މަންމަގެ އުމުރަކީ 80 އަހަރެވެ. 3 ދަރިންނާއި ދެފިރިހެންދަރިން ތިބެއެވެ. ދަރިންގެ ބައްޕަ ވަނީ ދަރިން ކުޑައިރު ނިޔާވެފައެވެ. ނަމަވެސް މަންމަގެ މަސައްކަތުން ދަރިންނަބަލައި ތަރުބިއްޔަތުކޮށް ކިޔަވައިދިނުމުގެ އިތުރުން ހުރިހާ ކުދިންނަށް އުޅެވޭނެ ވަރުގެ ގެއެއްވެސް ވަނީ އަޅައިފައެވެ. ހުރިހާ ދަރިންވެސް ކައިވެނިކޮސްގެން ދިރިއުޅެމުން ދިއައީ މަންމަގެ ގޭގައެވެ.
މުސްކުޅި އުމުރުގައި ކަންކަން ހަނދާން ނެތުމަކީ ވަރަށް ގިނަ ބައަކަށް ކުރިމަތިވާ ކަމެކެވެ. މަންމައަށްވެސް ހަމައެ މައްސަލަތައް ދިމާވިއެވެ. ކައިނިމިގެން ކޭތަށި ސިންކަށްލާން ގެންދަން ހަނދާން ނެތުން ފަދަ ކަންކަމެވެ. އެއިގެ އިތުރުން އަތްތުރުތުރުއަޅާތީ ބައެއްފަހަރު ސައިތަށިން ބައެއް ތަޅުންގަނޑަށް ބަންޑުންވުން ފަދަ ކަންކަންވެސް ދިމާވެއެވެ. އެގޮތަށް ދިމާވެއްޖެނަމަ ބައެއް ފަހަރު އަމިއްލައަށް ސާފުކުރެއެވެ. ސާފުކުރަން ހަނދާންނެތޭފަހަރުވެސް އާދެއެވެ.
ހުރިހާ ދަރިން ގޭގައި އުޅޭއިރުވެސް މަންމަގެ ކިބައިން މިފަދަ ކަމެއް ފެނިއްޖެނަމަ އެކަމެއް ރަނގަޅުކޮށްލުމުގެ ބަދަލުގައި މަންމައަށް އެއްޗެތިގޮވުމަކީ ޢާންމު ކަމެކެވެ. މަންމައަށް ކިރިޔާވެސް ރަޙުމްކުރަނީ ދޮށީ އަންހެންދަރިފުޅެވެ. އެހެން ހުރިހާ ދަރިންގެވެސް ކަމަކީ މަންމަ ކުށްވެރިކުރުމެވެ.
ޑޮކްޓަރުން ބުނަނީ މަންމަގެ ފަރުވާއަކީ މަންމައާއި އަޅައިލުން އިތުރުކުރުން ކަމަށެވެ. މަންމައަސް ލޯބިދީ ހެޔޮކޮށްހިތުން ކަމަށެވެ. އަދި އެކަންކަން ކުރާނަމަ މަންމަގެ ހަނދާން ނެތުމުގެ ބާރު ގަދަވާނެ ކަމަށެވެ. އެކަން ގޯސްވަމުންދަނީ ދަރިންގެ ލޯބި ނުލިބޭތީ ވިސްނަން ހަދައިގެން ސިކުނޑިއަށް ބާރުބޮޑުވާތީކަމަށެވެ. އެހެންކަމާއިއެކުގައިވެސް މަންމައަށް ދަރިންގެ ލޯތްބެއް ނުލިބެއެވެ. އަބަދުވެސް އިވެނީ މަންމައާއިހެދި އުނދަގޫވެގެން އެއްޗެތިގޮވާއަޑެވެ.
ކޮންމެއަކަސް މަންމަގެ ކޮއްކޮއަކު އެއްފަހަރު މަންމަ ގޮވައިގެން ޢުމުރާއަށް ދިއައެވެ. އެދަތުރުގައި މަދީނާގައި އޭނާ ނިޔާވީއެވެ. އެކަންވީ ދަރިންނަށް ލިބުނު ހިތާމައަކަށް ނޫނެވެ. ލިބުނު ބޮޑު އުފަލަކަށެވެ. ދެން ފެންނަންފެށީ އެކަމުގެ ނަތީޖާއެވެ.
ރޭގަނޑު ނިދަން ތިބޭއިރު ގޭގެ ކޮޓަރިތަކުންނާއި ބޭރުގެ ތެރެއިން އާދައާ ޚިލާފް، ބިރުވެރި އަޑެއް އިވެންފެށިއެވެ. ބުުނާ އެއްޗެއް އެހައި ސާފެއް ނުވެއެވެ. ނަމަވެސް ބުނާކަހަލައެވެ. "ތިއަ ގެއިން އެންމެން ނުކުންނާށެވެ. އަދި ބިމުގައި މިސްކިތެއް އަޅަން ބޭނުން މީހަކަށް ބިންދޭށެވެ."
މިކަން ބޮޑުވެގެން އިމާމަކާއި މަޝްވަރާކުރުމުން އިމާމް ބުނީ ދަރިން ކަންތައްކުރި ގޮތުން މަންމަގެ ހިތުގައި ހިތުގައި ޖެހުނުލެއް ބޮޑުކަމުން މެދުވެރިވާ ކަމަކަށްވެދާނެ ކަމަށެވެ. ވީމާ މަންމައަށްޓަކައި ހެޔޮދުޢާކޮށް ޞަދަޤާތްކުރާށެވެ. ފަހަރެއްގައި ރަނގަޅުވެދާނެއެވެ.
ދަރިން އެގޮތަށް ކަންތައްކުރަން ފެށުމުން އަޑުއިވުން ކެނޑުނެވެ. ނަމަވެސް ދަރިންގެ ފަރާތުން މަންމައަސް ދޭ ހަދިޔާއެއްގެ ގޮތުގައި 2000 މީހުންނަށް ނަމާދުކުރެވޭވަރުގެ މިސްކިތެއް އަޅައިދިނެވެ. މިސްކިތް އެޅީ މަންމަގެ ބިމުން ބައެއް ވިއްލާފާއި ލިބުނު ފައިސާއިންނެވެ.
މިއީ އަޅުގަނޑު މިޞުރުގައި ކިޔަވަންހުރި ދުވަސްވަރު ކިޔާފައިވާ ވާހަކައެކެވެ. މިއަދުނޫހުގެ ކިޔުންތެރިންނާއި ޙިއްޞާ މިކުރީ މައިންނަށް ހެޔޮކޮށް ހިތަން ވަޞިއްޔަތްކުރުމުގެ ގޮތުންނެވެ. މައިންނަށް އިހާނެތިކޮށް ހިތުމުން ކޮންމެ ފަހަރަކު މިފަދަ ބިރުވެރި ގޮތްތައް މެދުވެރިނުވެދާނެއެވެ. އެއިގެ މާނައަކީ އެކަންކަމާއި ކުރިމަތިލާން ނުޖެހުމެއް ނޫނެވެ. ގިނަފަހަރު ދުނިޔޭގައިވެސް ބޮޑެތި މުޞީބާތްތަކާއި ކުރިމަތިލާން ޖެހިދާނެއެވެ. ހަމަ ޔަޤީނުންވެސް އާޚިރަތް ދުވަހު ޖެހޭނީ ކަންކަމަށް ކުރިމަތިލާށެވެ!
- މިއަދުނޫހުގެ ކިޔުންތެރިއެއް