ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ މަސްޓަރ ޕްލޭން އެކުލަވާލުމުގައި ކަނޑައަޅާފައިވާ ގޮތުގެމަތީން ވިއްކުމަށް ހަމަޖެހިފައިވާ ގޯތި ތަކުގެ ތެރެއިން 60 ގޯތި ވިއްކުމަށް އެޗްޑީސީ އިން މިއަދުވަނީ ހުޅުވާލެވިފައެވެ.
އެޗްޑީސީ އިން ބުނެފައިވަނީ މިގޮތަށް ބިން ވިއްކުމުގެ ބޭނުމަކީ، ޒަމާނާއި އެއްގޮތަށް ތަރައްޤީކުރެވޭ ގެދޮރުވެރިކަމުގެ އެކި އެކި މަޝްރޫޢުގެ ތެރެއިން އެކި އެކި ފަންތީގައި ހިމެނޭ ފަރާތްތަކަށް އެ ފުރުޞަތު ފަހިކޮށްދިނުން ކަމަށާއި މީގެ އިތުރުން މި ކޯޕަރޭޝަންގެ ބިސްނަސް ޕްލޭންގެ ތެރެއިން، ބިން ވިއްކުމުގެ މައިގަނޑު މަގުސަދަކީ މި ފަދަ މަޝްރޫޢުން ލިބޭ ފައިސާއިން ސޯޝަލް ހައުސިން ކެޓަގަރީގެ ބިންތަކުގެ އަގު ހަމަޖައްސައި އެ މަޝްރޫޢުތަކުގެ އަގު ކުޑަކުރުން ކަމަށެވެ.
މިފަހަރު ހުޅުވާލެވޭ ފުރުޞަތުގައި އިސްކަން ދީފައިވަނީ އަލަށް ބިން ގަންނަ ފަރާތްތަކަށާއި އަދި މާލެ ސަރަހައްދުން ދިރިއުޅުމުގެ ބޭނުމަށް 600 އަކަފޫޓަށްވުރެ ބޮޑު ބިމެއް/ގޯއްޗެއް ރަޖިސްޓްރީ ކުރެވިފައި ނުވާ ފަރާތްތަކަށެވެ. މިގޮތުން ކޮންމެ ފަރާތަކަށްވެސް ގަނެވޭނީ އެއް ބިމެވެ.
ބިން ގަތުމަށް ބޭނުންވާ ފަރާތްތަކުން ބީލަން ފޯމަށް އެދި އީމެއިލް މެދުވެރިކޮށް 02 ޖަނަވަރީ 2022 އިން ފެށިގެން 31 ޖަނަވަރީ 2022 ވާ ދުވަހުގެ 15:30 އާހަމައަށ ރަޖިސްޓަރީ ކުރުމުގެ ފުރުޞަތު ހުޅުވާލެވިގެންދާނެއެވެ. ބީލަން ފޯމަށް އެދިލެއްވުމަށް އީމެއިލް ކުރައްވާނީ [email protected] އަށެވެ. އީމެއިލް ކުރާނެ ގޮތް މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ. ބީލަން ފޯމު ވިއްކުމަށް ހަމަޖެހިފައިވަނީ 500ރ (ފަސްސަތޭކަ ދިވެހި ރުފިޔާ) އަށެވެ. ބީޗް ފްރަންޓް އަދި ބީޗް ސައިޑް ގެ ފޯމަކީ ވަކި ދެފޯމެވެ. އީމެއިލް މުދުވެރިކޮށް ރަޖިސްޓަރީ ކުރާ ފަރާތްތަކާއި ފޯމް ހަވާލުކުރުމަށް މިކޯޕަރޭޝަނުން މުޢާމަލާތު ކުރާނެއެވެ.
މިފަހަރު ހުޅުވާލުމަށް ހަމަޖެހިފައިވަނީ ބީޗް ފްރަންޓްގެ 26 (ސައްބީސް) ގޯއްޗާއި ބީޗް ސައިޑްގެ 34 (ތިރީސް ހަތަރު) ގޯއްޗެވެ. މިގޮތުން ބީޗް ފްރަންޓުން ކަނޑައެޅިފައިވާ ބިންތަކަށް އެދި ބީލަން ފޯމު ހުށަހެޅުމަށް ހަމަޖެހިފައި ވަނީ 09 ފެބްރުއަރީ 2022 ވާ ބުދަ ދުވަހުއެވެ. އަދި ބީޗް ސައިޑުން ކަނޑައެޅިފައިވާ ބިންތަކަށް ބީލަން ފޯމު ހުށަހެޅުމަށް ހަމަޖެހިފައި ވަނީ 16 ފެބްރުއަރީ 2022 ވާ ބުދަ ދުވަހުއެވެ. މި ދެ ބާވަތުގެ ބިންތަކަށް ވެސް ހުށަހަޅާ ބީލަމުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި ނެގުމަށް ހަމަޖެހިފައި ވަނީ 320،000ރ (ތިން ލައްކަ ވިހިހާސް ދިވެހި ރުފިޔާ) އެވެ.
1- ބީލަމުގެ އުސޫލުން ގޯތި ގަތުމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަން ޖެހޭ ޝަރުޠުތައް:
1.1. ދިވެހި ރައްޔިތެއް ކަމުގައިވުން.
1.2. މީލާދީގޮތުން 18 (އަށާރަ) އަހަރު ފުރިފައިވުން.
1.3. މާލެ ސަރަހައްދުން ދިރިއުޅުމުގެ ބޭނުމަށް 600 އަކަފޫޓަށްވުރެ ބޮޑު ބިމެއް/ގޯއްޗެއް ރަޖިސްޓްރީ ކުރެވިފައި ފަރާތަކަށްނުވުން.
1.4. މާލެ ސަރަހައްދުން ބިމެއް/ގޯއްޗެއް އެއްފަރާތަކަށްވުރެ ގިނަ ފަރާތްތަކެއްގެ ނަންމައްޗަށް ރަޖިސްޓްރީ ކުރެވިފައިވާނަމަ، 600 އަކަފޫޓަށްވުރެ ބޮޑު ބައެއް ލިބިފައިވާ ފަރާތަކަށްނުވުން.
1.5. މިކޯޕަރޭޝަން މެދުވެރިކޮށް ބީލަމުގެ އުސޫލުން ހުޅުމާލެ ފުރަތަމަ ފިޔަވަހިން އަދި ދެވަނަ ފިޔަވަހިން ބީލަމުގެ އުސޫލުން ބިމެއް ގަނެފައިވާ ފަރާތަކަށް ނުވުން. މި ހާލަތުގައި، މައިންބަފައިންގެ ފަރަތުންނާއި އެހެނިހެން ގޮތްގޮތުން ވާރުތަވާންހުރި ބިންތަކެއްނުހިމެނޭނެ.
2- ގޯތި ވިއްކުމަށް ހަމަޖެހިފައިވާ އުސޫލު:
2.1. ހުޅުމާލެ ދެވަނަފިޔަވަހިން ވިއްކުމަށް ހަމަޖެހިފައިވަނީ 1,603.07 (އެއްހާސް ހަސަތޭކަ ތިނެއް ޕޮއިންޓް ހަތެއް) އަކަފޫޓާއި 2،633.82 (ދެހާސް ހަސަތޭކަ ތިރީސްތިނެއް ޕޮއިންޓް އަށެއް ދޭއް) އަކަފޫޓާއި ދެމެދުގެ، ޖުމްލަ 60 (ފަސްދޮޅަސް) ޕްލޮޓެވެ.
2.2. ވިއްކުމަށް ހަމަޖެހިފައިވާ ބިންތަށް ހިމެނެނީ އަތިރިމައްޗާކުރިމަތިން "ބީޗް ފްރަންޓް" 26 (ސައްބީސް) ޕްލޮޓް އަދި އަތިރިމައްޗާކައިރިން "ބީޗް ސައިޑް" 34 (ތިރީސް ހަތަރު) ޕްލޮޓެވެ. މިޕްލޮޓްތަކުގެ ކުރެހުން ޖަދުވަލު 04 ގައި އެއްކަރުދާސް ކުރެވިފައި ވާނެއެވެ.
2.3. ކޮންމެ ފަރާތަކަށްވެސް ގަނެވޭނީ 1 (އެކެއް) ޕްލޮޓެވެ.
2.4. ބީލަން ހުށަހެޅޭ އެންމެ ދަށްއަގު:
2.4.1. އަތިރިމައްޗާކުރިމަތިން "ބީޗް ފްރަންޓް" އަކަފޫޓަކަށް 3,900ރ. (ތިންހާސް ނުވަސަތޭކަ ދިވެހި ރުފިޔާ) އެވެ.
2.4.2. އަތިރިމައްޗާކައިރިން " ބީޗް ސައިޑް" އަކަފޫޓަކަށް 3،500ރ. (ތިންހާސް ފައްސަތޭކަ ދިވެހި ރުފިޔާ) އެވެ.
2.4.3. ނޯޓް: އެފަރާތަކުން ހުށަހަޅާ އަގަށް %6 ޖީއެސްޓީ އިތުރުކުރެވޭނެއެވެ.
އަދި މި ކަމާއި ބެހޭ އިތުރު މަޢޫލޫމާތު އަޅުގަނޑުމެންގެ ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.