އަޅުގަނޑުގެ ފަޤީރުކަމާއިހުރެ އަޅުގަނޑު ކައިވެނިކުރަން ބޭނުންވި އެއްވެސް ޒުވާނަކާއި ކައިވެނިނުކުރެވުމުން އަޅުގަނޑު ކައިވެނިކުރީ އުމުރުން ދުވަސްވީ މިހަކާއިއެވެ. މައިންބަފައިންގެ ނުގަބޫލުގައެވެ. އެންމެން ފުރައްސާރަކުރަމުން ދަނިކޮށެވެ. ނަމަވެސް އަޅުގަނޑު އެކަމަށް ކަންބޮޑެއް ނުވަމެވެ. އަޅުގަނޑު ވިސްނީ އަޅުގަނޑުގެ މުސްތަޤްބަލަށެވެ.
އަޅުގަނޑު އޭނާއަށް ޚިދުމަތްކުރީ އަޅަކުވެސް ޚިދުމަތްކުރާނެ ގޮތަށެވެ. ފަރުވާކުރީ ނަރުހަކުވެސް ފަރުވާދޭނެ ގޮތަށެވެ. ލޯބިދިނީ އެންމެ ލޯބިވާ މީހާވެސް ލޯބިދޭނެ ގޮތަށެވެ. އަޅުގަނޑުގެ ހިތުގެ އުދާސްތައް ބޭއްވީ ތަޅުލައިފައެވެ.
ކައިވެނީގައި ހޭދަވީ 8 އަހަރެވެ. އޭނާ ނިޔާވެއްޖެއެވެ. އޭނާގެ ދަރިއަކުވެސް ނެތުމާއިއެކު އޭނާގެ މުއްސަނދިކަން އޮތީ އަޅުގަނޑަށް ހިބައިން ދީފައެވެ. ބޮޑު ދެގެއާއި އެހެންވެސް ތަކެއްޗެވެ. ހުރިހާ އެއްޗެއް އަޅުގަނޑަށް ލިބުނީއެވެ.
އެހިސާބުން މައިންބަފައިންނަށް އަޅުގަނޑުގެ ވިސްނުން ރަނގަޅުވެއްޖެއެވެ. ކަންކުރިގޮތްވެސް ރަނގަޅުވެއްޖެއެވެ. އެކުވެރިންނަށްވެސް އަޅުގަނޑު ކަމުހިނގައްޖެއެވެ. ކައިވެނިކުރަން ބޭނުންވާ ޒުވާނުންތައްވެސް ގިނަވެއްޖެއެވެ.
މިއަދުނޫހުގެ ކިޔުންތެރިންނަށް އަޅުގަނޑު ބުނެލަން އޮތީ ހަމައެކަނި ފައިސާ އާއި ތަނަވަސްކަމުގެ ދަހިވެތިކަމުގައި ކައިވެނިނުކުރާށެވެ. އުމުރުން ދުވަސްވީ މީހަކާއި ކައިވެނިކުރިނަމަވެސް ދަހިވެތިކަން އިސްނުކުރާށެވެ! އަންތބަކު އަދާކުރަންޖެހޭ މަސްއޫލިއްޔަތު އެންމެ ފުރިހަމަ ގޮތުގައި އަދާކުރާށެވެ!
ޙައްޤު ނޫން ތަނަވަސްކަމެއް ލިބިގަނެގެން ކުރާނެ ފައިދާއެއް ނުއޮންނާނެއެވެ! ކޮންމެވެސް ހިސާބަކުން އަތުންބީވެގެން ހިނގައިދާނެއެވެ. ފިރިމީހާގެ ތަނަވަސްކަމުން ލިބޭމިންވަރު ޙައްޤުވާނީ ފިރިމީހާއަށް އަދާކުރަންޖެހޭ ޙައްޤުތައް އަދާކޮށްފައިވާނަމައެވެ. ވީމާ ފުރަތަމަ ޙައްްުތައް އަދާކުރާށެވެ!
މުސްކުޅިކަމުން އެކުގައި ބޭރަށްދާން ލަދުގަނެ، އޭނާގެ ހިތް އުފާކޮށްނުދޭނަމަ ކައިވެނިކުރަނީ ކީއްކުރަން ހެއްޔެވެ؟ އަޅުގަނޑު އޭނާ އާއިއެކުގައި ދިރިއުޅުނީ މިފަދަ ހުރިހާ ކަމަކަށް ސަމާލުކަންދީގެންނެވެ! ވީމާ އަޅުގަނޑަށް ލިބުނު ތަނަވަސްކަމާއިމެދު އެއްވެސް މީހަކަށް ކުރެވޭނެ އެއްވެސް ޝަކުވާއެއް ނުއޮންނާނެއެވެ.
އަޅުގަނޑުގެ މިވާހަކަކޮޅު ޚާއްޞަ މިކޮށްލަނީ އެކުވެރި ޝީންއަށެވެ. ޝީންއެވެ! ރަނގަޅު ނަޞޭޙަތެއް ދެވިއްޖެކަމަށް ހީކުރަމެވެ! ބޮޑުބޭބެއަށް ކަންތައް ތިއަކުރާގޮތަށް ކަންކަންކުރާނަމަ ބޮޑުބޭބެގެ ތަނަވަސްކަމުން ޝީންއަށް ޙަލާލުވާނީ ކޮން އެއްޗެއް ހެއްޔެވެ؟
- އަނީސާ / މިއަދުނޫހުގެ ކިޔުންތެރިއެއް