ޙަޤީޤީ ޙާދިސާ: ވަރިފަށަށް އެރުމުން ދަރިފުޅުގެ ދިރިއުޅުން ސަލާމަތްކުރަން މަންމަދިން ރަނަށްވުރެ އަގުހުރި ނަޞޭޙަތް- ވަރަށް ޢިބްރަތްތެރި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 2ސ
ޙަޤީޤީ ޙާދިސާ: ވަރިފަށަށް އެރުމުން ދަރިފުޅުގެ ދިރިއުޅުން ސަލާމަތްކުރަން މަންމަދިން ރަނަށްވުރެ އަގުހުރި ނަޞޭޙަތް- ވަރަށް ޢިބްރަތްތެރި!

އަޅުގަނޑުމެންގެ ދެމަފިރިންވެސް ކައިވެނިކުރީ ވަރަށް ލޯބިންނެވެ. ކައިވެންޏަށް އެއިރު 8 އަހަރެވެ. 3 ދަރިން ވެސް ތިއްބެވެ. ނަމަވެސް ދެމަފިރިންގެ މެދުގައި އަރާރުންވުން ނޫން އެހެންކަމެއް ނޯވެއެވެ. 

އަނބިމީހާގެ ޝަކުވާއަކީ ޢާއިލާއާއިއެކު އަޅުގަނޑަށް ވަގުތު ހޭދަނުކުރެވޭކަމެވެ. އަޅުގަނޑުގެ ޝަކުވާއަކީ އަނބިމީހާ އަބަދުވެސް ޝަކުވާކުރާކަމެވެ. ޝަކުވާ ގިނަކަމެވެ. މިކަން ޙައްލުނުކުރެވި ގިނަ ދުވަސްތަކެއް ފާއިތުވުމުން އަނބިމީހާ ވަރިއަށް އެދުނެވެ. އެކަން އެއީ ކުރަން ފަސޭހަކަމަކަށް ނުވުމުން ދެން ކަންތައް ކުރަންވީ ގޮތަކާއިމެދު މަންމަ އާއި މަޝްވަރާކޮށްލީމެވެ. 

މަންމަ ފުރަތަމަވެސް ކުރީ ސުވާލެކެވެ. "ދަރިފުޅު އަނބިމީހާދެކެ ލޯބިވަން ހެއްޔެވެ؟" ޖަވާބުގައި ލޯބިވާކަމަށާއި ވަކިވާން ބޭނުން ނޫން ކަމަށް ބުނީމެވެ. އެހިސާބުން މަންމަ ކިޔައިދިނީ މަންމަ އާއި ބައްޕަގެ ޙަޔާތުގައިވެސް ހަމަ މިފަދަ ކަމެއް މެދުވެރިވުމުން ބައްޕަ ކަންތައް ކުރިގޮތެވެ. "ދަރިފުޅާއެވެ. މައްސަލަތައް ދުރުގައި ބަހައްޓާށެވެ. އަނބިމީހާ ރުހޭނެ، ބޭނުންވާނެ ކޮންމެވެސް އެއްޗެއް ގަނެލައިގެން ގެއަށް ގެއަށްދާށެވެ. ހިނިތުންވެ ހުރެ ބައްދައިލާށެވެ. އަދި ޒުވާން އިރުފަދައިން ހިނިތުންވެހުރެ ބުނާށެވެ! ތިބާދެކެ ވަރަށް ބޮޑަށް ލޯބިވަމެވެ. ކުށްތަކެއް ކުރެވިއްޖެކަމާއި އިހްމާލުވެވިއްޖެކަމަށް ވެސް ޤަބޫލުކުރަމެވެ. އާބާބަކުން ފަށަމާ ހިނގާށެވެ! ކަމުނުދާ ކަންކަން އިޞްލާޙްކުރާނަމެވެ." 

އަދިވެސް މަންމަ ބުންޏެވެ. "ދަރިފުޅާއެވެ. ދިރިއުޅުމަކީ ހަތިޔާރުން ހަމަލާދީގެން ކުރާ ހަނގުރާމައެއް ފަދަ ކަމަކަށް ނުހަދާށެވެ. އެއްކޮޅުން ހަމަލާއެއްދީފިނަމަ ރައްދުދޭންވާނީ ހަތިޔާރަކުން ނޫނެވެ. އޯގާތެރި ބަސްތަކުންނެވެ. ލޯތްބާއި ކުލުނުންނެވެ. އެއީ ދެރަވުމެއް ނޫނެވެ. މޮޅުވުމަކީ މައްސަލަ ޙައްލުކުރެވުން ނޫންހެއްޔެވެ؟ ކަންކަން ޙައްލުކުރެވޭނީ އެއިރުންނެވެ. ރަނގަޅަށް ހަނދާންކުރާށެވެ! ވަރިއަށް އެދުމުން ވަރިކޮށްފިނަމަ އެއީ ބަލިވުމެވެ. މޮޅުވީ އޭނާގެ ކޮޅެވެ. ވަރިނުކޮށް ޙައްލުކުރެވިއްޖެނަމަ މޮޅުވީ ދަރިފުޅެވެ. ކާމިޔާބު އެކުރެވުނީ ދަރިފުޅު ބޭނުންވި ގޮތަށެވެ." 

މަންމަ ބުނި ގޮތަށް ކަންތައް ކުރީމެވެ. އަނބިމީހާގެ ޖަވާބަކަށްވީ "އަހަރެންވެސް މިހުރީ ހަމަ ތިއަ ގޮތުގައެވެ. ވަރިވާން އެދުނު އެދުން އަނބުރާ ގެނެސްފީމެވެ." 

މިއަދުނޫހުގެ ކިޔުންތެރިންނަށް ދަންނަވަން އޮތީ އެއަށްފަހު ހުރިހާ މައްސަލަތަކެއް ޙައްލުކުރެވުނެވެ. އެއިގެފަހުން މިހާރު 10 ވަރަކަށް އަހަރު ފާއިތުވީއެވެ. ދިރިއުޅެމުން މިދަނީ ހަމަ ހިނިތުންވުމާއިއެކުގައެވެ. ބުނެލަން އޮތީ އެދުވަހު މަންމަ ބުނީމާ ކުށް ޤަބޫލުކުރާކަމަށް ބުނީ ޙަޤީޤަތުގައި ކުށެއް ކުރެވޭކަމަށް ޤަބޫލުކުރެވޭތީއެއް ނޫނެވެ. މަންމަ ބުނީތީ ބުނީއެވެ. އެކަމުގެ ސަބަބުން ކުރި ފައިދާއިން ދިރިއުޅުން މިވަނީ ސަލާމަތްކުރެވިފައެވެ. އުފާވެރި ދިރިއުޅުމަކަށް ބަދަލުކުރެވިފައެވެ. 

- ސަމީރު / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން