ޙަޤީޤީ ޙާދިސާ: އަނބިމީހާއަށް އުފާވެރިކަން ލިބެނީ ފިރިމީހާގެ ޒުވާންކަމަކުން ނޫނެވެ! ތެދުވެރިކަމާ ހިތްހެޔޮކަމުންނެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 22ސ
ޙަޤީޤީ ޙާދިސާ: އަނބިމީހާއަށް އުފާވެރިކަން ލިބެނީ ފިރިމީހާގެ ޒުވާންކަމަކުން ނޫނެވެ! ތެދުވެރިކަމާ ހިތްހެޔޮކަމުންނެވެ!

އަޅުގަނޑަކީ އުމުރުން 10 އަހަރުން ދަށުގެ 3 ދަރިން ބަލަމުން އަންނަ އެކަނިވެރިމައަކީމެވެ. ވަޒީފާއަދާކުރީ ފިހާރައެއްގައެވެ. ހުރިހާ ކަމެއްވެސް ކުރަމުން އައީ ލިބޭ މުސާރައިންނެވެ. މުސާރައެވެ ބުނާއިރު މަހަކު 5000 ރުފިޔާއެވެ. 

އެއީ މިދިއަ އަހަރުގެ މެދުތެރެއެވެ. ކޮވިޑާއިހުރެ ފިހާރަ ބަންދުކުރިއެވެ. އެހިސާބުން މުސާރައެއް ނުލިބެއެވެ. ގޮތް ހުސްވިއެވެ. ހަތަރު އުދަރެސް ފެނުޖެހުނެވެ. އެހެން އެއްވެސް ގޮތެއް ނެތުމުން ކުދިން އެއްކޮށްފައިހުރި ވަކިލާރިކޮޅު ވިއްކަމުން ގޮސް އެންމެފަހުން އޮތް 10 ރުފިޔާ ހިފައިގެން ހަނޑޫ ގަންނަން ދިއައީމެވެ. 

އަޅުގަނޑު ކަންމަތީ ފިހާރައިން ނުކުތްއިރު ފިހާރައަށް އަޅުގަނޑު ވަންއިރު ފިހާރައިގާހުރި މެދުއުމުރުގެ މީހަކު އަޅުގަނޑަށް ބަލަހައްޓައިގެން ހުއްޓި ހުރުމުން ފުރަތަމަ ގަތީބިރެވެ. 

"އަންހެން ކުއްޖާއެވެ. ހަނޑުލުގެ އަގު އަދާކުރިއިރު ރުއީ ކީއްވެގެން ހެއްޔެވެ؟ ލޮލުން ފޭބި ކަރުނަ އަހަރެން ދުށީމެވެ. ހަމައެކަނި ހަނޑޫކޮޅެއް ތިއަ ގަތީ ކީއްވެގެން ހެއްޔެވެ؟ ހަމައެކަނި ހަނޑޫގަތީމާ ކެވޭހެއްޔެވެ؟" 

އެވަގުތު އަނެއްކާވެސް އަޅުގަނޑުގެ ލޮލުން ކަރުނަ ފޭބިއެވެ. ފުހެވެސްލީމެވެ. އަދި ބުނީމެވެ. "ތިއައީ ﷲ އަށްޓަކާ ކުރި ސުވާލެއް ނަމަ އަަރެންނާއިއެކު އަންނާށެވެ. ކިޔައިދޭނަމެވެ." 

އޭނާ އަޅުގަނޑުގެ ފަހަތުން ގެއަށް ވަނުމުން ހުރިހާ ވާހަކަތަކެއް ކިޔައިދިނީމެވެ. ދެން ގޭގައި އެވަގުތު ހަމަ އެންމެ ރުފިޔާއެއްވެސް ނެތްކަމަށްބުނީމެވެ. އަދި އެގެއަކީ ބޭބެއަކު ޢިމާރާތްކޮށް މީސްމީހުންނަށް ކުއްޔަށް ދީފައި ހުރި ގެއެއްކަމަށާއި އަޅުގަނޑުމެން ދިރިއުޅޭ ކޮޓަރިއަކީ ބޭބެ އަޅުގަނޑުމެން ދިރިއުޅެން ދީފައި ހުރި ކޮޓަރިއެއް ކަމަށް ބުނީމެވެ." 

އަޅުގަނޑުގެ ވާހަކަ އަޑުއެހުމަށްފަހު އެމީހާ އަޅުގަނޑަށް 500 ރުފިޔާ ދީފައި ބުނީ އެއީ ﷲ އަޓްކައި ދިން އެއްޗެއް ކަމަށާއި އެއިން ކައިގެން ތިބުމަށެވެ. އަދި ފަހުން އަންނާނެ ކަމަށެވެ. 

އެއީ ހުކުރު ދުވަހެކެވެ. އެއިރު ހުރީ ޢަޞްރުވަގުތުވާން ވަރަށް ކައިރިވެފައެވެ. އަވަސް އަވަހަށް ވުޟޫކޮށްގެން ކުދިން ގޮވައިގެން ޢަޞްރު ނަމާދުކުރީމެވެ. ނަމާދަށްފަހު ޛިކުރުތައް ކިޔައި ނިންމާފައި ތެދުވެ އަލުން ފިހާރައަށް ގޮސް މަސްދަޅަކާއި އެއްޗެތި ގަނެގެން އައިސް ކުދިންނަށް މެންދުރު ކާންދިނީމެވެ. 

އެރޭ އޭނާ އަނެއްކާވެސް އަޅުގަނޑު އުޅޭ ކޮޓަރިއަށް އައެވެ. އެދުނީ ކުދިންވެސް ގޮވައިގެން އޭނާގެ ގެއަށް ގޮސްލައިދިނުމަށެވެ. އަޅުގަނޑުމެން ދިއައީމެވެ. ދެއްކީ ވާގިނެތުމުން އެނދެއްގައި އޮތް އަންހެނެކެވެ. ބުންޏެވެ. "މިއީ އަހަރެންގެ އަންހެނުންނެވެ. އަހަރެމެންގެވެސް 3 ދަރިން ތިބެއެވެ. ބޭނުންނަމަ އަނބިމީހާއަށް އެހީތެރިވެދީ ބަލަހައްޓައިދީގެން މިގޭގައިވެސް އިނދެވިދާނެއެވެ. އަދި އެގޭގައި އުޅެމުންވެސް އެހީތެރިވެދެވިދާނެއެވެ. ބަދަލެއްގެ ގޮތުން 4 މައިންގެ ކަންކަން ބަލަހައްޓައިދޭނެ ކަމަށާއި އަދި އިތުރަށް މުސާއެއްގެ ގޮތުން މަހަކު 3000 ރުފިޔާވެސް ދޭނެ ކަމަށެވެ. 

އަޅުގނޑު ހަމަ އުފަލުން އެހުށަހެޅުން ޤަބޫލުކުރީމެވެ. ނަމަވެސް ދިރިއުޅެން ޤަޞްދުކުރީ ހަމަ އެއިރުވެސް އުޅޭ ކޮޓަރީގައެވެ. އެއީ ކޮޓަރިން ނުކުމެއްޖެނަމަ ބޭބެ ކޮޓަރި ކުއްޔަށްދޭނެތީ އާއި ފަހުން ބޭނުންވިނަމަވެސް ނުލިބިދާނެތީއެވެ. 

އަޅުގަނޑަށް ވީހާ ރަނގަޅަކަށް މަސައްކަތްކޮށްދިނީމެވެ. ނަމަވެސް ކޮރޯނާ ޖެހިފައި އެއަންހެން މީހާ ނިޔާވީއެވެ. ނިޔާވުމުން އޭނާގެ އެދުމަށް އަޅުގަނޑު އޭނާ އާއި ކައިވެނިކުރީމެވެ. އަދި މިވީ ކުޑަ ދުވަސްކޮޅެކެވެ. ބުނެވެން އޮތީ ފިރިމީހާއަކީ ވަރަށް ރަނގަޅު މީހަކު ކަމަށެވެ. ދެ މީހުންގެ އުމުރުގަ 15 އަހަރުގެ ތަފާތު އެބަހުއްޓެވެ. ނަމަވެސް އޭނާގެ ހެޔޮކަން ބޮޑުކަމުން އެކަން އިޙްޞާޞެއް ނުކުރެވެއެވެ. 

މިއަދުނޫހުގެ ކިޔުންތެރިންނަށް އަޅުގަނޑުވެސް ދަންނަވާލަން އޮތީ ހަމަ އެއްވާހަކައެކެވެ. އެއީ ﷲ ގެ މަގުގައި ސާބިތުވެ ހުރި އަޅަކަށް އެކަލާނގެ މަގުދައްކަވާނެތެވެ. ރަޙްމަތް ފޮނުއްވަވާނެ ދިމާއެއް ނުވަތަ ރަހްމަތް ބައްދަލުކުރާނެ ގޮތްވެސް ނުއެނގޭނެއެވެ. ކިތަންމެ ދަތިޙާލުގައި އުޅެންޖެހުނު ނަމަވެސް ކެތްތެރިވާ އަޅުން ނިކަމެތި ނުކުރައްވަވާނެތެވެ. އިން ޝާ ﷲ 

މިއީ ދަންނަވާ ހަމަ ތެދު ޙަޤީޤަތެވެ. 3 ދޮންދަރިން އެބަ ބަލަމެވެ. ފިރިމީހާވެސް 15 އަހަރު ދޮށްޓެވެ! ނަމަވެސް ދިރިއުޅެމުން މިގެންދަނީ ދަރިންގެ ޒުވާން ބައްޕައާއިއެކު އުޅުނު ދުވަސްތަކަށްވުރެ މާއުފަލުގައެވެ. މާބޮޑަށް ހިތްހަމަޖެހިގެންނެވެ. އިން ޝާ ﷲ 

އަޅުގަނޑު ކައިވެނިކުރި ޒުވާން ފިރިމީހާ އަޅުގަނޑަށް ދަރިންތަކެއް ދީފައި 4 މައިން ނިކަމެތިކޮށްފައި އެއްލައިލީއެވެ. ބިކަ ޙާލުގައި ޖެއްސުވީއެވެ. މިއަދު 4 މައިންނަށް އެހީތެރިވެދީ ބަލަހައްޓަމުން އެގެންދަނީ އަޅުގަނޑަށްވުރެ ޢުމުރުން ދުވަސްވީ މީހެކެވެ. 

- ޒައިނަބް / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން