ޙަޤީޤީ ޙާދިސާ: ބިމެއްގެ ދަހިވެތިކަމުގަ އަމިއްލަ އަންހެން ދަރިފުޅު މަރަން ސިހުރުހެދިވާހަކަ އަޑުއެހީމުތަ؟ ގޮވީވެސް އަމިއްލަ އަތަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 11ސ
ޙަޤީޤީ ޙާދިސާ: ބިމެއްގެ ދަހިވެތިކަމުގަ އަމިއްލަ އަންހެން ދަރިފުޅު މަރަން ސިހުރުހެދިވާހަކަ އަޑުއެހީމުތަ؟ ގޮވީވެސް އަމިއްލަ އަތަށް!

އަޅުގަނޑު މިކިޔައިދޭ ވާހަކަ އަޑުއަހަން އުނދަގޫވެދާނެއެވެ. ޤަބޫލުކުރަންވެސް އުނދަގޫވެދާނެއެވެ. ނަމަވެސް މި ކަންކަން މިގޮތަށް ދިމާވަމުން ނުދާނަމަ އަޅުގަނޑަކަށްވެސް ދިމައެއް ނުވީހެވެ. 

އަޅުގަނޑު ހަނދާން ހުންނަންފެށިއިރުންފެށިގެން އަޅުގަނޑުގެ ހުރިހާ ކަންކަންކޮށްދީ ބެލެހެއްޓީ އަޅުގަނޑުގެ ކާފައެވެ. މައިންބަފައިން ލޮލަށް ފެނުނީ އަހަރަކު ކިތައް ފަހަރަކުކަން ބުނެދޭކަށް ނޭނގެއެވެ. އެހެންވެ އެމީހުންގެ ގާތަށް ދިއުމަކަށް އަޅުގަނޑަކަށް އެއްވެސް އުމުރެއްގައި ސަމާލުކަމެއް ނުދެވެއެވެ. 

އެމީހުންގެ ގެއަކަށް އަޅުގަނޑު ނުގެންދެއެވެ. އެހެންވެ އެ ގެ ހުންނަ ގޮތެއްވެސް ނުއެނގެއެވެ. ބައްދަލުނުވާތީ މަންމަ އާއި ބައްޕަގެ ތިބެނީ ކިތައްކުދިން ކަމެއްވެސް ނުއެނގެއެވެ. އެމީހުން ދިރިއުޅެނީ ކޮންފެންވަރެއްގައިކަމެއްވެސް ނުއެނެއެވެ. އެބާވަތުގެ އެއްވެސް ވާހަކައެއް ކާފަވެސް ނުދައްކައެވެ. 

އުމުރުން 12 އަހަރުވެސް ވީފަހުން މަންމަ ޢާއި ބައްޕަ އުޅެނީ ވަރަށް ތަނަވަހުގައިކަމާއި ދެބުރިގެއެއް ހުންނަކަން ކްލާސްކުއްޖެއްގެ ކިބައިން އެނގުނެވެ. އެކުއްޖާ ގެ ގެ ހުންނަނީ އެގެއާއި ޖެހިގެންކަމަށްވެސް އެ ކުއްޖާ ބުންޏެވެ. ނަމަވެސް އެވާހަކައަކަށް މާބޮޑު ސަމާލުކަމެއް ނުދެމެވެ. 

ކާފައަކީ އެހައި ތަނަވަސް މީހެއް ނޫނެވެ. އާމްދަނީއަކަށް ލިބެނީ ގޭގައި ހުންނަ ކުޑަ ފިހާރައެއް ކުޔަށްދީފައި ހުންނާތީ ލިބޭ ފައިސާކޮޅެކެވެ. އަޅުގަނޑުގެ ޚަރަދުތައް ބަލަހައްޓަނީ އެއިންނެވެ. އަޅުގަނޑަށް ކަންކަން ވިސްނެންފެށީންސުރެ އުންމީދަކީ ކިޔަވައިގެން ރަނގަޅު ވިޒީފާއެއް ލިބުމުން ލިބޭ މުސާރައިން ކާފައަށް ޚިދުމަތްކުރުމެވެ. 

އަޅުގަނޑަށް ވަޒީފާއެއް ހޯދުނީ އުމުރުން 20 އަހަރުގައެވެ. ވަޒީފާއަދާކުރަންފެށިތާ ދާދި ކުޑަދުވަސްކޮޅެއްގެ ތެރޭގައި ކާފަ ނިޔާވެއްޖެއެވެ. އެހެންވެ އަޅުގަނޑުގެ އުންމީދުތައް ޙާޞިލެއް ނުކުރެވުނެވެ. މިދެންނެވީ ކާފައަށް ޚިދުމަތްކުރުމުގެ އުންމީދެވެ. ނަމަވެސް ކާފައަށްޓަކައި ޞަދަޤާތްކުރުމާއި ޙައްޖެއްވުމަކީ އަޅުގަނޑު ކުރަން ބޭނުންވާ ކަންތަކެވެ. 

ކާފަމަރުވުމުން ގޭގައި އުޅުނީ އަޅުގަނޑާއި ބޮޑުދައިތަ އާއި ބޮޑުދައިތަގެ 2 ދަރިންނެވެ. ކުއްލިއަކަށް އަޅުގަނޑު ބަލިވިއެވެ. ޑޮކްޓަރުންނަށް ބައްޔެއް ނުހޯދުނެވެ. ނަމަވެސް ގިނައީ އަޅުގަނޑުގެ ބޮލުގައި ރިއްސާތީ ނުވެސް ތެދުވެވޭ ދުވަހެވެ. 

އެފަދަ ޙާލެއްގައި އުޅެންޖެހުމުން ބޮޑުދައިތަ މީހަކު ގެނެސްގެން ރުޤްޔާކުރުމުން ޝިފާލިބުނެވެ. ސުވާލަކީ ކާފަ ފިޔަވައި އެހެން އެއްވެސް މީހަކަށް އެއްވެސް އުނދަގުލެއް ދުވަހަކުވެސް ނުކޮށް ބޮޑުވި އަޅުގަނޑު ފަދަ ކުއްޖަކަށް މީހަކު ސިހުރުހަދަންވީ ކީއްވެގެންހެއްޔެވެ؟ މިސުވާލުގެ ޖަވާބު ހޯދަން މަސައްކަތްކުރީމެވެ. 

ކޮންމެ ރެއަކު ހޭލައި އިނދެ ކުރަމުންދިއަ ދުޢާތަކުން ސަބަބުވެސް އެނގުނެވެ. އެކަންކުރި މީހުންވެސް އެނގުނެވެ. ހިތާމަ އާއިއެކު ދަންނަވަން ޖެހެނީ ލަދުވެތިވާހަކައެކެވެ. ނަމަވެސް ފޮރުވާކަށް ނެތީމެވެ. ކާފައާއި މާމަ އަޅުގަނޑުދެކެ ވަރަށް ލޯބިވާތީ ތުއްތުއިރު އެދެމަފިރިންނަށް އަޅުގަނޑު ދިނީއެވެ. އަޅުގަނޑު ވަރަށް ކުޑައިރު ގޯތި އޮތީ އަޅުގަނޑަށް ދީފައެވެ. ކާފަ މަރުވުމުން ބޭނުންވީ އަޅުގަނޑުވެސް ދުނިޔެއިން ވަކިކޮށްލާށެވެ. ނުވަތަ ނުކުޅެދޭ މީހެއްގެ ގޮތުގައި ބާއްވާށެވެ. ހަމައެކަނި އެންމެ ބޭނުމަކުއެވެ. 5000 އަކަފޫޓުގެ ގޯތީގެ ދަހިވެތިކަމުގައެވެ. ލަދުވެތި ވާހަކައެއް ކަމަށް ދަންނަވަން މިޖެހުނީ ދަރިއަކު މަރަން ނުވަތަ ދަރިއަކަށް ދެރައެއްދޭން މައިންބަފައިން ސިހުރުހެދުމުންނެވެ.  

އެކަން ޔަޤީންކުރެވުނީ އެދެމަފިރިން އަޅުގަނޑު ގާތުން މާފަށް އެދުމުންނެވެ. މާފަށް އެދެންޖެހުނީ ކީއްވެގެންކަމެއް ނުބުނެއެވެ. ނަމަވެސް ފަހުން އެނގުނު ގޮތުގައި އެމީހުންނަށް މުޞީބާތްތަކެއް ކުރިމަތިވީއެވެ. ދިރިނުއުޅެވޭވަރުގެ ކަންތައްތަކެއް ކުރިމަތިވީއެވެ. ފަހުން އަޅުގަނޑުދެކެ ވަރަށް ލޯބިވާކަން ދައްކަން ވެސް އުޅުނެވެ. އެމީހުންނަށް މާފުކުރީމެވެ. ނަމަވެސް ލޯބިވާކަމަށް ހެދިގެން ޖެހިމަޅިތަކުގައި އަޅުގަނޑެއް ނުޖެހެމެއެވެ. ބޮޑުދައިތަ އެއީ މަންމަކަމަށް ބަލައިގެން އުޅުނީއެވެ. 

މިއަދުނޫހުގެ ކިޔުންތެރިންނޭވެ! އަޅުގަނޑަށް ކާފަ ދިރިހުއްޓައި ޚިދުމަތެއް ކޮށެއް ނުދެވުނެވެ. ނަމަވެސް ފިރިމީހާގެ އެއްބާރުލުމާއިއެކު ވަރަށް ގިނަ ހެޔޮ ކަންކަން ކޮށްފީމެވެ. އާޚިރަތްދުވަހު ކާފައަށް ފައިދާކުރާނެ ކަންކަމެވެ. އެކަންކަން ހާމަކުރާކަށް ނެތީމެވެ. އަޅުގަނޑު ދުނިޔޭގައި ހުރިހާ ދުވަހަކު އިރާދަކުރެއްވިއްޔާ ގެންދާނީ އެފަދަ ކަންކަން ކުރަމުންނެވެ.

 

- ވަލީދާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން