ޙަޤީޤީ ޙާދިސާ: ހޭލާށެވެ! އަނބިމީހާ މުސްކުޅިކަމުން ފެނުމުން ބޮލުގަ ރިއްސާތީ ވަރިކޮށް ގެއިން ނެރެލި މިލިއަނަރު ސަލާންޖަހަން ހަމަ އެ މުސްކުޅި އަނބިމީހާ ގާތަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 19ސ
ޙަޤީޤީ ޙާދިސާ: ހޭލާށެވެ! އަނބިމީހާ މުސްކުޅިކަމުން ފެނުމުން ބޮލުގަ ރިއްސާތީ ވަރިކޮށް ގެއިން ނެރެލި މިލިއަނަރު ސަލާންޖަހަން ހަމަ އެ މުސްކުޅި އަނބިމީހާ ގާތަށް!

އަހަރެން، އަހަރެންގެ ފިރިމީހާ އާއި ކައިވެނިކުރީ އުމުރުން 25 އަހަރުގައެވެ. ފިރިމީހާގެ އުމުރުން 30 އަހަރުގައެވެ. ކައިވެނިކުރިއިރުވެސް ފިރިމީހާއަކީ ވިޔަފާރިކުރާ މީހެކެވެ. ނަމަވެސް އާދައިގެ ފެންވަރެއްގައެވެ. ކައިވެނިކުރުމަށްފަހު ފިރިމީހާގެ ވިޔަފާރި ކުރިއަރައިެން ދިއައެވެ. ބޮޑު މިލިއަނަރަކަށްވިއެވެ. 

ތަނަވަސްކަން ލިބިފައިވީނަމަވެސް ފިރިމީހާގެ ކަންކަން އަބަދުވެސް އަހަރެން ކޮށްދެނީ އަމިއްލައަށެވެ. ކައްކައިކާންދެނީ އަމިއްލައަށެވެ. ކޮޓަރި ސާފުކޮށް ތަންމަތިއަޅަނީ އަމިއްލައަށެވެ. ފިރިމީހާގެ އެއްޗެތި ދޮވެ އިސްތިރިކޮށްދެނީ އަމިއްލަ އަތުންނެވެ. ފިރިމީހާއަށް ބޭނުންވާނެ އެއްވެސް ކަމެއް ނޯކަރުން ލައްވައި ނުކުރުވަމެވެ. 

ފިރިމީހާއަކީ ގިނަ ވަގުތު މަސައްކަތުގައި ހޭދަކުރާ މީހެކެވެ. އެހެންވެ އެއްވެސް ކަމެއްގައި އުނދަގުލެއް ނުކުރަމެވެ. އެކުގައި ހޭދަކުރާ ވަގުތު މަދުކަމުން ޝަކުވާއެއް ނުކުރަމެވެ. ބެލީ ކިޔަމަންތެރި، ފިރިމީހާދެކެ ލޯބިވާ އަންތބަކަށް ވެވޭތޯއެވެ. 

ކައިވެންޏަށް 30 އަހަރުވީފަހުން ފިރިމީހާ ބަދަލުވާންފަށައިފިއެވެ. ކުރިން ގިނަވަގުތު ގޭގައި އިނދެގެން މަސައްކަތްކުރަމުން އައި ފިރިމީހާ އޮފީހުގައި ހޭދަކުރާ ވަގުތު ގިނަކުރަން ފަށައިފިއެވެ. ކޮންމެވެސްކަމެއް ގޯސްކޮށް އެބަހިނގާކަމުގެ އިޙްޞާޞްތައް ކުރެވެން ފަށައިފިއެވެ. ނަމަވެސް އެއްވެސް ޝަކުވާއެއް ނުކުރަމެވެ. 

އެހެން ހުއްޓައި ފިރިމީހާ އޭނާގެ އުމުރުން 60 އަހަރުގައި 20 އަހަރުގެ އަންހެންކުއްޖަކާއި ލޯބީގެގޮތުން ގުޅިގެން އުޅޭކަން އެނގިއްޖެއެވެ. ނަމަވެސް އަޅައެއް ނުލަމެވެ. އެއީ ޝަކުވާކޮށްގެން ލިބޭނެ ކުރިއެރުމެއް ނުއޮންނާނެކަން ޤަބޫލުކުރެވޭތީއެވެ. އަޅުގަނޑު ބޭނުންވީ ކޮންމެ ގޮތަކުން ނަމަވެސް ދަރިންގެ ގާތުގައި އިނދެވޭނެ ގޮތެއް ހޯދޭތޯއެވެ. އެހެންވެ އެނގޭކަމަސްވެސް ނުހަދައި ހުރީއެވެ. 

ނަމަވެސް ކަންކަން މެދުވެރިވީ މުޅިން ތަފާތު ގޮތަކަށެވެ. އެއްދުވަހަކު ފިރިމީހާ، އޭނާގެ ލޯބިވެރިޔާވެސް ގޮވައިގެން ގެއަށް އައިސް ބުނީ އަޅުގަނޑުގެ މުސްކުޅި މޫނު ދެކެންވެސް ބޭނުން ނޫންކަމަށެވެ. މޫނު ފެނުމުން އޭނާގެ ބޮލުގައި ރިއްސާކަމަށާއި ހަމަމިހާރު ގެއިން ނުކުމެގެންދާންވީ ކަމަށެވެ. 

އަޅުގަނޑު ވަރިނުކުރުން އެދި ރޮއިއާދޭސްކުރީމެވެ. ވަރިކުރިނަމަވެސް ގެއިން ނެރެނުލައި ގޭގައި ބައިންދާ ދިނުން އެދިގެންވެސް އާދޭސްކުރީމެވެ. ނަމަވެސް އޭނާ އަޅުގަނޑު ކުރި އާދޭހުގެ އަޑެއް ނޭހިއެވެ. ވަރިކޮށްފައި ގެއިން ނެރެލީއެވެ. 30 އަހަރުފަހުން ޖެހުނީ ހުސްއަތާ އެކަނިމާއެކަނި ގެއިން ނުކުމެގެންދާށެވެ. 

ދިއައީ ބޮޑުދައިތައެއްގެ ގެއަށެވެ. ބޮޑުދައިތަގެ އެއް ދަރިފުޅަކީ ލޯޔަރެކެވެ. އޭނާ އަޅުގަނޑުގެ މައްސަލަ ކޯޓަށް ވައްދައި ގެއަކާއި ފިރިމީހާގެ މުއްސަނދިކަމުން ބައެއް ވަރިކުރުމުގެ ބަދަލެއްގެ ގޮތުން ހޯދައިދިނެވެ. އެހިސާބުން ދިރިއުޅުނީ އެގޭގައެވެ. ލިބުނު ތަނަވަސްކަންް ކޮއްކޮއާއި ޙަވާލުކުރުމުން އޭނާއައީ ވިޔަފާރކުރަމުންނެވެ. 

ވަރިކުރިތާ 8 ވަނަ މަސްފުރުނު ދުވަހެވެ. ގޭގެ ބެލް ޖެހުމުން ހުޅުވިއިރު ކުރީގެ ފިރިމީހާއެވެ. ލައިގެންހުރީ ވަރަށް އާދައިގެ ހެދުމެކެވެ. މޫނުމަތިވަނީ މިލައިފައެވެ. އެހާލުގައި ފެނުމުން ވަރަށް އަސަރުވެސް ކުރިއެވެ. ވާހަކަ ދައްކާލަން ބޭނުންކަމަށް ބުނުމުން ގެއަށް ވެއްދީމެވެ. 

"ވަރަށް ބޮޑަށް މާފުކުރާށެވެ! ކުރެވުނީ ވަރަށް ބޮޑުކުށެކެވެ. އޭނާ އަހަރެންގެ މުޅި ދިރިއުޅުން ވަގަށްނަގައިފިއެވެ. އަހަރެން މަސްތުކުރުވައި އޭނާ ބޭނުންވި ލިޔުތަކެއްގައި ސޮއިކުރުވައި އަހަރެންގެ ގެދޮރާ، ވިޔްފާރިތަކާއި، އެކައުންޓްތަކުގައި ހުރި ފައިސާ އާއި ހުރިހާއެއްޗެއް ފޭރިގެންފިއެވެ. މިއަދު އަހަރެން މިހުރީ މަގުމަތިވެފައެވެ. އަތުގައި އެއްވެސް ފައިސާއެއް ނެތިފައެވެ. ކައިބޮއިހެދެންވެސް ނެތިފައެވެ. ހަމައެކަނި ޢޭއަށް އަތުނުލެވުނީ ދަރިންނަށް ދީފައިހުރި ގެތަކާއި މިގެއެވެ. މިޙާލުގައި އެއްވެސް ދަރިއެއްގެ ގާތަށް ދާކަށް ނުކެރޭނެއެވެ. އާދޭސްކޮށްފައި ބުނަމެވެ. އަލުން ކައިވެނިކުރަމާ ހިނގާށެވެ! އަހަރެން ގެންގުޅެދޭށެވެ! ދަރިންގެ ޙައްޤުގައިވެސް އަހަރެން އެއްލާނުލާށެވެ!" 

ޖަވާބުގައި ބުނީމެވެ. "އެދުވަހު ވަރިކުރިނަމަވެސް ދަރިންގެ ޙައްޤުގައި ގޭގައި ބައިންދައި ދިނުން ސަލާންޖެހިއަޑު އިވުނު ނަމަ ތިއައިން އެއްވެސް ކަމެއް މެދުވެރިނުވީހެވެ. ނަމަވެސް ވީކަމެއްވެގެންދިއައީއެވެ. ދަރިންގެ ޙައްޤުގައި ކޮންމެހެން ކައިވެނިކުރާކަށް ނުޖެހެއެވެ. ނަމަވެސް ތިއައީ 30 އަހަރުވަންދެން ކައިވެނިކޮށްގެން އުޅުނު މީހާކަމަށްވުމުން މިގޭގައި ހުރެވިދާނެއެވެ. ކާންބޯންދީ ބަލަހައްޓާނަމެވެ. ބަލިވެއްޖެނަމަ ބަލާނަމެވެ. ޚިދުމަތްކޮށްދޭނެ ނޯކަރަކު ދޭނަމެވެ. ނަމަވެސް ކައިބޮއިހަދަންވާނީ މޭޒުގައި ވަކިންނެވެ. އަހަރެންގެ މިދެއަތުން ހަމަ އެއްވެސް ކަމެއް ކޮށެއް ނުދޭނަމެވެ. އަހަރެންގެ ދެއަތުން އުމުރުދުވަހުކުރި ޚިދުމަތުގެ އަގުވަޒަންނުކުރުމުން ދެއަތް މިހާރު ކަލޭދެކެ ވަރަށް ރުޅިއާދެއެވެ. އަދި އަހަރެންގެ ލޮލުން އެދުވަހު އެޅި ކަރުނަތަކަށް ރަޙުމް ނުކުރުމުން ކަލޭގެ މޫނު ދެކެން އަހަރެންގެ ދެލޯ ވަރަށް ރުޅިއާދެއެވެ. ވީމާ މިބުނި ގޮތަށް އުޅެވޭނެ ނަމަ މިގެއިން ކޮޓަރިއެއް ދޭނަމެވެ." 

އޭނާ އެ ހުރިހާ ކަންކަމަށް ރުހުނެވެ. އަދި އަހަރެންގެ ހޭގައި ދިރިއުޅެން ފެށިއެވެ. އަހަރެން އޭނާއަށް ކޮށްދޭން އެއްބަސްވި ކަންކަން ކޮށްދެމެވެ. 

މިވާހަކައަކީ ދުބާއީން އަޅުގަނޑާއި ބައްދަލުވި އަންހެނަކު ކިޔައިދިންވާހަކައެކެވެ. އޭނާ ގާތު ބުނެ އެއްބަސްވުމުން ރެކޯޑްވެސްކުރީމެވެ. އެއީ ހަމަ މިއަދުނޫހުގެ ކިޔުންތެރިންނާ ޙިއްޞާކުރުމުގެ ބޭނުމުގެ ބޭނުމުގައެވެ. 

ހަމަ މިފަދަ ގޮތަކަށް އަޅުގަނޑުގެ އެކުވެރި ރީންއަށްވެސް ވަނީ ކަންކަން ކުރިމަތިވެފައިކަމަށްވާތީ ރީނަށް ހަދިޔާއެއްގެ ގޮތުންނެވެ. ތަފާތަކީ ފިރިމީހާ އެނބުރި އައުމުން ރީން ކަންތައް ކުރި ގޮތެވެ. ރީންގެ ގެއަކަށް ނުވައްދައެވެ. އެއްކޮޓަރީގެ އެޕާޓްމަންޓެއް ކުއްޔަށް ހިފައި ބެހެއްޓީ އެތަނުގައެވެ. ކައިބޮއިހެދުމަށް ދެނީ ޕޮކެޓްމަނީއެކެވެ. ރީންވެސް ބުނަނީ ކުރީގެ ފިރިމީހާ ފެނުމުން ދެލޯ އަމިއްލައަށް ރުޅި އައިސް ރަތްވެސްވާކަމަށެވެ. 

އަޅުގަނޑު އުންމީދުކުރަނީ މިވާހަކަކިޔާ ފިރިންނަށް ކޮންމެވެސް އެއްޗެއް ވިސްނޭނެ ކަމަށެވެ. 

- ފައުޑީ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން