ޙަޤީޤީ ޙާދިސާ: މަންމައާ ބައްޕަ ވަކިވުމުން އުމުރުން 2 އަހަރުން ފެށިގެން ފަނަރަ އަހަރަށް ކޮންމެ ދުވަހަކު އަނިޔާލިބި ރޯންޖެހުނު ކުއްޖެއްގެ ޥާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 57ސ
ޙަޤީޤީ ޙާދިސާ: މަންމައާ ބައްޕަ ވަކިވުމުން އުމުރުން 2 އަހަރުން ފެށިގެން ފަނަރަ އަހަރަށް ކޮންމެ ދުވަހަކު އަނިޔާލިބި ރޯންޖެހުނު ކުއްޖެއްގެ ޥާހަކަ-

އަޅުގަނޑަށް މަންމަ ފެނުނު ހަނދާނެއް ނުހުރެއެވެ. ބައްޕަ ބުނަނީ އަޅުގަނޑުގެ އުމުރުން 2 އަހަރުގައި މަންމަ އެހެން މީހަކުދެކެ ލޯބިވެގެން ވަރިވެގެން ދިއައީ ކަމަށެވެ. އެހެންވެ ބައްޕަ އަބަދުވެސް ހުންނަނީ އަޅުގަނޑު ދެކެ ރުޅި ގަދަވެފައެވެ. އެންމެ ފަހަރަކުވެސް އޯގާތެރިކަމާއިއެކު އެންމެ ބަހެއް ބުނި ހަނދާނެއްވެސް ނެތެވެ. 

ބައްޕަ ދެވަނަ ކައިވެންޏެއް ރަޖިސްޓްރީކުރީ އަޅުގަނޑުގެ އުމުރުން 9 އަހަރުގައެވެ. އެހިސާބުން އަޅުގަނޑު ބަދަލުވީ ގޭގެ ބޮޑު ނޯކަރަށެވެ. ގޭތެރެ ސާފުކުރުމުގެ އިތުރުން އަމިއްލައަށް ފުށްމޮޑެގެން ރޮށިފިހަންވެސް ޖެހެއެވެ. އެހެންވެ މަންމައަށް ވަރަށް ނަފްރަތުކުރެވެއެވެ. މަންމަ އަޅުގަނޑު ދޫކޮށްލާފައި ނުދިއަ ނަމަ އަޅުގަނޑަށް މިހާލު ނުޖެހުނީސްކަން ހިތަށް އަރާތީއެވެ. 

ކޮންމެއަކަސް އަޅުގަނޑަށް މަންމައާއި ފުރަތަމަ ފަހަރަށްވެސް ބައްދަލުވެވުނީ އުމުރުން 15 އަހަރުގައެވެ. މަންމަ އަޅުގަނޑުގެ ހާލުބަލަން އަބަދުވެސް މަސައްކަތްކުރިކަމާއި އަޅުގަނޑުގެ ޚަރަދަށް ކޮންމެ މަހަކު ފައިސާފޮނުވިކަން މަންމަގެ ފޯނުން މަންމަ ސާބިތުކޮށްދިނެވެ. އަދި ހޯދަން ގެއަށް ނާދެވުނީ ރާއްޖެއިން ބޭރުގައި ދިރިއުޅުނީތީކަންވެސް ސާބިތުކޮށްދިނެވެ. 

އެދުވަހު ގެއަށް އައިސް ބައްޕަ އާއި ދިމާއަށް އެބަސްތައް ބުނީމެވެ. އަދި ވަގުތުން ގެއިން ނުކުމެގެން މަންމަ ގާތަށް ދިއައީމެވެ. ބައްޕަގެ ދެމަފިރިންނަށް ނޯކިރީކުރުވަން އަޅުގަނޑު އަތުލަން އުޅެފާނެތީ މަންމަގެ ޗުއްޓީވެސް ކުރުކޮށްލާފައި އަވަސް އަވަހަށް އަޅުގަނޑު ގޮވައިގެން މެލޭސިޔާއަށް ފުރައިފިއެވެ. 

މަންމަ އާއިއެކުގައި އުޅެން ފެށުމުން އެނގުނީ މަންމަ ގެއިން ނުކުތީ މީހަކާ ހިތާވެގެން ނޫންކަމެވެ. ބައްޕަގެ އަނިޔާއަށް ކެތްނުކުރެވިގެން ކަމެވެ. އަދި މެލޭސިޔާއިން ޓީޗަރެއްގެ ވަޒީފާ ހޯދައިގެން ރާއްޖެއިން ފުރިނަމަވެސް މެލޭސިޔާއިން މީހަކާއި ކައިވެނިކުރީ 5 އަހަރުފަހުން ކަމެވެ. 

ކޮންމެއަކަސް އަޅުގަނޑުވެސް މިހާރު ދިރިއުޅެނީ މެލޭސިޔާގައެވެ. މެލޭސިޔާ މީހަކާއި ކައިވެނިވެސްކޮށްގެންނެވެ. ކުދިންވެސް އެބަތިއްބެވެ. 

މިއަދުނޫހުގައި ޝާއިޢުކުރާ ޙަޤީޤީ ޙާދިސާ ސިލްސިލާ އަޅުގަނޑުވެސް ކިޔާތީ އަޅުގަނޑުވެސް ބަހެއް ބުނެލަން ބޭނުންވީއެވެ. ބުނެލަން ބޭނުމީ ކޮންމެ ސަބަބެއް މެދުވެރިވެގެން ދެމަފިރިން ދުރުވި ނަމަވެސް ދަރިންނަށް އެކަމުގެ ނަފްރަތު ނުބާލާށެވެ. ދަރިންނަށް އަނިޔާނުކުރާށެވެ. ހަމަގައިމުވެސް އެއްވެސް މައަކާއި ބައްޕައަކު ދުރުވުމުގައި ތުއްތުކުދިން ކުރި ކުށެއް ނުއޮންނާނެއެވެ. ވީމާ ވަރިކުރަންޖެހުނު ސަބަބަކީ ތުއްތުދަރިން ކަމަކަށް ނުހެދޭނެއެވެ. 

އަޅުގަނޑު އެދެނީ އަޅުގަނޑަށް އުޅެންޖެހުނު ފަދަ ހިތާމަވެރި ޙާލެއްގައި އުޅެން ހަމަ އެއްވެސް ކުއްޖަކަށް ނުޖެހުމެވެ. 

- ޒިލިއަން / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން