ޙަޤީޤީ ޙާދިސާ: ހުރި އެންމެ ދަރިފުޅު މަރަށް ތެޅުނިއިރުވެސް ޙަލާލް ނޫން ފައިސާއެއް ބޭނުން ނުކުރި އެކަނިވެރި މައަކަށް ލެއްވެވި ބޮޑު ރަޙުމަތުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 49ސ
ޙަޤީޤީ ޙާދިސާ: ހުރި އެންމެ ދަރިފުޅު މަރަށް ތެޅުނިއިރުވެސް ޙަލާލް ނޫން ފައިސާއެއް ބޭނުން ނުކުރި އެކަނިވެރި މައަކަށް ލެއްވެވި ބޮޑު ރަޙުމަތުގެ ވާހަކަ-

އަޅުގަނޑުގެ ދަރިފުޅު ވަރަށް ބޮޑަށް ބަލިވިއެވެ. އަދި އޭނާގެ ބަލި ދެނެގަތުންވެސް ޑޮކްޓަރުންނަށް ފަސޭހަކަމަކަށް ނުވިއެވެ. ކޮންމެ ޑޮކްޓަރަކުވެސް ބުނަމުން ދިއައީ އަވަހަށް ރާއްޖެއިން ބޭރަށް ގެންދިއުމަށެވެ. ނަމަވެސް އެކަން އަޅުގަނޑުކުރާނީ ކިހިނަކުންތޯއެވެ؟ އަޅުގަނޑަކީ އެކަނިވެރި މައެކެވެ. ދަރިފުޅުގެ ބައްޕަ އަޅުގަނޑު ވަރިކޮށްލާފައި ދިއަފަހުން އެންމެކުޑަމިނުން އަޅުގަނޑުމެން ދެމައިން ދުނިޔޭގައި ތިބިތޯވެސް ބަލައެއް ނުލައެވެ. 

އެއީ މީގެ 20 ވަރަކަށް އަހަރުކުރިއެވެ. އާސަންދައެއް ނޯވެއެވެ. ޖެހެނީ ރިޔާސީ ގަޑުވަރަށް ސިޓީލައި ސަލާންޖަހާށެވެ. އެހެންވެ އަޅުގަނޑުވެސް ސިޓީލައި ސަލާންޖެހީމެވެ. ޖޖަވާބު ހޯދަން ހިނގާތާ މަހެއްހައިދުވަސްފަހުން ދެމައިންނަށް އިންޑިއާއަށްދާނެ ދެކޮޅު ޓިކެޓާއި 200 ޑޮލަރުދިނެވެ. ނަމަވެސް 200 ޑޮލަރުހިފައިގެން ގޮސް ކުރެވޭނީ ކޮން ފަރުވާއެއްތޯއެވެ؟ 

ދަރިފުޅުގެ ޙާލަތު ދިއައީ ދުވަހެއް ދުވަހަކަށް ދަށްވަމުންނެވެ. އެހެންވެ ދެންވެސް ކުރެވެން އޮތް ކަމެއް ކުރުމުގެ އުންމީދުގައި ތަނަވަސް އަންހެނެއްގެ ގޭގައި މަސައްކަތްކުރަންފެށީމެވެ. އަދި އޮތް ހަމައެކަނި ބޭނުމަކީ ދަރިފުޅަށް ފަރުވާކުރުން ކަމަށްވެސް ބުނީމެވެ. 

އެގެއިން ލައިގަތީ މާވަރުގަދަ މުޞީބާތެކެވެ. އޭނާގެ ދަރިފުޅު ބޭނުންވީ އަޅުގަނޑުގެ ކިބައިން އުފާހޯދާށެވެ. ނަމަވެސް އެކަމަށް އިންކާރުކުރީމެވެ. އެއީ ކިތަންމެ ފަޤީރު ނަމަވެސް އަދި ދަރުފުޅުގެ ފުރާނަ ސަލާމަތްކުރަން މަސައްކަތްކުރަން ކިތަންމެ ބޮޑަށް ބޭނުންވި ނަމަވެސް ޢިއްފަތްތެރިކަން ވިއްކައިގެން ފައިސާ ހޯދަން ބޭނުން ނުވާތީއެވެ. އެޒުވާނާ އާއިއެކު ރޭކޮށްފިނަމަ ދަރިފޫލުގެ ފަރުވާއަށް ބޭނުންވާ ވަރަށް ފައިސާދޭނެ ކަމަށްވެސް ބުންޏެވެ. "އަޅުގަނޑު ބުނީމެވެ. ރުފިޔާ ބަސްތާއެއް ލިބުނަސް ޝިފާ ލިބޭނީ ﷲ ދެއްވެވުމުންނެވެ. އެކަލާނގެ ރުހިވޮޑި ނުގަންނަވާނެ ގޮތަކަށް ފައިސާ ހޯދައިގެން އެކަލާނގެ ޙަޟްރަތުން ޝިފާއަށް އެދޭނީވެސް ކިހިނަކުން ހެއްޔެވެ؟" 

އެދުވަހު މަސައްކަތް ނިމިގެން ގެއަށް އައުމަށްފަހު ވަރަށް ބޮޑަށް ވިސްނީމެވެ. އެ ޒުވާނާ ދެއްކި ވާހަކަތަކާއިމެދުގައެވެ. ޝައިޠޯނާ ވަސްވާސްދެމުން ދިއައީ އެހާ ފަސޭހައިން ލިބެން އޮތްއިރު ފައިސާ ހޯދުމަށެވެ. އެއީ ދަރިފުޅަށްޓަކައިވުން އެންމެ ރަނގަޅު ޤުރްބާނީއެއް ކަމަށެވެ. ނަމަވެސް ބުރަވެވުނީ އަނެއްކޮޅަށެވެ. ﷲ ގެ މަގުގައި ސާބިތުވުމުން ދެއްވަވާނެ ނިޢްމަތް މާބޮޑުވާނެ ކަމަށެވެ. އަދި އަޅުގަނޑުގެ ކިބައިގައި ތަނަވަސަކަން ނެތިގެން ފަރުވާކޮށް ނުދެވުނުނަމަވެސް އަޅުގަނޑު ފާފަވެރި ނުވާނެ ކަމަށާއި ފާފަވެރިވާނީ ޙަރާމް ގޮތުގައި ފައިސާ ހޯދުމުން ކަމަށެވެ. 

ޢިޝާ ނަމާދު ނިމިގެން އިތުރަށް ގަޑިއެއްހައިއިރު ޛިކުރުކުރަން މުސައްލަ މަތީގައި އިނީމެވެ. ދަރިފުޅުގެ ބައްޔަށް ފަރުވާކުރެވޭނެ މަގެއް ދައްކަވައި ދެއްވުން އެދި އެތައް ފަހަރަކު ދުޢާކުރީމެވެ. 

ނިންމާލާފައި ތެދުވެ ދެމައިން އެކުގައި ކައިގެން ދަރިފުޅު ނިންދަވާފައި ގޮސް ފެންޑާގައި އެލުވާފައި ހުރި އުނދޯލީގައި އިށީނދެއިނދެގެންވެސް ހަމަ ޛިކުރުކުރީއެވެ. ދުޢާކުރީއެވެ. އެހެން އިންދައި ފެނުނީ އެގޭދައަތައާއި ދަރިފުޅު އެކުގައި އައިސް ގެއަށް ވަންތަނެވެ. އަވަސް އަވަހަށް އުނދޯލިން ތެދުވެ ދެމައިން އުނދޯލީގައި ބެއިތިއްބީމެވެ. 

ދެމައިން ބޭނުންވީ ދަރިފުޅު ދެކެލާށެވެ. ގެއަށް ވައްދައި ދަރިފުޅު ދެއްކީމެވެ. ދަރިފުޅު ހިކިފައިހުރިވަރުން ދެމައިން ހައިރާންވިއެވެ. 

އެދައްތަ ބުންޏެވެ. "އަހަރެން މިއައީ ގޮތެއް ނިންމައިގެންނެވެ. ދަރިފުޅާއިއެކު މާދަމާވެސް ލަންކާއަށް ފުރާށެވެ! ހުރިހާ ޚަރަދެއް އަހަރެން ކޮށްދޭނަމެވެ." 

ޚަބަރު ކިތަންމެހައިވެސް ރަނގަޅެވެ. ނަމަވެސް އެދަރިފުޅާއިއެކު ހިނގައްޖެނަމަ ދެން ކަންތައް ވާނެ ގޮތް ހިތަށް އެރިއެވެ. އެކަންކަން ހިތަށް އެރުމުން އަޅުގަނޑަށް ރޮވެން ފެށިއެވެ. އެވަގުތު ދައްތަ ބުންޏެވެ. "ތިއަ ރޯ ސަބަބު އެނގެއެވެ. ދަރިފުޅު ކިޔައިދީފިއެވެ. މިއީ އެއްވެސް ކަމެއް އަހަރެންނަށް ސިއްރުކުރާ ދަރިއެއް ނޫނެވެ. ކަލެއާއި މިއަދު ދެއްކި ވާހަކަތައްވެސް ކިޔައިދީފިއެވެ. އެސޮރު މިހާރު އެހުރީ ލަދުން ވާހަކަވެސް ދައްކަން ނުކެރިފައެވެ. ވީމާ އެސޮރު ދައްކަންހުރި ވާހަކަތައްވެސް މިދައްކަނީއެވެ. ތިއަހައި ނިކަމެތި ޙާލުގައި، ދަރިއަކު ލޯމަތީގައި މަރަށް ތެޅެމުންދާއިއރުވެސް ކަލޭ ދެއްކި ސާބިތުކަމުން އެސޮރު ބޭނުންވަނީ ކަލެއާއި ކައިވެނިކުރާށެވެ. އަހަރެން ބޭނުންވަނީ އަވަހަށް ކައިވެނިކޮށްދޭށެވެ. ވީމާ ފުރަތަމަކަމަކަށް ދެމީހުން މާދަމާވެސް ކައިވެނިކުރާށެވެ. ކައިވެންޏަށްފަހު އަވަހަށް ފުރައިގެންދާށެވެ. އެނބުރި އައިސް ޕާޓީ ބާއްވާނީއެވެ." އެހިސާބަށް ބުނުމުން އަޅުގަނޑަށް ދުވެފައި ގޮސް އެ ދައްތަގެ ގައިގާ ބައްދައިގަނެވުނެވެ. އަދި މާބާރަށް ރޮވެން ފެށިއެވެ. 

ކޮންމެއަކަސް 2 ދުވަހެއްގެ ތެރޭގައި ކައުވެނިކުރެވުނެވެ. ފުރައިގެންވެސް ދެވުނެވެ. ދިއައީވެސް ބެންކޮކަށެވެ. ދަރިފުޅުގެ ބަލިވެސް ފަސޭހަވިއެވެ. އަޅުގަނޑުމެންގެ ކައިވެނީގައި މިހާރުވަނީ 3 ދަރިން ލިބިފައެވެ. ފިރިމީހާ އަޅުގަނޑުގެ އެ ދަރިފުޅާއި ދެމީހުންގެ ދަރިންނާއި އެއްވެސް ވަރަކަށް ތަފާތެއް ނުކުރެއެވެ. މަންމަވެސް ތަފާތެއް ނުކުރެއެވެ. 

މިއަދުނޫހުގެ ކިޔުންތެރިންނަށް ދަންނަވާލަން ބޭނުންވަނީ އަޅުގނޑުގެ މިވާހަކަކޮޅުން ކިޔުންތެރިން ޢިބްރަތް ޙާޞިލުކުރާށެވެ! ޢިބްރަތް ޙާޞިލުކުރަން ބޭނުން މީހަކަށް މިވާހަކަކޮޅުގައި ވަރަށް ގިނަ ފިލާވަޅުތަކެއްވެއެވެ. ވިސްނައިގެން ފިލާވަޅު ލިބިގަންނާށެވެ! ދެދުނިޔޭގައިވެސް ފައިދާކުރާނެއެވެ. އިން ޝާ ﷲ 

- އާމިނަތު / މިއަދުނޫހުގެ ކިޔުންތެރިއެއް 

 

މިއަދު އޮންލައިން