އަޅުގަނޑަކީ ވަރަށް ކުޑައިރު މަންމަ ނިޔާވެފައިވާ ކުއްޖަކީމެވެ. ބަލަހައްޓަމުން އައީ މަންމަ ފަރާތުގެ ބޮޑުދައިތައެކެވެ. ބޮޑުދައިތައަކީ ވަރަށް ރަނގަޅު އަންހެނެކެވެ. ގޯސްހެދުނީ އަޅުގަނޑަށެވެ. އެއީ 18 އަހަރު ފުރުނުތަނުން ބައްދަލުވި މީހަކު ލޯބިވާކަމަށް ބުނީމާ އޭނާއަށް އިތުބާރުކޮށް ކައިވެނިކުރެވުނުކަމެވެ.
ބޮޑުދައިތަ ބުނަމުން އައީ ކައިވެނިކުރަން އަދި މާއަވަސްކަމަށެވެ. އެހައި ހަގު އުމުރުގައި ކައިވެނިކުރުމުން ދަރިން ލިބުން ގިނަފަހަރު އަވަސްވާނެ ކަމަށާއި ގިނަ ފިރިހެނުންނަކީ ދަރިން ލިބުމުން ވަރިކޮށްލާފައި ދަރިފުޅާއިއެކު އަނބިން އެއްލައިލާ ބައެއް ކަމަށެވެ. ނަމަވެސް ލޯބީގެ އަވާގައި ޖެހިފައިހުރިވަރުން ބޮޑުދައިތަގެ ބަސް ޤަބޫލުނުކޮށް ކައިވެނިކުރެވުނީއެވެ.
ކައިވެނިކުރެވުމާއިއެކު ފުރަތަމަވެސް ބުނީ ދަރިއަކު ހޯދައިގެން ނުވާނެ ކަމަށެވެ. ދަރިން ހޯދަންވާނީ 30 އަހަރުވުމުން ކަމަށެވެ. ނަމަވެސް ކަންތައް ދިމާވީ އެގޮތަކަށް ނޫނެވެ. ވަރަށް ބަލައިގެން އުޅެނިކޮށް ކައިވެނީގެ 2 ވަނަ އަހަރު ބަލިވެ އިނދެއްޖެއެވެ. އެކަން އެނގުނުއިރަށް ފިރިމީހާ ބޭނުންވީ ދަރިފުޅު ވައްޓައިލާށެވެ. ނަމަވެސް އަޅުގަނޑު ބޭނުންވީ ކޮންމެ ޙާލެއްގައިވެސް ވިހާށެވެ. ފިރިމީހާގެ ބަސް ޤަބޫލުނުކުރުމުން އަޅުގަނޑު ގެއިން ނެރެލިއެވެ. ގެއިން ނެރެލުމަށްފަހު އަޅުގަނޑުގެ ޙާލުވެސް ބަލައިނުލައެވެ. ވިހައި ގަދަވިތަނާ ވަރިކޮށްފިއެވެ.
އެދުވަހު ބޮޑު ދައިތަގެ ބަސް ޤަބޫލުނުކުރެވުނު ނަމަވެސް ބޮޑުދައިތަ އަޅުގަނޑާއިމެދު ކަންތައްކުރީ ހަމަ ވަރަށް ރަނގަޅަށެވެ. އަޅުގަނޑަށް ހުރިހާ ކަމެއްކޮށްދީ ބެލެހެއްޓީ ބޮޑުދައިތައެވެ.
އަޅުގަނޑަށް ދަރިފުޅު ލިބުނު ދުވަހު ނަރުސްކުދިން ދަރިފުޅު ގެނެސް އަޅުގަނޑުގެ އުނގަށް ދަރިފުޅު ލައިދިން ވަގުތު ދަރިފުޅު ބުނިހެން ހީވިއެވެ. "މަންމާއެވެ. ދެރަނުވާށެވެ! އަހަރެން މަންމަ ބަލާނަމެވެ. އަހަރެން އެއްލައިނުލާށެވެ! އަޅުގަނޑަށް ﷲ ރިޒްޤްވެސް ދެއްވަވާނެއެވެ." މިއީ ހަމަ އަޅުގަނޑަށް ކުރެވުނު އިޙްޞާޞެކެވެ.
ކަންތައްތަވެގެންދިއައީވެސް ހަމަ އެފަދަ ގޮތަކަށެވެ. ވިހައި ގަދަވެ ގެއަށް ދެވުނުތަނާހެން އެހެން ބޮޑުދައިތައެއް އަޅުގަނޑާއި ބައްދަލުކުރިއެވެ. އެއީ ދަރިއަކު ނުލިބި ތިބި ދެމަފިރިންނެވެ. އެދެމަފިރިން އެދުނީ އެދެމެފަރިންގެ ގާތަށް ދިއުމަށެވެ. ބޮޑުދައިތަވެސް އެކަމަށް ތާއީދުކުރުމުން އަޅުގަނޑު އެ ބޮޑުދައިތަގެ ގެއަށް ބަދަލުވީމެވެ.
އެގޭގައި އުޅެންފެށިތަނާ ބޮޑުދައިތަގެ ފިރިމީހާގެ ކޮއްކޮއަކު އަޅުގަނޑާއި ކައިވެނިކުރަން ބޭނުންވުމުން ކައިވެނިކުރީމެވެ. ކައިވެނިކޮށްގެންވެސް އުޅުނީ ބޮޑުދައިތަމެންނާއިއެކު އެގޭގައެވެ. ބޮޑުދައިތަމެން ވަރަށް ރަނގަޅެވެ. އަދި ފިރިމީހާވެސް ހަމަ އެހައި ހެޔޮކޮށް ކަންކަންކުރިއެވެ. އަޅުގަނޑު ދަރިފުޅުގޮވައިގެން އުޅުނީ ވަރަށް އުފަލުގައެވެ.
މިއަދު އަޅުގަނޑުގެ އެދަރިފުޅަކީ ބޭރުގެ މަޝްހޫރު އެއާލައިނެއްގެ ޕައިލެޓެކެވެ. ދިރިއުޅެނީ ރާއްޖެއިން ބޭރުގައެވެ. ތަނަވަހުގައި އަޅުގަނޑަށް އުޅެވޭވަރަށް ފައިސާ ކޮންމެ މަހަކު ފޮނުވައެވެ. ބޮޑުދައިތަމެން ދެމަފިރިން ނިޔާވެއްޖެއެވެ. ގެދޮރުހުރީ އަޅުގަނޑަށް ދީފައެވެ.
މިއަދުނޫހުގެ ކިޔުންތެރިންނަށް ދަންނަވާލަން ބޭނުންވަނީ ދަރިއަކު ލިބިއްޖެ ނަމަ އެއްލައިނުލާށެވެ. ކިތަންމެ ދަތިޙާލުގައިވެސް ދަރިން ބަލަން މަސައްކަތްކުރާށެވެ. ﷲ މަގެއް ދައްކަވާނެތެވެ. އަޅުގަނޑަށް ގެއެއްވެސް ، ހެޔޮލަފާ ފިރިއަކުވެސް ލިބުނީ ހަމަ އެދަރިފުޅުގެ ސަބަބުންނެވެ. އަދި އަޅުގަނޑުގެ ހުރިހާ ކަންކަން ބަލަހައްޓައިދެނީވެސް ހަމަ އެދަރިފުޅެވެ. ވީމާ ﷲ ގެ ޙަޟްރަތުން އުންމީދުކަނޑައިނުލާށެވެ. މަގެއް ދައްކަވާނެތެވެ. އިން ޝާ ﷲ
- ވާފިރާ / މިއަދުނޫހުގެ ކިޔުންތެރިއެއް