އަޅުގަނޑު ހަނދާން ހުންނަން ފެށީންސުރެ އަޅުގަނޑަށް އެހެން މީހުންގެ ސަމާލުކަން ވަރަށް ކުޑައެވެ. ޢާއިލާތެރޭގައިވެސް އަދި ޢާއިލާއިން ބޭރުގައިވެސް އެކަން އޮންނަނީ އެގޮތަށެވެ. އެއީ ކީއްވެގެން އެނގުނީ އުމުރުން 14 އަހަރުގައެވެ.
ސަބަބަކީ އަޅުގަނޑުގެ ސިފަ ހުތުރުކަމެވެ. ނަމަވެސް އެކަމާއި އަޅުގަނޑަށް ކުރެވޭނީ ކޮންކަމެއްތޯއެވެ؟ އަނެއްކަމަކީ އަޅުގަނޑުގެ ސިފަ ހުތުރުކަން އަޅުގަނޑަށް އިޙްޞާޞެއް ނުކުރެވެއެވެ. އަޅުގަނޑަށް އަޅުގަނޑު ހަމަ ވަރަށް ރީއްޗެވެ. އެހެންވެ މީހުން އަޅުގަނޑަށް ސަމާލުކަން ނުދޭތީ އަޅުގަނޑު ކަންބޮޑެއް ނުވެއެވެ.
އޭލެވެލް ނިންމާފައި ކޮލެޖުން ކިޔަވަންފެށިއިރު އެކުވެރި ކޮންމެ ކުއްޖަކުހެން 2، 3 ބިޓުން ކަޓުވައިފިއެވެ. ނަމަވެސް އަޅުގަނޑަކަށް އެންމެ ބިޓެއްވެސް ނުލިބެއެވެ. އެހެންވެ އަޅުގަނޑުގެ ބިޓަކީ ކިޔެވުން އެކަނިކަމަށް އޮތީވެފައެވެ. އެކަމުގެ ފައިދާ ކޯހުގެ ނަތީޖާއިން ފެނުނެވެ. އިން ޝާ ﷲ
ދެން އައީ އެންމެ ހިތްދަތި ދުވަސްތަކެވެ. ވަޒީފާއެއް ހޯދަން މަސައްކަތްކުރި ދުވަސްތަކެވެ. އަޅުގަނދަށްވުރެ މާދަށުން ފާސްވި ކުދިންނަށާއި ފޭލްވިކުދިންނާއިއެކު ވަޒީފާއަށް ކުރިމަތިލުމުން ވެސް ވަޒީފާ ލިބެނީ އެކުދިންނަށެވެ. އަޅުގަނޑަށް ވަޒީފާއެއްވެސް ނުލިބެއެވެ.
ނަމަވެސް މާޔޫސްއެއް ނުވަމެވެ. ދެރައެއްވެސް ނުވެއެވެ. ހިތަށް އަރަނީ އަޅުގަނޑުގެ ސިފަ ހަޑިވެގެން އަޅުގަނޑަށް އެއްވެސް ދެރައެއް ލިބޭނެ ނަމަ މިސިފައިގައި އަޅުގަނޑު ދުނިޔެއަކަށް ނުފޮނުއްވަވާނެއެވެ. އަދި ނުވެސް ކިޔެވޭނެއެވެ. އެހެންވީމާ އަދި ހަމަ ވަގުތު ނެޖެހެނީއެވެ. މިއީ ހަމަ އިމްތިޙާން ކުރެއްވެވުމެކެވެ.
ބައެއް މީހުން މޫނުބުރުގާއަޅަން ވެސް ނަޞޭޙަތްދިނެވެ. އަޅުގަނޑު ބުނަމެވެ. "މޫނުބުރުގާވެސް އަޅާނަމެވެ. ނަމަވެސް ﷲ ދެއްވެވި ސިފަ ފޮރުވާކަށް ނޫނެވެ. ﷲ ތަޢާލާއަށް ބިރުވެތިވެގެންނެވެ."
ކިޔެވުން ނިމި ވަޒީފާއެއް ނުލިބިފައި 3 އަހަރު ހުރީމެވެ. މާޔޫސްވެ ތަންތަނަށް ސިޓީލުން ހުއްޓައެއް ނުލަމެވެ. އެގޮތަށް ސިޓީލަމުން ގެންދަނިކޮށް އެއްފަހަރަކު ސިޓީ ލެވުނު ކުންފުންޏަކުން އިންޓަރވިޔުކުރުމަށްފަހު ވަޒީފާ ދިނެވެ. މަސައްކަތްކުރާތާ 2 އަހަރު ތެރޭގައި 3 ޕަރަމޯޝަންވެސް ލިބުނެވެ. އެއީ އަޅުގަނޑު ހަމަ ހުއްޓަކައެއް ނޫނެވެ. އެހެން މުވައްޒިފުންނަށްވުރެ ބުރަކޮށް މަސައްކަތްކޮށް ކުންފުންޏަށް ގިނަ ފައިދާ ހޯދައިދޭތީއެވެ. މަސައްކަތުގައި ގިނަ ވަގުތު ހޭދަކުރާތީއެވެ.
އަޅުގަނޑުގެ ސިފަ ހުތުރުވީމާ ބިޓުން ނުތިބޭތީ ފޯނުކުރާނެ މީހަކު ނުހުރެއެވެ. މެސެޖުކުރާނެ މީހަކު ނުހުރެއެވެ. އެހެންވެ ވަގުތު ބޭކާރުކުރަން ނުޖެހޭތީ ގިނައިން މަސައްކަތްކުރެވެނީއެވެ. ކަންކަން ވިސްނޭތީ، އަޅުގަނޑު ބިޓެއް ހޯދާކަށް ނުވެސް އުޅެމެވެ. ވަޒީފާ އާއިމެދު ވަކީލްކުރިފަދައިން އެކަންވެސް ހުރީ ވަކީލުކޮށްގެންނެވެ. ވަގުތު ޖެހުމުން ފިރިއަކު ދެއްވަވާނެކަން ޔަޤީންކޮށްގެންނެވެ.
ޢުމުރުން 32 ވަނަ އަހަރު އަޅުގަނޑު މަސައްކަތްކުރާ ކުންފުނީގެ އެއް ޑިރެކްޓަރު، ކުންފުނީގެ ވެރިމީހާގެ ދަރިފުޅު އެއްދުވަހު އަޅުގަނޑު އޭނާގެ ކެބިނަށް ގެންގޮސްފައި ބުނީ އޭނާއަށް އަޅުގަނޑު ވަރަށް ކަމުދާކަމަށެވެ. ރުހޭނަމަ ކައިވެނިކުރަން ބޭނުން ކަމަށެވެ.
އަޅުގަނޑު ރުހުނީމެވެ. ނަމަވެސް ބުނީމެވެ. "ކަމުދާނަމަ ކައިވެނިކުރައްވާށެވެ! ލޯބިވެގެން ކައިވެނިނުކޮށް ނުތިބުމަށް އަޅުގަނޑުގެ މަންމަ ވަނީ މަރުމަތީގައި ވަޞިއްޔަތްކޮށްފައެވެ. މަންމަ ބުނެފައި އޮތީ އެގޮތަށް ތިބޭނަމަ ޙަރާމްކަންކަން ކުރެވޭނެ ކަމަށާއި އެއީ ކައިވެނީގެ ބަރަކާތް ކެނޑޭކަމެއް ކަމަށެވެ."
އަޅުގަނޑުގެ ހުށަހެޅުން އޭނާ ޤަބޫލުކުރިއެވެ. އަޅުގަނޑު އެދުނުގޮތަށް އަޅުގަނޑާއި ކައިވެނިކުރިއެވެ. މިހާރު މިއީ ކައިވެންޏަށް 11 ވަނަ އަހަރެވެ. އަޅުގަނޑުގެ ސިފަ ހުތުރުވެގެން ފިރިމީހާ ދުވަހަކުވެސް ނުއުޅެއެވެ. އެފަދަ ބަހެއްވެސް ނުބުނެއެވެ. ދިރިއުޅެމުން މިގެންދަނީ ހަމަ ވަރަށް ލޯބިންނެވެ.
މިހާރު އަޅުގަނޑަކީ 4 ދަރިންގެ މަންމައެވެ. ފިރިމީހާ އާއި ދެމީހުންގެ ނަމުގައި ކުންފުންޏެއް އުފައްދައިގެން މިކުރަނީ ދެމީހުންގެ އަމިއްލަ ވިޔަފާރިއެވެ. ފިރިމީހާގެ ޢާއިލާއިން އެންމެ ކާމިޔާބު ދަރިއަކީ އަޅުގަނޑުގެ ފިރިމީހާއެވެ. އިން ޝާ ﷲ
މިއަދުނޫހުގެ ކިޔުންތެރިން ގާތު ބުނެލަން ބޭނުންވަނީ ﷲ ތިމާ ހެއްދެވި ސިފަ ހުތުރުވެގެން ބައަކު ވާހަކަ ދެއްކި ނަމަވެސް ކަންބޮޑުނުވާށެވެ. ކޮންމެ މީހަކުވެސް ރީތިވާނެ ކޮންމެވެސް މީހަކު ހުންނާނެއެވެ. އެމީހާ އާއި ބައްދަލުވަންދެން ކެތްތެރިވެލާށެވެ! ދެރަވެ މާޔޫސްވާންޖެހެނީ ކަންކަމުގައި އަވަސްއަރައިގަނެވޭތީއެވެ.
އެމީހާ ބޭނުންވާ ސިފައިގައި ދުނިޔެއަށް އާދެވުނު ހަމައެކަކުވެސް ނުހުންނާނެއެވެ. ކޮންމެ މީހަކުވެސް އުފަންވަނީ ﷲ އުފަންކުރައްވަވާ ސިފައިގައެވެ. އެކަމަށް ނުރުހެވޭނަމަ އެނުރުހެވެނީ ﷲ ތިމާ އުފެއްދެވި ގޮތަށެވެ.
އަޅުގަނޑު ކިޔަވަން އުޅުނުއިރު އެކި މަރުޙަލާތަކުގައި އަޅުގަނޑަށް މަލާމާތުގެ ބަސްތައް ބުނި ބައެއް މީހުން މިހާރު އެތިބީ މިސިފަ ހުތުރު މީހާގެ މުވައްޒިފުންގެ ގޮތުގައެވެ. އަޅުގަނޑު އެއެންމެންނަށް މާފުކޮށްފީމެވެ. އެއީ އެމީހުންގެ މައްސަލައެއްވެސް ނޫނެވެ. ދަރިންނަށް ދެވޭ ތަރުބިއްޔަތުގެ މައްސަލައެކެވެ. ދީން އުނގަންނައި ނުދެވޭތީ ކުރިމަތިވާ މައްސަލަތަކެވެ.
އަޅުގަނޑުގެ ބޭނުމަކީ އަޅުގަނޑު ފަދަ ސިފަ ހުތުރުކަމަށް މީހުން ބުނާ ކުދިންނަށް، ޚާއްޞަކޮށް އަންހެންކުދިންނަށް ހިތްވަރުދިނުމެވެ. ވިސްނައިދިނުމެވެ.
އަދިވެސް އެއްވާހަކަ ބުނެލާނަމެވެ. އަޅުގަނޑުގެ ހިތަށް މިހާރުވެސް އަރައެވެ. "ފިރިމީހާއަށް ކަމުދިއައީ އަޅުގަނޑުގެ މަސައްކަތެވެ. އަޅުގަނޑުގެ އަޚްލާޤެވެ. ވީމާ އޭނާ އަޅުގަނޑު ބަލައިގަތީއެވެ. ފިރިމީހާ އެއްބަސްނުވެދާނެއެވެ. ނަމަވެސް މިއީ ޙަޤީޤަތަށްވުން ގާތެވެ." ވީމާ ބުނެލަން އޮތީ މަސައްކަތުގައި ހީވާގިވުމާއި ރިވެތި އަޚްލާޤް ކުރިއަށް ނެރެފި އަންހެނަކު ބާކީއެއް ނުވާނެއެވެ. އަގުވަޒަންކުރާނެ މީހުން ތިބޭނެއެވެ.
- ރާމިޒާ / މިއަދުނޫހުގެ ކިޔުންތެރިއެއް