ޙަޤީޤީ ޙާދިސާ: ބަނޑަށް ހަތަރު މަހުގަ މަގުމައްޗަށް އެއްލައިލި އަންހެނަކު ޙައްޤުގަ ސާބިތުވުމުން ހަމަ އެދުވަހުން ފެށިގެން ލިބުނު ބޮޑު ނިޢުމަތުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 51ސ
ޙަޤީޤީ ޙާދިސާ: ބަނޑަށް ހަތަރު މަހުގަ މަގުމައްޗަށް އެއްލައިލި އަންހެނަކު ޙައްޤުގަ ސާބިތުވުމުން ހަމަ އެދުވަހުން ފެށިގެން ލިބުނު ބޮޑު ނިޢުމަތުގެ ވާހަކަ-

އަޅުގަނޑަކީ ރާއްޖެތެރެއަށް ނިޞްބަތްވާ ވަރަށް ނިކަމެތި އަންހެނަކީމެވެ. ނިކަމެތި ކަމަށް މިދެންނެވީ މައިންބަފައިން ނިޔާވެ އަދި ޢާއިލާގައިވެސް އަޅުގަނޑަށް އެހީތެރިވެވޭނެ ފެންވަރުގެ ތަނަވަސްކަންހުރި އަޚަކު ނެތުމުންނެވެ. 

އަޅުގަނޑުގެ ފިރިމީހާ އަޅުގަނޑު ދޫކޮށްލީ ބަނޑަށް 4 މަހުގައެވެ. ގެއިން ބޭރުކޮށްލީ އެންމެ ކުޑަމިނުން އެދުވަހުވެސް ކައިބޮއިހަދައިލެވޭނެ މިންވަރުވެސް ނުދީއެވެ. ދާނެ ތަނެއް ނުވިސްނުނެވެ. މަގުމަތީގައި އިރުކޮޅަކު ހުރުމަށްފަހު ހިނގައިގަތީ ހާބަރަށެވެ. އެއީ ފިރިމީހާ އާއިއެކު ކުރިން އެތަނަށް ގޮސް އުޅުނު ދުވަސްވަރުގައި އެތަނުގެ ކަޑަތަކުގައި އަންހެންކުދިން ދުވަހު މުސާރައަށް މަސައްކަތްކުރާތަން ފެނިފައިވާތީއެވެ. (މިހާރު އެހުރި ފެންވަރަށް ހެދުމުގެ ކުރިން ކަޑަތައް ހުރި ދުވަސްވަރު) 

އަޅުގަނޑު ކަނޑައަކަށް ގޮސް ވަޒީފާއަކަށް އެދުނީމެވެ. އެމީހުން ވަގުތުން ވަޒީފާދިނުމުން އަތުގައި ހުރި ކުޑަ ފޮށި އެއްފަރާތެއްގައި ބެހެއްޓުމަށްފަހު މަސައްކަތް ފެށީމެވެ. މަސައްކަތް ނިމުނީ ދަންވަރު 1 ޖެހިއިރުއެވެ. 

އަޅުގަނޑު ވަޒީފާ ހޯދަން ދިއައިރު އެތަނުގައި އިން ކަސްޓަމަރަކު ނިމުނު ގަޑީގައިވެސް އެތަނުގައި އިނެވެ. އަޅުގަނޑު ވަޒީފާ ހޯދަން ދެއްކި ވާހަކަ އޭނާއަށް އަޑު އިވޭނެއެވެ. މަސައްކަތް ނިމުމުން ދާނެ ވަކިތަނެއް ނެތުމުން ގޮނޑިއެއްގައި އިށީނދެލިވަގުތު އޭނާ އަޅުގަނޑަށް ގޮވާލިއެވެ. ކައިރިއަސް ދިއުމުން ބުންޏެވެ. "ތިއައީ ކޮން ކުއްޖެއްކަމެއްވެސް ނޭނގެއެވެ. އަދި އަހަރެންމިއީ ކާކުކަމެއްވެސް ނުއެނގޭނެއެވެ. މާބަނޑު އަންހެންކުއްޖަކު ތިއަ ޙާލުގައި ޖެހިފައި ހުރުމުން މިއައީ ވާހަކައެއް ބުނާށެވެ. އަހރެމެންގެ ގެއަށް ދާން ދައުވަތުދޭށެވެ. ގޭގައި އުޅެނީ މަންމަ ޢާއި ބައްޕަ އާއި ކޮއްކޮގެ ދެމަފިރިންނާއި ދަރިފުޅެވެ. ހުންނާނެ ކޮޓަރިއެއް ދޭނަމެވެ. މަންމަމެންގެ ކަންކަން ވީވަރަކުން ކޮށްލައިދިނީމާ ނިމުނީއެވެ. ކިތަންމެ ދުވަހަކު ހުރިނަމަވެސް ބަލަހައްޓާނަމެވެ. ބޭރު މީހަކަށް ދޭ މުސާރަވެސް ދޭނަމެވެ." 

ރުހުން ނޫން އެއްވެސް ގޮތެއް ނެތުމުން ހިނގައިގަތީމެވެ. އޭނާ އާއިއެކު އެގެއަށް ދިއައިމެވެ. އޭނާވީ ވައުދު އޭނާ ފުއްދިއެވެ. އަޅުގަނޑުވެސް އަޅުގަނޑަށް ދެއްވެވި ނިޢްމަތަށް ޝުކުރުވެރިވެ ވީހާ ރަނގަޅަކަށް ކަންކަން ކުރީމެވެ. 

ބަލިވެ އިނުމުން ޑޮކްޓަރަށް ދައްކަންޖެހޭތީ ޑޮކްޓަރަށް ދައްކައިދިނުމާއި ވިހެއުމުގެ ކަންކަން ވެސް އެމީހުން ބަލަހައްޓައިދިނެވެ. އަޅުގަނޑުގެ ދަރިފުޅަށް ބައްޕައަކު ފަދައިން އޭނާ ޚިދުމަތްކުރިއެވެ. ބޮޑުވަމުން އައިއިރު އެކުގައި ކުޅެންވެސް އުޅުނެވެ. ހަވީރު ގޮވައިގެން ދުއްވާލަންވެސް ގޮސްދެއެވެ. 

ދަރިފުޅަށް 4 އަހަރުގައި ދަރިފުޅުގެ ބައްޕަ އައިސް އެދުނީ އޭނާއަށް މާފުކުރުމަށެވެ. އަދި އަޅުގަނޑާއި އަލުން ކައިވެނިކޮށްގެން އުޅެން ބޭނުންވާ ކަމަށެވެ. ދަރިފުޅަށް އެންމެ ފައިދާކުރާނެ ގޮތަކީ އެއީ ކަމަށްވާތީ އެކަމަށް ރުހުނީމެވެ. އެމީހުންގެ ރުހުމާއިއެކު އެގެއިން ނުކުތީމެވެ. އެންމެ ފަހު ވަގުތު ވަރަށް އަސަރުކޮށްފައި ހުރެގެން އޭނާ ވަރަށް މަޑުމަޑުން އަޅުގަނޑު ގާތު ބުންޏެވެ. "އިންތިޒާރުކުރާނަމެވެ. ކިތަންމެ ދުވަހެއްފަހުން އެނބުރި އަންނަން ޖެހުނު ނަމަވެސް އަންނާށެވެ! އުފަލުން މަރުޙަބާކިޔާނަމެވެ. އަދި އެއިގެ ކުރިންވެސް މިގެއަށް އައިސް އުޅޭށެވެ. ދަރިފުޅާއި އަހަރެމެންގެ ގުޅުން ކަނޑައިނުލާށެވެ! ދެމައިން ދެކެ ވަރަށް ބޮޑަށް ލޯބިވެވިއްޖެއެވެ." 

އެއީ އޭނާ އެޒާތުގެ ބަހެއްވެސް ބުނި ފުރަތަމަ ފަހަރެވެ. އަޅުގަނޑުގެ ހިތުގައި އޭނާގެ މައްޗަށް އޮތީ އިންސާނަކަށްވުރެވެސް މާމަތީ ދަރަޖައެކެވެ. 

ފިރިމީހާ އާއިއެކު ދިރިއުޅެވުނީ 8 އަހަރުއެވެ. ދެވަނަ ފަހަރަށް ވަރިކޮށްލައިފިއެވެ. ވަރިކުރީ ކޮން ކުށެއްކަން އެނގޭނީވެސް ހަމަ އޭނާއަށެވެ. ވަރިކުރުމަށްފަހު ގެއިން ނެރެލީ ދަރިފުޅާއިވެސް އެކުގައެވެ. ވަަރށް ލަދުން ހުރެނަމަވެސް އޭނާއަށް ގުޅުމުން ބުނީ މަގުމަތީގައި މަޑުކުރުމަށެވެ. އެހެން ބުނުމަސްފަހު ވަގުތުން ކާރެއްގައި އައިސް އޭނާ އަޅުގަނޑުމެން ދެމައިން ގެއަށް ގެންދިއައެވެ. ހަމަކުރިން އުޅުނު ގޮތަށް އުޅެން ފުރުޞަތު ދިނެވެ. 

ޢިއްދަ ހަމަވުމުން އަޅުގަނޑު އަމިއްލައަށް އިސްނަގައި "އަޅުގަނޑާ ކައިވެނިކޮށްފާނަންތޯ؟" އެހީމެވެ. އޭނާ އަޅުގަނޑަށްވުރެ ޢުމުރުން 10 އަހަރު ދޮށްޓެވެ. އަޅުގަނޑު ބެލީ ޢުމުރަކަށް ނޫނެވެ. އޭނާގެ އިޙްޞާންތެރިކަމަށެވެ. އޭނާގެ ޖަވާބަކަށްވީ "ތިއައީ އަހުރެން އެންމެ ބޭނުން ކަންތަކެވެ. ކައިވެނިނުކޮށް މިހާދުވަހު އިންތިޒާރު މިކުރީވެސް ހަމަ އެނބުރި އަންނަން ޖެހިދާނެ ކަމުގެ އުންމީދުގައެވެ. އެހެން އަނހެނަކާއި ކައިވެނި ކުރާހިތް ހަމަ ނުވީއެވެ." 

މިއީ މިފަދަ މޭރުމަކުން ދެމީހުންގެ ދެމެދުގައި ދެކެވުނު ފުރަތަމަ ވާހަކައެވެ. ކައިވެނިކުރީއެވެ. ދެ ދަރިންވެސް ލިބިއްޖެއެވެ. އަޅުގަނޑު ބުނާނީ އޭނާއަކީ ހަމަ ލިބުނު އަގުބޮޑު ޖަވާހިރެއް ކަމަށެވެ. 

އަޅުގަނޑުގެ ޙަޔާތާއިމެދު އަޅުގަނޑު ބުނާނެ އެއްވާހަކައަކީ ކިތަންމެ ބޮޑަށް ނިކަމެތިކޮށްލި ނަމަވެސް ޙަލާލު ގޮތުގަ ކުރިއަށްދާން މަސައްކަތްކުރާ ކޮންމެ އަންހެނަކަށްވެސް ޙަލާލު ގޮތުގަ ކުރިއަށްދާން ފުރުޞަތު ފަހިކޮށްދެއްވަވާނެކަން އަޅުގަނޑު ތަޖުރިބާކޮށްފީމެވެ. 

ދެވަނައަށް ބުނެލަން ބޭނުމީ ރީތިކަމާއި ޒުވާން ކަމަށް ބެލުމުގެ ބަދަލުގައި ދީންވެރިކަމަށާއި ތަޤްވާވެރިކަމަށް ބެލުމުން ކުރާނެ ފައިދާ މާބޮޑުކަންވެސް އަޅުގަނޑު ތަޖުރިބާކޮށްފީމެވެ. 

މިއަދުނޫހުގެ ކިޔުންތެރިން ބޭނުންވާ ޢިބްރަތެއް ޙާޞިލްކުރާށެވެ! 

- ޙަލީމާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން