ޙަޤީޤީ ޙާދިސާ: 3 ދަރިންނާ އަނބިމީހާ ނިކަމެތި ޙާލުގަ ބައިތިއްބާފަ ރީތި އަންހެނަކަށް ބޮޑެތި ޚަރަދުކުރި މީހަކަށް ޖެހުނު ޙާލުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 14ސ
ޙަޤީޤީ ޙާދިސާ: 3 ދަރިންނާ އަނބިމީހާ ނިކަމެތި ޙާލުގަ ބައިތިއްބާފަ ރީތި އަންހެނަކަށް ބޮޑެތި ޚަރަދުކުރި މީހަކަށް ޖެހުނު ޙާލުގެ ވާހަކަ-

އަޅުގަނޑުމެންގެ ކައިވެންޏަށް 10 އަހަރު ފުރުނުއިރު 3 ދަރިން ވަނީ ލިބިފައެވެ. އަތްމަތިވެސް ވަރަށް ދައްޗެވެ. ފިރިމީހާ ބުނަނީ އޮފީހުގައި އޭނާއަށް ކުރެވުނު ކުށަކާއި ގުޅިގެން މުސާރައިން ބައެއް އުނިކުރާތީ ގެއަށް ގެންނަން ލިބޭ ފައިސާކޮޅު މަދުވަނީ ކަމަށެވެ. 

ޝުކުރުކޮށްލައިގެން އިންނަނީއެވެ. ދަރިންނަށް ބޭނުންވާ އަސާސީ ކަންކަންވެސް ކޮށްނުދެވެއެވެ. ނަމަވެސް ދިރިއުޅުމުގައި ދަތިތަކާއި ކުރިމަތިލާންޖެހުމަކީ ޢާންމު ކަމަކަށްވާތީ އެއްވެސް ޝަކުވާއެއް ނުކުރަމެވެ. ފިރިމީހާ އާއި އެއްވެސް ސުވާލެއްވެސް ނުކުރަމެވެ. 

އެހެން އިންދައި އަޅުގަނޑުގެ ފޯނަށް ލިބުނީ މެސެޖަކާއި ފޮޓޯއެކެވެ. "ކަލެއަށް ޖެހޭނީ ތިހެން ދަތިޙާލުގަ އިންނަން. ކަލޭގެ ފިރިމީހާ ލޯބިވަނީ އަހަރެންދެކެ. ވަރިނުކޮށް އެހުންނަނީ 3 ކުދިންނަށްޓަކާ. އެކަމަކު ދެން ވަރިކުރަން މާލަހެއް ނުވާނެކަމުގެ ހެކި ބޭނުންތަ. މިއީ ރޭގަ ގަނެގެން ގެނެސްދިން ހާރެއް." ކަމަށް މެސެޖުގައި އޮތެވެ. އަދި ވަރަށް އަގުބޮޑު ހާރަކާއިއެކު ފިރިމީހާ އާއި އޭނާގެ ފޮޓޯއެއްވެސް ފޮނުވިއެވެ.

އެއީ މެންދުރެއްހައިއިރެވެ. ވަގުތުން މަންމައަށް ގުޅީމެވެ. އަދި ހަވީރު ގެއަށް ގޮސްލާނެ ކަމަށްވެސް ބުނެފައި ގެއަށް ދިއައީ 3 ކުދިން ގޮވައިގެންނެވެ. އެނބުރި ފިރިމީހާގެ ގެއަށް ނުދާގޮތަށެވެ. 

އަޅުގަނޑުގެ މައިންބަފައިންނަކީ އެހާ ތަނަވަސްބައެއް ނޫނެވެ. ނަމަވެސް އަޅުގަނޑާއި ދަރިންނަށް މަރުޙަބާކިޔެވެ. ކުރިންވެސް އަޅުގަނޑު އުޅުނު ކޮޓަރި އަޅުގަނޑަށް ދިނެވެ. 

އެރޭ ފިރިމީހާ ގެއަށް ދިއައިރު ގޭގައި އަޅުގަނޑުމެން ނެތުމުން ފޯނުކުރިއެވެ. ނުނަގަމެވެ. ޖަވާބުގައި ކުރީ މެސެޖެކެވެ. "އަހަރެމެން 3 މައިން ނިކަމެތި ޙާލުގައި ބައިތިއްބާފައި ހިލޭ އަންހެނަކަށް ބޮޑެތި ޚަރަދުތައް ކުރާނީ އަަހަރެމެންގެ ބޭނުމެއް ނެތީމައެވެ. ވީމާ ތިބާ އުފަލުގައި ދިރިއުޅެން ގެ ތިއަހުރީއެވެ. ރަނގަޅި ވީހާއަވަހަކަށް މިނިވަންކޮށްލައި ދިނުމެވެ." މެސެޖާއިއެކު އެ އަންހެން މީހާ ފޮނުވި މެސެޖާއި ފޮޓޯވެސް ފޮނުވައިލީމެވެ. އަދިވެސް ބުނީމެވެ. "ކަލޭ އަހަރެމެން 4 މައިން އެއްލައިލުމުގެ ކުރިން އަަހަރެން މިއައީއެވެ. އުފާވެއްޖެ ނޫން ހެއްޔެވެ؟" 

ފިރިމީހާ އެއްވެސް ޖަވާބެއް ނުދެއެވެ. ނަމަވެސް ވަރިކުރިއެވެ. ވީމާ އޭނާގެ ޖަވާބަކަށްވީ ވަރިކުރުމެވެ. 

މަންމަ ކުދިން ބަލައިދޭން އެއްބަސްވުމުން ވަޒީފާއަކަށްދާން ފެށީމެވެ. ވީމާ އެއްވެސް މީހަކަށް ސަލާންޖަހާކަށް ނުޖެހުނެވެ. ލިބޭ މުސާރައިން މަންމަ މެންނަށް ދީފައިވެސް ކުދިންގެ ކަރަދުތައް ބަލަހައްޓައިލެވޭވަރުވެއެވެ. 

ﷲ އަށް ތެދުވެރިނަަމަ ކޮންމެ މީހަކަށްވެސް މަގެއް ދައްކަވާނެކަމަށް އޮންނަ ބަސްފުޅުގެ ތެދުކަން ފެނުނެވެ. 3 ދަރިންނާއިއެކުގައިވެސް ބަލައިގަންނާނެ މީހަކު ލިބުނެވެ. އަދި ދެވަނަ ކައިވެނިކޮށް އޭނާ އާއިއެކު ދިރިއުޅެން ފެށީމެވެ. އޭނާގެ 2 ދަރިންވެސް ބަލަންޖެހުމުން ބުރައެވެ. ނަމަވެސް އެއީ އެހައި ބޮޑު ބުރައަކަށް ނުވިއެވެ. 

ދެވަނަ ކައިވެންޏަށް 2 އަހަރުފުރުނުތަނާ އަޅުގަނޑު ވަޒީފާ އަދާކުރާ އޮފީހަށް ކުރީގެ ފިރިމީހާ އައިސް އަޅުގަނޑާއި ބައްދަލުކުރިއެވެ. ހުރީ ވަރަށް ބޮޑަށް ހިކިފައެވެ. ބަލިވެ އުޅޭކަމުގެ ޢަލާމާތްތައް މޫނުމަތިން ފެންނަން ހުއްޓެވެ. ބުނީ ބަލިވެ އުޅެން ހަދައިގެން ވަޒީފާ ގެއްލިއްޖެ ކަމަށާއި ފައިސާ ނުލިބޭތީ އަނބިމީހާ ވަރިވެގެން ހިނގައްޖެކަމަށެވެ. އަދި އޭނާގެ ޞިއްޙީ ޙާލަތަށްޓަކައި އޭނާ ބަލައިދޭން ގެއަށް ގޮސްދިނުމަސް އެދޭ ކަމަށެވެ. އަދި ގެއާއި ގޯތި 4 މައިންނަށް ރަޖިސްޓްރީކޮށްދޭނެ ކަމަށެވެ. އަޅުގަނޑު ބުނީ ޖަވާބެއް ދެވޭނީ މިހާރުގެ ފިރިމީހާ އާއި މަޝްވަރާކޮށްފައި އޭނާ ބޭނުންވާ ގޮތަކަށް ކަމަށެވެ. 

ފިރިމީހާ އާއި މަޝްވަރާކުރުމަށްފަހު އަޅުގަނޑު ބުނީމެވެ. "ތިއައީ 3 ދަރިންގެ ބައްޕަވެފަ ބަލިޙާލުގައި ޖެހުމުން ބަލައިދޭން ހިނގައިދާނަމެވެ. ނަމަވެސް ފިރިމީހާ އާއިއެކުގައެވެ. ދުވަހަކުވެސް ދެން ކަލެއާއި ކައިވެނިކުރަން ބޭނުމެއް ނޫނެވެ." 

އެގޮތާއި ރުހުމުން އެގެއަށް ބަދަލުވީމެވެ. އަދި އޭނާއަށް ވަރަށް ހެޔޮކޮށް ކަންކަން ކޮށްދިނީމެވެ. އޭނާއަށް ވަނީ ކެންސަރުޖެހިފައެވެ. 4 އަހަރުފަހުން ބަލީގައި އޭނާ ދުނިޔެއިން ވަކިވަންދެންވެސް އޭނާގެ ހިތުގައި ޖެހޭނެ އެއްވެސް ކަމެއް ނުކުރަމެވެ. 

މިއަދުނޫހުގެ ކިޔުންތެރިންނަށް ވަރަށް ކުރުގޮތަކަށް މިކިޔައިދިނީ އަޅުގަނޑުގެ ޙަޔާތުގައި ކަންކަން މެދުވެރިވި ގޮތެވެ. ހިތާމައަކީ ކޮންމެ ދުވަހަކުހެން މިފަދަ އެތައް ޙާދިސާތަކެއް ހިނގަމުން އަންނައިރުވެސް ގިނަ ބައަކަށް އެކަންކަމަސް ސަމާލުކަން ނުދެވޭކަމެވެ. އަނބިދަރިންގެ ޙައްޤުތަކާއިމެދު ވިސްނައި ރަޙުމްކުރާ ފިރިން މަދުވަމުން އަންނަކަމެވެ. 

- ޒައިނަބު / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން