ޙަޤީޤީ ޙާދިސާ: މިހެންވީމާ ކަމުދާނެތަ؟ އެކުގަ ވަގުތުކޮޅެއް ހޭދަކޮށްލައިދިނުން އެދި ލޯބިވާ އަނބިމީހާކުރި އާދޭހުގެ އަޑު އިވުނީ އައިސީޔޫން މަރުގެ އިންޒާރާއެކު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 59ސ
ޙަޤީޤީ ޙާދިސާ: މިހެންވީމާ ކަމުދާނެތަ؟ އެކުގަ ވަގުތުކޮޅެއް ހޭދަކޮށްލައިދިނުން އެދި ލޯބިވާ އަނބިމީހާކުރި އާދޭހުގެ އަޑު އިވުނީ އައިސީޔޫން މަރުގެ އިންޒާރާއެކު!

"ޔާ ﷲ! އިނބަ ﷲ މިއަޅާއަށް ވިސްނުމާއި ކަންކަން ބަލައި ދެނެގަތުމާއި މިފަދަ ހުރިހާ ބާރުތަކެއްވެސް ދެއްވެވީމުއެވެ. މިއަޅާއަކީ އެހެން މީހުންގެ އިޙްޞާޞްތައް ދެނެގަތުމުގެ ކުޅަދާނަކަންވެސް ދެއްވަވާފައިވާ އިންސާނަކީމެވެ. 

ޔާ ﷲ ނަމަވެސް މިއަޅާ މިވަނީ ވަރަށް ބޮޑަށް ފޭލްވެފައެވެ. އެހެން އެންމެންގެ އިޙްޞާޞްތައް ދެނެގަންނަން އެނގުނުއިރުވެސް އަނބިމީހާގެ އިޙްޞާޞްތައް ދެނެގަންނާކަށް ނުއެނގުނެވެ. އޭނާ އާއިއެކު ތަންކޮޅެއް ގިނައިރު ވަގުތު ހޭދަކޮށްދިނުމަށާއި ލިބިފައިވާ 3 ދަރިންވެސް ގޮވައިގެން ކޮންމެވެސް ތަނަކަށް ދަތުރަކު ގޮސްދިނުން އެދި ކުރި އާދޭސްތަކުގެ އަޑު އަޅުގަނޑަށް މިވަނީ މިވަނީނުއިވިފައެވެ. 

ޔާ ﷲ! ޙަޤީޤަތުގައިވެސް މިއަޅާ މިވަނީ ކުށްވެރިވެފައެވެ. ފޭލްވެފައެވެ. މިއަޅާއަށް ފާފަ ފުއްސަވާނދޭވެ! މިއަޅާގެ އަނބިމީހާއަށް އަވަސް ޝިފާއެއް މިންވަރުކުރައްވަވާނދޭވެ! އެކުގައި ދިރިއުޅުމުގެ ފުރުޞަތު އަދި އެއްފަހަރު ދެއްވަވާނދޭވެ! އަޅަމެންގެ ދަރިފުޅަށްޓަކައިވެސްމެއެވެ. މިއަޅާގެ އަނބިމީހާ ހިތުގައި ޖެހޭނެ ގޮތަކަށް ދެން އެއްވެސް ކަމެއް ނުކުރާނަމެވެ." 

އަނބިމީހާ އައިސީޔޫގައި ބޭއްވީންސުރެ ދިއައީ މިމޭރުމުން ދުޢާކުރަމުންނެވެ. ކުރެވުނުހައި ގިނައިންނެވެ. 

އަނބިމީހާ އަޅުގަނޑުގެ ކިބައިން އެދެމުން ދިއައީ އެންމެ ކަމަކަށެވެ. އެއީ އޭނާއާއި ހޭދަކުރާ ވަގުތު އިތުރުކޮށްދިނުމަށެވެ. ކޮންމެވެސް ތަނަކަށް ދަތުރުދިއުމަށެވެ. ބޭރަށް ކާލަން ނަމަވެސް ގޮސްލުމަށެވެ. 2، 3 ދުވަހަށް ނަމަވެސް އެކުގައި ރަށަށް ގޮސް ޢާއިލާ އާއި ބައްދަލުކޮށްލުމުގެ ފުރުޞަތަކަށެވެ. 

މިއިން އެއްވެސް ކަމެއް ކޮށެއް ނުދެވެއެވެ. ކޮށްދޭން ބޭނުންނުވާތީއެއް ނޫނެވެ. މަސައްކަތްބުރަކަމުންނެވެ. ބަލިވުމުން ގޮވައިގެން ޑޮކްޓަރަށްވެސް ނުދެވެއެވެ. އެހެންވެ އޭނާގެ ބައްޔާއިބެހޭގޮތުންވެސް މާބޮޑު މައުލޫމާތެއް ލިބިފައެއް ނުވެއެވެ. 

ކަންކަން އެނގުނީ މޭގައި ރިއްސާވަރުން ކެތްނުކުރެވިގެން ބުނުމުން ގެންދިއަ އެމްބިޔުލާންސްގައި އޭނާބަލައިދިއަ ޑޮކްޓަރު އޭނާގެ ފައިލްބަލާފައި ވަރަށް ސީރިއަސްކަމަށް ބުނުމުންނެވެ. ހޮސްޕިޓަލަށް ގެންދިއުމުން ވަގުތުން އެޑްމިޓްކުރީ އައިސީޔޫގައެވެ. އަނބިމީހާގެ ޙާލަތާއިބެހޭ ތަފްޞީލްތައް އެނގުނީ އެހިސާބުންނެވެ. 

އަނބިމީހާ އާއި ފުރަތަމަ ފަހަރަށް ބައްދަލުވެވުމުންވެސް އަޅުގަނޑަށް ކުރެވުނު ސުވާލަކީ މިހައިވަރުވީއިރުވެސް ނުބުނެ ތިއަހުރީ ކީއްވެގެން ހެއްޔެވެ؟ އަނބިމީހާ ދިނީ ތަރިބުރައިގެންދާންޖެހުނު ޖަވާބެކެވެ. "ވަގުތުކޮޅެއް ދިނުން އެދި އާދޭސްކުރެވުނީ ކިހައިވަރަކަށް ހެއްޔެވެ؟ އަހަރެންގެ ބައްޔަކީ އާދައިގެ ބައްޔެއް ނޫނެވެ. ޑޮކްޓަރުން ބުނެފައިވަނީ އަހަރެން ދެން ދުނިޔޭގައި ހުންނާނީ ކުޑަ ދުވަސްކޮޅަކު ކަމަށެވެ. ވީމާ މިއީ ަހަމ ހުރެފައި ކިޔައިދެވޭނެ ކަންކަން ހެއްޔެވެ؟" 

ކޮންމެއަކަސް ވީކަމެއް އެއޮތީވެފައެވެ. އަނބިމީހާ އާއިމެދު ވަނީ ވަރަށް ބޮޑަށް އިހްމާލްވެވިފައެވެ. އެދުވަސްތަކެއް ދެން އަނބުރައެއް ނުގެނެވޭނެއެވެ. އަޅުގަނޑު އެވަގުތުން ފެށިގެން ނިންމީ ހުރިހާ ކަމަކަށްވުރެ އަނބިމީހާ އާއި ދަރިފުޅުގެ ކަންކަން އިސްކުރުމަށެވެ. 

އަޅުގަނޑުކުރި ދުޢާ ޢިޖާބަ ކުރެއްވެވިއެވެ. އަނބިމީހާއަށް ޝިފާ ލިބުނެވެ. ހިތުގައި ހުރި ނުރައްކައުތެރިބަލި އެކުގައި ފިލައިގެންދިއައެވެ. އަދި ކުރިން ހުރިފަދަ ދުޅަހެޔޮ ޞިއްހަތެއްވެސް މިންވަރުކުރެއްވެވިއެވެ. އަޅުގަނޑު މިގެންދަނީ ދުޢާގައި އަޅުގަނޑުވީ ވަޢުދު ހިފަހައްޓަމުންނެވެ. މުޅި ޢުމުރަށްވެސް ހިފަހައްޓާނަމެވެ. އިން ޝާ ﷲ 

ޑރ. ޝާފިޢުއަށާއި ޑރ. ނިޔާފަށް އަދި އޭޑީކޭ ހޮސްޕޓަލުގެ ހުރިހާ ޑޮކްޓަރުންނަށާއި ނަރުހުންނަށް އަދި މުވައްޒިފުންނަށްވެސް ވަރަށް ބޮޑަށް ޝުކުރު އަދާކުރަމެވެ. އެއެންމެންގެ ސަމާލުކަން ވަރަށް ބޮޑަށް ލިބުނީތީއެވެ. ހޯދަން އުނދަގޫވި ބޭސްތައްވެސް އެގޮތް މިގޮތުން ހޯދައިދިންކަން ޝުކުރުވެރިކަމާއިއެކު ފާހަގަކުރަމެވެ. 

އަޅުގަނޑަށް ކުރަންޖެހުނު މިހިތްދަތި ތަޖުރިބާއިން މިއަދުނޫހުގެ ކިޔުންތެރިންނަށް ޚާއްޞަކޮށް އަޅުގަނޑުފަދައިން އަނބިންނަށް އިހްމާލްވާ ފިރިންނަށް ޢިބްރަތެއް ލިބޭނެ ކަމަށް އުންމީދުކުރަމެވެ. 

- ޢަލިދީދީ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން