ތަނަވަސްކަމެއް ނެތި، ހަމައެކަނި ލޯތްބަށްޓަކައި ލޯބިވެގެން ލޯބި ލިބޭނެ ކަމުގެ އުންމީދުގައި ކައިވެނިކުރިނަމަވެސް ތަނަވަސްކަމާއި އާރާއި ބާރު އަދި މަޝްހޫރުކަން ލިބުނު ނަމަވެސް ލޯބީގެ އެއްވެސް ބޭނުމެއް ނުއޮވެއެވެ. ވަމުން އައި ލޯބީގެ އެއްވެސް އަގެއް ނުއޮވެއެވެ. އަޅުގަނޑަކީވެސް އެފަދަ ހިތި ތަޖުރިބާތައް ކުރަންޖހުނު އެތައް ހާސް އަންހެނުންގެ ތެރެއިން އަންހެނަކީމެވެ.
އަޅުގަނޑުހުރީ އެމްބީއޭ ހަދައިގެންނެވެ. ވަޒީފާ އަދާކުރަމުން ދިއައީ ކުންފުންޏެއްގެ ޒިންމާދާރު މަޤާމެއްގައެވެ. އަޅުގަނޑު ކައިވެނިކުރީ ސްކޫލުން ފާސްވެސްނުވާ ޒުވާނަކާއިއެވެ. އޭނާ މަސައްކަތްކުރަނީ ފިހާރައެއްގައެވެ. ތައުލީމީ ގޮތުން ތަފާތުނި ނަމަވެސް ދެމީހުން ގުޅުވައިދިނީ ލޯތްބެވެ. ލޯބީގެ ޖަޒުބާތެވެ.
ކައިވެންޏަށްފަހު ދެމީހުންގެ މަސައްކަތުން ކުޑަކުޑަ ވިޔަފާރިއެއް ފެށީމެވެ. އިންވެސްޓްކުރި ފައިސާގެ 80 އިންސައްތަ އަކީ އަޅުގަނޑުގެ ފައިސާއެވެ. ވިސްނުމަކީ އަޅުގަނޑުގެ ވިސްނުމެވެ. ނަމަވެސް ކުންފުނި ރަޖސްޓްރީކުރީ ދެމީހުން އެއްވަރުވާ ގޮތަށެވެ. ވިޔަފާރި ކުރިއަރައިގެން އައިސް ރަނގަޅަށް ހިނގައިގަތުމުން ފިރިމީހާއަށް އަޅުގަނޑު މުހންމެވެ. އޮފީހުގައި މާޒުވާން އަންހެންކުދިން ވަޒީފާއަދާކުރަން ފެށުމުން ދެމީހުންވީ ލޯބީގެމަތިން މުޅިން ހަނދާން ނެތިއްޖެއެވެ. ކުންފުންޏަކީ އަޅުގަނޑުގެ މަސައްކަތްކަމާއި ފައިސާ އިންވެސްޓްކުރި ނިޞްބަތްވެސް ހަނދާން ނެތުމުގެ އިތުރުން އަޅުގަނޑަކީ ދެބައިކުޅަ ހިއްޞާދާރުކަންވެސް ހަނދާން ނެތިއްޖެއެވެ.
މަސައްކަތް ނިމުމުން ގޭގައި އެކަނި އިންނަން ޖެހުން ގިނަވާންފެށިއެވެ. ބިޒީކަން ބޮޑުވަމުން އައިސް ގެއަށް ކާން ނާދެވެންވެސް ފަށައިފިއެވެ. ރޭގަނޑުގެ ކެއުންތަކަށްދާއިރު އަޅުގަނޑު ގެންދަން ލަދުގަންނަން ފަށައިފިއެވެ. އެންމެފަހުން ގޭގައި ހޭދަކުރާ ވަގުތުކޮޅުގައިވެސް އަޅުގަނޑާއި ވާހަކަދައްކައިލެވޭވަރަސްވުރެވެސް ބިޒީވެއްޖެއެވެ.
ގޭގައި ދިރިއުޅެނީ ދމަފިރިން އެކަނިކަމަށްވުމުން އަޅުގަނޑުގެ ލޮލަށް ފެންނަން ހުންނަ ހަމައެކަނި ފިރިހެނަކީ ސެކިޔުރިޓީ ބަލަހައްޓާ މީހާއެވެ. އެހެންވެ ބޭރަށް ނުކުމެ ބައެއްފަހަރު އޭނާ ޢާއި ވާހަކަދައްކަން މަޑުކޮށްލަމެވެ. ދެތިން ދުވަހަކު އެހެން ހުއްޓާ ފެނުމުން އަޅުގަނޑުގެ ބޮލުގައި ބޮޑު ބަދުނާމެއް އަޅުވާފައި ވަރިކުރަން ކޯޓަށް ހުށަހަޅައިފިއެވެ.
ފިރިމީހާގެ ހަނދާނުގައި ނެތްކަމަކީ ދެމީހުން ކައިވެނިކުރީ ވަރަށް ލޯބިން ކަމުގެ އިތުރުން އަޅުގަނޑަކީ ކުންފުނީގެ ދެބައިކުޅައެއްބައި ޙިއްޞާދާރުކަމެވެ. އެހިސާބުން އަޅުގަނޑު އަޅަންޖެހޭ ފިޔަވަޅުތައް އެޅީމެވެ. އެކައުންޓުތައް ބަންދުކުރުވައި އޮޑިޓްކުރުވީމެވެ. ދެމީހުންގެ ބޭނުންތަކަށް ނެގިފައިހުރި ފައިސާގެ އަދަދު އެނގުނުއިރު ފިރިމީހާ، ޒުވާން އަންހެންކުދިންނަށް ޚަރަދުކުރިލެއް ގިނަކަމުން އޭނާގެ ޙިއްޞާއަށްޖެހޭ ވަރަށްވުރެ މާގިނައެވެ. އޭނާއޮތީ ދަރަނިވެރިވެފައެވެ.
މިކަންކަން ހާމަވުމުން އަޅުގަނޑުގެ ކިބައިން މާފަށް އެދުނެވެ. އަދި ވަރިކުރަން އެދި ކޯޓަށް ހުށަހެޅި ހުށަހެޅުން އަނބުރާނެގިއެވެ. ނަމަވެސް އޭނާއަށް މާފުކުރަން ބޭނުމެއް ނުވެވުނެވެ. އެހެންވެ ވަރިވާން ފޯމު ހުށަހެޅީމެވެ. ވަރިވީމެވެ.
ވަރިވުމަށްފަހު ދެވަނަ ކައިވެނިކުރީމެވެ. އަދި ކުންފުނި ވިއްކައިވެސްލީމެވެ. އެއީ ކުންފުނި ހިންގުމުން ފިރިމީހާގެ ހަނދާން އައުވާތީއެވެ. އޭނާގެމަތިން ހަނދާންކުރަންވެސް ބޭނުންނުވާތީއެވެ. ރާއްޖެވެސް ދޫކޮށްލީމެވެ. މިހާރު އަޅުގަނޑު ދިރިއުޅެނީ މެލޭސިޔާގައެވެ. ވިޔަފާރިވެސް ކުރަމެވެ. ފުދޭވަރެއްގެ އާމްދަނީއެއްވެސް ލިބެއެވެ. އިން ޝާ ﷲ
މިއަދުނޫހުގެ ކިޔުންތެރިންނަށް އަޅުގަނޑުގެ ބަހަކީ ކިތަންމެ ލޯބިވީނަމަވެސް އެލޯބީގެ އަގު ވަޒަންނުކުރާ ފިރިއަކާއިއެކު ދިރިއުޅެން މަސައްކަތްނުކުރާށެވެ! އެކަމުން ލިބޭނީ އަނިޔާއެވެ. ކެރިގެން ކުރިމަތިލާށެވެ! ކާމިޔާބުކުރެވޭނެއެވެ. އިން ޝާ ﷲ
- ލައިލާ / މިއަދުނޫހުގެ ކިޔުންތެރިއެއް