އަޅުގަނޑާއި ބައްދަލުވި ފިރިހެނެއްގެ ވާހަކަތައް އަޅުގަނޑަށް ޤަބޫލުކުރެވުނެވެ. ކުރުކޮށްލާނަމެވެ. އޭނާ ދެއްކިވާހަކައިން އެނގުނު ގޮތުގައި އޭނާގެ ކުރީގެ އަނބިމީހާގެ ކިބައިގައި އެއްވެސް ރަނގަޅު ސިފައެއް ނެތެވެ. ހުރީ މުޅިންވެސް ނުބައި ސިފަތަކެވެ. ދޫކޮށްލަންޖެހުނީ އެކަންކަމަށް ކެތްނުކުރެވިގެންނެވެ. އަދި އޭނާ ބުނިގޮތުންނަމަ އޭނާގެ ދަރިއަކުވެސް ނުހުރެއެވެ.
އެދުވަސްވަރު އަޅުގަނޑު ހުރީ ވަރަށް ބޮޑު ކަންބޮޑުވުމެއްގައެވެ. އަޅުގަނޑުގެ ފިރިމީހާ އަޅުގަނޑު ދޫކޮށްލާފައި ދިއުމުން ލިބުނު ހިތްދަތިކަމުގައެވެ. ޙަޔާތުގެ ބައިވެރިއަކަށް އިންތިހާއަށް ބޭނުންވެފައެވެ. އެހެންވެ އޭނާގެ މައްޗަށް ހިތްލެނބިގެންދިއައެވެ. އަދި އެކަމުގެ އެންމެ ބޮޑު ސަބަބަކަށްވީ އޭނާ އަޅުގަނޑުގެ ދަރިފުޅަށް ލޯބިދިންލެއް ބޮޑުކަމެވެ.
ކައިވެނިކުރިތާ 7 ވަނަރޭ ފިރިމީހާގެ ފޯނަށް މެސެޖެއް އައެވެ. އެއިރު ފިރިމީހާ އޮތީ ނިދާފައެވެ. އެއީ ކުރަން ރަނގަޅުކަމެއް ނޫންނަމަވެސް އަޅުގަނޑު ފިރިމީހާގެ ފޯނު ނަގައި މެސެޖްކިޔައިލީމެވެ. "ބައްޕާއެވެ. ދިރިއޮއްވާ މަންމަ ދެކެން ބޭނުންނަމަ އަވަހަށް އަންނާށެވެ!"
އަޅުގަނޑު ދިއައީ ސިއްސައިގެންނެވެ. ފިރިމީހާގެ ދަރިއަކު ހުރިކަން އެނގުނީއެވެ. އަދި ދަރިއަކު އެވަރުގެ މެސެޖެއް ފޮނުވާނީ ކަންކަން ވަރަށް ގޯސްވުމުންކަން ވިސްނުނެވެ. އަޅުގަނޑު އަވަސްއަވަހަށް ކޮޓަރިން ނުކުމެގެން ސިޓިންގރޫމަށް ދިއައީމެވެ. އަދި އަޅުގަނޑުގެ ފޯނުން ގުޅައި އެޑްރެސް އޮޅުންފިލުވައިގެން ވަގުތުން އެގެއަށް ދިއައީމެވެ.
އެއިރު 3 ދަރިންނާއި އެކުދިންގެ މަންމަ އަޑުންއަޑުނަގައި ރޮނީއެވެ. މަންމައަށް ރޮވެނީވެސް ވަރަށް ހާލުންނެވެ. އަޅުގަނޑަކީ ކާކުކަމެއް ނުބުނަމެވެ. އެކުދިންނާ ދެއްކުނު ވާހަކައިން އެކުދިންގެ އަތުގައި އެއްވެސް ފައިސާއެއް ނެތްކަން އެނގުނެވެ.
ވަގުތުން އޭޑީކޭއަށް ގުޅައި އެމްބިޔުލާންސްގެނުވައިގެން ހޮސްޕިޓަލަށް ގެންދިއައީމެވެ. ޑޮކްޓަރުން ގާތު އަޅުގަނޑުބުނީ އެއީ އަޅުގަނޑުގެ ދުރުތާ ތިމާގެ މީހެއްކަމަށެވެ. ފިރިއަކު ނެތުމުން އެހީވާންބޭނުންވީ ކަމަށެވެ. ޑޮކްޓަރުން ކިޔައިދިނެވެ. "ޕޭޝަންޓުގެ ބަނޑުގައި ދުޅަވެފައި ތަނެއް އިންނަތާ ކިތަންމެ ދުވަހެކެވެ. އޭނާގެ ފިރިމީހާއަށް އެކަންކަން ވާނީ ކިޔައިދީފައެވެ. އަދި އޮޕަރޭޝަން ނުކޮށް ލަސްކޮށްފިނަމަ ފުރާނައަށް ގެއްލުންވެދާނެކަމަށްވެސް ވާނީ ބުނެފައެވެ. ފައިސާގެ ދަތިކަންހުރިނަމަ އައިޖީއެމްއެޗަށް ގެންގޮސްގެން ނަމަވެސް އޮޕަރޭޝަންކުރަން ވާނީ ބުނެފައެވެ."
އެހިސާބުން އަޅުގަނޑުބުނީމެވެ. "މިހާރު އޮޕަރޭޝަންކުރެވިދާނެތޯއެވެ؟ ހުރިހާ ޚަރަދެއް އަޅުގަނޑުކުރާނަމެވެ."
އޭނާ އޮޕަރޭޝަންކުރެވުނީ 2 ދުވަސްފަހުންނެވެ. އަޅުގަނޑު ގެންދިއައީ ކަންކަން ވަރަށް ގާތުން ބަލަމުންނެވެ. ނަމަވެސް ފިރިމީހާއަށް އެއްވެސް ކަމެއް ނުއަންގަމެވެ. އިރާދަފުޅާއެކު އޮޕަރޭޝަން ކާމިޔާބެވެ. 7 ވަނައަށް އޮތް ދުވަހު ގެއަށް ފޮނުވާލައިފިއެވެ.
އަނެއް ދުވަހު އަޅުގަނޑުގެ ސައިކަލްފަހަތަށް ފިރިމީހާ އަރުވައިގެން އެގެއަށް ދިއުމުން ފާޑަކަށް ގަނޑުވެފައި ހުއްޓައި އަތުގަ ހިފާ ދަމަމުން ގޭތެރެއަށް ވެއްދީމެވެ. އަދި 3 ދަރިން ދައްކާފައި އެކުދިންގެ ބައްޕަ ދައްކަން ބުނީމެވެ. އަނގައިން ނުބުނުމުން އަޅުގަނޑު ބުނީމެވެ. "މިހާރު މިގޭގެވެރިއަކީވެސް އަހަރެންނެވެ. އަހަރެންގެ ގޭގެ ވެރިއަކީވެސް ހަމަ އަހަރެންނެވެ. ތިއަވަރުގެ އިންސާނުންނަށް ރަޙުމެއް ނެތް ނުބައި ނުލަފާ މީހަކަށް މިދެގެއިންކުރެ ގެއެއްގައި ޖާގައެއް ނެތެވެ. ދަރިއަކު ނެތްކަމަށް ބުނީމެއް ނޫންހެއްޔެވެ؟ ވީމާ މި 3 ދަރިންގެ ބައްޕައަކީ މިހާރު އަހަރެންނެވެ. އަދި އެ 3 ދަރިންގެ މަންމައަކީ އަހަރެންގެ ސިސްޓަރއެވެ."
އެހެން ބުނުމަށްފަހު ކޮށްޕާ އެގެއިން ނެރެލީމެވެ. އެކަންކަން އެގޮތަށް ކުރާނެކަން އޮންނާނީ ކުދިންނަށް ކިޔައިދީފައެވެ. އެކަންކުރީ ކުދިންގެ ރުހުމާއިއެކުގައެވެ. ނުރުހޭނީ ކީއްވެގެން ހެއްޔެވެ؟ މަންމަ މަރަށް ތެޅެނީއެވެ. ގޭގައި ކާނެ އެއްޗެއް ނެތްތާ 3 ދުވަހެވެ. އަޅުގަނޑަށް އެގެއަށް ވަދެވުނީ އެ ޙާލަތުގައެވެ.
އަޅުގަނޑުމެން ދެ އަންހެނުން ދެބެއިންގެ ގޮތުގައި ތިބެ ދެ މީހުންވެސް އަލުން ކައިވެނިކޮށް އުފާވެރިކަމުގައި ދިރިއުޅޭތާ މިހާރު މިއީ 12 ވަނަ އަހަރެވެ. އިރާދަކުރެއްވިއްޔާ މިއީ އުމުރަށް ދެމިއޮންނާނެ ގުޅުމެކެވެ.
މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަން އޮތީ އަޅުގަނޑުގެ މައިންބަފައިންގެ ކިބައިގައި ތަނަވަސްކަން ހުރުމުން އަޅުގަނޑަށް ވަގުތުން އެކަންކަން ކޮށްދެވުނު ގޮތަށް ކޮންމެ އަންހެނަކަށް ކަންކަންކޮށްނުދެވިދާނެއެވެ. ނިކަމެތ ޙާލުގައި ތިބި އެފަދަ ޢާއިލާއަކަށް ޚަރަދުވެސް ނުކުރެވިދާނެއެވެ. ނަމަވެސް އަހަރެމެން އަންހެނުންނަކީ ވެވެން އޮތްވަރަކުން ވެވެން އޮތް ގޮތަކަށް އެކަކު އަނެކަކަށް އެހީތެރިވާ ބައަކަށްވާން އެބަޖެހެއެވެ.
އެއިރު އަޅުގަނޑުގެ ކިބައިގައިވެސް ހޭލުންތެރިކަން ކުޑަވުމުން އެ ފިރިހެނާ ދެއްކި ވާހަކަތައް ޤަބޫލުކުރެވުނީއެވެ. ޙަޤީޤަތަކީ އަޅުގަނޑުމެން އަންހެނުން ބަލަންޖެހޭ ވަރަށް އެފަދަ ފިރިހެނުންގެ ކަންކަން ނުބެލޭކަމެވެ. ވީމާ ހޭލުންތެރިވާން އެބަޖެހެއެވެ. އެފަދަ ފިރިހެނުންގެ މަކަރުވެރިކަމުން ސަލާމަތްވެވޭނީ އެއިރުންނެވެ.
ނިކަން ވިސްނައިލަބަލާށެވެ! އޭނާ އަނބިމީހާ އެއްލައިލީ ފުރާނައަށް ނުރައްކާވާ ޙާލަތުގައެވެ. 3 ދަރިންނަށް އަޅާނުލައި ބަނޑަށް މަރުވާން ދޫކޮށްލާފައި އޭނާ އެއޮތީ އުފަލުގައި އަޅުގަނޑާއިއެކު ނިދާށެވެ. ދަރިއަކު ނުވެސް ނެތްކަމަށް ހަދައިގެންނެވެ.
އަޅުގަނޑުގެ އޮތް ހަމައެކަނި އުންމީދަކީ އަޅުގަނޑަށް ކުރެވުނު ކަންކަމަށް ިޔާމަތް ދުވަހު އަޅުގަނޑަށް ހެޔޮ ޖަޒާ ދެއްވެވުމެވެ. އެހެން އެއްވެސް ކަމެއް، ބަދަލެއް ބޭނުމެއް ނޫނެވެ.
- ޢާބިދާ / މިއަދުނޫހުގެ ކިޔުންތެރިއެއް