ޙަޤީޤީ ޙާދިސާ: 4 އަހަރުވަންދެން ތަންމަތީގަ ބާއްވައިގެން ބެލުމުގެ އަގަކަށްވީ ގަދަވާއިރަށް ހިލޭ އަންހެނަކު ވަގަށް ގެއަށްވައްދާ އެއެނދުގަ ބޭއްވުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 19ސ
ޙަޤީޤީ ޙާދިސާ: 4 އަހަރުވަންދެން ތަންމަތީގަ ބާއްވައިގެން ބެލުމުގެ އަގަކަށްވީ ގަދަވާއިރަށް ހިލޭ އަންހެނަކު ވަގަށް ގެއަށްވައްދާ އެއެނދުގަ ބޭއްވުން!

މިހާރު މިކިޔާ ގޮތަށް ބުނާނަމަ އަޅުގަނޑުމެން ކައިވެނިކުރީ ވަރަށް ލޯބިން 3 އަހަރު އެކުގައި އުޅެފައެވެ. ދެމީހުންވެސް ވަޒީފާ އަދާކުރަމުއެވެ. އުފަލުގައި ދިރިއުޅެލެވޭ ވަރަށް ފައިސާވެސް ލިބެއެވެ. 

ކައިވެންޏަށް 2 ވަނަ އަހަރަކު ދަރިއަކުވެސް ލިބުނެވެ. ދަރިފުޅު ލިބުމުންވެސް ދިރިއުޅުނީ ވަރަށް ލޯބިންނެވެ. އެގޮތަށް އުޅެމުން ދަނިކޮށް ދަރިފުޅަށް 6 މަހުގައި ފިރިމީހާ ވަރަށް ބޮޑު އެކްސިޑެންޓެއްވިއެވެ. ފަޔަށް ލިބުނު އަނިޔާގެ ސަބަބުން ހިނގައެއް ނުއުޅެވެއެވެ. ފުއްޕާމެއަށް މޭދެ ދެކަށިގަނޑު ހެރުމުން ލިުނު އަނިޔާގެ ސަބަބުން ވަރަށް އަވަހަށް ވަރުބަލިވެއެވެ. ގިނައިން އޮންނަން ޖެހެނީ އޮށޯވެގެންނެވެ. 

ފިރިމީހާގެ ވަޒީފާވެސް ގެއްލުނެވެ. ފިރިމީހާގެ ޢާއިލާއިން ޙާލުބެލުން ނޫން ކަމެއް ނުކުރެއެވެ. މިދެންނެވީ އެއްވެސް ގޮތަކުން އެހީތެރިނުވާ ވާހަކައެވެ. އެކަމަކަށްވެސް އެއްވެސް ޝަކުވާއެއް ނުކުރަމެވެ. އަޅުގަނޑަށް ލިބޭ މުސާރައިން ދިއައީ ފުއްދަމުންނެވެ. ކިތަންމު ބޭނުންވިނަމަވެސް ނުކުރެވޭ ކަންކަން ނުކޮށް ބަހައްޓަނީއެވެ. 

ބޭސްފަރުވާކުރަމުންގޮސް އެކުގައި ރަނގަޅުވެ މަސައްކަތަށް ނުކުމެވޭވަރުވީ 4 އަހަރުފަހުންނެވެ. ވަޒީފާއަށް ނުކުންނަން ފެށިތާ 3 މަސްވެސް ނުވަނީސް ލޯމައްޗަށް ފެނުނީ ބޮޑު ޠޫފާނެކެވެ. އޮފީހުގައި އުޅެފައި ކުއްލިއަކަށް ކަމެއް ޖެހިގެން ގެއަށް އައިއިރު ފިރިމީހާވެސް އޮފީހުން އައިސް ގޭގައި އުޅެއެވެ. ކޮޓަރިއަށް ވަންއިރު އެނދުގައި އޮތީ އެއިގެކުރިން ނުދެކޭ ޒުވާން އަންހެން ކުއްޖެކެވެ. އެނދުގައި އޮތުމުން ރުޅިގަދަވެ ސުވާލުތައް ކުރުމުން އެނގުނީ ފިރިމީހާގެ ލޯބިވެރިޔާކަމެވެ. 

އެވަގުތު އަޅުގަނޑަށް ބުނެވުނެވެ. "4 އަހަރުވަންދެން އެނދުގައި ބާއްވައިގެން ކޮށްދިން ޚިދުމަތުގެ އަގު ވަރަށް ރަނގަޅަށް ލިބިއްޖެއެވެ. އަވަހަށް ވަރިކޮށްފައި މިގެއިން ނުކުންނާށެވެ." 

އެގޮތަށް ބުނުމުން ފިރިމީހާ ވަރަށް ގިނަ ބަހަނާތައް ދެއްކިއެވެ. އެކަނި ދަރިފުޅު ނުބެލޭނެ ކަމަށްވެސް ބުންޏެވެ. އަދި މާފަށްވެސް އެދުނެވެ. އަޅުގަނޑު ބުނީމެވެ. "މާފުކުރިޔަސް ކަލޭވާނީ ހަމަ ކަލެއަށެވެ. ކަލޭގެ ކިބައިން މިފެނުނީ އިންސާނުންގެ ކިބައިން ފެނިގެންވާނެ ކަމެއް ނޫނެވެ. އަހަރެންދެކެ ލޯބި ނުވިނަމަވެސް 4 އަހަރު ވަންދެން މިވީ ޤުރްބާނީއަށްޓަކައިވެސް ތިއަގޮތަށް ކަންތަކެއް ނުކުރާނެއެވެ. ދަރިފުޅު ދެކެ ލޯބިވާކަމަށް ހެދެން ނުއުޅޭށެވެ. ދަރިން ދެކެ ލޯބިވާ ބައްޕައިން ފިރަތަމަ ލޯބިވާނީ މައިމީހާ ދެކެއެވެ. އަދި މިދިއަ 4 އަހަރު ދުވަހު އެކަނި ދަރިފުޅު ގެންގުޅުނުގޮތަސް ދެންވެސް ނުގެންގުޅެވެންވީ ކީއްވެގެން ހެއްޔެވެ؟ ވީމާ ބަހަނާތައް ނުދައްކައި އަވަހަށް މިގެއިން ނުކުންނާށެވެ. ރަނގަޅި ވަރިކޮށްފައި ނުކުތިއްޔާއެވެ. ނޫންނަމަ ކޯޓަށް ގޮސްގެންވެސް ވަރިވާނަމެވެ." 

އޭނާ ގެއިން ދިއައީ ވަރިނުކޮށެވެ. އެނބުރި އައުމުގެ އުންމީދުގައެވެ. ނަމަވެސް އެފުރުޞަތު ދެން ނުދޭނެކަން އެނގުމުން 5 މަސް ފަހުން ވަރިކުރިއެވެ. ވަރިކުރުމުން ދެވަނަ ކައިވެނިކުރީމެވެ. ދެވަނަ ކައިވެނީގައި މިހާރު 8 އަހަރުވީއެވެ. އަދި މިއުޅެވެނީ ހަމަ އުފަލުގައެވެ. 

މިއަދުނޫހުގެ ކިޔުންތެރިންނަށް މިކިޔައިދިނީ އަޅުގަނޑުގެ ޙަޔާތުގެ ތަޖުރިބާއެވެ. ބުނެލަން ބޭނުންވަނީ މިހާރުގެ ގިނަ ފިރިންނަށް ހެޔޮކޮށް ހިތުން މިވަނީ މިނިކާވަގަކަށް ކާންދީ ބޮޑުކުރުން ފަދަ ކަމަކަށެވެ. ހަމަ އަތުގަ ޖެހޭއިރަށް ބޮޑުކުރިމީހާ ކައިލާނެއެވެ! 

 

 

- ސިތުނާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން