އަޅުގަނޑުގެ އަންހެންދަރިފުޅު ބްލްކްމޭލްކުރުމުން ސަލާމަތްކުރެވުނީ އެޒުވާނާގެ އިތުރުން މަންމަ އާ ބައްޕަ ވެސް ހަމައެމަޅީގަ ޖައްސުވައިގެން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 6މ 5ސ
އަޅުގަނޑުގެ އަންހެންދަރިފުޅު ބްލްކްމޭލްކުރުމުން ސަލާމަތްކުރެވުނީ އެޒުވާނާގެ އިތުރުން މަންމަ އާ ބައްޕަ ވެސް ހަމައެމަޅީގަ ޖައްސުވައިގެން!

މިކިޔައިދެނީ މިއަދުގު މުޅިޒުވާން ޖީލް، ޚާއްޞަކޮށް އަންހެންކުދިން ވަރަށް ބޮޑަށް ވިސްނަންޖެހިފައިވާ ކަމެއްގެވާހަކައެވެ. މިއީ ވަރަށް ބޮޑު މައްސަލައެކެވެ. އެންމެ ގިނަ ދަރިވަރުންނާއި ޒުވާނުން ދިރިތިއްބައި ކަތިލެވެމުންދާ މައްސަލައެވެ. މިކަން މިއަދުނޫހުގެ ކިޔުންތެރިންނާއި ތިއަކުދިންގެ ސަމާލުކަމަށް މިގެނެސްދެނީ ކުރު ވާހަކައަކުންނެވެ. 

އެއީ ޔުނިވަރސިޓީގެ ރެކްޓަރެއްގެ އަންހެންދަރިފުޅެވެ. ދުވަހަކުވެސް އަޚްލާޤީ ގޮތުން ދަށު ދަރަޖައިގެ އެއްވެސް ކަމެއް ނުކުރެއެވެ. ކިޔަވަންވެސް މޮޅު ކުއްޖެކެވެ. އަދި އެހެންކުދިން ފަދައިން ޔުނީގައި ބާއްވާ ޙަފްލާތަކަށްވެސް ގޮހެއް ނުއުޅެއެވެ. 

ކޮންމެއަކަސް ކޮންމެ އިންސާނަކީވެސް އިޙްޞާޞްތަކެއް ހުންނާނެ މީހަކަށްވާތީ އޭނާއަށްވެސް ޔުނީގެ ދަރިވަރަކުދެކެ ލޯބިވެވުނެވެ. އޭނާ އާއި ބައްދަލުކުރުމުގެ ބޭނުމުގައި ޔުނީގަ ބޭއްވި ހަފްލާއަކަށްވެސް ދިއައެވެ. އެ ހަފްލާ ނިމިގެން އެ ދަރިވަރާއިއެކު ހޮސްޓެލްގައި ދަރިވަރު ހުންނަ ކޮޓަރިއަށްވެސް ދެވުނެވެ.

ހޭލެވުނީ މެންދަންވަނިކޮށެވެ. އެދަރިވަރު ފުރަތަމަވެސް ދިނީ އިންޒާރެވެ. "އަހަރެން ކަލޭ މިތަނަށް ގެނައީ ކަލޭ މާރީތި އަންހެނަކަށްވެގެން ނޫނީ ލޯބިވެގެނެއް ނޫނެވެ. އިމްތިޙާނުގެ ދުވަސްކޮޅު ކަލޭގެ އެހީތެރިކަން ބޭނުންވާތީއެވެ. އަހަރެންގެ ފިލާވަޅުތައް ހަދައިނުދީފިނަމަ މިރޭ ނެގި ފޮޓޯތައް ބޭޒާރުކޮށްލާނަމެވެ. އެއިރުން ކަލޭގެ އިތުރުން ކަލޭގެ ބައްޕައަށްވެސް ރަނގަޅު ފިލާވަޅެއް ލިބޭނެއެވެ." 

ވަގުތުން ރޮވެން ފެށިއެވެ. އޭނާގެ ޖަވާބަކަށްވީ އަންހެނުން ރޯއަޑަކީ ވަރަށް ރީތި މިޔުޒިކެއް ކަމަށެވެ. އެކަމުން ވަރަށް ބޮޑަށް ހިތްހަމަޖެހުން ލިބޭ ކަމަށެވެ. ވީމާ ކުރާނެ ކަމެއް ނެތެވެ. އަޅުވެތިވީއެވެ. ބްލެކްމޭލްކުރެވުނީއެވެ. ޖެހުނީ އޭނާގެ ހުރިހާ ފިލާވަޅުތަކެއް ހަދައިދޭށެވެ. 

ނަތީޖާއަކަށްވީ ޔުނިވަރސިޓީ އިމްތިޙާނުން ތިމާ ކިރިޔާ ފާސްވުމާއި އެދަރިވަރަށް އެންމެމަތިން ފާހެއްލިބުމެވެ. އަދި އެންމެ މުހިންމު ކަމަކީ އިމްތިޙާނުގެ ނަތީޖާ ފައުޅުކުރި ދުވަހު ރެކްޓަރުގެ ދަރިފުޅަކީ ހަށިވިއްކާ އަންހެނެއްގެ ގޮތުގައި ފޮޓޯތައް ޔުނިވަރސިޓީއަށް އިޝްތިހާރުކޮށްލުމެވެ.

އެހިސާބުން އަމިއްލަ މައިންބަފައިން ވެސް ދަރިފުޅު ބަލައިނުގަނެ ބޭރުކޮށްލީއެވެ. އެކުވެރިންވެސް އެހީތެރިނުވީއެވެ. ކޮންމެ އެކުވެރިއަކުވެސް ބުނީ ގޭގައި ބެހެއްޓުމަކީ އެމީހުންނާއިމެދު ތުހުމަތުކުރާނެ ކަމެއް ކަމަށެވެ. ނަތީޖާއެއްގެ ގޮތުން އެކުއްޖާއަށް ޖެހުނީ އަވަށް ދޫކޮށްލައި ދުރުއަވަށަކަށް ހިޖުރަކުރާށެވެ. 

އެކުއްޖާ އެއަވަށަށް ދިއަ ރޭލުމަތިން ބައްދަލުވި މުސްކުޅި އަންހެނަކަށް އެކުއްޖާ އާއިމެދު ޝައްކުވެގެން ސުވާލުކުރުމުން އެއްވެސް ފޮރުވުމެއްނެތި އޭނާގެ ކަންކަން ކިޔައިދިނެވެ. ނަމަވެސް އަވަށުގެ އެއްވެސް މީހެއްގެ ގާތުގައި ނުބުނުން ޝަރުޠުކޮށެވެ. 

އެ އަންހެންމީހާ އެކުއްޖާއަށް ރަޙުމްކުރިއެވެ. އަވަށަށް ދެވުމުން ގެއަށް ގެންގޮސް ގޭގައި ބެހެއްޓިއެވެ. އަދި އޭނާއަށް ބޮޑުދައިތަ ކިޔާ ކުއްޖެއްގެ ގާތުގައި ބުނެގެން އޭނާގެ ކުންފުނިން ވަޒީފާއެއްވެސް ހޯދައިދިނެވެ. 

ކޮންމެ އިންސާނަކީވެސް ކުށްކުރެވޭނެ މީހެކެވެ. އޮތީ ތައުބާވުމެވެ. އެއަންހެންކުއްޖާވެސް ތައުބާވިއެވެ. އެންމެ ރެއަކު ކުރެވުނު ކުށަށް ޢަފޫކުރެއްވެވުން އެދި ދުޢާ ދަންނަވަމުން ގެންދިއައެވެ. އެކަމުގެ ނަތީޖާއަކަށްވީ ކުންފުނީގެ ވެރިމީހާގެ ހިތުގައި އޭނާގެ މައްޗަށް ލޯބި އުފެދި ދެ ޒުވާނުން ކައިވެނިކުރުމެވެ. 

ކައިވެންޏަސްފަހު ކުންފުނީގެ އިދާރީ މަސައްކަތްތައް ޙަވާލުކުރީ އަނބިމީހާ އާއިއެވެ. ފިރިމީހާ ޙަވާލުވީ ވިޔަފާރިއާއި ގުޅުންހުރި ކަންކަމެވެ. މިގޮތަށް މަސައްކަތް ބަހައިލުމުން ވަޒީފާދިނުމާއި މުވައްޒިފުންގެ ކަންކަން ދިއައީ އަނބިމީހާގެ ބެލުމުގެ ދަށަށެވެ. 

މާރކެޓިން އެގްޒެކެޓިވުން ބޭނުންވެގެން އިއުލާނުކުރުމުން ކުރިމަތިލި ޒުވާނުންގެ ތެރެއިން އެކަކަށްވީ އޭނާ ބްލްކްމޭލްކޮށް ޔުނީގައި އޭނާ ބަދުނާމުކޮށްލި ޒުވާނާއެވެ. އޭނާ އާއި އިންޓަރވިޔުކުރަން ވައްދައި ކަރުދާސްތައް ބަލާފައި ބުންޏެވެ. "ޔުނީގެ ނަތީޖާވެސް އެއިގެ ގޮތުގައި ރަނގަޅެވެ. ގައިގައި މަސައްކަތްކުރާނެ ހިތްވަރާއި ޤާބިލުކަން އަދި ޝައުޤުވެރިކަންވެސް ހުރެދާނެއެވެ. ނަމަވެސް މިކުންފުންޏަށް ކަލޭކަހަލަ މީހުން ބޭނުމެއް ނޫނެވެ." 

ޒުވާނާ ސިއްސައިގެންދިއައެވެ. މިވީ ގޮތެއް ނުއެނގުމުންނެވެ. އެހިސާބުން ރަނގަޅަށް ވިސްނުން ހިންގައިލިއިރު އިންޓަރވިޔުކުރަން އިނީ އެ ކުއްޖާގެ އެއްވެސް ކުށެއް ނެތި މަޅީގައި ޖައްސުވައި މަކަރުން މަސްތުކުރުވައި ބޭނުންވާ ގޮތަށް ފޮޓޯތައް ނަގައި ބަދުނާމުކޮށްލުމުން އަވަށް ދޫކޮށްލައި ދާން މަޖުބޫރުވެގެން ފިލި އަންހެންކުއްޖާއެވެ.   

"ކުރިން ކުރެވިފައިވާ ކުށްތަކަށް އަހަރެން ކަލޭގެ ކިބައިން ވަރަށް ބޮޑަށް މާފަށް އެދެމެވެ. މިއަދު އަހަރެންނަކީ އެއް މާބަނޑު ދެކުދިންގެ ބައްޕައެވެ. މިއުޅެނީ ހަމަ ދަރިންނަށް ކާންދެވެންވެސް ނެތިގެންނެވެ. އަހަރެންނަށް ރަޙުމްކުރާށެވެ!" 

"ތިއަބާވަތުގެ މީހުންނަކީ އެތައް ހާސް ބައަކު މަރާފައިވެސް ތިމާ ކުރަންބޭނުންވާނެ ކަންކަން ކޮށްލާނެ މީހުންނެވެ. ތިއަކަހަލަ އަމިއްލަ އެދުން ބޮޑު، ޙީލަތްތެރި މަކަރުވެރި އަނިޔާވެރި މީހަކަށް ދޭނެ ވަޒީފާއެއް މިކުންފުންޏަކު ނެތެވެ. ނަމަވެސް ކަލޭގެ 2 ދަރިންނަށްޓަކާ އެކުވެރިއެއްގެ ކުންފުންޏަކުން ވަޒީފާއެއް ހަމަޖައްސައިދީފާނަމެވެ. ފުރަތަމަ ކަމަކަށް ބޭނުން ޓީވީ ސްޓޭޝަނަކަށްގޮސް އަހަރެންނާއިމެދު އެރޭ ކަންތައްކުރި ގޮތް ކިޔައިދޭށެވެ. އަދި އިމްތިހާނުން ރަނގަޅު މާކްސް ލިބުނީ އަހަރެން ބްލެކްމޭލްކޮށް އަހަރެން ލައްވައި ލިޔުއްވި ލިޔުންތައް ހުށަހަޅައިގެން ކަމަށްވެސް ބުނާށެވެ. ބޭނުންނަމަ މިތަނަށް ގެނުވައިގެން ނުވަތަ ކަލޭ ބޭނުންތަނަކަށް ފޮނުވައިގެންވެސް ރެކޯޑްކުރެވިދާނެއެވެ. 

އަދި ދެދަރިންނާ އެޅުވުމުން ބުނަމެވެ. މީގެ ފަހުން ކަލޭ މިތަނަށް ވައިވެސްއެޅިގެން ނުވާނެއެވެ. ނަމަވެސް ކަލޭގެ އަނބިމީހާ އަަހަރެންނާއި ބައްދަލުކޮށްފިނަމަ ދަރިންނަށް އެހީތެރިވެދޭނަމެވެ." 

ބުނާނެ ބަހެއްވެސް ނުވިސްނިފައިހުންނަން ފެށުމުން ބެލް ޖަހައި ދެންވަންނަން ހުރި ކެންޑިޑޭޓް ވެއްދުމުން އޭނާއަށް ޖެހުނީ އިތުރަށް ބަހެއްވެސް ނުބުނެވި އަވަހަށް ނުކުންނާށެވެ. 

ކުރާނީ ކީއްހެއްޔެވެ؟ ކުރަން އެބުނި އެއްވެސް ކަމެއް ކުރެވޭކަށް ނެތެވެ. ވަޒީފާއެއް ނުލިބި އުޅެވޭކަށް ނެތެވެ. ބްލްކެމޭލްކޮށް އަންހެންކުދިންގެ ނާޖާއިޒު ފައިދާ ނުނަގައި ތިބެގެންވާކަށްނެތެވެ. 

މިހިސާބުން އަޅުގަނޑު ކިޔާފައިވާ މިވާހަކަ މިނިންމައިލީއެވެ. ހިތާމައާއިއެކު ބުނެލަން ޖެހެނީ ހަމަ މިފަދަ ނުބައި ކަންކަން މިރާއްޖޭގައިވެސް ހަމައެބަ ކުރެއެވެ. ދާދިފަހުންވެސް އަޅުގަނޑުގެ އަންހެން ދަރިއަކަށް ހަމަ މިފަދަ ލަނޑެއް ދީފިއެވެ. އަޅުގަނޑުގެ ދަރިންނަށް އަޅުގަނޑުގާތު ހުރިހާ ވާހަކަތަކެއް ބުނަން ކެރޭނެ ގޮތަށް ބޮޑެތިކޮށްފައި ތިބުމުން އަޅުގަނޑަށް ކިޔައިދިނީމާ މިއީ ފިސާރި މަންމައެއްކަން މިހާރު އޮންނާނީ ދައްކާލައިފައެވެ. އެކަންކުރި ޒުވާނާގެ އިތުރުން އޭނާގެ ބައްޕަ އާ މަންމަވެސް އެތިބީ މޮޔަބަލިޖެހުމާއި ދާދި ގާތުގައެވެ. ހަމަ އަތަކަށް އަރިވެލާއިރަށް ފަރުބަދަމަތިން ފުރޮޅައިލާނެ ޙާލަތުގައެވެ. 

ވީމާ މިއަދުނޫހުގެ ކިޔުންތެރިންނަށް ދަންނަވާލަން އަޅުގަނޑު ބޭނުންވަނީ މިއަދު މިވަނީ މިބާވަތުގެ ބޮޑެތި ގެއްލުން ދަރިންނަށް ދޭ މީހުންނާއި ދެކޮޅަށް ނުކުންނަން މައިންބަފައިންނަށް ޖެހިފައެވެ. ނޫންނަމަ އެކުދިންނަށް ކިތަންމެ ފަދަ ބޮޑު ދެރައެއްވެސް ދީފާނެއެވެ. އަޅުގަނޑުގެ ދަރިފުޅަށްވެސް އެ ޙާލަތު ޖެއްސީ ރެސްޓޯރަންޓަކަށް ކާން ގެންދޮސްފައި އޭނާއަށް ސިއްރުން އޭބާ ބޯންއިން ޖޫސްތަށްޓައް އެއްޗެއް އަޅައިގެންކަން އެކަންކުރި މީހުންގެ ބަހުން ވަނީ އެނގިފައެވެ. 

އަޅުގަނޑު އެޒުވާނާ އަކަށްވެސް އޭނާގެ މަންމަ އާއި ބައްޕައަކަށްވެސް އެޒުވާނާ އަޅުގަނޑުގެ ދަރިފުޅަށް ދިންފަދަ ބުއިމެއް ނުދެމެވެ. އަތުލައިގަތީ ހަމަފަހަތުން ފާރަވެރިވެގެންނެވެ. ވީމާ މައިންބަފައިން ވަރަށް ބޮޑަށް ހޭލުންތެރިވެ ހުޝިޔާރުވާން އެބަޖެހެއެވެ. 

- މިއަދުނޫހުގެ ކިޔުންތެރިއެއް

 

 

 

 

 

 

މިއަދު އޮންލައިން