ޙަޤީޤީ ޙާދިސާ: ތަނަވަސް ޒުވާނާގެ ކައިވެންޏަށް ވާދަކުރި ރޭސް ޙަދީޘަށް ޢަމަލުކުރި ކުއްޖާއަށް ކާމިޔާބުކުރެވުނު ގޮތް ވަރަށް ޢިބްރަތްތެރި-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 2ސ
ޙަޤީޤީ ޙާދިސާ: ތަނަވަސް ޒުވާނާގެ ކައިވެންޏަށް ވާދަކުރި ރޭސް ޙަދީޘަށް ޢަމަލުކުރި ކުއްޖާއަށް ކާމިޔާބުކުރެވުނު ގޮތް ވަރަށް ޢިބްރަތްތެރި-

އަޅުގަނޑު ޑިގްރީއަށް ކިޔަވަމުންދިއަ ދުވަސްވަރު އެކުގައި އުޅުނު ވަރަށް ގިނަކުދިން އަޅުގަނޑާއި ގުޅެން ވަރަށް މަސައްކަތްކުރިއެވެ. އަދި އެނޫން މީހުންވެސް މަސައްކަތްކުރިއެވެ. އެއެންމެންނާއިވެސް އަޅުގަނޑު ހަމަ އެކުވެރިންގެ ގޮތުގައި ވާހަކަދައްކަމެވެ. ނަމަވެސް އެމީހުންދޭ އެއްވެސް ދަޢުވަތެއް އަޅުގަނޑު ޤަބޫލެއް ނުކުރަމެވެ. އެކަހެރި ބައްދަލުވުމަކަށްވެސް އަދި ކޮފީއަކަށްވެސް ނުދަމެވެ. 

އަޅުގަނޑުގެ މަންމަ އާއި ބައްޕަ އެކުއެކުގައިހެން އަޅުގަނޑު ވަރަށް ކުޑައިރު ވަނީ ދުނިޔެ ދޫކޮށްފައެވެ. އަޅުގަނޑަށް ބޭނުންވާ ހުރިހާ ކަންކަން ކޮށްދީ ބަލައި ބޮޑުކުރީ ވަރަށް ދަތިޙާލުގައި ކާފައާއި މާމައެވެ. ވީމާ ރެސްޓޯރަންޓްތަކުން ކެއުމާއި ކޮފީއަށް ދިއުމަކީ އަޅުގަނޑަށް އެއްވެސް މުހިންމު ކަމެއް ނޫނެވެ. އެކަންކަން ނުކުރާތީ އެއީ މުހިންމު ކަމަކަށްވެސް ނުވެއެވެ. 

ޔުނިގައި އަޅުގަނޑާއިއެކު ކިޔެވި އެއް ކުއްޖަކީ ތަނަވަސްމީހެއްގެ ކޮއްކޮއެވެ. އޭނާ ވަރަށް ފައުޅުގައި އަޅުގަނޑު ފަހަތުން އުޅެން ފެށުމުން ގިނަ ދަރިވަރުންތަކަކަށް އެކަން އެނގުނެވެ. އަދި އޭނާ އާއި ގުޅެން ހިތްވަރުދިނެވެ. ނަޞީބު އައިސް އަތުގަ ހިފުމުން ދޫކޮށްލަން ނުވާނެ ކަމަށް ބުންޏެވެ. 

"އަހަރެންނަށް އިސްލާމް ދީން އެހައިބޮޑަށް ނުއެނގުނު ނަމަވެސް އަހަރެން ކިޔާފައި ފޮތްތަކުގައި އޮންނަނީ ކައިވެނިކުރަން އެދޭނަމަ ކޮފީއަށާ އެކަހެރި ބައްދަލުވުންތަކަށް ގެންދާކަށް ނޫނެވެ. އަންހެނާގެ ރުހުން ހޯދައި ބެލެނިވެރިންގެ ކިބައިން ކައިވެންޏަށް އެދުމަށެވެ. މިއީ 2000 ގެ އަހަރުތަށް ކަމަށްވުމުން އެއްވެސް ޙަދީޘްފުޅަކަށް ޢަމަލުކުރަންޖެހޭގޮތް ބަދަލެއް ނުވާނެއެވެ." 

މިމޭރުމުން އަޅުގަނޑުގެ އެކުވެރިންގެ ގާތުގައި ބުނުމުން އެކުދިން ކުރީ މަލާމާތެވެ. "ކަންކަން މިހާރު ތިއަހެނަކުން ނުހިނގާނެ" ކަމަށް ބުންޏެވެ. އަޅުގަނޑު ބުނީމެވެ. "ނުހިގަންޏާ ހުއްޓިފައި ހުންނާނީ ނޫންހެއްޔެވެ؟ ކައިވެނި ނުކުރެވިގެން ލަސްވެގެން ކަންބޮޑުވެގެނެއް އަދިއެއް ނުއުޅެމެވެ." 

މިވާހަކަ ހޫނުކަންމަތީގައި އޭނާއަށް ފޯރުވައިފިއެވެ. އެކުދިންނަށް ހީކުރެވިފައި އޮތީ އަޅުގަނޑު ބުނިބަސްތަތަކީ ވަރަށް ފޮނި، ބޮޑާ ބަސްތަކެއް ކަމަށެވެ. އެހެންވެ އެއިގެ ތެރެއިން އޭނާ އާއިއެކު ކޮފީއަށާއި ރެސްޓޯރަންޓްތަކަށް ގޮސްއުޅޭ ކުއްޖަކަށް އޭނާގެ ސަމާލުކަން ބަދަލުވާނެ ކަމަށެވެ. 

އަޅުގަނޑު އެޖަވާބުދިނީ އެއްވެސްހާލެއްގައި ބޮޑާކަމުގެ ނިޔަތެއް އޮވެގެނެއް ނޫނެވެ. ﷲ އަށް ބިރުވެތިވާތީއެވެ. ކާފަމެން ދަސްކޮށްދީފައިވާ ގޮތަށް ދިރިއުޅެން މަސައްކަތްކުރަން ބޭނުންވާތީއެވެ. ކާފަ އަބަދުވެސް ބުނެއެވެ. "އެލުވާފައި އޮންނަ ތުންފުހީގައި އެންމެން ތުންފުހޭނެއެވެ. އެއްވެސް މީހަކު ތުންފުއްސަށް ސަމާލުކަމެއް ނުދޭނެއެވެ." 

އެއިގެ މަހެއްހާ ދުވަސްފަހެވެ. އެއްރޭ ޢިޝާ ނަމާދުން ފޭބިތަނާ ފެނުނީ އޭނާ އާއި އޭނާގެ ބޭބެ އަޅުގަނޑުމެންގެ ގެއަށް އައިސް ދޮރުމަތީގައި ތިއްބައެވެ. އެމީހުން ކާފަ އާއި މާމައާއި ބައްދަލުކޮށްފައި އެދުނީ އަޅުގަނޑުގެ ކައިވެންޏަށެވެ. ކާފަ ހުށަހެޅި ޝަރުޠުތަކަށް އެއްބަސްވުމުން ކައިވެނިކުރަން ރުހުން ދިނީ އެކަމަށް އަޅުގަނޑު އެކަމަށް ބޭނުންވޭތޯ ބެލުމަށްފަހު އަޅުގަނޑުގެ ރުހުމާއިއެކުގައެވެ. 

މާގިނަ ދުވަހެއް ނުވެ ކައިވެނި ކުރެވުނެވެ. ދެމީހުން އެކަނި ބައްދަލުވީ ކައިވެނިކުރުމަށްފަހުގައެވެ. 

މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަން ބޭނުމީ އަޅުގަނޑުގެ އެކުވެރިން އެބުނި ފަދައިން މިއީ ހަމަ 2000 ގެ އަހަރުތަކެވެ. ކައިވެނިކުރީ ޙަދީޘްފުޅުގައިވާ ފަދައިންނެވެ. ދިރިއުޅެމުން މިއަންނަނީވެސް ދީނުގައި އޮތްގޮތަށެވެ. ކައިވެންޏަށް 8 އަހަރުވީއިރުވެސް ލޯތްބާއި ގުޅުން ދަނީ ދުވަހެއް ދުވަހަކަށް ބަދަލުވަމުންނެވެ. 

ހަނދާންކުރަން ބުނަން ބޭނުމީ ހަމަ ކާފަގެ ނަޞޭޙަތެވެ. "އެލުވާފައި އޮންނަ ތުންފުހީގައި އެންމެން ތުންފުހޭނެއެވެ. އެއްވެސް މީހަކު ތުންފުއްސަށް ސަމާލުކަމެއް ނުދޭނެއެވެ." އަދި ތުންފުންސަކަށް ނުވުމުން ޖެހޭނީ ބޭނުންނަމަ ކައިވެނިކުރާށެވެ. ކިތަންމެ އަވަހަށް ވަރިކުރިނަމަވެސް ކައިވެނިނުކޮށް ތިބެ ފާފަކުރިކަމަކަށް ނުވާނެއެވެ. އިއްފަތްތެރިކަން އޮންނާނީ ޙިމާޔަތްކުރެވިފައެވެ. 

- ނަޝީދާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން