އަޅުގަނޑަކީވެސް މިއަދުނޫހުގެ ކިޔުންތެރިއަކީމެވެ، އެކިމީހުނަށް ދިމާވެފައި ހުންނަ ޙަޤީޤީ ހާދިސާތައް ކިޔާ ހަދަމެވެ. އަޅުގަނޑުގެ ތަޖުރިބާވެސް ޙިއްޞާ ކޮށްލާނަމެވެ.
ވަރަށް ގިނަ ލިޔުންތަކުން ސަޖިދައިގައި ކުރާ ދުޢާއަކީ އިބާޖަ ކުރަށްވަވާނެ ދުޢާ އެއްކަން އަޅުގަނޑަށްވަނީ އެނގިފައެވެ.
އަޅުގަނޑަކީ 2 އަންބަށް މީހަކާ އިނދެގެން އުޅޭ މީހަކީމެވެ. ފިރިމީހާ ވަޒީފާ އަދާކުރަނީ ކައިރި ރަށެއްގައެވެ، އަޅުގަނޑު ފިރިމީހާ ބޭނުމެއް ޖެހިގެން އަޅުގަނޑުގެ ޢާއިލާ މީހެއްގެ އަތުން 10,000 ރުފިޔާގެ ލޯނެއް ނެގީމެވެ، އެއީ ކޮންމެ މަހަކުވެސް 500 ރުފިޔާ ނަމަވެސް ދައްކާ ގޮތަށެވެ.
ލޯނު ނެގިފަހުންވެސް އަތްމަތި ދަތިވެ ލޯނަށް ލާރި ނުދެއްކި އަހަރެއްހާ ދުވަސް ދިޔައެވެ، އޭގެ ފަހުން 5000 ރުފިޔާ ދައްކާފަ އަނެއްބައި ފަހުން ދައްކަން ޢަޒުމް ކަނޑައެޅީމެވެ، އަޅުގަނޑަކީ ނަމާދުކޮށް އުޅޭ އަޅަކީމެވެ، އަޅުގަނޑުމެންގެ ދަރަނި އަދާކުރެވޭނޭ މަގު ތަނަވަސް ކޮށްދެއްވުމަށް އެދި ކޮންމެ ނަމާދެއްގައިވެސް ސަޖިދައިގައި ދުޢާ ކުރަމެވެ.
މިގޮތުގައި ދުވަސްތައް ވޭތިވަމުންގޮސް ފިރިމީހާ ބަލިވެ އޮޕަރޭޝަނެއް ކުރަން ޖެހުނީއެވެ، މިކަމުގެ ސަބަބުން ފިރިމީހާއަށް ވަޒީފާއަށް ނުދެވި 2 މަސް ދުވަސް ވޭތުވެއްޖެއެވެ، އަތްމަތި ދަތިވެގެން ދިޔަކަމުގައި ވިއަސް އަބަދުވެސް އުއްމީދު ކުރެވެނީ ﷲ ސުބްޙާނަހޫ ވަތަޢާލާ އެކަލާންގެ އަޅަކަށް ދެރަގޮތެއް މިންވަރު ނުކުރަށްވާނެ ކަމެވެ.
މިގޮތުގައި ދުވަސްތައް ވޭތުވަނިކޮށް އަޅުގަނޑުގެ ފޯނަށް މެސެޖެއް ލިބުނެވެ. "ބޭބެ އަތުން ނަގާފައިވާ ދަރަނީގެ ނުދެއްކި އޮތް 5000 ރުފިޔާ ނުދިނަސް އެންމެ ރަނގަޅުކަމަށެވެ. އެއީ ބޭބެ ކޮއްކޮއަށް ދިން އެއްޗެކެވެ" އަލްޙަމްދު ލިއްލާހި، އުފަލުން ސަޖިދައެއް ކުރީމެވެ، އެއިލާހުގެ އެއްވެސް އަޅަކަށް ދެރަގޮތެއް މެދުވަރިއެއް ނުކުރައްވަވާނެއެވެ.
(މިލިޔުން ކިޔުންތެރިންނާ ޙިއްޞާކޮށްފައި އެވަނީ މިއަދުނޫހުގެ ކިޔުންތެރިޔާގެ އަމިއްލަ އިބާރާތުން ލިޔެ ފޮނުވި މިންވަރަށެވެ. ލިޔުންކޮޅު ކުރުނަމަވެސް ލިޔުންކޮޅުގައި ޢިބްރަތެއްވެއެވެ. އެއީ ދަރަނި އަދާކުރަން ނުލިބުމުންވެސް ދުޢާކުރުމުން މަގުދައްކަވާކަމެވެ. ކޮންމެ ކަމަކަށްވެސް އޮތީ އިޚްލާޞްތެރިކަމާއިއެކު ދުޢާކުރުމެވެ.)