ޙަޤީޤީ ޙާދިސާ: ހެޔޮލަފާ ބައިވެރިއަކު ދެއްވެވުން އެދި އަޅުކަންކުރަން ވަގުތުކޮޅެއް ޚާއްޞަކުރި އަންހެނަކަށް ލެއްވެވި ރަޙްމަތުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 38ސ
ޙަޤީޤީ ޙާދިސާ: ހެޔޮލަފާ ބައިވެރިއަކު ދެއްވެވުން އެދި އަޅުކަންކުރަން ވަގުތުކޮޅެއް ޚާއްޞަކުރި އަންހެނަކަށް ލެއްވެވި ރަޙްމަތުގެ ވާހަކަ-

އަޅުގަނޑު މިއުޅެނީ މާގިނަ ވާހަކަތަކެއް ކިޔައިދޭކަށް ނޫނެވެ. ބޭނުންވަނީ މިއަދުނޫހުގައި ކުރިއަށް ގެންދާ "ޙަޤީޤީ ވާހަކަ" ސިލްސިލާގައި ބައެއް ކަނބަލުން ހާމަކޮށްފައިވާ ވާހަކަތަކަށް ތާއީދުކޮށް އަޅުގަނޑުގެ ތަޖުރިބާއިން ކުޑަ މިންވަރެއް ހިއްޞާކޮށްލާށެވެ. 

އަޅުގަނޑުވެސް އަލަތު ކައިވެނިކުރީ ޢިއްފަތްތެރިކަމާއިއެކުގައެވެ. ކންކަން ދިމާވިގޮތުން 4 އަހަރު ނުވަނީސް ކައިވެނި ރޫޅުނެވެ. އަޅުގަނޑަކީ ގިނައިން ވިހާ އަނހެނަކަށްވުމުން އެއިރުވެސް 2 ދަރިން ވަނީ ލިބފައެވެ. ވަރިކުރުމަށްފަހު ޢިއްދައިގެ ޚަރަދު ނުދިނުމުގެ އިތުރުން ވަރިކުރުމަށްފަހު ދަރިންގެ ޚަރަދަށްވެސް އެންމެ ރުފިޔާއެއްވެސް ނުދެއެވެ. ޙާލުވެސް ބަލައިނުލައެވެ. 

މައިންބަފައިންނަކީ އެހާ ފުދުންތެރި ބައެއް ނޫނެވެ. ނަމަވެސް އެމީހުން އަޅުގަނޑަށް ހިތްވަރުދިނެވެ. އެމީހުންގެ ފެންވަރުން އެހީތެރިވިއެވެ. ދަރިން ނިންދަވާފައި ޜޭގަނޑު ފިހާރައެއްގެ ވަޒީފާ އަދާކުރަންވެސް ފުރުޞަތު ދިނެވެ. އެވަގުތު 2 ދަރިން ބަލައިވެސް ދިނެވެ. 

މަހަކު ލިބުނީ އެންމެ 5000 ރުފިޔާއެވެ. އެއިން ދެކުދިން ގޮވައިގެން ދިރިއުޅެން އަޅުގަނޑަށް ޖެހޭނެ ޙާލު ވިސްނާށެވެ. ނަމަވެސް ފުއްދީމެވެ. މައިންބަފައިންނަށް އުނދަގޫނުކޮށް ދރިއުޅެން ވަރަށް ބޮޑަށް މަސައްކަތްކުރީމެވެ. 

ދެން މި ބަޔާންކުރަނީ އެންމެ މުހިންމު ވާހަކައެވެ. 4 މީހަކު އަޅުގަނޑު ދެކެ ލޯބިވާ ކަމަށާއި އަޅުގަނޑާއި ކައިވެނިކުރަން ބޭނުން ކަމަށް ބުންޏެވެ. އެމީހުންގެ ސައިކަލް ފަހަތަށް އަރަން ބުންޏެވެ. ބުރުޖަހާށާ ރެސްޓޯރަންޓްތަކަށް ދާންވެސް ބުންޏެވެ. ނަމަވެސް އަޅުގަނޑު އެކަންކަމެއް ނުކުރަމެވެ. އަޅުގަނޑު ބުނަމުން ދިއައީ މަޝްހޫރު ދީނީ ޢިލްމުވެރިޔާ މުފްތީ މެންވިދާޅުވާ ބަސްފުޅެވެ. "ލޯބިވާނަމަ އަވަހަށް އެކަން ޙަލާލްކުރާށެވެ!" މާނައަކީ ކައިވެނިކުރާށެވެ.  

4 މީހުންވެސް އެހިސާބން ގުޅުން ކަނޑައިލީއެވެ. ނަމަވެސް އުންމީދު ކަނޑައެއް ނުލަމެވެ. ދީންވެރި އަޚްލާޤް ރަނގަޅު ބައިވެރިއަކު ދެއްވެވުން އެދި އަޅުގަނޑު ކެނޑިނޭޅި ދުޢާކުރަމުން ގެންދިއައިމެވެ. 

އެފަދަ ޙާލެއްގައި އުޅޭތާ 3 އަަހރުވާން ކައިރިވެފައިހުއްޓާ ފިހާރައިގެ ވެރިމީހާގެ ކޮއްކޮ އަޅުގަނޑާއި ގުޅެން ބޭނުން ކަމަށް ބުންޏެވެ. އޭނާއަށްވެސް އަޅުގަނޑު ދިނީ ހަމަ އެއް ޖަވާބެކެވެ. އޭނާ އަޅުގަނޑުގެ ހުށަހެޅުން ޤަބޫލުކުރިއެވެ. އިތުރު އެއްވެސް ކަމަކަށް ބޭނުންނުވެ ހުރެ ކައިވެނިކުރިއެވެ. 

އެކައިވެންޏަށް މިހާރު 5 އަހަރުވީއެވެ. އަދި މިހައިތަނަށް ހިތްދަތިވާންޖެހޭނެ އެއްވެސް ކަމެއް މެދުވެރިއެއް ނުވެއެވެ. ނުވެސްވާނެއެވެ. އިން ޝާ ﷲ

އަޅުގަނޑު ކުރި އެއްކަންތައް މިއަދުނޫހުގެ ކިޔުންތެރިންނަށް ޙިއްޞާކުރާނަމެވެ. އެއީ ކޮންމެ ރެއަކު ރޭއަޅުކަމުގައި ގަޑިއެއްހާއިރު އެއިގެ ތެރެއިން ވަގުތުކޮޅެއް ޚާއްޞަކުރީމެވެ. އެވަގުތުކޮޅު ފަށަމުން ނިޔަތްގަންނަމެވެ. މިވަގުތުކޮޅު އަޅުގަނޑު ޚާއްޞަ މިކުރަނީ އަޅުގަނޑަށް ރަނގަޅު ދިރިއުޅުމެއް މިންވަރު ކުރެއްވެވުން އެދި ދުޢާކޮށް ޛިކުރުކުރުމަށެވެ. ނިންމާލަމުން ދުޢާކުރަމެވެ. " ޔާ ﷲ މިއަޅާ ކުރި އަޅުކަން ޤަބޫލުކުރައްވަވާނދޭވެ! އަޅުގަނޑަށް، ހިތްހެޔޮ އޯގާތެރި ތަޤްވާވެރި ބައިވެރިއަކު ދެއްވަވާނދޭވެ!" 

އެއްވެސް ޙާލެއްގައި އަޅުގަނޑަށް ހެޔޮލަފާ ބައިވެރިއަކު ލިބުނީ އެކަމުން ކަމަށް ދަންނަވަނީއެއް ނޫނެވެ. އަޅުގަނޑުކުރި ކަމަކަށްވާތީ ހަމަ ދަންނަވައިލީއެވެ. ކައިވެންޏަށް ފަހުގައިވެސް ކުރިން ކުރި އެއްވެސް އަޅުކަމެއް ހުއްޓައެއް ނުލަމެވެ. މަސައްކަތްކުރަނީ އިތުރުކުރުމަށެވެ. އެމަސައްކަތަށް ފިރިމީހާގެ ކިބައިން ވަރަށް ބޮޑަށް ހިތްވަރު ލިބެއެވެ. އެއީ އޭނާ އަޅުގަނޑު ދޫކޮށްނުލާނެ ކަމަށް ޔަޤިންކަން ލިބޭ އެންމެ ބޮޑު ސަބަބުވެސްމެއެވެ. އިން ޝާ ﷲ

- ޒީޝާން / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން