ކްރެޑިޓް ކާޑުން ރާއްޖޭން ބޭރުގެ މުއާމާލާތްކުރެވޭ އަދަދު ހަތްސަތޭކަ ފަންސާސް ޑޮލަރަށް އިތުރުކޮށްފި

ހަސަން އަލީ
ކިޔުމަށް ހޭދަވާނީ 1މ 29ސ
ކްރެޑިޓް ކާޑުން ރާއްޖޭން ބޭރުގެ މުއާމާލާތްކުރެވޭ އަދަދު ހަތްސަތޭކަ ފަންސާސް ޑޮލަރަށް އިތުރުކޮށްފި

17 އޮކްޓޫބަރު 2021 އިން ފެށިގެން އެމެރިކަން އެކްސްޕްރެސް (ގްރީން/ގޯލްޑް)، ވިސާ (ކްލެސިކް/ގޯލްޑް) އަދި މާސްޓަރކާޑް (ސްޓޭންޑަޑް/ގޯލްޑް) ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތް ކުރެވޭނެ އަދަދެއްގެ ގޮތުގައި މިވަނީ 750 ޑޮލަރަށް ބޭންކް އޮފް މޯލްޑިވްސް އިން އިތުރުކޮށްފިއެވެ.

ބޭންކް އޮފް މޯލްޑިވްސް އިން ބުނެފައިވަނީ ކާޑުގެ ޕްރައިމަރީ އެކައުންޓްގެ ގޮތުގައި ދިވެހި ރުފިޔާ އެކައުންޓް ކަނޑައަޅާފައިވާ ޑެބިޓް ކާޑަށް މިހާރުވެސް ދީފައިވާ 250 ޑޮލަރުގެ ލިމިޓް ބޭނުންކުރެވޭނެ ކަމަށާއި ރާއްޖޭން ބޭރުގައި ދިރިއުޅެމުންދާ ކަސްޓަމަރުންނަށް މިހާރެކޭވެސް އެއްގޮތަށް ކޮންމެ ޑެބިޓް ކާޑަކަށް، މަހަކަށް 750 ޑޮލަރުގެ ލިމިޓެއް ލިބޭނެ ކަމަށެވެ. އަދި ޑެބިޓް ކާޑުގެ ޕްރައިމަރީ އެކައުންޓްގެ ގޮތުގައި ޔޫއެސް ޑޮަލަރު އެކައުންޓް ކަނޑައަޅާފައިވާނަމަ ކަސްޓަމަރުންނަށް ދުވާލަކު 3000 ޑޮލަރާ ހަމަޔަށް ކާޑު ބޭނުންކުރެވޭނެ ކަމަށްވެސް ބޭންކް އޮފް މޯލްޑިވްސް އިންވަނީ ބުނެފައެވެ.

މީގެއިތުރުން މިހާރުވެސް ބޭންކުން އެހީތެރިކަން ފޯރުކޮށްދެމުންދާ ފަދައިން ބޭސްފަރުވާ އާއި ތައުލީމާ ގުޅުންހުރި ކަންކަމުގައި ފައިސާދެއްކުމަށް ކާޑަށް ވަގުތީ ލިމިޓް ދެމުންދާނެ ކަމަށާއި މި ގޮތަށް ލިމިޓް އިތުރު ކުރުމަށް އެދި ކަސްޓަމަރުންނަށް އިންޓަރނެޓް ބޭންކިންގ މެދުވެރިކޮށް ކަމާ ގުޅުންހުރި ލިޔެކިޔުންތައް ހުށަހެޅޭނެ ކަމަށް ބޭންކް އޮފް މޯލްޑިވްސް އިން ވަނީބުނެފައެވެ.

ބޭރު ފައިސާ ލިބޭ މިންވަރު ވަރަށް ބޮޑަށް ދަށްވެ، ޑޮލަރުގެ ލިކިއުޑިޓީ އަށް އެކަމުގެ ނޭދެވޭ އަސަރުކޮށްފައިވުމުން މިދިޔަ އަހަރު ބޭންކުން ވަނީ ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތް ކުރެވޭ އަދަދަށް ބަދަލު ގެނެސްފައެވެ. މިދިޔަ ޖުލައި މަހުވެސް ވަނީ ކްރެޑިޓް ކާޑުން މުއާމަލާތްކުރެވޭ އަދަދު އިތުރުކޮށްފައެެވެ. 

މިއަދު އޮންލައިން