ރާއްޖޭގައި މަސްތުވާތަކެތީގެ މައްސަލަ ހައްލު ނުވެ އޮތީ މީގެ ކުރީ ސަރުކާރުތަކުން ގެންގުޅެފައި ހުރި ސިޔާސަތުތަކުގެ ސަބަބުން ކަމަށާއި މިހާރު އެކުލަވާލާފައިވާ ޓާސްކުފޯހުން ކުރާ މަސައްކަތުގެ ނަތީޖާ އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ފެންނާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
ފުލުހުން ހިންގި އެކިއެކި އޮޕަރޭޝަންތަކުގައި އަތުލައިގެންފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލަން މިއަދު ދޫނިދޫގައި ކުރިއަށް ގެންދިއަ ޙަރަކާތުގެ ތެރެއިން ވަޒީރު ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލައަކީ ރާއްޖެއަށް ދިމާވެފައިވާ އިގްތިޞާދީ އެންމެ ބޮޑު މައްސަލަކަމަށެވެ. އަދި މި މައްސަލަ ހައްލުކުރުމަށް ސަރުކާރުން އިސް ނަގައިގެން ގިނަ މަސައްކަތްތަކެއް މިހާރު ކުރަމުން ގެންދާ ކަމަށެވެ.
"މަސްތުގެ ހާލަތުގައި ތިބޭ މީހުންގެ އަދަދު ގިނަ ވަމުންދާތީ، މަސްތުވާތަކެތީގެ ވަބާއިން ގައުމު ސަލާމަތް ކުރުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިހު ޓާސްކުފޯހެއް އުފެެއްދެވީ އެމަނިކުފާނުގެ އަމިއްލަފުޅު އިސްނެންގެވުމަކަށް. މި ޓާސްކުފޯހުން ކުރާ މަސައްކަތުގެ ނަތީޖާ އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ފެންނާނެ." ވަޒީރު ވިދާޅުވިއެވެ.
ހޯމް މިނިސްޓަރުގެ މިބަސްފުޅުން އެނގިގެންދަނީ ކުރިއަށް އޮތް 90 ދުވަސްތެރޭ ނަތީޖާ ފެންނާނެއެވެ. އެއީ އަހަރުގެ ފުރަތަމަ ކްއާޓަރަކީ ފުރަތަމަ 3 މަސްދުވަސްކަމަށްވާތީއެވެ. ވީމާ މާލެ ސިޓީގެ މިސްކިތްތަކަށް ކުރިމަތިވެފައިވާ މަސްތުވާތަކެތީގެ ވަބާއަށް ޙައްލުލިބި އަދި މަގުމަތީގެ ބިރުވެރިކަން ކުރިއަށް އޮތް 90 ދުވަސްތެރޭގައި ފިލައިގެންދާނެ ކަމަށް އުންމީދުކުރެވެއެވެ.