އަޅުގަނޑުވެސް ކައިވެނިކުރީ ވަރަށް ގިނަ އުންމީދުތަކަކާއިއެކުގައެވެ. އެއިގެ ތެރެއިން އެންމެ ބޮޑު އެއް އުންމީދަކީ ކައިވެންޏަށްފަހު ވަޒީފާއަދާނުކޮށް ދިރިއުޅެވުމެވެ.
އަޅުގަނޑަކީ ކޮލެޖް ނިމުނީންސުރެ ވަޒީފާ އަދާކުރާ އަންހެނަކީމެވެ. އެއީ އަޅުގަނޑުގެ މައިންބަފައިންނަސް އެހީތެރިވެދޭންޖެހޭތީއެވެ. އެމީހުން އަޅުގަނޑަށް ކިޔަވައިދީ ގެންގުޅެ ބޮޑުކުރީ ވަރަށް ލޯބިންނެވެ. ވީމާ އެމީހުން މުސްކުޅިވެ ގައިބާރު ދެރަވި ދުވަހު އއެމީހުންނަށް އެހީތެރިވުމަކީ ދީނީ ވާޖިބެއްގެ އިތުރުން އިންސާނީ ވާޖިބެއްކަން އަޅުގަނޑު ޤަބޫލުކުރަމެވެ.
އަޅުކަނޑުގެ ކޯސްފީ ނުދެއްކިގެން މަންމަގެ ގަހަނާ ވިއްކިކަން އަޅުގަނޑަށް ސިއްރުކުރިއެވެ. ނަމަވެސް އެކަން އަޅުގަނޑު ރަނގަޅަށް ދެނެހުރީމެވެ. އެދުވަހު އަޅު ނިޔަތްގަތީމެވެ. އެއަށްވުރެ ފުރިހަމަ ގަހަނާ މަންމައަށް ގަނެދޭނަމެވެ."
ކޮންމެއަކަސް ކައިވެނިކުރެވުނު ފިރިމީހާއަސް ލިބޭ މުސާރައިން ދެމަފިރިންގެ ޚަރަދުވެސް ހަމަޖައްސައިލެވޭވަރެއް ނުވެއެވެ. އަޅުގަނޑަށް ލިބޭ މުސާރައިން ނުލައި ދެކޮޅެއް ނުޖެހެއެވެ. މިބުނަނީ އަދި މަންމަމެންނަށް ކަންކަން ކޮށްދިނުން ނުލައެވެ.
ފިރިމީހާ އިތުރު ޢާމްދަނީ ހޯދަން ބޭނުމެއް ނުވެއެވެ. މަސައްކަތްކުރާނެ ހިތްވަރެއް ނުހުރެއެވެ. އޮފީސް ވަގުތު ނިމުމުން ބަލަނީ ކޮންމެވެސް ކުޅިވަރެއް ކުޅެންއުޅެވޭތޯއެވެ. އެކަންކަން ބަދަލުވޭތޯ މަސައްކަތްކުރަމުން ދަނިކޮށް ކުރިމަތިވާން ފެށީ އިތުރު މައްސަލަތަކެވެ. އޭނާ ބޭނުންވީ އަޅުގަނޑުވެސް އިތުރުގަޑީގައި މަސައްކަތްކުރުން ހުއްޓާލުމަށެވެ.
ޖަވާބުގައި ބުނީމެވެ. "އިތުރުގަޑީގައިވެސް އަދި އޮފީސްގަޑީގައިވެސް މަސައްކަތްކުރަން ބޭނުމެއް ނޫނެވެ. ގޭގެ ޚަރަދަށް ބޭނުންވާ ފައިސާ ހޯދާށެވެ. މިއީ އަހަރެންގެ މައިންބަފައިންގެ ގެއެވެ. އަޞްލަކީ މިހާރު އަހަރެމެން ދިރިއުޅޭނެ ތަނެއް ދައްކަން މައިންބަފައިިންނަށް ނުޖެހޭނެ ކަމެވެ. ވީމާ ދިރިއުޅޭނެ ތަނެއް ދައްކާށެވެ. އެއިރުން މިކޮޓަރި ކުއްޔަށް ދެނިކޮށް އެދެމަފިރިންނަށް ބޭނުންވާ ފައިސާ ހޯދޭނެއެވެ."
އަދިވެސް ބުނީމެވެ. "މައިންބަފައިން އަހަރެން ގެންގުޅެބޮޑުކުރީ ވަރަށް ލޯބިންނެވެ. ކިޔަވައިދިނީ ގަހަނާ ވިއްކައިގެންނެވެ. އެމީހުންނަށް އެހީތެރިވުމަކީ އަހަރެން ކޮންމެހެން ކުރަންޖެހޭނެ ކަމެކެވެ. އެކަން ނުކުރެވޭނަމަ އަހަރެންގެ ޒިންމާއަކީ ކޮބައިހެއްޔެވެ؟ އެމީހުންނަކީ މުސްކުޅިންނެވެ. އެހީތެރިކަން ފޯރުކޮށްދެވޭނީ ދުނިޔޭގައި ތިބި ދުވަހަކު ނޫންހެއްޔެވެ؟"
އެހިސާބުން އަޅުގަނޑު ހެދީ ނުކިޔަމަންތެރި އަންތބަކަށެވެ. އުފެދުނު ޚިޔާލުތަފާތުވުމުގެ ތެރޭގައި އަޅުގަޑު ވަރިވެސް ކުރިއެވެ. އެއިރު ބަލިވެ އިނދެ ބަނޑަށް 3 މަހެވެ. އަޅުގަނޑަށް ބޮޑަށް ޤަބޫލުކުރެވެނީ ދަރިފުޅަށް ޚަރަދުކުރާނެ ފައިސާ ހޯދަންޖެހޭނެތީ ފިލީ ކަމަށެވެ.
ވަރިކުރުމަކުން ދެރައެއް ނުވަމެވެ. އެއީ ދިރިއުޅެން މަސައްކަތްކުރަން ނުކެރޭ ފިރިއަކާއިއެކު ދަތިޙާލުގައި ދިރިއުލުމަށްވުރެ އެކަނި ހުރުންވެސް މާރަނގަޅުވާނެތީއެވެ. ދެރަނުވީ އެހެންވެގެންނެވެ.
ވިހައި ގަދަވިތަނުން ބައްދަލުވި މީހަކާއި ކައިވެނިކުރީމެވެ. އޭނާއަކީ ހުރިހާ ގޮތަކުންވެސް ފުރަތަމަ ފިރިމީހާ އާއި ވަރަށް ތަފާތު މީހެކެވެ. ކައިވެނިކުރިއިރު އޭނާއަކީ ތަނަވަސް މީހެއް ނޫނެވެ. ނަމަވެސް އާމްދަނީ ހޯދަން މަސައްކަތްކުރެއެވެ. ކުޅިވަރުކުޅުމުގެ ބަދަލުގައި ވަގުތުތަކުގެ ބޭނުން ހިފަނީ އިތުރު މަސައްކަތްކުރުމަށެވެ.
ދެމަފިރިން އެކުގައި ކުރި މަސައްކަތުން ކުރިއެރުން ލިބި މިހާރު އަހަރެމެންނަކީ ތަނަވަސް ނޫން ބައެއް ކަމަކަށްވެސް ނުބުނެވޭނެއެވެ.
މިއަދުނޫހުގެ ކޔުންތެރިންނަށް އަޅުގަނޑުގެ ޙަޔާތުގެ ވާހަކަ ވަރަށް ކުރުކޮށް މިގެނެސްދިނީ ވަރަށް ބޮޑު ބޭނުމަކުއެވެ. ފުރަތަމަކަމަކަށް ފާހަގަކުރަން ބޭނުމީ އަނބިން ވަޒިފާއަދާކުރަން ނުރުހޭނަމަ ޚަރަދުކުރާނެ ފައިސާ ހޯދަން މަސައްކަތްކުރަން ފިރިމީހާއަށް ޖެހޭނެ ކަމެވެ. ފިރިމީހާ ބޭނުންވާ ގޮތަށް ޚިދުމަތްކުރަން ގޭގައި އިނދެވޭނީ އެއިރުން ކަމެވެ.
ދެވަނަ ކަމަކީ އާމްދަނީ ހޯދަން މަސައްކަތްނުކޮށް ވަގުތުތައް ބޭކާރުކުރާ ފިރިންނާއި ކައިވެނިކޮށްގެން އުޅުމުގެ ބޭނުމެއް ނެތަކަމެވެ. އަނބިންގެ ދިޔަފެލިގެން ފިރިން ގެންގުޅުމަށްވުރެ އެކަނި ހުރުންވެސް މާފައިދާބޮޑުކަމެވެ.
ތިންވަނަ ކަމަކީ ފުރަތަމަ ކައިވެނި އެޙާލަތުގައި ރޫޅުމުން އަޅުގަނޑުގެ ބައެއް އެކުވެރިން އަޅުގަނޑަށް ނުބައި ބަސްތައް ބުނެ ހެދިއެވެ. އަޅުގަނޑު ގޯސްކުރިއެވެ. އެބަސްތަކުން އަދިވެސް އަޅުގަނޑަށް އުނދަގޫވެއެވެ. ކިޔުންތެރިން ވިދާޅުވެބައްލަވާށެވެ. ފިރިމީހާއަށް އަޅުގަނޑަށް ދެވުނީ ނުބައި ޖަވާބެއްތޯއެވެ.
- އަޒްލިފާ ސަޢީދު / މިއަދުނޫހުގެ ކިޔުންތެރިއެއް