ދަރިން ނުލިބުނީ ލިބިއްޖެނަމަ ވަރިކުރުމުން އަޅުގަނޑަށް ލިބޭނެ ބޮޑު ނިކަމެތިކަމުން ސަލާމަތްކަން ލިބުމަށް ކަމަށެވެ. އަދި އެއީ ﷲ ގެ ރަޙްމަތްފުޅު ކަމަށެވެ. 

- ޝާމިލާ އަޙްމަދު / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން