ޙަޤީޤީ ޙާދިސާ: ފިރިންގެ އަނިޔާލިބެމުންދާ އަނބިންނަށް ނާޢީމާގެ ތަޖުރިބާ- "ކެތްކުރާނެ ކަމެއް ނެތް- ކުރިމަތިލީމަ ލިބޭ އުފާވެރިކަން މާބޮޑުވާނެ!"

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 39ސ
ޙަޤީޤީ ޙާދިސާ: ފިރިންގެ އަނިޔާލިބެމުންދާ އަނބިންނަށް ނާޢީމާގެ ތަޖުރިބާ- "ކެތްކުރާނެ ކަމެއް ނެތް- ކުރިމަތިލީމަ ލިބޭ އުފާވެރިކަން މާބޮޑުވާނެ!"

އަޅުގަނޑު ނިޞްބަތްވަނީ ވަރަށް ފަޤީރު ޢާއިލާއަކަށެވެ. އަޅުގަނޑުގެ މަންމައާއި ބައްޕައަށް ލިބިފައިވަނީ ދެ އަންހެންދަރިންނެވެ. އަޅުގަނޑާއި ކޮއްކޮއެވެ. އެހެންކަމުން މަތީ ޘާނަވީއަށްވުރެ މައްޗަށް ކިތެވުމުގެ ފުރުޞަތެއް އަޅުގަނޑަކަށް ނުލިބުނެވެ. މައިންބަފައިން ދިރިއުޅެނީ ރަށުގައެވެ. މާލޭގައި ކިޔަވަންހުރީ ބައްޕަގެ ރައްޓެއްސެއްގެ ގޭގައެވެ. 

އޭލެވެލް ނިމުނުތަނާހެން އެމީހުން އަޅުގަނޑަށް މަޖުބޫރުކުރީ އެމީހުންގެ ދަރިފުޅަކާ ކައިވެނިކުރާށެވެ. އެއީ މަސްތުވާތަކެތި ބޭނުންކުރާ ޒުވާނެކެވެ. އެހެންވެ އެކަމަށް ދެކޮޅުހެދުމުން އަޅުގަނޑު ގެއިން ނެރެލިއެވެ. ގެއިން ނެރެލުމުން އަޅުގަނޑަށް އެހީތެރިވީ ކްލާހުގައި އެކުގައި އުޅުނު ކުއްޖެއްގެ މައިންބަފައިންނެވެ.

އެމީހުންވެސް އަޅުގަނޑަށް ކިޔަވައިދޭން އެއްބަހެއް ނުވިއެވެ. ބޭނުންވީ ގޭގައި ނޯކިރީކުރަން ބަހައްޓާށެވެ. 18 އަހަރު ފުރެންދެން ހުރީ އެމީހުންގެ ގާތުގައެވެ.  

މަތީ ތަޢުލީމް ލިބިފައިނެތުމުން ރަނގަޅު ވަޒީފާއެއް ނުލިބުނެވެ. ލިބުނީ އަމިއްލަ ކްލިނިކެއްގެ ރިސިޕްޝަނިސްޓެއްގެ ވަޒީފާއެވެ. ވަޒީފާ ލިބުމާއިއެކު މަހަކު 2000 ރުފިޔާދީގެން ހުރެވޭ ގެއަކަށް ބަދަލުވީމެވެ. ރަށަށް ދިއަ ނަމަވެސް ވަޒީފާއެއް ނުލިބޭނެތީ ބޭނުންވީ ވަޒީފާއަދާކޮށްގެން ލިބޭ މުސާރައިން ބައެއް މައިންބަފައިންނަށް ފޮނުވާށެވެ. އަނެއްބައި ޚަރަދުކޮށްގެން ކިޔަވާށެވެ. 

ފޮނި އުންމީދުތަކަކާއިއެކު މަސައްކަތްކުރަން ފެށިތަނާ ބައްދަލުވި ތަނަވަސް ޒުވާނަކު ދެއްކި ފޮނިހުވަފެންތަކަށް ހެއްލެވި ކައިވެނިކުރީމެވެ. ކައިވެންޏަށްފަހު އޭނާ ބޭނުންވީ ވަޒީފާއިން ވަކިވާށެވެ. ވަޒީފާއިން ވަކިވިނަމަވެސް ކިޔަވައިދޭނެ ކަމަށާއި މައިންބަފައިންނަށް އެހީތެރިވާނެކަމަށްވެސް އޭނާ ވައުދުވުމުން ވަޒީފާ ދޫކޮށްލީމެވެ. ވަޒީފާ ދޫކޮށްލިހިސާބުން އޭނާ އަޅުގަނޑު ހެދީ އޭނާގެ އަޅަކަށެވެ. ވައުދުތައް މަތިން ހަނދާނެވެސް ހުރިކަމަކަށް ނުވިއެވެ. ނަމަވެސް ރަނގަޅު ގޮތެއް މެދުވެރިވެދާނެ ކަމުގެ އުންމީދުގައި ކެތްކޮށްލައިގެން އިނީމެވެ. 

ކައިވެންޏަށް ދެވަނަ އަހަރު ދަރިއަކު ލިބިއްޖެއެވެ. އުންމީދުކޮށްގެން ހުރި އެހިސާބުން ކަންކަން ބަދަލުވާނެ ކަމަށެވެ. ފިރިމީހާގެ ލޯތްބާއި އޯގާތެރިކަން ލިބެންފަށާނެ ކަމަށެވެ. ނަމަވެސް ދަރިއަކު ލިބުމުން ކަންކަންވީ އިތުރަށް ގޯހެވެ. ނަފްރަތާއި އަނިޔާވެރިކަންވީ އިތުރެވެ. 

ދެން އެއްވެސް އެހެން ގޮތެއް ނެތުމުން ވަރިކޮށް ރަށަށް ފޮނުވައިދިނުމަށް އެދުނީމެވެ. އެކަންވީ ވަރަށް ފަސޭހައިން ކޮށްދިން ކަމަކަށެވެ. ހަމަ އެދުވަހު ވަރިކޮށްފިއެވެ. އަދި އެރޭ ފުރަން އޮތް ދޯންޏަކުން ރަށަށް ފޮނުވައިދޭން ހަމަޖެއްސިއެވެ. 

ހެނދުނު 6 ޖަހަނިކޮށް އަޅުގަނޑު ޓެކްސީއަކަށްއަރުވާފައި ދޯންޏަށް ދާން ބުންޏެވެ. އޭނާގެ ކާރުގައި ގެންގޮސްވެސް ނުދިނީއެވެ. އެކަމަކާއި ދެރައެއް ނުވަމެވެ. ނަމަވެސް މައިންބަފައިންނަށް އެހީތެރިވުމަށް ކުރި އުންމީދު ފެނަށްވުމުން ވަރަށް ދެރަވިއެވެ. 

ޓެކްސީ ދުއްވައިލުމުން އަޅުގަނޑަށް ރޮވެންފެށިއެވެ. އެކަން ޑްރައިވަރަށް އެނގުމުން ކާރުގެ ދުވެލި މަޑުކޮށް ސުވާލުތައް ކުރަން ފެށުމުން އަޅުގަނޑުގެ ޙަޔާތުގައި ކަންކަން މެދުވެރިވި ގޮތް ކިޔައިދިނީމެވެ. އޭނާ އަޅުގަނޑު ގާތު އެދުނީ ރަށަށް ނުގޮސް އިހަށް އެދެމަފިރިންގާތު މަޑުކޮށްލައިދިނުމަށެވެ. މަޑުކޮށްލައިފިނަމަ އަޅުގަނޑަށް ރަނގަޅު ގޮތެއް މެދުވެރިވެދާނެކަމުގެ އުންމީދުވެސް ދިނެވެ. 

އަޅުގަނޑަކީ ގޮތް ހުސްވެ ހަތަރު އުދަރެސް ފެނުޖެހިފައި އިން އަންހެނަކަށްވުމުން އޭނާ އެދުނު ގޮތަށް އެއްބަސްވުމުން ގެންގޮސް އެގެއަށް ބާލާފައި އޭނާގެ އަންހެނުންނާއި އަޅުގަނޑު ޙަވާލުކޮށްފައި އޭނާ ދިއައީއެވެ. 

އޭނާގެ އަނބިމީހާއަކީވެސް ވަރަށް ރަނގަޅު އަންހެނެކެވެ. ދެމައިންނަށް ވަރަށް ހެޔޮކޮށް ކަންކަންކޮށްދިނެވެ. އެގޭގައި އިންދާ މެންދުރެއްހައިއިރު ޑްރައިވަރު ގެއަށް އައީ މުސްކުޅި އުމުރުގެ ދެމަފިރިއަކު ގޮވައިގެންނެވެ. އެއީ ދަރިން ނުލިބޭ ދެމަފިރިންނެވެ. އެދެމަފިރިން ބޭނުންވީ އަޅުގަނޑާއި ދަރިފުޅު ގެންގޮސް ބަލައިބޮޑުކުރާށެވެ! އަޅުގަނޑު އެއްބަސްވީމެވެ. 

މިއަދު އަޅުގަނޑުގެ ދަރިފުޅުގެ އުމުރަކީ 24 އަހަރެވެ. އެދެމަފިރިންގެ އެހީތެރިކަމާއިއެކު އިރާދަކުރެއްވިއްޔާ ދާދި އަވަހަށް އޭނާއަށް ޑޮކްޓަރަކަށް ވެވޭނެއެވެ. އެދެމަފިރިން އަޅުގަނޑަށްވަނީ ފިރިއަކު ހޯދައިދީފައެވެ. އަންހެންމީހާގެ ކޮއްކޮއެކެވެ. ކުރުގޮތަކަށް ބުނާނަމަ އޭނާއަކީ ޖަވާހިރެއް ފަދަ ފިރިއެކެވެ. 

އަޅުގަނޑު ޙާޞިލްކުރަން އެންމެ ބޭނުންވި ދެކަމުގެ ތެރެއިން ޙާޞިލްނުކުރެވުނު ކަމަކީ މަތީތަޢްލީމް ޙާޞިލްކުރުމެވެ. ދަރިއަކު ލިބުމުން އެކަން ނުކުރެވުނީއެވެ. ދެވަނައަށް ބޭނުންވި ކަންތައް ވަރަށް ރަނގަޅަށް ޙާޞިލުވިއެވެ. އެއީ މައިންބަފައިންނަށް އެހީތެރިވުމެވެ. އެންމެ ބޮޑަށް އުފާވަނީ ގޮތެއް ނެތިގެން ރަށަށް ގެންދަން އުޅުނު ދަރިފުޅަށް ލެއްވެވި ރަޙްމަތުންނެވެ. 

މިއަދުނޫހުގެ ކިޔުންތެރި އުޚުތުންނޭވެ! އަޅުގަނޑުވެސް ބުނެލަން ބޭނުންވަނީ ބައެއް ބޭކަނބަލުން ވިދާޅުވެފައިވާ ވާހަކައެކެވެ. އަނިޔާލިބެން މަޑުނުކުރާށެވެ! އެހެން މަގެއް ހޯދަން މަސައްކަތްކުރާށެވެ! އަޅުގަނޑުމެން ރަނގަޅު މަގުގައި ސާބިތުވެ ތިބިނަމަ މާރަނގަޅު މަގުތައް ފެންނާނެއެވެ. އިން ޝާ ﷲ 

- ނަޢީމާ ޢަލީ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން