ޙަޤީޤީ ޙާދިސާ: ބަލިވެއިނުމުން އޭނާގެ ޒިންމާ ނިމުނީކަމަށްބުނެ ދެމައިން އެއްލައިލި ބައްޕަ، ދަރިފުޅަށް ފައިސާލިބެން ފެށުމުން ދަރިދެކެ ވަރަށް ލޯބިވޭ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 14ސ
ޙަޤީޤީ ޙާދިސާ: ބަލިވެއިނުމުން އޭނާގެ ޒިންމާ ނިމުނީކަމަށްބުނެ ދެމައިން އެއްލައިލި ބައްޕަ، ދަރިފުޅަށް ފައިސާލިބެން ފެށުމުން ދަރިދެކެ ވަރަށް ލޯބިވޭ!

އެހެން އަންހެނުން ފަދައިން އަޅުގަނޑުވެސް ކައިވެނިކުރީ ހަމަ ވަރަށް އުފާވެރި ހުވަފެންތައް ދެކެމުންނެވެ. މަރުވަންދެން އެކުގައި އުފާވެރި ދިރިއުޅުމެއް އުޅެވި އަދި ޤިޔާމަތްދުވަހު ސުވަރުގޭގައިވެސް އެކުގައިވެވޭނެ ކަމުގެ ފޮނި އުންމީދާއިއެކުގައެވެ. 

ނަމަވެސް ކަންތައްތައް މެދުވެރިވީ މުޅިން ތަފާތު ގޮތަކަށެވެ. ކައިވެނީގެ ވަރަށް ކުރީ ކޮޅުންފެށިގެން ފިރިމީހާގެ ކިބައިން ވަނީ ބޭވަފާތެރިކަން ފެންނަން ފަށައިފައެވެ. ކައިވެނީގެ 2 ވަނަ އަހަރު ދަރިއަކަށް ބަލިވެއިން ހިސާބުން އެކަން މާބޮޑުވިއެވެ. އަދި ފައުޅުގައިވެސް ފޫނުކޮށް މެސެޖުކުރުން ފަދަ ކަންކަން ކުރަން ފަށައިފިއެވެ. 

އެކަންކަމަށް ކެތްނުކުރެވިގެން އެކަންކަން ހުއްޓާލުން އެދި އާދޭސްކުރަންފެށީމެވެ. ބަނޑުގައި އޮތް ދަރިފުޅަށްޓަކައިވެސް ހެޔޮލަފާ ބައްޕައަކަސްވުމަށް އެދުނީމެވެ. ނަމަވެސް އޭނާގެ ޖަވާބަކަށްވީ ބަލިވެއިންކަން އެއީ އަޅުގަނޑުގެ މައްސަލައެއްކަމަށެވެ. ބަލިވެ އިނުމުން އެކަމުގައި އޭނާގެ ދައުރުވަނީ ނިމިފައިކަމަށެވެ. ބަނޑުގައި ބާއްވައިގެން ދަރިބެލުމާއި ވިހެއުމަކީ އަޅުގަނޑު ކުރަންޖެހޭ ކަމެއް ކަމަށެވެ. 

ކަންކަން ގޯހުން ގޯހަށް ދަމުންގޮސް ބަނޑަށް 5 މަހުގައި އަޅުގަނޑު ވަރިކޮށްފައި ގެއިންވެސް ނެރެލައިފިއެވެ. މައިންބަފައިންގެ ގާތުގައި އަލުން ދިރިއުޅެން ފަށަންޖެހުންވީ ވަރަށް އުނދަގޫކަމަކަށެވެ. މައިންބަފައިންނަކީ ވަރަށް ނިކަމެތިބައަކަށްވުމުން އަޅުގަނޑު ދިއުމުން އެމީހުންނަށް އެކަންވީ އުފުލަންޖެހުނު އިތުރު ތަކްލީފަކަށެވެ. 

ކޮންމެއަކަސް ވަރަށް ދަތިޙާލުގައި ދިރިއުޅެ ދުވަސްފުރައި ވިހެއީމެވެ. ވިހާގަދަވެގެން ވަޒީފާއެއްވެސް ހޯދީމެވެ. ވަޒީފާގައި އުޅެނިކޮށް ބައްދަލުވި މީހަކާއި ކައިވެނިވެސްކުރީމެވެ. އުފާވެރި ދިރިއުޅުމެއްވެސް ލިބުނެވެ. 

އަޅުގަނޑަށް ލިބުނު ފުރަތަމަ ދަރިފުޅަކީ މިއަދު ޑޮކްޓަރެކެވެ. އިން ޝާ ﷲ މަހަކު ވަރަށް ގިނަ ފައިސާ ލިބޭދަރިއެކެވެ. އެތަން ފެނުމުން މިހާރު ކުއްލިއަކަށް ބައްޕަ ދަރިފުޅުދެކެ ލޯބިވެއްޖެއެވެ. އިރުއިރުކޮޅުން ހޯދަން އަންނަން ފަށައިފިއެވެ. ދަރިފުޅު ފޯނު ނުނަގައިފިނަމަ އަޅުގަނޑަށްވެސް ގުޅަން ފަށައިފިއެވެ. އުނދަގޫ ބޮޑުވުމުން އަޅުގަނޑު ބުނީމެވެ. 

"ބަލަ މިހާރު ހަނދާން ނެތުނީހެއްޔެވެ؟ ކަލޭގެ ކަމަކީ ބަލިވެބޭންދުންކަމަށާއި އެހިސާބުން ކަލޭގެ ޒިންމާތައް ކެނޑުނީކަމަށް ބުނެ އަހަރެމެން ދެމައިންނާއިމެދު އެދުވަހު ކަންަންކުރި ގޮތް މިހާރު ހަނދާން ނެތުނީހެއްޔެވެ؟ ދަރިފުޅު ބޭނުންނަމަ ވާހަކަ ދެއްކުން މަނައެއް ނުކުރާނަމެވެ. ނަމަވެސް އަޅުގަނޑަށް އުނދަގޫނުކުރާށެވެ!" 

މިއަދުނޫހުގެ ކިޔުންތެރިންނޭވެ! މިހިރީ ކަންކަން ހިނގާ ގޮތެވެ. ދަރިފުޅަށް ބަލިވެއިން ހިސާބުން ޒިންމާކެނޑޭ ފިރިހެނުންގެ ލަދުޙަޔާތް ކޮބައިހެއްޔެވެ؟ ބަލިވެއިންނަ ހިސާބުން އަނބިމީހާގެ ބޮލަށް ހުރިހާކަމެއް ޖަހައި ނިކަމެތިކުރުމުން ސަލާންޖަހައިގެން ދަރިން ބޮޑުކުރުމުން އެދަރިންނަށް އާމްދަނީ ލިބެން ފެށުމުން ދަރިން ފެންނަ ބައްޕައިން ފަޓުލޫނާ ގަމީސްލަނީ ކީއްކުރަންހެއްޔެވެ؟ ލަދުޙަޔާތް ހުންނަ ނަމަ--- ކޮންމެއަކަސް އެފަދަ ބައްޕައިންނަކީ ހިތްހަރުކަށި އަމިއްލައެދުމުން ފުރިފައިތިބޭ ބައަކަށްވުމުން މިފަދަ ވާހަކަތަކުން އަސަރެއްވެސް ނުކުރާނެއެވެ! 

- ޢާއިޝަތު / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން