ޙަޤީޤީ ޙާދިސާ: މިއީ ސުރުޚީއެއްދޭވަރަށްވުރެ މާޢިބްރަތްތެރި، ފައިދާހުރި ފިލާވަޅެކެވެ! ވިދާޅުވުމަށްފަހު ކިޔުންތެރިން ސުރުޚީ ދެއްވާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 51ސ
ޙަޤީޤީ ޙާދިސާ: މިއީ ސުރުޚީއެއްދޭވަރަށްވުރެ މާޢިބްރަތްތެރި، ފައިދާހުރި ފިލާވަޅެކެވެ! ވިދާޅުވުމަށްފަހު ކިޔުންތެރިން ސުރުޚީ ދެއްވާށެވެ!

އަޅުގަނޑަކީ 2 ދަރިން ބަލަހައްޓާ އެކަނިވެރިމައެކެވެ. އަޅުގަނޑުގެ އަވަށްޓެރިޔާއަކީ 3 ދަރިން ބަލަހައްޓާ އެކަނިވެރިމައެކެވެ. ވަޒީފާއަދާކުރާތީ އަޅުގަނޑަށް މުސާރައެއް ލިބެއެވެ. އަވަށްޓެރިޔާގެ އެއްދަރިފުޅަކީ ނުކުޅެދޭ ކުއްޖެކެވެ. އެދަރިފުޅު ބަލަހައްޓަން އަބަދު ގާތުގައި ހުންނަން ޖެހޭތީ އަވަށްޓެރިޔާއަކަށް އެއްވެސް ފައިސާއެއް ނުލިބެއެވެ. 

ދެމީހުންނަކީ ކުޑައިރުންސުރެ އެކުވެރިންނެވެ. އެހެންވެ އަޅުގަނޑަށް ލިބޭ މިންވަރަކުން އަވަށްޓެރިޔާއަށް އެހީތެރިވަމެވެ. އަދި އޭނާއަކީ ގާތް އެކުވެރިއެއް ނޫން ނަމަވެސް އެހީވީމުހެވެ. ސަބަބަކީ އަޅުގަނޑަކީ އަވަށްޓެރިންނަށް އެހީތެރިވެދޭން ބޭނުންވާ އަންހެނަކަށްވާތީއެވެ. 

ކޮންމެއަކަސް އެއީ މަހުއްގެ 27 ވަނަ ދުވަހެވެ. މުސާރަލިބެން 3 ދުވަސް ކުރިއަށް އޮތެވެ. އަތުގައި އޮތީ ހަމަ އެންމެ 100 ރުފިޔާއެވެ. އެނގުނީ އަވަށްޓެރިޔާގެ ދަރިފުޅުގެ ޙާލުބޮޑުވެގެން އުޅޭކަމާއި ޓެކްސީއަށްދޭނެ ފައިސާވެސް އަތުގައި ނެތުމުން ހޮސްޕިޓަލަށް ނުދެވިގެން އުޅޭކަމެވެ. 

ބާރަށް އެގެއަށް ގޮސް އަތުގައި އޮތް 100 ރުފިޔާދިނީމެވެ. އިތުރަށް ހަމަ އެންމެ ރުފިޔާވެސް ނެތިއެވެ. އަޅުގަނޑު ވަކީލްކުރީ ﷲ ތަޢާލާއަށެވެ. 

ދެންމިކިޔައިދެނީ އެންމެ މުހިންމު ބައެވެ. މިވާހަކަ މިއަދުނޫހުގެ ކިޔުންތެރިންނަށް ކިޔައިދޭންޖެހުނު ސަބަބެވެ. 

އަނެއްދުވަހު އޮފީހަށް ދިއަތަނުން ވެރިމީހާގެ އޮފީހަށް އަޅުގަނޑު ގެންދިއައެވެ. ބުނީ އަޅުގަނޑު މަސައްކަތްކުރާ ޑިޕާޓްމަންޓުގައި އަޅުގަނޑާޖެހިގެން މަތިން ވަޒީފާއަދާކުރާ ކުއްޖާ ކިޔަވަންދާން ބޭނުންވެގެން ފެށޭމަހުގެ 1 ވަނަ ދުވަހުން ފެށިގެން އިސްތިޢުފާދީފިކަމަށާއި އެ މަޤާމަށް އަޅުގަނޑު މިހާރުވެސް އަޅުގަނޑު ޕްރަމޯޓްކޮށްފައިވާކަމަށެވެ. އަދި އެކަމުގެ ލިޔުން އަޅުގަނޑާއި ޙަވާލުކުރުމަށްފަހު ދިރިއުޅުމުގެ ޙާލަތާއިބެހޭގޮތުން ސުވާލުކުރިއެވެ. 

އެވަގުތު އަޅުގަނޑަށް ވާހަކައެއް ނުދެއްކުނެވެ. އެއް ސަބަބަކީ ކުރިއެރުން ލިބުމުން ލިބުނު އުފަލުގެ ބޮޑުކަމެވެ. އަނެއް ސަބަބަކީ އަތުގައި އެންމެ ރުފިޔާއެއްވެސް ނެތް ވާހަކަ ބުނަން ބޭނުން ނުވުމެވެ. ދިރިއުޅޭ ދަތިޙާލު ކިޔައިދޭން ބޭނުން ނުވުމެވެ. ވަރަށް ހެޔޮލަފާ ރަނގަޅުވެރިންވެސް އަޅުގަނޑުފަދަ ނިކަމެތި އަންހެންކުދިންގެ ނާޖާއިޒު ފައިދާނަގާތީ އަޅުގަނޑު ދިރިއުޅޭ ޙާލަތު އެއްވެސް މީހަކަށް ކިޔައިދިނުމަކީ އަޅުގަނޑު އެއްގޮތަކަށްވެސް ކުރަން ބޭނުންވާ ކަމެއް ނޫނެވެ. 

ނަމަވެސް އެވަގުތު އަޅުގަނޑުގެ އިޚްތިޔާރުން ބޭރުން އަޅުގަނޑަށް ރޮވުނެވެ. ފެންކަޅިވިއެވެ. އެތަން ފެނިފައި ސިޓީއުރައެއް އަޅުގަނޑަށް ދިނެވެ. އަދި އަތްމަތި ދަތިވެއްޖެނަމަ ބުނަންވެސް ބުންޏެވެ. 

އަޅުގަނޑުގެ ޑެސްކަށް އެނބުރިގޮސް ސިޓީއުރަ ބަލައިލިއިރު އޭގައި އޮތީ 1000 ރުފިޔާއެވެ. ވިސްނަވާށެވެ. އަޅުގަނޑު ﷲ ގެ މަގުގައި ހޭދަކުރި 100 ގެ ބަދަލުގައި އެދެއްވެވީ 1000 ރުފިޔާއެވެ. އަދި މަޤާމުގެ ކުރިއެރުން ލިބި މުސާރަވެސް ބޮޑުވީއެވެ. 

އެއީ އެ 100 ރުފިޔާގެ ސަބަބުން ކަމަށް ޤަބޫލެއް ނުކުރަމެވެ. ޤަބޫލުކުރަނީ މެދުނުކެނޑި އަވަސްޓެރިޔާއަށް އެހީތެރިވުމުން އެކަން ކުރިއަށްވުރެވެސް ރަނގަޅަށް ކުރެވޭނެ ގޮތަށް މަގުފަހިކޮށްދެއްވެވީކަމަށެވެ. 

މިއަދުނޫހުގެ ކިޔުންތެރިންނަށް މާބޮޑެތި ނަޞޭޙަތްތަކެއް ދޭން ބޭނުމެއް ނޫނެވެ. އަޅުގަނޑަކީ އެހައިމޮޅު މީހެއް ނޫނެވެ. އަޅުގަނޑު މިކިޔައިދިން ވާހަކައިން ޢިބްރަތެއް ޙާޞިލުވެއްޖެނަމަ އަޅުގަނޑުގެ މަޤްޞަދު ޙާޞިލްކުރެވުނީއެވެ. މިވާހަކަ ކިޔައިދިނުމުގެ ހަމައެކަނި ބޭނުމަކީވެސް އެއީއެވެ. 

މިއީ އެއިގެ 3 އަހަރުފަހެވެ. އަޅުގަނޑަށާއި އަވަށްޓެރިޔާއަށްވެސް ވަނީ އަޅުގަނޑުމެން ގޮވައިގެން އުޅެން ބޭނުންވާ، އަޅުގަނޑުމެން ދެކެ ލޯބިވާ ފިރިން ލިބިފައެވެ. ދިރިއުޅެމުން މިދަނީ ހަަމަ އެކުވެރިކަމާއިއެކުގައެވެ. އުފަލުގައެވެ. 

އަދި އެއްވާހަކަ ބުނެލާނަމެވެ. އަޅުގަނޑު އަވަސްޓެރިޔާއަށް އެހީތެރިވީ ލިބޭ މިންވަރަކުން ފައިސާގެ ގޮތުންނެވެ. ތަކެތިންނެވެ. ކަންކަންކޮށްދީގެންނެވެ. އަވަށްޓެރިޔާ އަޅުގަނޑަށް ވަމުން އައި އެހީތެރިކަން މާބޮޑެވެ. ކޮފީއަށް ދިއުން ހުއްޓުވިއެވެ. ރަނގަޅު އަޚްލާޤީ ފިލާވަޅުތައް ދިނެވެ. ނަމާކުރަން ބާރުއެޅިއެވެ. ފަތިސްނަމާދަށް ހޭލައްވުވައި އާދަކުރުވިއެވެ. އެކަމުން އަޅުގަނޑަށްކުރި ފައިދާ މާބޮޑެވެ. އެކަންކަމުގެ އަގުފައިސާއިން ވަޒަން ވެސް ނުކުރެވޭނެއެވެ.

- މަރްޔަމް ވަޙީދާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން