މާފަށް އެދެން ދާންޖެހުނީ ސަހަރާއަށް! ދެމަފިރިންގެ މެދުގަ މައްސަލަ ޖެހުމުން ދަރިންނަށް މިހާބޮޑަށް ހިތްދަތިކަންދޭން ހެޔޮވެދާނެތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 35ސ
މާފަށް އެދެން ދާންޖެހުނީ ސަހަރާއަށް! ދެމަފިރިންގެ މެދުގަ މައްސަލަ ޖެހުމުން ދަރިންނަށް މިހާބޮޑަށް ހިތްދަތިކަންދޭން ހެޔޮވެދާނެތަ؟

އަޅުގަނޑު ވަރަށް ކުޑައިރު، ގާތްގަނޑަކަށް 5 އަހަރުގައި ބައްޕަ އަޅުގަނޑާއި މަންމަ ދޫކޮށްލާފައި ގެއިން ނުކުމެގެން ހިނގައްޖެއެވެ. ރޮމުން ބައްޕަގެ ދެފައިގަ ހިފައި ބައްޕަ ގާތުގައި ނުދާންބުނެ އާދޭސްކުރީމެވެ. ނަމަވެސް ބައްޕަ ދިއައީއެވެ. ގެއިން ނުކުންނަމުންވެސް ވަރަށް ލޯބިން އަޅުގަނޑިގެ ގައިގާ ބައްދާލާފައި ބުނީ ވަރަށް އަވަހަށް އެނބުރި އަންނާނެ ކަމަށެވެ. ނަމަވެސް އެދުވަހުގެ ފަހުން ބައްޕަ ގެއަކަށް ނާދެއެވެ. ބައްޕަ ޢާއި ބައްދަލެއްވެސް ނުވެއެވެ. 

އުޅުނީ މަންމަގެ ގާތުގައެވެ. މަންމަ އަޅުގަނޑާއިމެދު ޢަމަލުކުރިގޮތަށް ބަލައި ބުނާނަމަ ބުނަންޖެހޭނީ އެއީ މަންމައެއް ނޫން ކަމަށެވެ. މުޅި އުމުރު މައިވަންތަކަމުގެ ލޯބިން މަޙްރޫމްކޮށްފައި ބެހެއްޓީތީއެވެ. ކަމެއްކޮށްދޭއިރުވެސް އޯގާތެރިނުވާތަނުގައި ހަރުކަށިކަމާއިއެކު ނޫނީ އެންމެ ބަހެއްވެސް ނުބުނާތީއެވެ. މަންމަގެ ސަމާލުކަން ހޯދަން ކަމެއްކުރިނަމަވެސް އެއްޗެތި ގޮވުން ނޫން ކަމެއް ނުކުރާތީއެވެ. 

އެގޮތަށް ކަންތައްކުރަމުންވެސް މަންމަ ބުނަނީ ބައްޕަ އަޅުގަނޑުދެކެ ލޯބިނުވާ ކަމަށެވެ. ދެމައިން ދޫކޮށްލާފައި ދިއައީ އެހެންވެގެން ކަމަށެވެ. 

ކަމުގެ ޙަޤީޤަތް އެނގުނީ އުމުރުން 18 އަހަރުވީފަހުންނެވެ. މަންމަގެ ފޯނުން ފެނުނު މެސެޖަކުންނެވެ. ބައްޕަ ގާތުން މަންމަ ގަދަކަމުން ވަރިވީއެވެ. ބައްޕަ އަޅުގަނޑު ގެންދަން ބޭނުންވިނަމަވެސް މަންމަ ނުދިނީއެވެ. ޝަރީޢަތުން ބައްޕައަށް ހޯދެން ނެތުމުން ބައްޕަ އަޅާނުލައި ހުރީއެވެ. 

މިކަންކަން އެނގުމުން މަންމަ ގާތު ސުވާލުކުރުމުން ބުނީ ބައްޕަ އަޅުގަނޑުދެކެ ވަރަށް ބޮޑަށް ލޯބިވާ ކަމަށާއި މަންމަ އަޅުގަނޑު ދެކެ ލޯބިނުވާ ކަމަށެވެ. އަޅުގަނޑު ބައްޕައަށް ނުދިނީ ބައްޕަ ދެރަކުރަންބޭނުންވާތީކަމަށެވެ. 

އަޅުގަނޑު ވަގުތުން ގެއިން ނުކުތީމެވެ. މުޅި އުމުރުގައި ބައްޕައަށް ނަފްރަތުކުރެވުނީތީ މާފަށް އެދެންދާން ޖެހުނީ ސަހަރާއަށެވެ. ބައްޕަ މަރުވެ ވަޅުލާފައިވާތީއެވެ. ބައްޕަ މަރުވީވެސް މަންމަގެ ސަބަބުން ލިބުނު ހިތްދަތިކަމުގައި ކުރެވުނު ނުބައި އަމަލެއްގެ ސަބަބުންނެވެ. 

ޢާންމުގޮޔެއްގައި ދަރިންނަށް ނުބައިކޮށް ކަންކަންކުރަނީ ބައްޕައިންކަމަށްވެދާނެއެވެ. ނަމަވެސް އަޅުގަނޑުގެ ބައްޕައާއިމެދު އެގޮތަށް ބުނެވޭކަށް ނެތެވެ. 

މިއީ އަޅުގަނޑު ސޯޝަލް މީޑިއާއިން ކިޔާފައިވާ ވާހަކައެކެވެ. އަޅުގަނޑު މިވާހަކަ މިއަދުނޫހުގެ ކިޔުންތެރިންނަސް ޙިއްޞާ މިކުރަނީ މިފަދަ ކަންކަން ހަމަ އަޅުގަނޑުމެންގެ ތެރޭގައިވެސް ހިނގަމުންދާތީއެވެ. ބައްޕަ ނުވަތަ މަންމަގެ ފުށުން މިފަދަ ކަންކަން ދަރިންނަށް ކުރިމަތިވާތީއެވެ. 

އަޅުގަނޑު ބުނެލަން ބޭނުންވަނީ ދެމަފިރިންގެ މެދުގައި ޖެހޭ މައްސަލަތަކުގެ ސަބަބުން ދަރިންނަށް މިފަދަ އަނިޔާތައް ކުރަން ހެޔޮނުވާނެއެވެ. ދެމަފިރިންގެ މެދުގައި ލޯބި ގެއްލި ވަކިވާންޖެހުނީ ކޮންމެ ސަބަބެއް މެދުވެރިވެގެން ނަމަވެސް އެކަމުގައި ދަރިންގެ ކުށަކީ ކޮބައިތޯއެވެ. 

އަޅުގަނޑަކީވެސް ހަމަ މިފަދަ ކަންތައްތަކެއް ކުރިމަތިވި އަންހެނަކީމެވެ. މަންމަ ފަރާތުގެ މާމަ އެމުސްކުޅި ޙާލުގައިވެސް އަޅުގަނޑަށް އެހީތެރިނުވިނަމަ އަޅުގަނޑު ދުނިޔޭގައި ހުންނާނެ ކަމެއްވެސް ނުއެނގެއެވެ. އެހައި ބޮޑަށް ހިތްދަތިކަން ލިބުނެވެ. އަޅުގަނޑު ފަދައިން މިފަަދަ ހިތްދަތިކަން ލިބުނު އެތައް ހާސް ކުދިން މިރާއްޖޭގައިވެސް ތިބޭނެއެވެ. ވީމާ މިއީ ހަމަ ވަރަށް ބޮޑަށް ސަމާލުކަމަށް ގެންނަން ޖެހިފައިވާ މައްސަލައެއްކަމަށް ދެކެމެވެ. 

 

- ޝާޒްލީ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން