ޙަޤީޤީ ޙާދިސާ: ﷲ އަށްޓަކާ ނިކަމެތި ޙާލުގަ ތިބި ޢާއިލާއަކަށް ބޯހިޔާވަހިކަން ދިނުމުން ދުނިޔޭގަ ބޭނުންވާނެ ހުރިހާ ނިޢްމަތެއް ލިބުނު މީހެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 44ސ
ޙަޤީޤީ ޙާދިސާ: ﷲ އަށްޓަކާ ނިކަމެތި ޙާލުގަ ތިބި ޢާއިލާއަކަށް ބޯހިޔާވަހިކަން ދިނުމުން ދުނިޔޭގަ ބޭނުންވާނެ ހުރިހާ ނިޢްމަތެއް ލިބުނު މީހެއްގެ ވާހަކަ-

އަޅުގަނޑު މާލެއިން ގެއެއް ގަތީމެވެ. މީހަކު މެދުވެރިވެގެން ގަންނަން ލިބުނީ މާލޭގެ ބިމާ ޢިމާރާތް ކުރުމުގެ އަގަށް ބަލާއިރު ވަރަށް ހެޔޮ އަގެއްގައެވެ. އެކަމާއިމެދު ހުރެވުނީވެސް ކަންބޮޑުވުމެއްގައެވެ. 

އެގޭގައި ދިރިއުޅެން ފެށުމުން ވެސް ހިތްހަމަޖެހުމެއް ނުލިބުނެވެ. ކޮންމެރެއަކުވެސް ތަފާތު ހުވަފެންތައް ފެނެއެވެ. އެހެންވެ އެކަމުގައި މެދުވެރިވި މީހާ އާއި ސުވާލުކުރުމުން އޭނާ ކިޔައިދިނެވެ. "ގެވިއްކައިލީ ގޭގެ ވެރި މީހާއަށް ދަރަންޏަކުން ސަލާމަތްނުވެވިގެން ދެން ހަދާނެ އެއްވެސް ގޮތެއް ނެތިގެންނެވެ. ރިބާ މައްޗަށް ރިބާއަރަމުން ގޮސް ސަލާމަތް ނުވެވޭނެ ހިސާބަށް ދިއުމުންނެވެ. އަގުހެޔޮކުރީ އެއްފަހަރާ ފައިސާކޮޅު ލިބޭތީއެވެ. އަދި މިހާރު އޭނާ އާއި ޢާއިލާ ދިރިއުޅެމުން ދަނީ ވަރަށް ދަތިޙާލުގައި ކުޑަ ކޮޓަރިއެއްގައެވެ. ދަރަނި އަދާކޮށްފައި ބާކީ އެއްވެސް ފައިސާއެއް ނެތެވެ." 

މިވާހަކަތައްވީ އަޑުއަހަން ވަރަށް އުނދަގޫވި ވާހަކަތަކަކަށެވެ. އެހެންކަމުން ވަރަށް ބޮޑަށް ވިސްނާފައި ގޭގެ 4 ފަންގިފިލާއިން އެއް ފަންގިފިލާ އެމީހުން ދިރިއުޅެން ދިނީމެވެ. އެއްވެސް ކުއްޔެއްވެސް ނެތި ހަމައެކަނި ﷲ ތަޢާލާއަށްޓަކައެވެ. 

ދެން މިކިޔައިދެނީ އެކަމުން ލިބުނު ބޮޑު ރަޙްމަތެވެ. އަޅުގަނޑަކީ މައިންބަފައިން ނިޔާވެފައިހުރި އެކަނިވެރިއަކީމެވެ. އެދެމަފިރިން ބަދަލުވީ އަޅުގަނޑަށް ވަރަށް ހެޔޮ މައިންބަފައިންނަށެވެ. އެދެމަފިރންގެ ބޮޑުވެފައިތިބި 2 ދަރިންނަށް ވަޒީފާ ދިނުމުން އެކުދިންވީ ވަރަށް އިޚްލާޞްތެރި މުވައްޒިފުންނަށެވެ. 3 ވަނައަށްހުރި ދަރިފުޅާއި އަޅުގަނޑު ކައިވެނިކުރީއެވެ. ހަމައެކަނި އެންމެ ބޭނުމަކުއެވެ. އެމީހުން ގެއިން ނުނެރެ ގެންގުޅެވޭނެ ގޮތަކީ އެއީ ކަމަށްވާތީއެވެ. 

އެކަމުގެ ނަތީޖާ ބުނަންވެސް އުނދަގުލެވެ. މިއަދު އެއީ އަޅުގަނޑުގެ 7 ދަރިންގެ މަންމައެވެ. ތެދުވެރިކަމާ ވަފާތެރިކަމާ ގެވެށި ދިރިއުޅުމުގައި އަދި އަޅުގަނޑަށް ލޯބި ދިނުމުގައި މެޑެލްގެމައްޗަށް މެޑެލް ޙައްޤު އަންތބެކެވެ. އެއާއިލާ ގެއަށް ގެނައިފަހުން އަޅުގަނޑަށް ވިޔަފާރީގައި ވަނީ ބޮޑުކުރިއެރުމެއް ލިބިފައެވެ. 

މިއަދުނޫހުގެ ކިޔުންތެރިންނަށް ދަންނަވާލަން އޮތީ ނިކަމެތި ޙާލުގަ ތިބިބައަކަށް އެހީތެރިވުމުގެ ފައިދާ އަޅުގަނޑަށް ކިތަންމެ ރަނގަޅަކަށްވެސް ކޮށްފިއެވެ. އެހެން މީހުންނަށް އެހީތެރިވުން ކުރިއަށް ނެރޭނަމަ އެކަމުގެ ފައިދާ ދެދުނިޔޭގައިވެސް ފެންނާނެކަން މިވަނީ ކިތަންމެ ރަނގަޅަކަށްވެސް ތަޖުރިބާ ކުރެވިފައެވެ. އިން ޝާ ﷲ

- އިބްރާހީމް އަޙްމަދު / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން