ކޮންމެ މީހަކީވެސް ދިރިއުޅުމުގައި ވަރަށް ގިނަ ތަފާތު ކަންތައްތައް ތަޖުރިބާކުރަންޖެހޭނެ މީހެކެވެ. ބައެއް ކަންކަމަކީ ހިތްދަތި ކަންކަމެވެ. އަނެއްބައި ކަންކަމަކީ އުފާވެރި ކަންކަމެވެ. އަދި އެއްބައި ދުވަސްތަކަކީ އުފާވެރި ދުވަސްތަކެވެ. އަނެއްބައި ދުވަސްތަކަކީ ހިތާމަވެރި ދުވަސްތަކެވެ.
މިގޮތުން އަޅުގަނޑުގެ ދިރިއުޅުމުގައި ކުރަންޖެހުނު ބައެއް ތަޖުރިބާތައް ހިއްޞާކޮށްލާނަމެވެ.
ފުރަތަމަ ކަމަކީ ޒަވާޖީ ހަޔާތް ފެށުމުގެ ކުރިއެވެ. އެދުވަސްވަރު އެހައި ގިނަ ކަންކަމާއި ކުރިމަތިލާކަށް ނުޖެހެއެވެ. އެއީ ދެމީހުންނަށް ދެމީހުން ގުޅެން ބޭނުންވާކަން ދެމީހުންނަށް ޤަބޫލުކުރެވުމާއިއެކު އަވަހަށް ކައިވެނިކުރީތީއެވެ.
ހިތްދަތިކަން އިޙްޞާސް ކުރެވެން ފެށީ ކައިވެނިކުރި ހިސާބުންނެވެ. ފިރިމީހާއަކީ ވަރަށް ރަނގަޅު މީހެކެވެ. މަސައްކަތުގައި ނޫޅޭނަމަ އުޅޭނީ ގޭގައެވެ. ނަމަވެސް އަޅުގަނޑަށްދޭ ސަމާލުކަން ވަރަށް ކުޑައެވެ. ވާހަކަ ދައްކައި އުޅެނީ ވަރަށް މަދުންނެވެ. އުންމީދުކޮށްގެން ހުރީ ދަރިއަކު ލިބުމުން އެކަންކަން ރަނގަޅުވާނެ ކަމަށެވެ. ނަމަވެސް ދަރިއަކު ލިބުމުންވެސް އެކަންކަން ބަދަލެއް ނުވިއެވެ.
ފިރިހެން ދަރިއަކު ލިބި 3 އަހަރުވީއިރުވެސް ދަރިފުޅާއިއެކުގައިވެސް ހިނިތުންވެލައި އުޅުމަކީ އޭނާކުރާކަމެއް ނޫނެވެ. ދަރިފުޅާއިއެކު ކުޅެލައި މަޖާކުރުމަކީ އޭނާ ކުރަން ދަންނަވެސް ކަންކަމެއް ނޫނެވެ. އެކަމާއި ދެރަވެ ދަރިފުޅު ޝަކުވާކުރިނަމަވެސް ޖަވާބެއްވެސް ނުދެއެވެ.
މިފަދަ ގޮތަކަށް ޙަޔާތުގެ ކަންކަން ހުއްޓައި އެއްފަހަރަކު އަޅުގަނޑު ވަރަށް ބޮޑަށް ބަލިވިއެވެ. އިރުއިރުކޮޅުން ކެތްވެސް ނުކުރެވޭވަރަށް ބޮލުގައި ރިއްސަން ފެށިއެވެ. އަދި ހޮޑުވެސް ލެވެންފެށިއެވެ.
ޑޮކްޓަރަށް ދެއްކީ 2 ދުވަސްފަހުންނެވެ. ފުރަތަމަ ހީކުރެވުނީ ވައިގެ އުނދަނގުލެއް ކަމަށެވެ. އެހެންވެ ރަނގަޅުވޭތޯ ބަލަން މަޑުކޮށްލެވުނީއެވެ. ޑޮކްޓަރަށް ދެއްކުމުން ސްކޭންތަކެއް ހަދާފައި ވަގުތުން އެޑްމިޓްކުރިއެވެ. އަދި އެޑްމިޓްކުރަމުންވެސް އެއިގެ ފަހުންވެސް ޑޮކްތަރު ކޮންމެ ދުވަހަކު ވަރަށް ގިނަ ވާހަކަ ފިރިމީހާ އާއި ދައްކައެވެ. ނަމަވެސް އެވާހަކަތައް އަޅުގަނޑަށް ކިޔައެއް ނުދެއެވެ.
ހޮސްޕިޓަލުގައި ބޭއްވީންސުރެ ފިރިމީހާ މުޅިން ބަދަލުވިއެވެ. އަޅުގަނޑާއި ވާހަކަދެއްކުން ގިނަކުރިއެވެ. އަބަދުހެން ގާތުގައި އިނދެ ފިރުމައިވެސް ހަދައެވެ. އަދި ގެއަށް ފޮނުވުމުންވެސް ހީވަނީ މުޅިން އެހެން މީހެއްހެންނެވެ. އަޅުގަނޑު ގޭތެރޭގައި ކުރާ މަސައްކަތުގައިވެސް ބައިވެރިވެ އެހީތެރިވެއެވެ.
މިބަދަލު ފިރިމީހާއަށް އައި ސަބަބު އެނގުނީ ފަހަރި ކިޔައިދިނުމުންނެވެ. ފަހަރި ބުނީ ޑޮކްޓަރަކީ އޭނާގެ ވަރަށް ގާތް ރައްޓެއްސެއް ކަމަށެވެ. އެހެންވެ ޑޮކްޓަރު ލައްވައި ނަޞޭޙަތްދިނީއެވެ. އަޅުގަނޑުގެ ބަލީގެ އެންމެ ބޮޑު ފަރުވާއަކީ ފިރިމީހާގެ ލޯތްބާއި އަޅައިލުން ދިނުންކަން ވިސްނައިދީ އެކަމަށް ބާރުއެޅީއެވެ. އެކަން ނުކުރާނަމަ ބަލިބޮޑުވެދާނެކަމަށާއި ވިސްނަމުން ގޮސް ސިކުނޑިއަށް ބާރުބޮޑުވެ ލޭނާރުފަޅައިގެން ގޮސް ސްޓްރޯކެއް ޖެހިދާނެކަން ވެސް ވިސްނައިދިނީއެވެ. އެއީ ހަދައިގެން ދެއްކި ވާހަކަތަކެއްވެސް ނޫނެވެ. އަޅުގަނޑުގެ ބޮލަށް ޖެހިފައިވާ ބައްޔަކީވެސް ހަމައެޒާތުގެ ބައްޔެކެވެ.
ފިރިމީހާ ކުރިން އެގޮތަށްކުރީ އަޅުގަނޑުދެކެ ލޯބިނުވާތީ ނޫންކަމާއި އަބަދުވެސް ބޭނުންވަނީ އަޅުގަނޑު އުފަލުގައި ބަހައްޓަންކަންވެސް ފަހުން އެނގުނެވެ. ނަމަވެސް އޭނާގެ އެންމެ ފުރަތަމަ ލޯބިވެރިޔާގެ ކިބައިން ލިބުނު ހިތްދަތިކަން ހިތުގައި އޮންނާތީ އެގޮތަށް ކަންތައް ކުރެވުނީއެވެ.
އަޅުގަނޑުގެ ވާހަކަ މިއަދުނޫހުގެ ކިޔުންތެރިންނަށް ކިޔައިދޭން ވިސްނުނީ ކުރީ ދެފަހަރަކު މިއަދުނޫހުގައި ޝާއިޢުކުރާ ޙަޤީޤީ ސިލްސިލާގައި ކިޔުންތެރިއަކު ބުނެފައިވާ ވާހަކައަކަށް ތާއީދުކުރުމުގެ ގޮތުންނެވެ. އެއީ ލޯބިވެރިންނަށް ލަނޑުދިނުމުން އެކަމުގެ އަސަރު އޭނާ ކައިވެނިކުރުމުން ކައިވެނިކުރާ މީހާއަށް ފޯރާކަމުގެ ވާހަކައެވެ. އަޅުގަނޑަސްވެސް މިވަނީ އެކަން ވަރަށް ރަނގަޅަށް ތަޖުރިބާ ކުރެވިފައެވެ. ވީމާ ހަމަ ހިއްޞާކޮށްލަން ބޭނުންވީއެވެ.
މިއަދުވެސް އަޅުގަނޑަށް ކަމަކާއިމެދު ވިސްނަން ޖެހިއްޖެނަމަ ގަދައަށް ބޮލުގައި ރިއްސަން ފަށައެވެ. ކެތްނުކުރެވޭވަރުވެއެވެ. ކާންޖެހެނީ އިންތިހާއަށް ބާރުގަދަ ބޭހެވެ. އެކަމުގެ ސަބަބުން ގުނަވަންތަކަށް ގެއްލުން ލިބެއެވެ. މިފަދަ ބޮޑު މުޞީބާތެއް މިޖެހުނީ ހަަމ ކުރިން މިދެންނެވިފަދަ ޙާލަތުގައި ޖެހި ޝިކާރައަކަށްވެ އެތައް އަހަރެއް ހޭދަކުރަންޖެހުނީތީއެވެ.
އަޅުގަނޑަކީ އެދެމީހުންގެ ލޯތްބާއި އެއްވެސް ގުޅުމެއް ހުރި އަންހެނެއް ނޫނެވެ. ނަމަވެސް ތަކްލީފް އުފުލަން ޖެހިފައިމިވަނީ އަޅުގަނޑަށެވެ. ވީމާ ލޯބިވެރިޔާއަށް އަނިޔާ ދިނުމުގައި އިތުރަށް ސަމާލުކަންދޭން އެބަޖެހޭ ނޫންތޯއެވެ؟
- ރަމީޒާ /މިއަދުނޫހުގެ ކިޔުންތެރިއެއް