އަޅުގަނޑުމެން ދެމަފިރިން ކައިވެނިކުރިތާ އަދި މިވީ 7 އަހަރެވެ. 7 އަހަރުތެރޭގައި ވަރަށް ބޮޑެތި މުޞީބާތްތަކާއި ކުރިމަތިލާން ވަނީ ޖެހިފައެވެ. ވަރަށް ހިތްދަތިވި ކަންތައްތައްވެސް ވަނީ ކުރިމަތިވެފައެވެ.
ފުރަތަމަ ކަމަކީ ކައިވެނިކުރިތަނާހެން ގެއިން ބޭރުކޮށްލުމުން ތަނެއް ކުއްޔަށް ހިފައިގެން ދިރިއުޅެން ފެށިތަނާ ވަޒީފާ ގެއްލި ކުލި ނުދެއްކިގެން އުޅެންޖެހުނު ނިކަމެތިޙާލެވެ. ބިލް ނުދެއްކިގެން ކަރަންޓާއި ފެންވެސް ކަނޑައިލިއެވެ. ސަލާންޖަހަން ޖެހުނެވެ. އެއްއިރު ކައިގެންވެސް ތިބީމެވެ.
އެފަދަ ނިކަމެތިޙާލުގައި އުޅުނުއިރުވެސް އަޅުގަނޑުމެން ދެމަފިރިން ނަމާދެއް ނާޅަމެވެ. ވަގުތު ޖެހުމުން ދެމަފިރިންވެސް ނަމާދުކުރަމުއެވެ. ދަމުނަމާދަށް ހޭލައި ކަނުއަނދިރީގައި ރޭއަޅުކަން އެކުގައި ކުރަމުއެވެ. ނަތީޖާއަކީ 5 މަސްދުވަސްފަހުން، ކުރިން ލިބުނު އާމްދަނީގެ 4 ގުނަ އިތުރަށް ލިބޭނެ މަސައްކަތެއް ކުރަން ލިބުމެވެ. އަތްމަތި ތަނަވަސްވުމެވެ.
ކައިވެންޏަށް 2 އަހަރުތެރޭ 2 ފަހަރަށް އަނބިމީހާ ބަލިވެއިނެވެ. ނަމަވެސް ކޮންމެފަހަރަކުވެސް 3 މަސްނުވެ ބައިގެންދަނީއެވެ. ބައްޔެއް ނުފެނެއެވެ. ވާގޮތެއް ނުއެނގެއެވެ. ދަރިފުޅު ވެއްޓެނީއެވެ.
އެޙާލަތުގައިވެސް ﷲ ގެ ޙަޟްރަތުން އުންމީދު ކަނޑައެއް ނުލަމުއެވެ. އަބަދުވެސް އަޅުކަންކުރަމުން އަންނަފަދައިން ދެމަފިރިން އަޅުކަންކޮށް ދުޢާކުރަމުން އައީއެވެ. ނަތީޖާއަކީ މިހާރު ލޯބިލޯބި 3 ކުދިން ލިބިފައިވުމެވެ.
ބައްޕަ ނިޔާވުމުން ޢާއިލާގެ އެހެން މީހުންގެ ނުފޫޒުން ސަލާމަތްވިއެވެ. ގޯތިބަހަންޖެހުނެވެ. ލިބުނު ބިންކޮޅުގައި 4 ބުރިއަށް ގެއެއް އެޅިއްޖެއެވެ. ކުލިދައްކަން ނުޖެހި ދިރިއުޅެވޭތާ 2 އަހަރުވީއެވެ.
މިހާރު އޮތް އެންމެ ބޮޑު އުންމީދަކީ ދެމަފިރިން އެކުގައި ޙައްޖުވުމެވެ. އިރާދަކުރެއްވިއްޔާ ލަސްތަކެއްނުވެ އެކަންވެސް ފުރިހަމަވާނެއެވެ. އެކަމަށް ފައިސާވަނީ ޖަމާކުރެވިފައެވެ.
އަޅުގަނޑުމެން މިވާހަކަކޮޅު ހިއްޞާމިކުރީ މިއަދުނޫހުގެ ކިޔުންތެރިންނަށް ހިތްވަރުދޭށެވެ. ކިތަންމެ ދަތިޙާލުގައި އުޅެންޖެހުނު ނަމަވެސް ދެމަފިރިން އެކުގައި ތަޤްވާވެރިކަމުގައި ސާބިތުވެ ތިބިނަމަ ކުރިއަށްދެވޭނެކަން އަޅުގަނޑުމެން ދެމަފިރިން ތަޖުރިބާކޮށްފީމެވެ. އިން ޝާ ﷲ އަޅެ ނިކަން ތިއަބޭފުޅުންވެސް "ޓްރައި" ކުރައްވަބައްލަވާށެވެ! ކާމިޔާބުވާނެއެވެ! އިން ޝާ ﷲ
- އަހްމަދު އާއި ފައުޒިއްޔާ / މިއަދުނޫހުގެ ކިޔުންތެރިން