ޙަޤީޤީ ޙާދިސާ: ފަޤީރު ޙާލުގަހުރި ތަނަވަސް ހިލޭ ފިރިހެނެއްގެ ކުރިމަތީގަ ނޫނެކޭ ބުނެ ސާބިތުވި އަންތބަކު އެމީހާއަށްވުރެ ތަނަވަސްވީ ގޮތުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 54ސ
ޙަޤީޤީ ޙާދިސާ: ފަޤީރު ޙާލުގަހުރި ތަނަވަސް ހިލޭ ފިރިހެނެއްގެ ކުރިމަތީގަ ނޫނެކޭ ބުނެ ސާބިތުވި އަންތބަކު އެމީހާއަށްވުރެ ތަނަވަސްވީ ގޮތުގެ ވާހަކަ-

އަޅުގަނޑުކައިވެނިކުރީ އުމުރުން 27 އަހަރުގައެވެ. އަނބިމިހާގެ އުމުރަކީ 24 އަހަރެވެ. ދެމީހުންވެސް ދިރިއުޅެމުން އައީ ހަމަ ވަރަށް އުފަލުގައެވެ. 

ކައިވެންޏަށް 5 އަހަރުވެސް ނުވަނީސް 2 ދަރިން ލިބުނެވެ. ދެދަރިން ލިބުނުފަހުން ކުދިކުދި މައްސަލަތައް ކުރިމަތިވާން ފެށިއެވެ. މީރުކޮށް ކައްކާފައި ނުހުންނާތީއެވެ. ހެދުން އިސްތިިކުރެވިފައި ހުންނަވަރު މަދުކަމުން "ޗޮއިސް" ކުޑަވާތީއެވެ. މިފަދަ ބައެއް ކަންކަމުގައެވެ. 

ނަތީޖާއެއްގެ ގޮތުން އަޅުގަނޑަށް އަނބިމީހާ އާއިމެދު ފަރުވާކުޑަކުރެވެން ފެށިއެވެ. އަދި އަޅުގަނޑުގެ ކަންކަމަށް ފަރުވާކުޑަކުރާކަމަށްވެސް ބުނެވެން ފެށިއެވެ. އަޅުގަނޑަށް ވިސްނެމުން އައީ އަޅުގަނޑު ދެކެ ލޯބި ނުވަނީ ކަމަށެވެ. އަޅުގަނޑު ދޫކޮށްލާފައި ދާން އުޅެނީކަމަށެވެ. އަޅުގަނޑަށްވުރެ ތަނަވަސް މީހަކު ފެނުނީ ކަމަށެވެ. 

މިކަންކަމަށް ކަންބޮޑުވީވަރުން އެކަން ވަރަށް ގާތް ބައެއް އެކުވެރިންނާއިވެސް ޙިއްޞާކުރެވުނެވެ. މިކުރެވެނީ ކިހައި ނުބައިކަމެއްކަން ނުއެނގިހުރެއެވެ. 

އެއީ ހުކުރު ދުވަހެކެވެ. މެންދުރު ވަޒީފާއަށް ނުކުންނަން ޖެހޭ ދުވަހެކެވެ. އެހެންވެ ވަޒީފާއަށް ނުކުތީމެވެ. ނަމަވެސް ވަރުބަލިވެފައިހުރިވަރުން ތަންކޮޅެއް އަވަހަށް ގެއަށް އަތުވެއްޖައިމެވެ. އެއިރު އަނބިމިހާވީ ދެދަރިން ގޮވައިގެން ގޮސް އޭނާގެ މަންމަގެ ގޭގައެވެ. އެހެންވެ އުނދަގޫކުރަން ނުގުޅަމެވެ. އިރުއޮއްސުމުގެ ކުރިން ގެއަށް އަންނާނެކަން އެނގޭތީ ނުގުޅީއެވެ. 

5.30 އެހާކަންހާއިރު ފްލެޓުގެ ދޮރުމަތީގައި ހުރެގެން އަނބިމީހާ ފިރިހެނަކާ ވާހަކަދައްކާ އަޑުއިވޭހެން ހީވުމުން ދޮރު ކައިރިއަށް ގޮސް ސިއްރުން އަޑުއެހީމެވެ. އަޅުގަނޑުގެ އެކުވެރިންގެ ތެރެއިން އެންމެ ތަނަވަސް މީހާއަކީ އަނބިމީހާގެ ސްކޫލް ދުވަސްވަރުން ފެށިގެން އެކުވެރިއެކެވެ. އަނބިމީހާގެ ވާހަކަ އޭނާގެ ގާތުގައި ދެއްކިފައި އޮތުމުން އެކަމުގެ ނާޖާއިޒު ފައިދާ ނަގަނީއެވެ. އަޅުގަނޑު އަނބިމީހާ ދެކެ ލޯބިނުވާކަމަށްބުނެ އަނބިމީހާގެ ސަމާލުކަން ހޯދަން މަސައްކަތްކުރަނީއެވެ. މިހާރު ވަރިވިނަމަވެސް މާތަނަވަހުގައި މާއުފަލުގައި ގެންގުޅޭނެ ކަމަށް ދިއައީ ބުނަމުންނެވެ. 

ޖަވާބުގައި އަނބިމިހާ ބުންޏެވެ. "ކުދިކުދި ހިތް މައްސަލަތައް ހުރިނަމަވެސް ފިރިމީހާ އަހަރެންދެކެ ވަރަށް ލޯބިވެއެވެ. ބައެއް ފަހަރު ޝަކުވާކުރި ނަމަވެސް އަހަރެންދެކެ ރުޅިއެއް ނާދެއެވެ. ބަލިވެއްޖެނަމަ ވަރަށް ހެޔޮކޮށް ހިތައެވެ. ދަރިން ދެކެވެސް ވަރަށް ލޯބިވެއެވެ. އޭނާގެ ހިތުގައި އުފެދިފައިވާ ޝައްކަކުން ތިއަ ޡާތުގެ ވާހަކައެއް ދެއްކުނު ނަމަވެސް އެއީ އަހަރެން ވަރިކުރުމުގެ ނިޔަތް އޮވެގެން ދެއްކިވާހަކައަކަށް ނުވާނެއެވެ. ތަނަވަސްކަން ބޭނުމެވެ. ނަމަވެސް ދަރިންގެ ބައްޕަގެ ހިތުގަ ޖައްސާފައެއް ނޫނެވެ. ﷲ ދެއްވެވުމުންނެވެ. އަހަރެން ކައިވެނިކުރީ ވަރިވާކަށް ނޫނެވެ. އެކުގައި އުމުރަށް އުޅޭށެވެ! މިހާރު ފިރިމީހާ އަންނަން އުޅޭނެއެވެ. އަވަހަސް ދާށެވެ. ތިއަބާވަތުގެ ވާހަކައެއް ނަމަނަމަ ދެން ނުދައްކާށެވެ. ދައްކައިފިނަމަ ފިރިމީހާ ގާތު ބުނާނަމެވެ." 

އެހިސާބުން ބާރަށް ގޮސް ކޮޓަރިއަށްވަދެ ނިދާފައިކަމަށް ހެދިގެން އޮތީއެވެ. ހިތަށް އެރިއެވެ. "ލިބިފައި މިހިރީ ޖަވާހިރެއް ފަދަ އަންތބެކެވެ. ނުބައި ތުހުމަތުތަކެއް ކުރެވުނީއެވެ. އެކުވެރިންގެ ގާތުގައި އެވާހަކަ ދެއްކުނުކަން ހާދަ ދެރައެވެ." 

އެރޭ ކައިނިމިގެން ކުދިން ނިންދަވާފައި އަނބިމީހާ އާއި ސުވާލުތައް ކުރުމުން އެނގުނީ ފަރުވާކުޑަކުރަނީ ނޫން ކަމާއި ދެދަރިން ބަލަންޖެހުމުން ބުރަވެ ކަންކަން ނުކުރެވެނީ ކަމެވެ. އެކަންކަން ޤަބޫލުކުރީމެވެ. ކުދިން ބެލުމާއި ގޭތެރޭގެ ކަންކަމުގައި އަނބިމީހާއަށް ކުރިއަސްވުރެ މާބޮޑަށް އެހީތެރިވާން ފެށީމެވެ. އަނބިމީހާގެ ޙަޤީޤަތް އެނގުމުން އަނބިމީހާދެކެވާލޯބި އެތައް ގުނައަކަށް އިތުރުވިއެވެ. 

ދެން ވިސްނީ ތަނަވަސްކަން އިތުރުކުރަން ކުރެވޭނެ ކަމަކަށެވެ. އެކަމަށް މަގެއް ދެއްކެވުން އެދި ދެމަފިރިން އެކުގައި ދުޢާކުރަންފެށީމެވެ. ދަމުނަމާދަށް ހޭލުން އާދަކުރީމެވެ. ދެމަފިރިން އެކުގައި ދަމުނަމާދުކުރަން ފެށީމެވެ. 

އެއިގެ ހަމަ ވަރަށް ކުޑަދުވަސްކޮޅެއްފަހެވެ. ދެމަހެއްހައި ދުވަސްވެސް ނުވާނެއެވެ. އެއް ދުވަހަކު ބޮޑުބޭބެ އަޅުގަނޑުމެން ދެކެލަން އައެވެ. އޭނާއަކީ ތަނަވަސް ވިޔަފާރިވެރިއެކެވެ. ހުންނަނީ އެންމެ ދަރިފުޅެކެވެ. ބޮޑުބޭބެ ބުނީ ވަޒީފާ ދޫކޮށްލުމަށެވެ. ވަޒީފާއިން ލިބުނު މުސާރައަށްވުރެ ދެގުނަ އިތުރަށް ދޭނެ ކަމަށެވެ. މަސައްކަތަކީ ދެވަނައަށް އެންމެ ބޮޑު ފިހާރަ ބެލެހެއްޓުން ކަމަށެވެ. 

އަޅުގަނޑު އެކަން ޤަބޫލުކުރިތާ 3 މަސްދުވަސްވީ ދުވަހު ގެއަށް އައިސްފައި ބުނީ ފިހާރައިގާ ހުރި މުދަލުގެ އަގު ދައްކާނެ ދުވަހަކުން ދައްކައި ނިންމާގޮތަށް ފިހާރަ އެކުގައި އަޅުގަނޑަށް ދިނީކަމަށެވެ. އެފިހާރަ ހިންގަމުން ގޮސް މިހާރު އިތުރު 3 ފިހާރަ އެބަހުއްޓެވެ! 

މިއަދުނޫހުގެ ކިޔުންތެރިންނާއި އަޅުގަނޑުމެންގެ ޙަޔާތުގެ ވާހަކަ ހިއްޞާ މިކުރީ އަނބިންގެ ވާހަކަ ކިތަންމެ ގާތް މީހުންގެ ގާތުގައިވެސް ނުދައްކަން ބުނާށެވެ! އެންމެ ގާތް އެކުވެރިންވެސް ތިބެނީ ކަޅި އަޅައަޅައިކަމަށްވާތީއެވެ. ކާޅު ފިޔޮށް ޖަހައިގަނެގެން ގެންދާ އުޞޫލުން އަނބިން ޖަހައިގަންނަން ބޭނުންވެގެން ކަމަށްވާތީއެވެ. އަޅުގަނޑަށް މިދިމާވީ އަނބިމީހާ ޖަހައިގަންނަން އުޅުނު މައްސަލައެކެވެ. އަންހެނުންނަށް ދިމާވާނީ ފިރިމީހާ ޖަހައިގަންނަން އުޅޭ ކަމުގެ މައްސަލައެވެ. 

ދެން ބުނެލަން އޮތީ ޙާލަތަކީ ބަދަލުވާ އެއްޗެކެވެ. އެއެކުވެރިޔާއަށް މިހާރު އަހަރެމެން އެހީތެރިކަން ފޯރުކޮށްދެމެވެ. ހިތްބުރަކަމެއް ނުބާއްވަމެވެ. އަހަރެން ޤަބޫލުކުރަނީ އަހަރެންނާއި އަނބިމީހާގެ މެދުގައި ލޯބި އިތުރުވި ސަބަބަކީ ކޮންމެ ނިޔަތެއްގައި ނަމަވެސް އޭނާކުރި ޢަމަލު ކަމަށެވެ. ވީމާ އެއީ ލެއްވެވި ރަހްމަތެއް ކަމަށެވެ. އަދި އެގޯސް އޭނާއަށް ހެދުނީ އަހަރެންގެ އަނގަ ބޮޑުވުމުން ކަމަށެވެ. 

- އިބްރާހީމް / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން