ޙަޤީޤީ ޙާދިސާ: ޢާއިލާގެ އެންމެންގެ އަތުގަ ހިފައިގެން ސުވަރުގެ ވަންނަން މަސައްކަތްކުރަނީ އުފަންވިއަނުދީ ވައްޓާލަން އެންމެން ބޭނުންވި ދަރިފުޅު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 13ސ
ޙަޤީޤީ ޙާދިސާ: ޢާއިލާގެ އެންމެންގެ އަތުގަ ހިފައިގެން ސުވަރުގެ ވަންނަން މަސައްކަތްކުރަނީ އުފަންވިއަނުދީ ވައްޓާލަން އެންމެން ބޭނުންވި ދަރިފުޅު!

މިވާހަކައަކީ ޢާއިލާގެ ސިއްރެކެވެ. ނަމަވެސް ޢިބްރަތުން ފުރިގެންވާ ވާހަކައެކެވެ. މިވާހަކަ ސިއްރުކޮށްފައި ބޭއްވުމަށްވުރެ ހާމަކުރުމުން ކުރާނެ ފައިދާ ބޮޑުވާނެކަމަށް ޔަޤީންކުރެވުނީ މިއަދުނޫހުން ކުރިއަށް ގެންދާ ޙަޤީޤީ ވާހަކަ ސިލްސިލާގައި ދާދިފަހުން ދެ ކިޔުންތެރިއަކު ހާމަކުރި ވާހަކަތަކާއި ގުޅިގެންނެވެ. 

ވިސްނުންތެރިކަމާއިއެކު ވިދާޅުވާށެވެ!

އެއީ އަޅުގަނޑުމެންގެ 5 ވަނަ ދަރިފުޅެވެ. އަޅުގަނޑަކީ އެއިގެ ކުރީ 4 ދަރިންވެސް އަހަރު ދެކޮޅުހެން ވިހެއި އަންހެނަކީމެވެ. އެކަމުގެ ސަބަބުން އަޅުގަނޑުގެ ޞިއްހަތަށް ނުރަގަޅު އަސަރުތަކެއް ކޮށްފައިވާކަމަށް ޑޮކްޓަރުން ބުނެއެވެ. ނަމަވެސް އެކަން އަޅުގަނޑަކަށް ނުއެނގެއެވެ. 2 ކުދިން ލިބުމަށްފަހު 4 ކުދިން ހަމަވުމުން 2 ކުދިން ބަލަން ކުރަންޖެހުނު މަސައްކަތް 2 ގުނައަށް ބޮޑުވިނަމަވެސް އެކަމުގެ އިޙްޞާޞްތަކެއްވެސް އަޅުގަނޑަކަށް ނުކުރެއެވެ. މިދަންނަވަނީ މަސައްކަތް ބުރަނުވާ ވާހަކައެއް ނޫނެވެ. ނަމަވެސް އެކަން އިޙްޞާޞްވެ ކަންކަން ނުކުރެވި ބުރަ ބޮޑުވެގެން އުޅެން ނުޖެހޭ ވާހަކައެވެ. 

ކޮންމެއަކަސް 5 ވަނަ ދަރިފުޅަށް ބަލިވެއިނީ 2 އަހަރުގެ މެދުކެނޑުމަކަށްފަހުގައެވެ. ޢާއިލާގެ ވަކިމީހެއް ކިޔާނެ ކަމެއް ނެތެވެ. ހަމަ އެންމެންވެސް ބޭނުންވީ އަވަހަށް ދަރިފުޅު ވައްޓާލުމަށެވެ. އެއީ ދުނިޔަވީ ގޮތުން ކަންކަންކަމުގައި މިންއެޅުމުން އަންނަ ގޮތުންނެވެ. ނަމަވެސް އަޅުގަނޑަކީ އެއްވެސް އިރެއްގައި ދުނިޔަވީ ގޮތުން ކަންކަމުގައި މިންއަޅާ އަންހެނަކީމެއް ނޫނެވެ. އެހެންވެ ބޭނުންވީ އިސްތިޚާރާކުރާށެވެ. 

އިސްތިޚާރާ ކުރަން ހިތުލައިގެން ނިދިރޭ ހޭލެވުނީ ބިރުން ތުޅުއަޅާ ޙާލުގައެވެ. ހުވަފެނުގައި ފެނުނީ ބައަކު އަޅުގަނޑުގެ ބަނޑުގައި ވާޖަހައިގެން ބޮޑު އަލިފާންގަނޑަކާއިދިމާއަށް ދަމާތަނެވެ. އެހިސާބުން އިސްތިޚާރާ ކުރުމުގެ ވިސްނުންވެސް ދޫކޮށްލީއެވެ. ﷲ ތަޢާލާއަށް ވަކީލްކޮށް ވިހަން ނިންމީއެވެ. 

އެދަރިފުޅުގެ މިހާރުގެ ޢުމުރަކީ 33 އަހަރެވެ. އަދިވެސް އެގެންދަނީ ދީނީ ޢިލްމް ޙާޞިލްކުރަމުންނެވެ. ޢާއިލާގެ އެންމެންނަށް ހެޔޮ ޢަމަލުކުރަން އިންތިހާއަށް ބާރުއަޅައެވެ. ނަމާދުކުރަން ކެނޑިނޭޅި ނަޞޭޙަތްތެރިވެއެވެ. ދަރިފުޅު އުޅޭ ގޮތް ފެނުނު މީހަކު ބުނާނީ އޭނާ އެ މަސައްކަތްކުރަނީ ޢާއިލާގެ އެންމެން ގޮވައިގެން ސުވަރުގެ ވަނުމަށް ކަމަށެވެ. އެހައިވެސް އެ މަސައްކަތުގައި އޭނާހުރީ ކުރީގައެވެ. 

އަޅުގަނޑަށް ލިބިފައިވާ 7 ދަރިންނާއިމެދުގައިވެސް ފަޚުރުވެރިވަމެވެ. ނަމަވެސް އަޅުގަނޑުމެން ދެމަފިރިންގެ އިތުރުން އޭނާގެ އެހެން އަޚުންނާއި އުޚުތުންނާއި އެކުދިންގެ ދަރިންވެސް ގޮވައިގެން ސުވަރުގެ ވަންނަން މަސައްކަތްކުރާ ދަރިއަކާއިމެދު އިތުރަށް ފަޚުރުވެރިވެވޭނެ ނޫންތޯއެވެ؟ 

މިއަދުނޫހުގެ ކިޔުންތެރިންނޭވެ! އަޅުގަނޑު ހަމަ ކުޑަކުޑަ މިސާލެއް ބުނެފާނަމެވެ. އަޅުގަނޑުގެ ބައްޕަމެން ބުނެއެވެ. "ބަތްތަށިން ފުކެއްވެސް ބާކީކޮށް އިސްރާފް ނުކުރާށެވެ. ބަރަކާތްވަނީ އެފުކުގައިކަމަށްވެދާނެއެވެ." އަޅުގަނޑަށް ދަރިން ހޯދުމުގައިވެސް ކުރެވިފައިމިވަނީ ހަމަ އެ ތަޖުރިބާއެވެ. 

ވީމާ ތިއަބޭފުޅުންވެސް މިފަދަ ކަންކަމަށް ވިސްނަވައިލެއްވުން ރަނގަޅުކަމަށް ދެކެމެވެ. 

- ސޮފިއްޔާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން