ޙަޤީޤީ ޙާދިސާ: ތެދުވެރި ލޯބި- "މަރު"ބަލިން ގަދަވި ސަބަބު! ތެދުވެރި ލޯތްބާ އެއިގެ ފައިދާ އެނގެން ބޭނުން މީހުންނަށް މިއީ ލާމަސީލު ޙާދިސާއެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 34ސ
ޙަޤީޤީ ޙާދިސާ: ތެދުވެރި ލޯބި- "މަރު"ބަލިން ގަދަވި ސަބަބު! ތެދުވެރި ލޯތްބާ އެއިގެ ފައިދާ އެނގެން ބޭނުން މީހުންނަށް މިއީ ލާމަސީލު ޙާދިސާއެއް!

އަޅުގަނޑުމެން ދެމަފިރިންވެސް ދިރިއުޅެމުން އައީ ވަރަށް އުފަލުގައެވެ. ކައިވެންޏަށް 5 އަހަރުވީއިރުވެސް ދިރިއުޅެމުން އައީ ހަމަ އެންމެ ފުރަތަމަ ދުވަސްހައި ލޯބިންނެވެ. އަޅުގަނޑަކީ އެހައި ތަނަވަސްމީހެއް ނޫނެވެ. ނަމަވެސް ދެމަފިރިންނަށް އެކުގައި އުފަލުގައި އުޅެލެވޭވަރުވެއެވެ. އަނބިމީހާއަކީވެސް މާބޮޑު ތަނަވަސްކަމަކަށް ދަހިވެތި އަންހެނަކަށް ނުވުމުން ދެމަފިރިންގެ މެދުގައި އެއްވެސް ކަމަކަށް ކަންބޮޑުވުމެއް ނުއޮވެއެވެ. ކިރިޔާވެސް ކަންބޮޑުވުމެއް އޮންނަނީ ދަރިއަކު ނުލިބި ލަސްވާތީއެވެ. 

ހުރިހާ ކަމެއް ފުށުން ޖެހިގެންދިއައީ ޑޮކްޓަރު ބުނި ވާހަކައަކުންނެވެ. އެއްފަހަރަކު ޑޮކްޓަރަށް ދެއްކުމުން ޓެސްޓްތައް ހަދާފައި ބުނީ އަދި މިހައިތަނަށް އެއިގެ ޙަޤީޤަތް ހޯދިފައިނުވާ ޖަރާސީމެއް ލޭގައި އެބަހުރިކަމަށާއި އެޖަރާސީމަށް ދޭނެ ފަރުވާއެއް އަދި ހޯދިފައިނުވާކަމަށެވެ. އަދި މިޖަރާސީމު ހަށިގަނޑުގެ ތެރެއަށް ވަދެއްޖެނަމަ އެމީހަކު ދުނިޔޭގައި ހުންނަނީ ގިނަވެގެން އަހަރެއްހައި ދުވަހު ކަމަށެވެ. 

ކޮންމެއަކަސް މިވާހަކަ އަޅުގަނޑުގެ އަނބިމީހާއާއި ޙިއްޞާކުރާކަށް ބޭނުމެއް ނުވިއެވެ. އަދި އަޅުގަނޑު ބަލިއެނދުގައި ބާއްވައިގެން އެކަމުގެ ބުރަ އުފުލަން އަނބިމީހާއަށް ޖައްސުވާކަށްވެސް ބޭނުމެއް ނުވިއެވެ. މަރުވާނީ ކިހައި ބަލިޙާލެއްގައި ކިހައި ގިނަ ދުވަހަކު އޮންނަންޖެހިފައިކަންވެސް ނުއެނގޭތީއެވެ. އެދުވަހު އަޅުގަނޑުގެ ވިސްނުމަސް އައީ އެހައި ރަނގަޅު އަންތބަކަށް އެހައިބޮޑު ބުރައެއް އުފުލަން ޖައްސުވަން ނުވާނެ ކަމަށެވެ. 

ގެއަށް އައިސް އަނބިމިހާ ގާތުބުނީމެވެ. "މިހައިތަނަށް ކޮށްދިން ޚިދުމަތަށް ވަރަށް ބޮޑަށް ޝުކުރިއްޔާއެވެ. ނަމަވެސް ދެން އެކުގައި ދިރިއުޅެވޭކަށް ނެތެވެ. ތިބާމަތިން ފޫހިވާތާ ވަރަށް ގިނަ ދުވަސްވެއްޖެއެވެ. ދެން އިތުރަށް ކެތެއް ނުކުރެވޭނެއެވެ. ތިއަހުރީ ވަރިކޮށްފައެވެ. އަވަހަށް މައިންބަފައިންގެ ގާތަށްދާށެވެ." މިބަސްތައް ބުނީ ހިތުން ކަރުނައަޅަމުންނެވެ. ހިތް ރޮއްވަމުންނެވެ. އެހެން ބުނެފައި ގެއިން ނެރެ ފޮނުވައިލީއެވެ. 

އެކަންކުރި ސަބަބު ކުރިން މިކިޔައިދިނީއެވެ. އެކަމުން ލިބުނު ހިތާމައިގެ ބޮޑުކަމުން ހަފްތާއެއްވަންދެން ނުވެސްކައި ހަމައެކަނި ޖޫސްފޮދެއް ބޯލައިގެން ހުރީމެވެ. 

ކޮންމެއަކަސް އެއިގެ 6 މަސްދުވަފަހެވެ. ޑޮކްޓަރު ބުނިގޮތަށް އަޅުގަނޑު ބަލިވެއްޖެއެވެ. ހިނގައި ނޫޅެވޭވަރުވެގެން އޮށޯވެއޮންނަން ޖެހިއްޖެއެވެ. އެޙާލަތުގައި އަނބިމީހާގެ މަތިން އަދި މާބޮޑަށް ހަނދާންވާންފެށިއެވެ. ދެކެން ބޭނުންވާން ފެށިއެވެ. ގެއަށް އަލުން ގެންނަން ބޭނުންވިއެވެ. ނަމަވެސް ކެތްތެރިވެގެން އޮތީއެވެ. އެވާހަކަތައް އޭނާ އާއި ހަމައަށް ފޮނުވާނެ ހިތްވަރެއް ނުލިބުނެވެ. 

އެނދުން ނުތެދުވެވޭވަރުވީތާ 8 ވަނަ ދުވަހު ފެނުނީ އަނބިމީހާ އައިސް އެނދުކައިރީގައި  ހުއްޓައެވެ. ބުންޏެވެ. "ހުރިހާކަމެއް އެނގިއްޖެއެވެ. ވިދިވިގެން 4 ރޭ އެއް ހުވަފެނެއް ފެނިއްޖެއެވެ. ވީމާ ދޮގެއް ނުވާނެއެވެ. މަރުވުމުގެ ވަގުތު ޖެހުމުން މަރުވާނީއެވެ. އެއީ ހިފެހެއްޓޭނެ އެއްޗެއް ނޫނެވެ. ނަމަވެސް މަރުވަންދެން އެކީގައި އުޅުނީމަ ނިމުނީއެވެ. އަވަހަށް އަލުން ކައިވެނިކުރަމާ ހިނގާށެވެ. އަހަރެން މިގެއިން ނުކުމެގެންދިއައީވެސް ތިބާ ދެއްކި ވާހަކަތައް ޤަބޫލުކުރެވޭތީއެއް ނޫނެވެ. ފައްޗަކަށް އަމުނައިލި ވާހަކަތަކުގެ ތެރެއިން ވަރިނުކުރިނަމަ ނުވެސް ނުކުންނާނަމެވެ.

މިގެއިން ނުކުތްފަހުން ،ިހައިތަނަށްވެސް ހަމަ އެންމެ ރެއަކުވެސް ހަމަނިދި ލިބިފައެއް ނުވެއެވެ. އަބަދުވެސް އޮވެވެނީ ކަންބޮޑުވުމެއްގައެވެ. ކަންތައް ތިއަކުރީ ރަނގަޅަކަށް ނޫނެވެ. އަހަރެން ކުރިން ބަލިވިނަމަ އަހަރެން އެއްލައިލާނީ ހެއްޔެވެ؟ އެއްލައިނުލާނެކަން ޔަޤީނެވެ. ވީތަނެއްވެދިއައީ އެވެ. ވީކަމެއްވެސް ވެނިމިއްޖެއެވެ." 

އޭނާގެ ވާހަކަތައް އަޑުއަހާފައި ބުނާނެ އެއްޗެއް ނުއެނގުނެވެ. އެންމެ ބޮޑަށް ޖެހިލުންވީ އޭނާކުރިން ބަލިވިނަމަ އެއްލައިލާނީތޯ؟ ސުވާލުކުރުމުންނެވެ. ކޮންމެއަކަސް ބަލި އެނދުގައި އޮވެގެން އަލުން ކައިވެނިކުރީއެވެ. އަނބިމީހާގެ އުޅުމުން އޭނާ ވަރިކުރެވުނުކަންވެސް ނުއަންގައެވެ. އުޅުނީ ހަމަ ކުރިން އުޅުނުހައި ލޯބިންނެވެ. 

ކަންކަންކޮށްދެމުން ދިއައީ އެހައިފުރިހަމައަށެވެ. އަހަރެންނަށް ކަމެއްކޮށްދޭން ނެތްނަމަ ގާތުގައި އިނދެގެން ޤުރްއާންކިޔަވައެވެ. ގިނަގިނައިން ދުޢާކުރެއެވެ. ނަތީޖާ ބުނަން ހެއްޔެވެ؟ އަހަރުނުވަނީސް މަރުވީއެއް ނޫނެވެ. 8 ވަނަ މަހު ލުއިވާންފެށީއެވެ. 10 ވަނަ މަސް ނިމުނުއިރު އެބުނި ޖަރާސީމް އެކުގައި ފިލައިފިއެވެ. އެކުގައި ބަލިފަސޭހަވެއްޖެއެވެ. 

އަދިވެސް ބުނަންހެއްޔެވެ؟ ޖެހިގެން އައި 3 އަހަރަކީ ކޮންމެއަހަރަކު ދަރިއަކު ލިބުނު އަހަރެކެވެ. އެދަރިންނަށް ދަރިން ލިބި މިހާރު މިތިބީ ކާފަ މާމަވެފައެވެ. ނަމަވެސް އަހަރެމެން ދެމީހުންގެ ލޯބީގެ ގުޅުން ހަމަ ފުރަތަމަ ދުވަހާއި އެއްފަދައެވެ. އިން ޝާ ﷲ އުންމީދަކީ އަތުގުޅާލައިގެން އެކުގައި ސުވަރުގެ ވަނުމެވެ. އިން ޝާ ﷲ 

މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނާނެ ވަކި ޚާއްޞަ ވާހަކައެއް ނެތެވެ. އަހަރެމެން ދެމަފިރިންގެ މުޅި ޙަޔާތަކީވެސް އަދި ޙަޔާތުގައި ހިނގި ކޮންމެ ކަމަކީވެސް ޢިބްރަތުން ފުރިގެންވާ އެތައްބައިވަރު ވާހަކަތަކެއް ނޫން ހެއްޔެވެ؟ 

- ޢަލިމަނިކު / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން