ޙަޤީޤީ ޙާދިސާ: ތަނަވަސް މީހަކާ ކައިވެނި ކުރަން ފުރުޞަތު ލިބުމުން ކައިވެނިނުކޮށް އޭނާގެ ބަލި އަނބިމީހާއަށް އެހީތެރިވުމުން މާ އުފާވެރި ދިރިއުޅުމެއް ލިބުނު އަންހެނެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 26ސ
ޙަޤީޤީ ޙާދިސާ: ތަނަވަސް މީހަކާ ކައިވެނި ކުރަން ފުރުޞަތު ލިބުމުން ކައިވެނިނުކޮށް އޭނާގެ ބަލި އަނބިމީހާއަށް އެހީތެރިވުމުން މާ އުފާވެރި ދިރިއުޅުމެއް ލިބުނު އަންހެނެއްގެ ވާހަކަ-

އަޅުގަނޑާއި އޭނާ އާއި ބައްދަލުވީ ފޭސްބުކުންނެވެ. ދެމީހުން ވާހަކަދައްކަމުން ގޮސް ވަރަށް ގާތް ގުޅުމެއް އުފެދުނެވެ. އެގުޅުމުގެ ތެރެއިން އޭނާ އަޅުގަނޑަށް ހުށަހެޅީ އޭނާ އާއި ދެ އަންތބަށް ކައިވެނިކުރުމަށެވެ. އޭނާ ބުނީ އޭނާގެ އަނބިމީހާ ބަލިޙާލުގައި އެނދުގައި އޮންނަތާ ވަރަށް ގިނަ ދުވަސްވެއްޖެ ކަމަށާއި އޭނާއަށް އިތުރު އަންތބަކު ބޭނުންވާ ކަމަށެވެ. 

އޭނާއަކީ ވަރަށް ތަނަވަސް މީހެކެވެ. އަމިއްލަ ގެދޮރާއި އަމިއްލް ވިޔަފާރި އޮތް މީހެކެވެ. އަޅުގަނޑަށްވުރެ ދޮށީ 10 އަހަރެވެ. ވީމާ ޢުމުރުގެ ގޮތުން އެއީ މާބޮޑު މައްސަލައެއް ކަމަކަށް ނުދެކެމެވެ. ނަމަވެސް އަޅުގަނޑަށް މައްސަލައަކަށްްވީ ބަލިޙާލުގައި އޮތް އޭނާގެ އަނބިމީހާއެވެ. އޭނާއަށް ކުރެވޭނެ ކަމެއް ނެތުމުން ބަހެއް ނުބުނި ނަމަވެސް ހިތަށް ކުރާނެ އަސަރު އަޅުގަނޑަށް އިޙްޞާޞްކުރިއެވެ. 

އަޅުގަޑަކީ ވަރަށް އެކަނިވެރި އަނހެނަކީމެވެ. ދިރިއުޅެމުން އައީ ވަރަށް ނިކަމެތި ގޮތަކަށް ކުޑަކުޑަ ކޮޓަރިއެއް ކުއްޔަށް ހިފައިގެންނެވެ. އަޅުގަނޑަކީ ނަރުހެކެވެ. އެހެންވެ ހުރީ ބައިވެރިއަކަށް އިންތިހާއަށް ބޭނުންވެސް ވެފައެވެ. ނަމަވެސް އަޅުގަނޑު ހުށަހެޅީ އަނބިމީހާއަށް ޚިދުމަތްކުރުމުގެ ފުރުޞަތެއް ދިނުމަށެވެ. އެކަމުގެ ތެރެއިން އަނބިމީހާ އާއި ގުޅުން އުފައްދައި އޭނާގެ ހިތަށް އަސަރުކުރުން ކުޑަވާނެ ގޮތަށް ކައިވެނިކުރުމަށެވެ. އަޅުގަނޑަކީ ފިރިމީހާ ޖަހައިގަންނާނެ އަންހެނެއް ނޫންކަމުގެ ޔަޤީންކަންދީ އޭނާ ވެސް ރުއްސައިގެން ކައިވެނިކުރުމަށެވެ. 

އޭނާ އެފުރުޞަތު އަޅުގަނޑަށް ދިނެވެ. ވަޒީފާއެއްގެ ގޮތުގައެވެ. އަޅުގަނޑު ވަޒީފާ އަދާކުރަންފެށީމެވެ. އަޅުގަނޑަށް ވެވުނުހައި ރަނގަޅަކަށް ޚިދުމަތްކުރީމެވެ. އަޅުގަނޑު ސަމާލުކަން ދިނީ އޭނާގެ ފިރިމީހާ އާއި ކައިވެނިކުރުމަކަށް ނޫނެވެ. ބަލި އަންހެނަކަށް ވީހައި ފުރިހަމައަށް ޚިދުމަތްކުރުމަށެވެ. 

ދެން މިކިޔައިދެނީ އެގޮތަށް ކަންކަން ކުރުމުން އަޅުގަނޑަށް ލެއްވެވި ރަޙްމަތެވެ. އޭނާގެ ހަގު ކޮއްކޮ އަޅުގަނޑަށް ސަމާލުކަންދޭން ފެށީއެވެ. އެންމެފަހުން ކައިވެނިކުރަންވެސް ހުށަހެޅީއެވެ. ކޮއްކޮ މާ ރީއްޗެވެ. މާހިތްވެސް ހެވެވެ. ނަމަވެސް އަޅުގަނޑު ބުނީ އަޅުގަނޑަށް ވަޒީފާދިން ބޭބެގެ ގާތުގައި އަހައި ރުހުން ދީފިނަމަ ކައިވެނިކޮށްފާނަން ކަމަށެވެ. އެއީ އޭނާގެ ބޭބެ އާއި ލޯބީގެ ގޮތުން އެއްވެސް ގުޅުމެއް ހިންގިފައި ނުވިނަމަވެސް ދެމީހުންގެ މެދުގައި ވާހަކަތަކެއް ދެކެވިފައި އޮތުމުން އެކަމަށް އިޙްތިރާމްކުރުމުގެ ގޮތުންނެވެ. 

ކޮއްކޮ އެދުމުން ބޭބެ އެކަމަށް ރުހުނެވެ. އެއްވެސް ޝަކުވާއެއްވެސް ނުކުރެއެވެ. އަޅުގަނޑާއިމެދު ނުރުހުމުގެ ބަހެއްވެސް ނުބުނެއެވެ. އަޅުގަނޑު ގާތު ބުނިހައިވެސް ބަހަކީ "ތިއަ މެދުވެރިވީ މާރަނގަޅު ގޮތެއްނު! އެކަމަކު އަނބިމީހާ ބަލަހައްޓައިދޭތި!" އެވެ. 

ދެން ދަންނަވާލަން އޮތީ ނަތީޖާއެވެ. އަޅުގަނޑުމެންނަށް ކައިވެނިކުރެވުނީ 6 މަސް ފަހުންނެވެ. ކައިވެނީގެ ހަފްލާއަށް "ބޭބެ" އަނބިމީހާ ގޮވައިގެން އައީ 2 އަހަރުވަންދެން ތަންމަތީގައި ބަލި ޙާލުގައި އޮތް އަނބިމީހާ އާއިއެކު ދެމީހުންވެސް ހިނގާފައެވެ. ކެނޑިނޭޅި އަޅުގަނޑު ކުރި މަސައްކަތުގަ ﷲ ރަޙްމަތް ލެއްވެވީއެވެ. 

މިއަދުނޫހުގެ ކިޔުންތެރިންނަށް ދަންނަވާލަން އޮތީ ވަރަށް ކުރުގޮތަކަށް މިކިޔައިދިން ވާހަކަކޮޅުން ޢިބްރަތް ޙާޞިލްކުރައްވާށެވެ. ހިތުގައި އިޚްލާޞްތެރިކަން އޮވެގެން ކަންކަން ކުރާނަމަ ﷲ ރަޙްމަތް ލައްވަވާނެ ގޮތް ހިތަށްވެސް ނުގެނެވޭނެއެވެ. 

- ޒުލްފާ ވަޙީދު / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން