ޙަޤީޤީ ޙާދިސާ: އަނބިމީހާގެ ސިފަ އަވަހަށް ބަދަލުވާ ސަބަބާ ޙައްލު އެކަމުގެ ހިތާމަ ތަޖުރިބާކުރަންޖެހުނު އަންހެނެއްގެ ދުލުން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 1ސ
ޙަޤީޤީ ޙާދިސާ: އަނބިމީހާގެ ސިފަ އަވަހަށް ބަދަލުވާ ސަބަބާ ޙައްލު އެކަމުގެ ހިތާމަ ތަޖުރިބާކުރަންޖެހުނު އަންހެނެއްގެ ދުލުން-

ލޯބީގެ ވަރަށް ގިނަ ވާހަކަތައް އަޅުގަނޑުވެސް ކިޔައި އުޅުނީމެވެ. އަދި މިހާރުވެސް ވަގުތުވާވަރަކުން ކިޔަމެވެ. އެހެންކަމުން މީހުން ލިޔާ ޙަޤީޤީ ވާހަކަތަކާއި ޚިޔާލީ ވާހަކަތަކުން ވެސް ވަރަށް ގިނަ ގިނަފިލާވަޅުތައްވަނީ ލިބިފައެވެ. އެހެންކަމުން އަޅުގަނޑުގެ ޙަޔާތުގައި ކަންކަން މެދުވެރިވި ގޮތާއި ކުރެވުނު ތަޖުރިބާގެ މައްޗަށް އެއްޗެއް ބުނެލުމަކީ އެހެން މީހުންނަށް ފައިދާކުރާނެ ކަމަކަށްވާތީ ކުރުގޮތަކަށް ބުނެލަދޭނަމެވެ. 

އަޅުގަނޑަކީ ވަރަށް ޒުވާން އުމުރުގައި ކައިވެނިކުރި އަންހެނަކީމެވެ. ކައިވެނިކުރީ "ލޯބިވެގެން" 2 އަހަރުދުވަހު އުޅެފައެވެ. ކުރީ ޖުމުލައިގެން ކޮމާކޯޅީއެއްގައި ލޯބިވެގެން ލިޔުނީ ހަމަ ޤަޞްދުގައެވެ. އެއީ އަޅުގަނޑަށް ވިސްނޭ ގޮތުން މީހެއްގެ ހިތުގައި މީހަކަށް ލޯބި އުފެދިއްޖެނަމަ އެއީ ލާންގެންގުޅޭ ފޭރާން ބަދަލުކުރާ ފަދައިން ބަދަލުކުރާނެ އެއްޗެއް ނޫނެވެ. އެ ލޯބި ތިމާގެ ހިތުގައި އަބަދަށް ބާއްވާނެއެވެ. އެހެން ނޫންނަމަ ލޯބިވުމުގެ އެއްވެސް މާނައެއް ނެތެވެ. 

ލޯބިވުމާ ރީތިވުމަކީ މުޅިން ތަފާތު ދެކަމެކެވެ. މިސާލަކަށް ރީތި ފޭރާން ފެނުމުން ގަންނަމުއެވެ. ދުވަސްކޮޅކުލައި ބައުވުމުން ނުވަތަ ފޫހިވުމުން ބާކީކޮށްލަނީއެވެ. މީހަކަށް ދެނީއެވެ. ނުވަތަ އެއްލައިލަނީއެވެ. ލޯބި އެއިގެ ޙަޤީޤީ މާނައިގައިވެވިއްޖެނަމަ ޢަމަލުކުރާނީ މިބުނި ގޮތަކަށް ނޫނެވެ. ދުވަސްކޮޅަކު އެކުގައި އުޅުމުން ފޯއްސެއް ނުވާނެއެވެ. ހަށިގަނޑުގެ ސިފައަށް ބަދަލު އައުމަކީވެސް ބާކީކޮށްލާނެ ކަމެއް ނޫނެވެ. ލޯބިވާ މީހަކު ބާކީކޮށް އެއްލައިލުމަކީ ކުރާނެ ކަމެއް ނޫނެވެ. ދިރިހުރިހާ ހިނދަކު އެމީހަކާއިއެކުގައި އުޅެން މަސައްކަތްކުރާނެއެވެ. ލޯބި ދެމެހެއްޓުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރާނެއެވެ. ވާންޖެހޭ ޤުރްބާނީތައްވާނެއެވެ. 

މިއީ ލޯތްބާއިމެދު އަޅުގަނޑު ދެކޭ ގޮތެވެ. އަޅުގަނޑަށް ޤަބޫލުކުރެވޭ ގޮތެވެ. ފަހަރެއްގައި ޚިޔާލުތަފާތުވާ ބައަކުވެސް ތިބެދާނެއެވެ. މިކަންކަން މިގޮތަށް ޔަޤީންކުރެވޭ އެއް ސަބަބުވެސް ހާމަކުރާނަމެވެ. 

އަހަރެމެންނަށް މައިންބަފައިން ފުރަތަމަ ފެންނަނީ ޢާންމުގޮތެއްގައި އެމީހުން ވަރަށް ޒުވާން އިރުގައެވެ. އަހަރެމެން ޒުވާނުންނަށްވާއިއރު އެމީހުންގެ ސިފައަށް ބަދަލު އައިސް މުސްކުޅިވެއެވެ. އެމީހުންގެ ޢަމަލުތައްވެސް ހުންނަނީ ތަފާތުވެފައެވެ. ނަމަވެސް މައިންބަފައިންދެކެ އަބަދުވެސް ލޯބިވަމުއެވެ. ރަނގަޅު ދަރިއަކު ނަމަ މުސްކުޅިވާވަރަކަށް ބޮޑަށް ލޯބިވާނެއެވެ. 

އެހެންކަމަށްވާއިރު ތިމާ ބައިވެރިއަކާއި ކައިވެނިކުރީ އޭނާދެކެ ލޯބިވެގެންނަމަ އޭނާގެ ސިފައަށް ބަދަލުއައުމުން، މޫނުގައި ރޫޖެހުމުން ނުވަތަ ގައިގެ މަސްތައް ދޫވުމުން ލޯބިނުވާންވީ ކީއްވެގެން ހެއްޔެވެ؟ 

ގިނަފަހަރު މިބުނި ކަންކަން ބޮޑަށް ނުވަތަ އަވަހަށް ދިމާވަނީ އަންހެނުންނަށެވެ. އެއީ އަނހެނުން ކަމުގައިވާތީއެއް ނޫނެވެ. ދިރިއުޅުމަށް ކުރަންޖެހޭ މަސައްކަތުގައި އަނހެނުންނަށް ކުރަންޖެހޭ ކަންކަން ތަފާތުވުމުންނެވެ. ބުރަބޮޑުވުމުންނެވެ. މަސައްކަތުގައި ގިނަ ވަގުތު ހޭދަކުރަންޖެހޭތީއެވެ. 

މިސާލަކަށް ބުނާނަމަ ދަރިން ލިބުމަށްފަހު މައިމީހާއަށް "ބްރޭކްގަޑިއެއް" ނުލިބޭނެއެވެ. ހޭލީންސުރެ ނިދަންދެން އުޅެންޖެހޭނީ މަސައްކަތުގައެވެ. އަތުން މަސައްކަތްނުކުރާނަމަ ސިކުނޑިން މަސައްކަތްުރަންޖެހޭނެއެވެ. ދަރިފުޅު ނިދާވަގުތަކީ ހޭލައިހުއްޓާ ނުކުރެވިހުރި މަސައްކަތްތައް ކުރަންޖެހޭ ވަގުތެވެ. ވީމާ ފަތިހު ހޭލީންސުރެ ރޭގަނޑު ނިދުމާއި ހަމައަށް އަންހެނުން ތިބެންޖެހެނީ މަސައްކަތުގައެވެ. 

ފިރިހެނުން ވެސް މަސައްކަތް ކުރެއެވެ. ނަމަވެސް މުޅި ދުވަހަކު ނޫނެވެ. ވަޒީފާ އަދާކޮށްފައި ދެން ތިބެނީ ހުހަށެވެ. ގޭތެރޭގެ ކަންކަން ކުރަނީ ހިތަށް އަރައިފިނަމަ ނުވަތަ ކޮށްދޭން ބޭނުންނަމައެވެ. އަންހެނުންނަކަށް އެ "ޗޮއިސް"އެއް ނޯވެއެވެ. 

ވީމާ ކުރުކޮށްލާފައި ބުނާނަމަ ބުނަންޖެހޭނީ އަންހެނުންގެ ސިފައަށް ބަދަލު އައިސް އަވަހަށް މުސްކުޅި ސިފަ ޖަހަނީ ފިރިންނަށް ނޯކިރީކުރަންޖެހޭވަރު ބޮޑުކަމުންނެވެ. ކިތަންމެ ގިނަދަރިން ވިހެއިނަމަވެސް އަދި ކިތަންމެ ބުރަކޮށް މަސައްކަތްކުރި ނަމަވެސް ސިފަ ބަދަލުނުވާ އަންހެނުންވެސް ތިބެއެވެ. ނަމަވެސް އެއީ ވަރަށް މަދު ބައެކެވެ. ވީމާ މިވާހަކަތައް މިދެއްކީ ޢާންމުގޮތެއްގައި ޢާންމުކޮށް އަންހެނުންނާއިމެދު ކަންކަން ދިމާވާ ގޮތުގެ މައްޗަށެވެ.

ލޯބިވާކަމަށް ބުނެ އަޅުގަނޑާއި ކައިވެނިކުރި އަޅުގަނޑުގެ ފުރަތަމަ ފިރިމީހާ އަޅުގަނޑު ދޫކޮށްލި ސަބަބަކަށްވީ ކައިވެނީގައި 12 އަަހަރުވީފަހުން 4 ދަރިން ލިބި ބޮޑެތިކުރަން މަސައްކަތްކުރަމުން ދިއުމުގެ ސަބަބުން ހަށިގަނޑުގެ ސިފައަށް އައި ބަދަލުތަކެވެ. އެއިރު އަޅުގަނޑުގެ ޢުމުރަކީ 36 އަހަރެވެ. 

އަޅުގަނޑު ދެވަނަ ކައިވެނިކުރީ އުމުރުން 38 އަހަރުގައެވެ. މިހާރުގެ އުމުރަކީ 68 އަހަރެވެ. އިތުރު 5 ދަރިންވެސް ވިހައިފީމެވެ. ޖުމުލަ 9 ދަރިން އެބަތިއްބެވެ. ކައިވެންޏަށް 30 އަހަރުވީއެވެ. ސިފަ މާމުސްކުޅިކަންބޮޑެވެ. ނަމަވެސް ދެވަނަ ފިރިމީހާ އަޅުގަނޑު މުސްކުޅިވެގެނެއް ނުއުޅެއެވެ. ފޫހިވެގެނެއްވެސް ނުއުޅެއެވެ. 

އަޅުގަނޑު ޤަބޫލުކުރާގޮތުގައި އެއީ އޭނާ އަޅުގަނޑު ދެކެ ޙަޤީޤީ ލޯބިވާތީއެވެ. ޙަޤީޤީ ލޯބިވާނަމަ ސިފައަށް އަންނަ ބަދަލު އަންނާނެކަން ޤަބޫލުކުރެވޭނެއެވެ. ވީމާ އެއީ ފޫހިވާންޖެހޭ ސަބަބަކަށް ނުވާނެއެވެ. 

މިއަދުނޫހުގެ ކިޔުންތެރިންނަށް ޚާއްޞަކޮށް އުޚުތުންނަށް ބުނެލަން އޮތީ އަނބިމީހާގެ ސިފަ ބަދަލުވުމުން ވަރިކުރަން އުޅޭނަމަ އަވަހަށް ވަރިވާށެވެ. އެއީ ތިބާދެކެ އެއްވެސް އިރެއްގައި ލޯބިވީ މީހެއް ނޫނެވެ. އެއީ "ފޭކް" މީހެކެވެ. "ފޭކް" ފިރިއެކެވެ. އެފަދަ މީހަކު ދެކެ ތިބާ ލޯބިވާން ކިތަންމެ މަސައްކަތްކުރިނަމަވެސް ކުރނެ އެއްވެސް ފައިދާއެއް ނޯންނާނެއެވެ. އަދި އެފަދަ ފިރިއެއްގެ ކިބައިން ލިބޭނެ ލޯތްބެއްވެސް ނެތެވެ. 

- ހައްވާ ޢަލީ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން