ބޭންކް އޮފް މޯލްޑިވްސް އިން މިއަދު 'ބީއެމްއެލް ސްކޮލާޝިޕް ފަންޑް' ތައާރަފްކޮށްފިއެވެ. މިއީ 2022 ވަނަ އަހަރު ނޮވެންބަރު މަހު ފާހަގަ ކުރާ ބޭންކް އޮފް މޯލްޑިވްސްގެ 40 ވަނަ އަހަރީ ދުވަހާ ހަމަޔަށް ކޮންމެ މަހަކު ހިންގުމަށް ހަމަޖެހިފައިވާ ހަރަކާތްތަކުގެ ތެރެއިން ފުރުތަމަ ހަރަކާތެވެ. މިގޮތުން މުޖުތަމައަށް ފައިދާހުރި މުހިންމު 12 ހަރަކާތެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ.
މިއަދު ތައާރަފް ކުރެވުނު ސްކޮލާޝިޕް ފަންޑު މެދުވެރިކޮށް ހުރިހާ ޚަރަދަކާއެކު ރާއްޖޭން ބޭރުން ބޭންކިންގ އަދި ފައިނޭންސް ގެ ދާއިރާއިން 3 ދަރިވަރަކަށް ސްކޮލާޝިޕް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި ފަންޑަކީ ކޮންމެ އަހަރަކު ކޮންމެ ފަރާތަކަށްވެސް ބައިވެރިވެވޭނެހެން ހުނަރުވެރި ދިވެހި ޒުވާނުން މި ދާއިރާއިން ބިނާ ކުރުމުގެ އަމާޒުގައި ހުޅުވާލެވުނު ފަންޑެކެވެ.
މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ "އަޅުގަނޑުމެން މި އަންނަ އަހަރު ބޭންކުގެ 40 ވަނަ އަހަރީ ދުވަސް ފާހަގަ ކުރާއިރު މިއީ ބޭންކަށް ހާސިލްކުރެވޭ މުހިންމު ލަނޑުދަނޑިއަކަށްވެސް ވެގެންދާނެ. މި ދުވަހަށް މަރުހަބާ ކިޔުމުގެ ގޮތުން ފާހަގަކޮށްލެވޭ މުހިންމު ބޮޑެތި ހަރަކާތްތަކެއް ކޮންމެ މަހަކު ހިންގުމަށް ވަނީ ނިންމާފަ. މިއީ އަޅުގަނޑުމެންގެ ކަސްޓަމަރުންނާއި، މުޖުތަމައަށާއި މުވައްޒަފުން ހިމެނޭހެން އެ ފަރާތްތަކަށް އެހީތެރިވުމަށާއި އަގުވަޒަން ކުރުމުގެ ގޮތުން ކުރެވޭ މުހިންމު ކަންތައްތަކެއް. މި ހަރަކާތްތަކުގެ ތެރެއިން މިއަދު ފުރަތަމަ މި އިއުލާން ކުރެވެނީ ބީއެމްއެލް ސްކޮލާޝިޕް ފަންޑް. އަދި މި ހަރަކާތުގެ ޒަރިއްޔާއިން މުޖުތަމައަށް އެހީތެރިވެ ގައުމުގެ މުސްތަގްބަލަށް އިންވެސްޓް ކުރެވޭކަމީ އަޅުގަނޑުމެން ފަހުރުވެރިވާކަމެއް."
"އަޅުގަނޑުމެން މި މުނާސަބަތު ފާހަގަކުރަމުންދާއިރު، މުޖުތަމައަށް ފައިދާހުރި ދާއިރާތަކާއި އިންވެސްޓް ކުރަން ރަނގަޅު ދާއިރާތައް ފާހަގަކޮށް ހިޔާލު ހުށަހެޅުމަށް އަޅުގަނޑުމެން މަރުހަބާ ކިޔަން. ކޮޕް ސަމިޓްގައި މަޝްވަރާ ކުރުވުނު ކަންތައްތަކާ ގުޅުވައިގެން ތިމާވެއްޓާ ގުޅުންހުރި މުހިންމު ހަރަކާތްތަކެއް ހިމަނާ ގަސް އިންދުމުގެ ބިޔަ މަޝްރޫއެއް ހިންގުމަށް އަޅުގަނޑުމެން އިސްކަންދޭނަން."
ބީއެމްއެލް ސްކޮލާޝިޕް ފަންޑަށް ހުށަހެޅުމާގުޅޭ ތަފްސީލު ފަހުގެ ތާރީހެއްގައި ބީއެމްއެލްގެ ވެބްސައިޓްގައި ހާމަކުރެވޭނެއެވެ.