ޙަޤީޤީ ޙާދިސާ: ޒުވާންކުއްޖަކާ ކައިވެނިކުރަން އުމުރު އޮޅުވާލި ބައްޕައަކަށް ދަރިންގެ ކުރިމަތީގަ ކުޑަކަކޫ ޖަހަން ޖެހުނު ގޮތުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 50ސ
ޙަޤީޤީ ޙާދިސާ: ޒުވާންކުއްޖަކާ ކައިވެނިކުރަން އުމުރު އޮޅުވާލި ބައްޕައަކަށް ދަރިންގެ ކުރިމަތީގަ ކުޑަކަކޫ ޖަހަން ޖެހުނު ގޮތުގެ ވާހަކަ-

އެއްދުވަހު އަޅުގަނޑުގެ 23 އަހަރުގެ އަންހެން ދަރިފުޅު، އެންމެ ހަގު ދަރިފުޅު އައިސް ސުވާލުކުރިއެވެ. "މަންމާއެވެ. އަހަރެމެން 3 ބެއިން ނޫން ބައްޕަގެ ދަރިއަކު ހުރޭހެއްޔެވެ؟ އަހަރެމެން 3 ބެއިންގެ ތެރޭގަ އެހެން ބައްޕައެއްގެ ދަރިއަކު އެބަހުރިހެއްޔެވެ؟ ބައްޕަގެ 5 އަހަރުގެ ދަރިފުޅު ހުރީ ކޮންގެއަކުހެއްޔެވެ؟"

އަޅުގަނޑު ދިއައީ ތަރިބުރައިގެންނެވެ. ސުވާލުކުރެވުނެވެ. "ދަރިފުޅު ތިއަ ކުރަނީ ކޮންކަހަލަ ސުވާލުތަކެއްހެއްޔެވެ؟ ތިއަ އުޅެނީ ކާކު ކީކޭ ކިޔައިގެންހެއްޔެވެ؟" ޖަވާބުގައި ބުނީ ބައްޕަގެ ފޯނުން މެސެޖެއް ފެނިއްޖެ ކަމަށާއި އެ މެސެޖުގައި އޮތީ ބައްޕަގެ ތިބެނީ 3 ދަރިން ކަމަށާއި އެންމެ ހަގު ދަރިފުޅުގެ އުމުރަކީ 5 އަހަރު ކަމަށެވެ."  

އެފަދަ މެސެޖެއް ފެނިއްޖެނަމަ އެ ސުވާލުތައް ކުރެވިދާނެއެވެ. އެއީ އަހަރެމެން ދެމަފިރިން ތިބީ 3 ކުދިންނެވެ. އުމުރަކީ 28، 25 އަދި 23 އަހަރެވެ. އެހެން އަންހެނަކާއި ކައިވެނިކުރިކަމެއް ނުއެނގެއެވެ. އަދި 5 އަހަރުގެ ދަރިއަކު ހުރިކަމެއް ނުއެނގެއެވެ. ވީމާ ފިރިމީހާ އޭނާގެ ތިބީ 3 ދަރިންކަމަށް ބުނެފައި އެންމެ ހަގު ދަރިފުޅުގެ އުމުރަކީ 5 އަހަރުކަމަށްބުނެފިނަމަ މި 3 ކުދިންގެ ތެރެއިން އެއް ކުއްޖަކީ އޭނާގެ ކުއްޖެއް ނޫނެވެ. އަދި އިތުރު ކުއްޖަކު ހުރީއެވެ. 

އެ ދުވަހު ހަވީރު ފިރިމީހާ ގެއަށް އައިއިރު މިކަންތައް އޮތީ 3 ކުދިންނަށްވެސް އެނގި ވަރަށް ބޮޑު މައްސަލައަކަށްވެފައެވެ. ފިރިމީހާ ސައިބޯން އިށީންތަނުން 3 ކުދިން އެކުގައި ގޮސް މިވާހަކަތައް ދައްކައިފިއެވެ. އަދި ސުވާލުތައް ކުރަން ފަށައިފިއެވެ. 

ދޭނެ ޖަވާބެއް ނުއެނގި އިރުކޮޅަކު އިނުމަށްފަހު ބުނީ ތިއަ 3 ދަރިންނަކީވެސް ހަމަ އަމިއްލަ ދަރިންކަމަށާއި އިތުރު ދަރިއަކު ނުހުންނާނެ ކަމަށާއި އެއީ މަޖަލަކަށް ބުނެފައިވާ އެއްޗެއް ކަމަށެވެ. އެކަމާއި ކަންބޮޑުނުވުމަށެވެ. 

އެރޭ ނިދަން އޮށޯވެފައި އަޅުގަނޑު ގާތު ތެދަށް ކިޔައިދިނެވެ. ޅަކުއްޖަކާއި ލޯބީގެ ގޮތުން ގުޅިގެން އުޅުނީއެވެ. ދެމީހުން ބައްދަލެއް ނުވެއެވެ. ވާހަކަދެއްކީ ފޭސްކުގައެވެ. އަދި ފިރިމީހާގެ އުމުރަކީ 52 އަހަރު ނަމަވެސް އޭނާ ގާތު ބުނެގެން އުޅުނީ ފިރިމީހާގެ އުމުރަކީ 32 އަހަރުކަމަށެވެ. ވީމާ ދަރިންގެ އުމުރުވެސް އޮޅުވައިލީއެވެ. އަދި ކުރެވުނު ކުށަށް މާފަށް ވެސް އެދުނެވެ. 

އަޅުގަނޑު މާފުވެސް ކުރީމެވެ. އެއީ ދަރިން ލިބި އެކުދިން ބޮޑެތިވެ މާމަ ކާފަ ދަރިންވެސް ލިބިފައިވުމުން މައްސަލަތަކެއް އުފައްދަން ބޭނުން ނުވާތީއެވެ. ރުޅިވެރިކަން ބާއްވަން ބޭނުން ނުވާތީއެވެ. ކުދިންނަށް ފައިދާކުރާނީ ދެމީހުން އެކުގައި އުޅުމުން ކަމަށްވާތީއެވެ. 

ރުޅިހަދާލާފައި ކައިވެނި ރޫޅާލާފައި ޒުވާން ފިރިއަކު ހޯދަން އަޅުގަނޑު ބޭނުންވިނަމަ އަޅުގަނޑަށް ނުލިބުނު ނަމަވެސް އަޅުގަނޑުގެ ގެދޮރަށް ލިބުނީހެވެ. އެއީ މިހާރު ގިނައިން ކައިވެނިކުރަނީ ތަނަވަސްކަމާއި ގެދޮރާއި ކަމަށްވާތީއެވެ. 

ހިތާމައަކީ ލޮލަށް ނުފެނި ބައްދަލުވެސް ނުވާ އަންހެނަކަށް ދެމަފިރިންގެ ސޭވިންގްސްގައި ހުރި 200،000 އަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށް ހުސްކޮށްފައިވުމެވެ.

މިއަދުނޫހުގެ ކިޔުންތެރިން ގާތު ބުނެލަން ބޭނުންވަނީ އެންމެން ސޯޝަލް މީޑިއާ ބޭނުންކުރާ މިފަދަ ޒަމާނެއްގައި ސޯޝަލް މީޑިއާތެރެއިން ގުޅުމެއް އުފެއްދިނަމަވެސް މިފަދަ ބޮޑެތި އޮޅުވާ ނުލުމަށެވެ. ދެމީހުން ބައްދަލުވާ ދުވަހު ފަޅާއަރާނެތީއެވެ. އަދި އުމުރު ދުވަހު މަސައްކަތްކޮށްގެން އެއްކޮށްފައި ހުންނަ ފައިސާކޮޅު ޚަރަދުކޮށް ހުސްކޮށްލަން ހެޔޮވެސް ނުވާނެ ކަމަށެވެ. 

ނިކަން ވިދާޅުވެބައްލަވާށެވެ! މިއަދު ބޮޑުކަމެއް ޖެހިގެން ކުދިންގެ ކިބައިން ފައިސާގެ އެހީތެރިކަމަށް އެދިއްޖެނަމަ އެކުދިން އެކަންކޮށްދިން ނަމަވެސް އަތުގައި ހުރި ފައިސާތައް އިސްރާފްކުރިކަން ކުދިންގެ ހިތަށް ނާރާނެތޯއެވެ؟ ވީމާ މިއީ ވިސްނާލަން ޖެހޭނެ ކަންކަން ކަމަށް ދެކޭތީ ހަމަ ބުނެލީއެވެ. 

- ޙަސީނާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން