ޙަޤީޤީ ޙާދިސާ: އެކަނިވެރިކަން އިންތިހާއަށް ދިއުމުންވެސް ދަރިފުޅު ދޫކޮށްނުލި މައަކަށް އެތުއްތު ދަރިފުޅުގެ ސަބަބުން ލިބުނު ބޮޑު ނިޢްމަތުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 26ސ
ޙަޤީޤީ ޙާދިސާ: އެކަނިވެރިކަން އިންތިހާއަށް ދިއުމުންވެސް ދަރިފުޅު ދޫކޮށްނުލި މައަކަށް އެތުއްތު ދަރިފުޅުގެ ސަބަބުން ލިބުނު ބޮޑު ނިޢްމަތުގެ ވާހަކަ-

އަޅުގަނޑަކީ މައިންބަފައިންގެ އެހީތެރިކަމާއިއެކު މެލޭސިޔާގައި ކިޔަވަމުން ދިއަ އަންހެނަކީމެވެ. އަޅުގަނޑުގެ ކިޔެވުން ނުނިންމައި ކައިވެނިކުރުމުން އަޅުގަނޑަށް އެހީތެރިކަން ކަނޑާލައި އަމިއްލައަށް ދިރިއުޅެން ބުންޏެވެ. އެންމެ ބޮޑު ސަބަބަކީ ފިރިމީހާ އާއިމެދު ބައްޕަވެސް އަދި މަންމަވެސް ނުރުހޭކަމެވެ. ބައްޕަވެސް މަންމަވެސް ބުނީ އެއީ ރަނގަޅު ޢާއިލާއެއްގެ ކުއްޖެއް ނޫން ކަމަށާއި އޭނާގެ ކިބައި އަޚްލާޤީ ރަނގަޅު ސިފަތައް ނުހުންނާނެ ކަމަށެވެ. 

ކޮންމެއަކަސް ކައިވެންޏަށް 2 އަހަރުވީއިރު ދަރިއަކު ލިބިއްޖެއެވެ. ދަރިއަކު ލިބުނުތަނާ ފިރިމީހާ އާއި ބައްދަލުވި އޮސްޓްރޭލިއާ އަންހެނަކާއި ކައިވެނިކޮށްގެން އަޅުގަނޑު ވަރިކޮށްލާފައި ފިރިމީހާ ހިނގައްޖެއެވެ. އެކަނިވެރިވެއްޖެއެވެ. ގަތްލަދުން އެވާހަކަ މައިންބަފައިން ގާތަކު ނުބުނަމެވެ. 

ގިނަ އެކުވެރިން ލަފާދިނީ ދަރިފުޅު ކޮންމެވެސް ތަނަވަސް ދެމަފިރިއަކަށް ދިނުމަށެވެ. ނުވަތަ ޔަތީމްޚާނާއަކަށް ލުމަށެވެ. އެއީ ކުއްޖަކު އޮތުމުން ދެވަނަ ކައިވެންޏެއްވެސް ކުރަން އުނދަގޫވާނެ ކަމަށްބުނެއެވެ. ނަމަވެސް އަޅުގަނޑު އެގޮތް ބޭނުމެއް ނުވިއެވެ. ހަމަގައިމުވެސް އެދަރިފުޅަކީ އަޅުގަނޑު ވަރަށް ބޮޑަށް ބޭނުންވެގެން ހޯދިކުއްޖެކެވެ. ވީމާ ދަރިފުޅުގެ ބައްޕައަށް އޭނާގެ ބޭނުމެއް ނެތްނަމަވެސް އަޅުގަނޑަށް އެއީ ހަމަރަނގަނޑަކަށްވާތީއެވެ. 

އެއިރު އަޅުގަނޑަކީ ޓީޗަރެކެވެ. ކިޔަވައިދޭންދަނީ މެންދުރުއެވެ. ހެނދުނު ދަނީ އަމިއްލައަށް ކިޔަވާށެވެ. ކިޔަވަންދަމުން ބައެއް ދުވަސްދުވަހު ދަރިފުޅު ގެންދަމެވެ. އެއީ އެޔުނިވަރސިޓިގައި ހުއްދަ ކަމަކަށްވާތީ އެހެން ބައެއް ދަރިވަރުންވެސް ދަރިން ގެންދެއެވެ. 

އެއްދުވަހަކު ކިޔަވައި ނިމިގެން ދަރިފުޅު އުރާލައިގެން ނުކުތްތަނާ ބައްދަލުވި މެލޭސިޔާގެ ޒުވާނަކު ޖޫސްތަށްޓެއް ބޯލަން ދައުވަތިދިނުމުން ޤަބޫލުކުރީމެވެ. ޒުވާނާ ފުރަތަމަ ސުވާލުކުރީ ދަރިފުޅުގެ ބައްޕަ ކޮބައިތޯއެވެ؟ ޖަވާބުގައި ޙާލަތު ކިޔައިދިނުމުން އޭނާ ސުވާލުކުރީ އިތުރު ކައިވެންޏެއް ކުރަން ނުވިސްނަންތޯއެވެ؟ ޖަވާބުގައި ވިސްނާ ކަމަށާއި "ރައިޓް ޗޮއިސްއެއް" ލިބެންދެން މަޑުކުރަނީ ކަމަށް ބުނީމެވެ. އޭނާ އަޅުގަނޑާއި ވަކިވީ އޭނާގެ އެޑްރެސްކާޑު ދީފައެވެ. އަދި ހުކުރު ދުވަހު ހަވީރު ދަރިފުޅު ގޮވައިގެން އޭނާގެ ގެއަށް ގޮސް ޢާއިލާ އާއި ބައްދަލުކުރަން ދައުވަތުދީފައެވެ. 

ދައުވަތު ޤަބޫލުކޮށް އެގެއަށް ދިއުމުން އޭނާގެ މައިންބަފައިންނަށް އަޅުގަނޑު ތަޢާރަފްކޮށްދިނެވެ. އަދި އެކަނި ދަރިއަކުބަލަހައްޓަމުން ވަޒީފާ އަދާކުރަމުން ކިޔަވަން މަސައްކަތްކުރާ ވަރަށް ގަޓްހުރި އަނހެނެއްކަމަށް ބުންޏެވެ. އެވާހަކަތައް އަޑުއަހާފައި އޭނާގެ މައިންބަފައިންވެސް އަޅުގަނޑަށް ވަރަށް ތައްރީފްކުރިއެވެ. އަދި ދަރިފުޅު ގޮވައިގެން އެކަނި އެޕާޓްމަންޓެއްގަ އިނުމުގެ ބަދަލުގައި އެގެއަށް ބަދަލުވާން ދައުވަތުދިނެވެ. އެދެމަފިރިންގެ މާމަކާފަ ދަރިއަކު ނެތުމުން ވަރަށް ލޯބިން ބަލަހައްޓައިދީ ކަންކަން ކޮށްދޭނެ ކަމަށްވެސް ބުންޏެވެ. 

އަޅުގަނޑު އެގެއަށް ބަދަލުވީމެވެ. އެމީހުން ވައުދުވީ ފަދައިން ކަންކަން ކޮށްދިނެވެ. އެކަންވެގެން ދިއައީ އަޅުގަނޑަށް ލިބުނު ވަރަށް ބޮޑު ލުޔަކަށެވެ. ދަރިފުޅުގެ ހުރިހާ ޚަރަދެއްވެސް އެދެމަފިރިން ކޮށްދޭތީ އެކަންވެސްވީ ލިބުނު ވަރަށް ބޮޑު ލުޔަކަށެވެ. 

އެގޭގައި ހުންނަތާ 2 އަހަރުފަހުން މިހާރުވަނީ އަޅުގަނޑާއި އެޒުވާނާގެ ކައިވެނިވެސް މައިންބަފައިން ކޮށްދީފައެވެ. ކައިވެނިކުރި ފަހުން ބުނީ އެކަންކުރީ އެހެން މީހަކާއި ކައިވެނިކޮސްފިނަމަ ދަރިފުޅު އެގެއިން ގެންދާނެތީ އެކަމަށް ހުރަސް އަޅަން ކަމަށެވެ. އަޅުގަނޑުގެ ކިބައިންވެސް އެމީހުންނަށް ޤަބޫލުކުރެވޭ ރިވެތި އަޚްލާޤީ ސިފަތަކެއް ފެނުމުން ކަމަށެވެ. 

ކޮންމެއަކަސް މިއަދު އަޅުގަނޑަކީ ހަމަ ވަރަށް އުފަލުގައި ފިރިއެއްގެ ލޯބި ލިބި އަދި މައިންބަފައިންގެ ލޯބިވެސް ލިބިގެން ދިރިއުޅޭ އަންހެނަކީމެވެ. އަޅުގަނޑުގެ ދެވަނަ ކައިވެނީގެ ހަފްލާގައި އަޅުގަނޑުގެ މައިންބަފައިންވެސް ބައިވެރިވިއެވެ. އަދި އެދެމަފިރިންގެ ލޯބިވެސް އަންނަނީ ލިބެމުންނެވެ. 

މިއަދުނޫހުގެ ކިޔުންތެރިންނަށް، ޚާއްޞަކޮށް މައިންނަށް ބުނެލަން ބޭނުންވަނީ ނަމަނަމަ ދަރިން ބާކީކޮށް އެއްލައި ނުލާށެވެ! އެކަނި ދަތިޙާލުގައި ގެންގުޅެން ޖެހިއްޖެނަމަ އެއީވެސް ނިޢުމަތެކެވެ. އަދި ހަމަ އަޅުގަނޑަށް ލިބުނު ފަދަ ނިޢްމަތެއް ލިބޭ ސަބަބަކީ ދަރިފުޅުކަމުގައިވެސް ވެދާނެއެވެ. 

ދެން ބުނެލަން ބޭނުމީ ދަރިއަކު ލިބުމަކީ ކިޔެވުން ހުއްޓައިލާ ސަބަބަކަށް ނުހަދާށެވެ! ނުކިޔަވައިފިނަމަ އަބަދުވެސް ތިބެންޖެހޭނީ އަޅުވެތިވެގެންނެވެ. ވީމާ އަންހެނުންވެސް ކިޔަވައި މޮޅުވާން އެބަޖެހެއެވެ. ދަރިން ބަނޑުލައިގެން ނަމަވެސް ކިޔަވާށެވެ! ފިރިންނަށް އިތުބާރުކޮށް ކިޔެވުން ހުއްޓައިލުމަކީ ނުވަތަ މެދުކަނޑައިލުމަކީ އަންހެނަކަށް ކުރެވޭނެ އެންމެ މޮޔަ އެއްކަންތައްކަން ވަރަށް ރަނގަޅަށް ތަޖުރިބާކޮށްފީމެވެ! 

- ނަރީޝާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން