ޙަޤީޤީ ޙާދިސާ: ދަރިއަކު ލިބުމުން ދެމަފިރިންގެ ދެމެދަށް ނުވަނުން އެދި އާދޭސްކުރަން ދިއައިރު އޭނާގެ އަތުގަ އޮތް ފިރިމީހާގެ ދަރިފުޅު މާދޮށި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 19ސ
ޙަޤީޤީ ޙާދިސާ: ދަރިއަކު ލިބުމުން ދެމަފިރިންގެ ދެމެދަށް ނުވަނުން އެދި އާދޭސްކުރަން ދިއައިރު އޭނާގެ އަތުގަ އޮތް ފިރިމީހާގެ ދަރިފުޅު މާދޮށި!

އަހަރެންވެސް ކައިވެނިކުރީ ހަމަ ވަރަށް ފޮނި އުންމީދުތަކަކާއެކުގައެވެ. އެއީ އުފާވެރި ދިރިއުޅުމަކަށްޓަކައި ކޮންމެ އަންހެނަކުވެސް ކުރާނެ އުންމީދުތަކެވެ. ކައިވެންޏަށްފަހު ފިރިމީހާ ބޭނުންވީ ވަގުތުން ދަރިއަކު ހޯދުމަށެވެ. ނަމަވެސް އެކަން އެހައި ފަސޭހަކަމަކަށް ނުވިއެވެ. ދަރިއަކު ހޯދުނީ 2 އަހަރެއްހައި ދުވަހު ޑޮކްޓަރުން ކުރި މަސައްކަތަށްފަހުގައެވެ. 

ދަރިއަކު ލިބުމުން ފިރިމީހާގެ އުޅުމަށް ހެޔޮ ބަދަލުތަކެއް އައުމުގެ ބަދަލުގައި ކަންކަން ދިއައީ ގޯހުން ގޯހަށެވެ. ދެމައިންކުރެ އެކަކާއިވެސް އަޅައެއް ނުލައެވެ. އަބަދުހެން އުޅެނީ ބޭރުގައެވެ. އަބަދުވެސް ހުންނަނީ ކޮންމެވެސް ކަމަކާއިހުރެ ރުންކުރުވެފައެވެ. ދުލުން ހަރުކަށި، އަދި ނުބައިބަސްތައް ބުނުން މާގިނަވިއެވެ. 

އެޙާލަތަށް ކަންކަން ދިއުމުން ދަރިއަކު ހޯދުނުކަމަށްޓަކައި ހިތާމަކުރަންފެށުނެވެ. ސަބަބަކީ ދަރިއަކު ހޯދަން ކުރަންޖެހުނު މަސައްކަތްތަކުގެ ސަބަބުންނާއިއެކު ވިހެއުމަށްފަހު ސިފަ ފުދޭވަރަކަށް ބޮޑަށް ބަދަލުވިއެވެ. އަދި އަހަރެންގެ ޢާއިލާއަކީ ފަޤީރު ޢާއިލާއަކަށްވުމުން ވަރިވިނަމަވެސް އެކަނި ދަރިފުޅުބެލުމުގެ މައްސަލަ ބޮޑުވާނެއެވެ. 

ކޮންމެއަކަސް މިކަންކަމުގެ ވިސްނުމުގައި ހުއްޓައި ގާތް އެކުވެރިއެއްގެ ކިބައިން އެނގުނީ ފިރިމީހާ އެހެން އަންހެނަކުވެސް ގެންގުޅޭކަމެވެ. އޭނާގެ އެޑްރެސް އެނގުމުން އެއްދުވަހު ދަރިފުޅު ގޮވައިގެން ގޮސް އޭނާ އާއި ބައްދަލުކުރީމެވެ. އަދި ކުޑަކުޑަ ދަރިފުޅަށްޓަކައިވެސް ދެމަފިރިންގެ ދެމެދަށް ނުވަދެ ހުއްޓާލަދިނުން އެދުނީމެވެ. 

އޭނާ ހުރި އަދި މާބޮޑަށް ޙައިރާންވެފައެވެ. އެއީ އޭނާ އާއި އަހަރެންގެ ފިރިމީހާގެ ކައިންވެންޏަށް ލިބުނު ދަރިފުޅަށް 3 އަހަރު ފުރިފައިވާތީއެވެ. ދެމީހުން ވަރަށް ދެރަވެ ދެން ހަދާނެ ގޮތަކާއިމެދު ވާހަކަދައްކަން ތިއްބާ ފިރިމީހާއަށް އެތަނަށް އާދެވިއްޖެއެވެ. ހުރިހާ ކަމެއް ފަޅާއަރައިފިކަން އެނގުމުން އޭނާގެ އަސްލު ސިފަ ދައްކާލައިފިއެވެ. ދުލުން ނުބައިބަސްތައް ބުނަން ފަށައިފިއެވެ. 

އޭނާއަށް ގޯސްވީ އަޅުގަނޑު އެގެއަށް ދިއުމެވެ. ދެމީހުން ބައްދަލުކުރުމެވެ. އޭނާ ބުނީ އޭނާ ދެމީހުންނަށްވެސް އޮޅުވާލައިގެން އުޅެނީ އަހަރެމެން ދެމީހުންނަށް ފައިދާއަކަށް ކަމަށެވެ. އެވަގުތު އަޑުގަދަވެގެންދިއުމުން އެއަނބީގެ ބައްޕަ ނުކުމެ ކަންކަން ވެގެން އުޅޭގޮތް އޮޅުން ފިލުވުމަށްފަހު ބުންޏެވެ. 

"މީގައި އަހަރެން ކުށްވެރިކުރާނީ އަހަރެންގެ ދަރިފުޅެވެ. އެއީ މިކަލޭގެއަކީ ލަފާމީހެއް ނޫންކަމަށާއި މަކަރުވެރިއެއްކަން އެތައް ގޮތަކުން ވިސްނައިދިނުމުންވެސް ކައިވެނިކުރީތީއެވެ. ނަމަވެސް އެކަން އެއޮތީވެނިމިފައެވެ. ކިތަންމެ ބަސް ޤަބޫލުނުކުރިނަމަވެސް ދަރިފުޅުވާނީ ދަރިފުޅަށެވެ. ދެންވެސް ބައްޕަ ބުނާގޮތެއް ހަދާނެނަމަ ދެއަންހެނުންވެސް ވަރިވާށެވެ. މިގެއަށް ކުޑަކުދިން ގިނައެއް ނުވާނެއެވެ. ތިއަދެމައިންވެސް މިގޭގައި އަހަރެންގެ ބެލުމުގެ ދަށުގައި ތިބޭށެވެ. އެއިރުން މިގޭ "ބޮސް"، ކާފަދަރިފުޅާއެކު ކުޅެން ކުއްޖަކުވެސް ލިބުނީނޫންހެއްޔެވެ؟ 

އެބައްޕަ ހިތްވަރުދިނުމުން އަހަރެން ވެސް އެވަގުތުން ފެށިގެން އެގޭގައި މަޑުކުރީއެވެ. އެއަނިޔާވެރި މަކަރުވެރިޔާގެ ގެއަށް ހިނގައްޖެނަމަ ނުކުތަވެސް ނުދޭނެތީއެވެ. ދޭނެ އަނިޔާތަކަށް ކެތްނުކުރެވޭނެތީއެވެ. އެވަރުންވެސް ވަރިނުކުރަން ވަރަށް ހިފެހެއްޓިއެވެ. އެންމެފަހުން ވަރިކުރީ އެބައްޕަ އޭނާގެ ފަހަތުން ހިނގައިގެންނެވެ. 

މިހާރު މިއީ އެއިގެ 5 އަހަރު ފަހެވެ. ދެ އަންހެނުންވެސް މިތިބީ ބައްޕަ ދެއްކި 2 ފިރިހެނުންނާ ހަމައެއްރެއަކު ކައިވެނިކޮށްގެންނެވެ. ހަމަ ބައްޕަގެ ގާތުގައެވެ. އެބައްޕަ އެގޮތް ބޭނުންވާތީއެވެ. އަހަރެންގެ ފިރިމީހާގެ ކިބައިގައި އަހަރެން ބެލެހެއްޓޭނެ ފެންވަރު އެބަހުއްޓެވެ. ވަކިން އުޅެންވެސް ބޭނުންވެއެވެ. ނަމަވެސް އެބައްޕަ ނުބުނާ ގޮތަކަށް ދެން އެއްވެސް ކަމެއް ކުރާކަށް ނެތީމެވެ. އެއީ ވަރަށް އާދައާ ޚިލާފް ބައްޕައެވެ. 

އަހަރެންގެ މިވާހަކަކޮޅުގައި މިއަދުނޫހުގެ ކިޔުންތެރިންގެތެރޭގައި ތިބި އަންހެނުންނަށާއި ފިރިހެނުންނަށްވެސް ފިލާވަޅުތަކެއްވާނެއެވެ. ލިބިގަންނާށެވެ! ވަރިނުކޮށްގެން ކޯޓަށް ދެއަންހެނުން ދުވި ދުވަސްވަރު ބައްދަލުވި އެތައް އަންހެނެއްގެ ކިބައިން އެނގުނީ އަހަރެމެންނަށް މިޖެހުނީ އައުކަމެއް ނޫންކަމާއި އެއީ މިއަދު ހަމަ ޢާންމުކަމަށްވެފައިވާ ކަމެއް ކަމަށެވެ. 

އެހެންކަމަށްވާއިރު މިއީ ވަރަށް ބޮޑަށް ސަމާލުކަންދޭންޖެހިފައިވާ ކަމެއް ނޫންތޯއެވެ؟ އަންހެނުންގެ ޙައްޤުތައް ހޯދައިދޭން ވަކާލާތުކުރާކަމަށް ބުނާ ފަރާތްތަކުން މިފަދަ މަކަރުވެރި ފިރިހެނުންގެ ފޮޓޯއާއި ވަނަވަރު ހާމަކުރަން ބިރުން ފަސްޖެހިފައި އެތިބެނީ ކީއްވެގެންކަމެއް ނުވިސްނެއެވެ. 

- މާޖިދާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން