އޭޑިކޭ ހޮސްޕިހޮސްޕިޓަލަށް 35 އަހަރުފުރުން ފާހަގަކުރަން "ދުވާހިތުން"ގެ ނަމުގައި "ޗެރިޓީ ރަން" އެއް ކުރިއަށް ގެންދަން ނިންމައިފިއެވެ. ރާއްޖޭގައި މިހައިތަނަށް ބާއްވާ، މެދުނުކެނޑި އެންމެ ގިނަ ވަގުތަށް ކުރިއަށް ގެންދާ މިދުވުމުގައި ކޮންމެ މީހަކަށްވެސް ބައިވެރިވެވޭނެއެވެ. ނަމަވެސް ޝަރޠަކާއިއެކުގައެވެ. އެއީ މަދުވެގެން 1 ކިލޯ މީޓަރަށް ދުވުމެވެ.
ޖަނަވަރީމަހުގެ 5 ވަނަ ދުވަހު ހެނދުނު 9 ޖަހާއިރު ފަށަން ހަމަޖެހިފައިވާ ދުވުން ނިންމާލާނީ 35 ގަޑިއިއރު ހަމަވުމުންނެވެ. ދުވުމުގައި ކިތަންމެ ގިނަ ބައަކު ބައިވެރިވެ ދުވިނަމަވެސް ދުވާ ކޮންމެ ކިލޯ މީޓަރަކަށް 35 ރުފިޔާ ޗެރިޓީގެ ގޮތުގައި ޓައިނީ ހާޓްސްއަށް އޭޑީކޭ ހޮސްޕިޓަލުން ހަދިޔާކުރަން ވަނީ ހަމަޖެހިފައެވެ. އަދި ދުވުމުގެ ތެރޭގައި ކޮންމެ 5 ގަޑިއިރަކުން ނަގާ ގުރުއަކުން ހޮވޭ ޖުމުލަ 7 މީހަކަށް ހިލޭ ސްޕޯޓްސް މެޑިކަލް ޕެކޭޖެއް ހަމަޖައްސައިދޭނެއެވެ.
ދުވުން ފަށްޓަވައިދެއްވުމުގެ ގޮތުން މެޑަމް ފަޒްނާ ދުވެވަޑައިގަންނަވާނެއެވެ. ބައިވެރިވުމަށް ރަޖިސްޓްރީކުރުމުގެ އިންތިޒާމް ދުވުން ކުރިއަށްދާއިރު އެތަނުގައިވެސް ހަމަޖެހިފައިހުންނާނެއެވެ.
އޭޑިކޭގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު އަފްޢާލް މިއަދު ވިދާޅުވީ އިތުރު ޙަރަކާތްތައްވެސް އަންނަ އަހަރު ކުރިއަށް ގެންދެވޭނެ ކަމަށާއި އެކަންކަން ފަހުން އިއުލާނު ކުރެވޭނެ ކަމަށެވެ.